އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ރައްދުގައި އީރާނުން ވަނީ އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ ބޯޓުތަކަކަށް މިސައިލް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައި. މި ހަމަލާތަކާ ގުޅިގެން މަޝްވަރާގެ މޭޒަށް ދާނީ އަސްކަރީ މައިދާނުގައި ކާމިޔާބީ ހޯދުމަށްފަހު ކަމަށް އީރާނުން ބުނާއިރު، އެމެރިކާގެ ރައީސް ވިދާޅުވީ އެމެރިކާ އިން ދިން ހަމަލާތަކަކީ މަރުވި ސިފައިންގެ ޝަރަފުގައި ދިން ހަމަލާތަކެއް ކަމަށް.

އީރާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ހުރްމުޒްގާންގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކާ ގުޅިގެން ހަލާކުވެފައިވާ ފާލަމެއްގެ ކައިރީގައި ހުރި ކުނިތައް ސާފުކުރުމުގެ މަސައްކަތް، އެ ހަމަލާ ދިންތާ އެއްދުވަސް ފަހުން، 2026 ޖުލައި 17 ވަނަ ދުވަހު މަސައްކަތްތެރިން ކުރަމުންދަނީ | ގެޓީ އިމޭޖަސް
އީރާނުގެ ޑްރޯނެއް ވައްޓާލުމަށްފަހު، އޭގައި ހުރި ނުގޮވާ ހުރި ގޮވާތަކެތި ނައްތާލުމުގެ ތެރޭގައި އިރާގުގެ އުތުރުގައި އެމެރިކާ ސިފައިންގެ މީހަކު މަރުވިކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރުމާ އެކު، ޖެހިޖެހިގެން ނުވަވަނަ ރޭވެސް އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އާދީއްތަ ދުވަހުގެ ރޭގަނޑާއި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ހިނގާދިޔަ ކަންތައްތަކާއި، ދެ ގައުމުގެ އިސްވެރިން މިކަމާ ގުޅިގެން ދެއްވާފައިވާ ބަޔާންތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.
އީރާނަށް ހަމަލާދިނީ ކޮން ސަރަހައްދުތަކަކަށް؟
ސެންޓްކޮމް އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ނުވަވަނަ ބުރު ހޯމަ ދުވަހުގެ ގްރީނިޗް މީން ޓައިމުން 02:00 ގައި ނިންމާލާފައިވާ ކަމަށެވެ.
މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކާއި، އައްސޭރިފަށުގެ ސާވޭލަންސް ސައިޓުތަކާއި، ކަނޑުގެ އަސްކަރީ ގާބިލުކަމާއި، މިސައިލާއި ޑްރޯން ފޮނުވާލާ މަރުކަޒުތަކުގެ އިތުރުން މުއާސަލާތީ ނެޓްވޯކްތަކަށް އަމާޒުކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ. މި ހަމަލާތަކުގެ މަގުސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރަށާއި އާންމު ފަޅުވެރިންނަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ ގާބިލުކަން ކުޑަކުރުން ކަމަށްވެސް ސެންޓްކޮމް އިން ބުނެފައިވެ އެވެ.
އީރާނުން ވައްޓާލިކަމަށް ބެލޭ އެމެރިކާގެ ރީޕަރ ޑްރޯންގެ ބައިތައް
އީރާނުގެ ތެރެއިން ހަމަލާ އަމާޒުވި ސީދާ ތަންތަނުގެ ތަފުސީލެއް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީއެއް ކަމަށްވާ ތަސްނީމް އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހުރްމުޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއްގައި "ގޮވުންތަކެއް" ހިނގައި، އެ އުޅަނދުތައް ވަނީ ހުއްޓިފަ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި އެ އުޅަނދުތަކަކީ އެމެރިކާގެ މަޖުބޫރުކުރުވުމުގެ ދަށުން އެ ސަރަހައްދުން ދަތުރުކުރަން އުޅުނު އުޅަނދުތަކެކެވެ.
"މި ކަނޑުއޮޅިއަކީ ކެމިކަލް ފާޓިލައިޒާ ނުވަތަ ތެލާއި ގޭހުގެ އެންމެ ތިއްކެއް އުފުލުމަށްވެސް ރައްކާތެރި ތަނެއް ނޫން،" އައި.އާރް.ޖީ.ސީ އިން އިންޒާރު ދީފައިވެ އެވެ. އަދި އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ކުރިއަށްދާހާ ހިނދަކު އެ ސަރަހައްދަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި އޮންނާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.
މީގެއިތުރުން، އީރާނުގެ ހުޅަނގު ކާމަންޝާ ޕްރޮވިންސްގެ އިސްލާމްއާބާދު-އީ ޣަރްބުގެ މަތިން ދަތުރުކުރި އެމެރިކާގެ އެމް.ކިއު-9 މަރުކާގެ ޑްރޯނެއް ހޯމަ ދުވަހު ވައްޓާލާފައިވާ ކަމަށް މެހެރް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ. މެހެރް ނޫހުން ބުނި ގޮތުގައި އެ ޑްރޯން ވައްޓާލާފައިވަނީ އައި.އާރް.ޖީ.ސީގެ އެއަރޯސްޕޭސް ފޯސް އިން ބޭނުންކުރާ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމަކުންނެވެ.
އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތައް އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ހުރްމުޖް އަވަށުގެ ސަރަހައްދަކަށްވެސް ވަނީ އަމާޒުވެފަ އެވެ. މިކަން އެ ސަރަހައްދުގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.
އީރާނުން ހަމަލާދިނީ ކޮން ތަންތަނަކަށް؟ އަދި އިންޒާރު ނެރުނީ ކޮން ގައުމުތަކަކަށް؟
އުރުދުން: އުރުދުންގެ އަގަބާ އެއާޕޯޓުގައި އޮތް އެމެރިކާގެ ސީ-17 މަރުކާގެ މުދާ އުފުލާ ބޯޓުތަކަށާއި ޕީ-8 މަރުކާގެ ބޯޓުތަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައި.އާރް.ޖީ.ސީ އިން ހޯމަ ދުވަހު ބުނެފައިވެ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާ އައި.އާރް.އައި.ބީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަޒްރަގްގައި ހުންނަ މުވައްފަގް ސަލްތީ އެއާބޭސްގައި އެމެރިކާ ސިފައިން ބޭނުންކުރާ 20 ހެންގަރެއްވެސް ވަނީ ހަލާކުކޮށްލާފަ އެވެ.
ބަހްރައިން: ބަހްރޭންގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވަނީ، މަނާމާގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކަށް އީރާނުން ހަމަލާދީފާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ގައުމުގައި ތިބި އެމެރިކާ ރައްޔިތުން ސަމާލުވެ ތިބުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުމަށާއި، ނުރައްކަލުގެ ސައިރަންގެ އަޑު އިވުމާއެކު ވަގުތުން ރައްކާތެރި ތަންތަނަށް ވަނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އިރާގުގައި މަރުވި އެމެރިކާ ސިފައިންގެ މީހާ:
އީރާނުގެ ޑްރޯނަކުން ވެއްޓިފައިވާ، ނުގޮވާ ހުރި ގޮވާތަކެތި ކޮންޓްރޯލްޑް ޑެޓޮނޭޝަނެއްގެ ދަށުން ގޮއްވާލުމުގެ ތެރޭގައި، ހޮނިހިރު ދުވަހު އިރާގުގެ އުތުރުގައި އެމެރިކާ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް ސެންޓްކޮމް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހުރްމުޒް ކަނޑުއޮޅީގައި ހިނގީ ކޮން ކަމެއް؟
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން އާދީއްތަ ދުވަހުގެ ރޭ ބުނެފައިވަނީ، އޮމާންގެ ކުމްޒާރުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 15 ކިލޯމީޓަރު (8 ނޯޓިކަލް މޭލު) ބޭރުން ދަތުރުކުރި އުޅަނދެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
މިއީ އީރާނުން ދިން ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއްކަން އަދި ސާފެއް ނުވެ އެވެ. ޔޫ.ކޭ.އެމް.ޓީ.އޯ އިން ބުނީ އަލިފާން ރޯވި ސަބަބު އަދި ކަށަވަރު ނުވާ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށާއި، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ރިޕޯޓުކުރުމަށް އަންގާފަ އެވެ.
އީރާނާއި އެމެރިކާގެ ލީޑަރުން ވިދާޅުވީ ކީކޭ؟
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ، އީރާނަށް ހަމަލާދެމުންދަނީ މަރުވި އެމެރިކާ ސިފައިންގެ ޝަރަފުގައި ކަމަށެވެ.
ނިއު ޖާޒީގައި އޮތް ވޯލްޑް ކަޕް ފައިނަލަށްފަހު ވޮޝިންގްޓަން ޑީސީއަށް އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "މިރޭވެސް އަޅުގަނޑުމެން އެމީހުންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިން. އެއީ ގައުމަށްޓަކައި ގުރުބާންވި ތިން ބަތަލުންގެ ޝަރަފުގައި ކުރި ކަމެއް." މިދިޔަ ހަފުތާގައި އުރުދުންގައި ހުންނަ އެމެރިކާގެ ބޭހަކަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި އެމެރިކާގެ ދެ ސިފައިން މަރުވެފައިވާއިރު، ޓްރަމްޕް އިޝާރާތް ކުރެއްވި ތިންވަނަ މީހަކީ އިރާގުގައި އީރާނުގެ ޑްރޯން ގޮއްވާލުމުގެ ތެރޭގައި މަރުވި ސިފައިންގެ މީހާ އެވެ.
ސިފައިން މަރުވުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި، އެމީހުން މަސައްކަތް ކުރަމުންދިޔައީ "އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދިޔަ ނުދިނުމަށް" ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމެރިކާއާއެކު ކުރާ ހަނގުރާމަ ނިންމާލާނީ "މައިދާނުގައި އީރާނުގެ ބާރު ގަދަވުމުން" ކަމަށެވެ.
އިރްނާ ނޫސް އެޖެންސީއާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، ކްރައިސިސް މެނޭޖްމަންޓް ނުވަތަ ކަންކަން ހަމައަކަށް އެޅުވުމުގައި އެންމެ މުހިންމު ނިންމުމަކީ ހަނގުރާމަ ހުއްޓާލައި މަޝްވަރާތައް ފަށާނެ ސީދާ ވަގުތު ދެނެގަތުން ކަމަށެވެ.
"ހަނގުރާމައެއް ނިމުމަކަށް އަންނާނީ އަސްކަރީ ގޮތުން ފުރިހަމަ ކާމިޔާބީއެއް ލިބިގެން ނުވަތަ މަޝްވަރާކޮށްގެން. މަޝްވަރާ ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ އަސްކަރީ މައިދާނުގައި އިތުބާރު ހުރި އަދި ސްޓްރެޓީޖިކް ކާމިޔާބީއެއް ހާސިލުކުރެވޭ ވަގުތު،" އަރަގްޗީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފުރާނައާއި މުޅި ގައުމުގެ މުސްތަގުބަލާ މެދު ރިސްކެއް ނުނެގޭނެ ކަމަށާއި، ހުރިހާ ނިންމުމެއްވެސް ނިންމަންވާނީ ފުރިހަމަ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.










