އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!
ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެ ގައުމުން ބުނެފި. އީރާނުގެ ހަތިޔާރު މަދުވެފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ވާހަކަ ދޮގުކޮށް، ހަނގުރާމަ ދިގުލައިދިޔަ ނަމަވެސް ބޭނުންވާ ވަރަށް މިސައިލް އެބަހުރި ކަމަށް އައި.އާރު.ޖީ.ސީ އިން ވަނީ ބުނެފައި.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކަނޑުގެ ސިފައިން، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނާ ދެކޮޅަށް އެއްވަގުތެއްގައި ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގެ ވީޑިއޯ | ޕްރެސްޓީވީ
ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ނޭނގުމަކީ އޭނާގެ "ޖާހިލުކަން" ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފި އެވެ.
އީރާނުގެ ބަހުގެ ހަމަލާތަކާ އެކު، އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކޮށް އެއްވަގުތެއްގައި ދިން ތިން ހަމަލާއެއްގައި، އެމެރިކާގެ ފައުޖުތަކަށް "ބޮޑެތި ގެއްލުންތަކެއް" ދީފައިވާނެ ކަމަށް އައި.އާރު.ޖީ.ސީ އިން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" މެދުވެރިކޮށް އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަހްރައިންގެ އަލް-ސަޚީރު އެއާޕޯޓުގައި ހުންނަ އެމެރިކާގެ "ޑްރޯން މަރާމާތުކުރާ މަރުކަޒުތަކަށް" ހަމަލާދީ އެ ތަންތަން އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން، ބަހްރޭންގެ ސަލްމާން ބަނދަރުގައި ހުންނަ އެމެރިކާގެ ނޭވީ ޓާސްކް ފޯސް 59 ގެ އުޅަނދުފަހަރު ތައްޔާރުކުރާ މަރުކަޒުތަކަށް ވެސް ހަމަލާދީ، އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ.
ކުވެއިތުގައި ހުންނަ އާރިފްޖާން ބޭސްގައި ހުރި އެމެރިކާގެ މެރިން ސްޕެޝަލް ފޯސަސްގެ މަރުކަޒުތަކުގައި ރޯކޮށްލައި، އެ ތަންތަން "އެއްކޮށް ހަލާކުކޮށްލާފައިވާ" ކަމަށް ވެސް އައި.އާރު.ޖީ.ސީ ގެ ބަޔާނުގައިވެ އެވެ.
އީރާނުގެ އަތުގައި މިހާރު އޮތީ މަދު މިސައިލާއި ޑްރޯން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެކަމަށް ވެސް ބަޔާނުގައި ރައްދުދީފައިވެ އެވެ. އެ ގޮތުން ޓްރަމްޕް އެހެން ވިދާޅުވީ އޭނާގެ "ޖާހިލުކަމުން" ކަމަށާއި އަދި މި ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ނަމަވެސް، ހަނގުރާމައިގެ އެންމެ ފަހު ދުވަހާ ހަމައަށް ބޭނުންވާނެ ހަތިޔާރު އީރާނުގެ އަތުގައި އެބަހުރި ކަމަށް ވެސް އެ ގައުމުން ބުނެފައިވެ އެވެ.
"މި ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ދިޔަ ކަމުގައި ވިޔަސް، އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމައްޗަށް މިސައިލުގެ ވާރޭ ވެހިވެހި ހުންނާނެ." ބަޔާނުގައި ބުނެފައިވެ އެވެ.
އީރާނުން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުގެ އާ ރާޅެއް، ކުވެއިތުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ.
ކުވެއިތުގެ އަސްކަރިއްޔާއިން ވަނީ އީރާނުން ދެމުންދާ މި ހަމަލާތަކަކީ "ފާފަވެރި އުދުވާނެއް" ކަމަށް ސިފަކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ކުވެއިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި، ކަމާބެހޭ އިދާރާތަކުން ނެރޭ ސަލާމަތީ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް ފުރިހަމައަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އަވަށްޓެރި ގައުމުތަކަށް އީރާނުން ހަމަލާދެމުންދާތީ، ގަލްފުގެ ގައުމުތަކުގައި ސައިރަންގެ އަޑު އިވުން މިހާރު ވަނީ އާންމު ކަމަކަށްވެފަ އެވެ.
ކުވެއިތުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޒާރުގެ ސައިރަން އަޅާފައިވާ ކަމަށާއި، ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ބޭރު މީހުން ކެތްތެރިކަން އިސްކޮށް، އެންމެ ގާތުގައި ހުރި ރައްކާތެރި ތަންތަނަށް ދިއުމަށް ބާރުއަޅާ ކަމަށެވެ.
ބަހްރައިން ގައި ވެސް ހޯމަ ދުވަހު ވަނީ އެތައް ފަހަރަކު އިންޒާރުގެ ސައިރަން އަޅާފަ އެވެ.










