އީރާނު ހަނގުރާމަ އަކީ އެމެރިކާ ރައްޔިތުން ތާއީދުނުކުރާ، ނުރުހުންވާ ހަނގުރާމަ އެއް
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ތާރީޚީ ގޮތުން ބަލާއިރު އެ ގައުމުގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލުކަން ކުޑަ އަދި އެންމެ އަވަހަށް ނުރުހުން އަމާޒުވި ހަނގުރާމަކަން ދިރާސާތަކުން ދައްކާ. ނަމަވެސް، ކުރީގެ ހަނގުރާމަތަކާ ޚިލާފަށް މި ހަނގުރާމައަށް އާންމުން ދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުން، ސިޔާސީ ގޮތުން ރައީސް ޓްރަމްޕަށް ކުރިމަތިވާ ފިއްތުންތައް ކުޑަވެފައިވާކަން ފާހަގަކުރެވޭ. އެހެންނަމަވެސް، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކަކީ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ބެލޭ.
އީރާނާ ދެކޮޅަށް ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް ނުވަތަ "ނޭވަލް ބްލޮކޭޑް" އެމެރިކާގެ އަސްކަރީ ބާރުތަކުން ތަންފީޒުކުރުމަށް ހަރަކާތްތެރިވަނީ. | ސެންޓްކޮމް
އެމެރިކާއިން ކުރި ހަނގުރާމަތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލުނޫން ހަނގުރާމަތަކުގެ މިސާލެއްގެ ގޮތުގައި އާންމުކޮށް ބެލެވެނީ އިރާގު ހަނގުރާމައާއި ވިއެޓްނާމް ހަނގުރާމަ އެވެ.
ނަމަވެސް، ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އީރާނާއެކު ކުރަމުންދާ ހަނގުރާމައަކީ ކުރީގެ އެ ހަނގުރާމަތަކާ އެއްވަރަށް އާންމުންގެ ނުރުހުން އަމާޒުވެފައިވާ ހަނގުރާމައެކެވެ. އަދި ކުރީގެ ހަނގުރާމަތަކާ އަޅާބަލާއިރު، އީރާނު ހަނގުރާމައާ މެދު އާންމުންގެ މެދުގައި ނުރުހުން އުފެދުނުލެއް މާ އަވަހެވެ.
އެހެންނަމަވެސް، މި ހަނގުރާމައިގެ މަގުބޫލުކަން ކުޑަވުމުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ. އެއީ، ކުރީގެ ހަނގުރާމަތަކާ ހިލާފަށް، އެމެރިކާގެ ރައްޔިތުން މި ހަނގުރާމައަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭކަމެވެ.
އެމެރިކާ ރައްޔިތުން މި ހަނގުރާމަ އަށް ތާއީދު ނުކުރާ މިންވަރު ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް އިރު އެކަމުގެ ފަހަތުގައި ވެސް ސަބަބުތަކެއް އެބަހުއްޓެވެ.
'ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތް' ކަމަށް ދެކޭ މިންވަރު
ރައީސް ޑޮނަލްޑް ޓްރަމްޕް ފެބްރުއަރީ މަހުގެ ފަހުކޮޅު އަމިއްލައަށް އިސްނަންގަވައިގެން ފެއްޓެވި އީރާނު ހަނގުރާމައާ ގުޅޭގޮތުން، ވޮޝިންޓަން ޕޯސްޓް-އިޕްސޯސް އިން މިދިޔަ ހަފުތާގައި ނެރުނު އާ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަކީ ތާރީހީ ގޮތުން ބަލާއިރު ވަރަށް ދަށް ނަތީޖާއެކެވެ.
މި ސާވޭއިން ދައްކާގޮތުގައި އެމެރިކާގެ 68 އިންސައްތަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އީރާނު ހަނގުރާމައަކީ "ކުރުން ހައްގު" ނުވަތަ ކުރުމުގެ ބޭނުމެއް އޮތް ހަނގުރާމައެއް ނޫނެވެ. މި ހަނގުރާމައަށް ތާއީދުކުރަނީ އެންމެ 28 އިންސައްތަ މީހުންނެވެ.
މި ދެބައިގެ ދެމެދުގައި ހުރި 40 ޕޮއިންޓުގެ ބޮޑު ފަރަގަކީ، ވޮޝިންޓަން ޕޯސްޓް-އޭބީސީ ނިއުސްގެ ހިޔާލު ހޯދުމުގެ ވޯޓުތަކުގައި އިރާގު ނުވަތަ އަފްޣާނިސްތާނު ހަނގުރާމައާ މެދު އާންމުންގެ ނުރުހުން ހުރި މިންވަރަށްވުރެ ވެސް ތަފާތު ބޮޑު އަދަދެކެވެ.
އަފްޣާނިސްތާނު ހަނގުރާމައާ މެދު އާންމުންގެ ނުރުހުން އެންމެ ބޮޑުވި 2013 ވަނަ އަހަރުވެސް، އެއީ ހަނގުރާމަ ފެށިތާ 12 އަހަރު ފަހުން، މި ފަރަގު ހުރީ 67 އިންސައްތަ އާއި 28 އިންސައްތައިގަ އެވެ.
އިރާގު ހަނގުރާމައާ މެދު ނުރުހުން އެންމެ ބޮޑުވި 2007 ވަނަ އަހަރުވެސް، ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބުނީ ތިންބައިކުޅަ ދެބައި (66 އިންސައްތަ) މީހުންނެވެ. ނަމަވެސް، އެ ހަނގުރާމައަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރި މީހުންގެ އަދަދު އެއްވެސް އިރެއްގައި 33 އިންސައްތައަށްވުރެ ދަށަކަށް ނުދެ އެވެ.
އެހެން ގޮތަކަށް ބުނާނަމަ، އިރާގު ހަނގުރާމައަށް އޮތް ތާއީދުވެސް، މިހާރު ކުރަމުންދާ އީރާނު ހަނގުރާމައަށް އޮތް ތާއީދު ދަށްވި މިންވަރަށް ދަށަކަށް ނުދެ އެވެ.
މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، ކުރީގެ ހަނގުރާމަތަކަކީ ބޭނުމެއް ނެތް ކަންތައްތަކެއް ކަމަށް ނިންމުމަށް އެމެރިކާގެ ރައްޔިތުންނަށް ގިނަ ދުވަސްތަކެއް ނެގި ކަމެވެ. އަފްޣާނިސްތާނު ހަނގުރާމައާ މެދު އަޣުލަބިއްޔަތު ރައްޔިތުން އެގޮތަށް ނިންމުމަށް އަށް އަހަރު ނެގި އެވެ. އިރާގު ހަނގުރާމައާ މެދު އެ ނިންމުމަށް ގާތްގަނޑަކަށް އަހަރެއް ނެގިއިރު، ތިންބައިކުޅަ ދެބައި މީހުން އެއީ ބޭނުމެއް ނެތް ހަނގުރާމައެއް ކަމަށް ބުނީ ހަނގުރާމަ ފެށިތާ ހަތަރު އަހަރު ފަހުންނެވެ.
'ގޯހެއް' ކަމަށް ދެކޭ މިންވަރު
އޭޕްރީލް މަހުގެ ފަހުކޮޅު ނެގި ޕޯސްޓް-އޭބީސީ ވޯޓުން ދައްކާގޮތުގައި، އީރާނު ހަނގުރާމައަކީ ހެދުނު "ގޯހެއް" ކަމަށް އެމެރިކާގެ 61 އިންސައްތަ ރައްޔިތުން ނިންމުމަށް ނެގީ ދެ މަސް ދުވަހަށްވުރެ ވެސް ކުރު މުއްދަތެކެވެ.
މިއީ ކުރީގެ ހުރިހާ ހަނގުރާމަތަކަށްވުރެ މަތީ އަދަދަކަށް ނުވި ނަމަވެސް، އިރާގު ނުވަތަ ވިއެޓްނާމް ހަނގުރާމައާ އަޅާބަލާއިރު، އެމެރިކާގެ ރައްޔިތުން މި ނިންމުމަށް ވާސިލުވީ މާ އަވަހަށެވެ.
އިރާގު ހަނގުރާމައަކީ ގޯހެއް ކަމަށް އެ އަދަދަށް (64 އިންސައްތަ) މީހުން ނިންމުމަށް ގާތްގަނޑަކަށް ހަތަރު އަހަރު ނެގި އެވެ. އެއީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
ވިއެޓްނާމް ހަނގުރާމައަކީ ގޯހެއް ކަމަށް 61 އިންސައްތަ މީހުން ބުނަން ފެށީ ހަނގުރާމަ ފެށިތާ ހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، 1971 ވަނަ އަހަރުގެ މެއި މަހުގަ އެވެ.
ބާރުގަދަކަންތޯ ނުވަތަ ބަލިކަށިކަންތޯ އުފެދޭ ސުވާލު
އީރާނު ހަނގުރާމައަކީ އެމެރިކާގެ ބާރުގަދަކަން ދައްކުވައިދޭ ހެއްކެއް ކަމަށް ރައީސް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، އެމެރިކާގެ ރައްޔިތުން އެކަން އެގޮތަކަށް ގަބޫލެއް ނުކުރެ އެވެ.
ކުއިނިޕިއަކް ޔުނިވާސިޓީން މިދިޔަ މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ވޯޓުލާ މީހުންގެ 45 އިންސައްތަ ގަބޫލުކުރާ ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ވަނީ ބަލިކަށިވެފަ އެވެ. އެމެރިކާ ވަރުގަދަވި ކަމަށް ގަބޫލުކުރަނީ 33 އިންސައްތަ މީހުންނެވެ.
މިއީވެސް އިރާގު ހަނގުރާމައާ ދާދި އެއްގޮތް ނަތީޖާއެކެވެ. އިރާގު ހަނގުރާމައަށް ދެ އަހަރުވީތަނާ ނެގި ޕޯސްޓް-އޭބީސީ ވޯޓުން ދެއްކި ގޮތުގައި، އެ ހަނގުރާމައިގެ ސަބަބުން އެމެރިކާ ބަލިކަށިވި ކަމަށް 41 އިންސައްތަ މީހުން ބުނިއިރު، ވަރުގަދަވި ކަމަށް ބުނީ 28 އިންސައްތަ މީހުންނެވެ.
އިރާގު ހަނގުރާމައިގެ މަގުބޫލުކަން މިއަށްވުރެ ބޮޑަށް ދަށަށްދިޔަ 2005 ވަނަ އަހަރުގެ ފަހުން، މި ސުވާލު ސާވޭތަކުގައި ހިމަނާފައެއް ނުވެ އެވެ.
ހަނގުރާމައިގެ ޖުމްލަ މަގުބޫލުކަން
ދެން އޮތީ އީރާނު ހަނގުރާމައަށް އާންމުން ސީދާ ތާއީދުކުރާ މިންވަރެވެ.
ނިއުޔޯކް ޓައިމްސްގެ ދިރާސާއަކުން ދައްކާގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު ސީއެންއެން އިން ނެގި ވޯޓުގައި އީރާނަށް ހަމަލާދިނުމަށް އޮތް 41 އިންސައްތައިގެ ތާއީދަކީ، ބައިނަލްއަގުވާމީ އަސްކަރީ ފިޔަވަޅެއް އެޅުމަށް މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ދަށް ތާއީދެވެ. (ވިއެޓްނާމް ހަނގުރާމައިގެ ކުރީކޮޅުގެ ތަފާސްހިސާބުތައް ނެތް ނަމަވެސް، އެ ހަނގުރާމައަކީ ފެށުނުއިރު މަގުބޫލު ހަނގުރާމައެއް ކަމަށް ބެލެވެ އެވެ.)
ހަމައެކަނި ހަނގުރާމަތަކަށް ނޫން ގޮތަށް، ބޮޑެތި އަސްކަރީ ހަމަލާތަކަށް (މިސާލަކަށް 2020 ވަނަ އަހަރު އީރާނުގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލުމަށް ދިން ހަމަލާ ފަދަ) އޮތް ތާއީދު ގެލަޕް އިން ބެލިއިރު، އެމެރިކާގެ އަސްކަރީ ފިޔަވަޅަކަށް މަދުވެގެން 50 އިންސައްތަ ތާއީދު ނުލިބި ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
މިގޮތުން ބެލި 12 އަށްވުރެ ގިނަ މިސާލުތަކުގެ ތެރެއިން، އީރާނު ހަނގުރާމައިގެ ކުރިން މިފަދަ ދަށް ތާއީދެއް ލިބުނު ހަމައެކަނި ފަހަރަކީ 2011 ވަނަ އަހަރު އޮބާމާ ސަރުކާރުން ލީބިޔާއަށް ދިން ހަމަލާތަކެވެ (47 އިންސައްތަ). ނަމަވެސް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އޮތް ތާއީދު އެއަށްވުރެ މާ ބޮޑަށްވެސް ދަށެވެ.
ގެލަޕްގެ ހިސާބުތަކުން ދައްކާގޮތުގައި ބައެއް އަސްކަރީ ފިޔަވަޅުތަކަށް އޮންނަ ތާއީދު މަސްތަކެއް ފަހުން ދަށަށްދެ އެވެ. އޭގެ ތެރޭގައި ލީބިޔާ (39 އިންސައްތަ) އަދި 1994 ވަނަ އަހަރުގެ ހައިޓީ (36 އިންސައްތަ) ހިމެނެ އެވެ. ނަމަވެސް، އީރާނު ހަނގުރާމައަށް އޮތް ތާއީދު އެންމެ ތިން މަސް ދުވަހުގެ ތެރޭގައި 34 އިންސައްތައަށް ވެއްޓުނުހާ އަވަހަށް އަދި އެހާ ދަށަށް އެއްވެސް ހަނގުރާމައެއްގެ ތާއީދު ވެއްޓިފައެއް ނުވެ އެވެ.
އީރާނު ހަނގުރާމައަކީ އެންމެ މުހިންމު ކަންތައް ކަމުގައި ނުބެލުން
އީރާނު ހަނގުރާމައަކީ އެމެރިކާގެ ޒަމާނީ ތާރީހުގައި އެންމެ މަގުބޫލުކަން ކުޑަ އެއް ހަނގުރާމަ ކަމަށް ބުނެވޭނެ ވަރުގަދަ ހެކިތަކެއް އެބަހުއްޓެވެ. އަދި އެހެން ހަނގުރާމަތަކަށްވުރެ މާ އަވަހަށް މި ހަނގުރާމައިގެ މަގުބޫލުކަން ގެއްލިގެން ދިޔަކަންވެސް ސާފެވެ.
ނަމަވެސް، މި ހަނގުރާމައާއި ކުރީގެ ހަނގުރާމަތަކާ ދެމެދު ބޮޑު ތަފާތެއް އެބައޮތެވެ. އެއީ، މި ހަނގުރާމައާ މެދު އާންމުން ސަމާލުކަންދޭ މިންވަރެވެ.
ގެލަޕްގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި، 1967 ވަނަ އަހަރު އެމެރިކާގެ 55 އިންސައްތަ ރައްޔިތުން ގަބޫލުކުރި ގޮތުގައި ވިއެޓްނާމް ހަނގުރާމައަކީ ގައުމަށް ކުރިމަތިވެފައިވާ "އެންމެ ބޮޑު މައްސަލަ" އެވެ. އިރާގު ހަނގުރާމައިގައި 2007 ވަނަ އަހަރު މި އަދަދު ހުރީ 36 އިންސައްތައިގަ އެވެ.
އެކަމަކު އީރާނު ހަނގުރާމައާ މެދު އާންމުން އެވަރަކަށް ސަމާލުކަމެއް ނުދެ އެވެ. ގިނަ ސާވޭތަކުން ދައްކާގޮތުގައި، އީރާނު ހަނގުރާމަ އަކީ އެމެރިކާގެ އެންމެ މުހިންމު މައްސަލަ ކަމަށް ދެކެނީ އެންމެ 10 އިންސައްތައަށްވުރެ ވެސް މަދު މީހުންނެވެ.
މީގެ ސަބަބަކީ، މި ހަނގުރާމައިގައި އެމެރިކާގެ އެއްގަމު ސިފައިން އަމަލީގޮތުން ބައިވެރިނުވުމާއި، ކުރީގެ ހަނގުރާމަތަކާ އަޅާބަލާއިރު އެމެރިކާ ސިފައިން މަރުވާ މިންވަރު މަދުވުމެވެ. (ނަމަވެސް، ފާއިތުވި މަސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާ ސިފައިން މަރުވި ހާދިސާތަކެއް މި ފަހަކުން ވަނީ ހިނގާފައެވެ.)
މީގެ މާނައަކީ، ހަނގުރާމައިގެ ސިޔާސަތު ބަދަލުކުރުމަށް ރައީސް ޓްރަމްޕަށް އޮތް އާންމުންގެ ފިއްތުންތައް ކުޑަވުމެވެ. އަދި ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި މިއީ ވޯޓަށް އެހާ ބޮޑު ނުފޫޒެއް ފޯރުވާނެ މައްސަލައަކަށް ނުވުން އެކަށީގެންވެ އެވެ.
އެހެންނަމަވެސް، އެމެރިކާގެ ރައްޔިތުން ގައުމުގެ އިގްތިސާދާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އަދި އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، އިގްތިސާދީ މައްސަލަތައް ދަނީ އިތުރަށް ގޯސްވަމުންނެވެ. އެހެންކަމުން، ހަނގުރާމައަކީ ސީދާ ވޯޓަށް ނުފޫޒު ފޯރުވާ ކަމަކަށް ނުވި ނަމަވެސް، ޓްރަމްޕަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ އިގްތިސާދީ މައްސަލަތައް އިތުރަށް ގޯސްވުމަށް މި ހަނގުރާމަ މަގުފަހިކުރެ އެވެ.
މިކަންކަން މިހެން ހުރި ނަމަވެސް މި ހަނގުރާމަ ކައިރި މުސްތަގުބަލެއްގައި ނިމުމަކަށް އަތުވެދާނެ ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ.









