ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ކުވައިތާއި ބަހްރައިނަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ. މި ހަމަލާތަކުގައި ކުވައިތުގެ އިންޖީނުގެއަކަށް ގެއްލުންވެފައިވާއިރު، މީގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ވަނީ އުވިފައެވެ. ހަމައެއާއެކު، ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރި ދެ އުޅަނދެއް ހުއްޓުވާފައި.

ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާއަކަށް، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓާ އެންޑް ރިނިއުބަލް އެނާޖީން ރިޕޯޓްކޮށްފި | ގެޓީ އިމޭޖަސް
އެމެރިކާއިން ވިދިވިދިގެން އަށް ރޭ ވަންދެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އާދިއްތަ ދުވަހު އީރާނުން ކުވައިތާއި ބަހްރައިނަަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފިއެވެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް ހުއްޓުވާފައިވާ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.
އާދީއްތަ ދުވަހު އީރާނުން ފޮނުވާލި ހަމަލާތަކުގެ އެތައް ރާޅެއް ކުވައިތާއި ބަހްރައިނަަށް އަމާޒުވެފައިވާ ކަމަށް އެ ދެ ގައުމުން ރިޕޯޓްކޮށްފައިވާއިރު، ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އީރާނުގެ ހަމަލާއެއްގެ ސަބަބުން އެ ގައުމުގެ ފެނާއި ކަރަންޓު އުފައްދާ ކާރުޚާނާއެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ މި ދެ ގައުމަކީ، މި މަހު އަލުން ހަމަލާތައް ބަދަލުކުރަން ފެށުމާ އެކު، އީރާނުން ގަލްފުގެ އަވަށްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ދެ ގައުމެވެ. މި ހަމަލާތަކާއެކު އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ވަނީ މުޅިންހެން ރޫޅިފަ އެވެ.
ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓާ އެންޑް ރިނިއުވަބަލް އެނާޖީން ވަނީ އީރާނުން ދިން "ނުރައްކާތެރި އުދުވާނީ ހަމަލާ" ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ހަމައެއާއެކު، ބަހްރައިންގެ އަސްކަރިއްޔާއިން ބުނީ އީރާނުން ދިން "ޚިޔާނާތްތެރި" ހަމަލާތައް އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.
ކުވޭތުގެ އިންޖީނުގެއަކަށާއި ފެން އުފައްދާ ޕްލާންޓަކަށް އީރާނުގެ ހަމަލާ އެރި ކަމަށް ބުނާ މަންޒަރު
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އާދީއްތަ ދުވަހު ކުވައިތަށް ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުކުރީ ކޭމްޕް އަލް-އަދީރީގައި ހުންނަ އެމެރިކާގެ ހަތިޔާރު ގުދަނަކަށެވެ. އަދި އަނެއް ހަމަލާ އަމާޒުކުރީ އެމެރިކާ ސިފައިން ތިބޭ އަލީ އަލް ސާލިމް އެއާބޭސްގެ އެއާ ޑިފެންސް ރާޑަރުތަކަށެވެ.
އީރާނުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ، އީރާނުގެ ރައްޔިތުންނާއި އިންސާނިއްޔާތުގެ ދުޝްމަނުންނާ ދެކޮޅަށް އީރާނުގެ ސިފައިން "ސާބިތުކަމާއެކު ދެމިތިބޭނެ" ކަމަށެވެ. މީގެ އިތުރުން، އާދީއްތަ ދުވަހު އީރާނުން އުރުދުންގެ އަގަބާ ސިޓީއަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާފައިވާ ކަމަށާއި، އެ ސިޓީގައި ނުރައްކަލުގެ ސައިރަންގެ އަޑު އިވިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން އޭ.އެފް.ޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، އީރާނުގެ އެ މިސައިލް ވައްޓާލާފައިވަނީ އިސްރާއީލާއި އުރުދުންގެ ސިފައިން ގުޅިގެންނެވެ.
އީރާނުން މި ހަމަލާތައް ދީފައިވަނީ، އެމެރިކާގެ ދެ ސިފައިން މަރުވި ހަމަލާގެ ޒިންމާ އުފުލަންޖެހޭ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަށް "އަދަބު ދިނުމުގެ" ގޮތުން އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކަށް ފަހުގަ އެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާތަކުގެ މަގްސަދަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ކުރިމަތިކުރާ ނުރައްކާ ކުޑަކުރުން ކަމަށެވެ. އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުވީ އީރާނުގެ ހުރްމުޒްގާން އަދި ޚޫޒިސްތާން ޕްރޮވިންސްގެ އިތުރުން ގޭޝްމް އައިލެންޑަށެވެ. ތެހެރާނުން އަލްޖަޒީރާގެ ރިޕޯޓަރު ތައުހީދު އަސަދީ ބުނި ގޮތުގައި، މި ހަމަލާތަކުގެ ބާރު ކުރީ ރޭތަކުގެ ހަމަލާތަކަށް ވުރެ ކުޑައެވެ. އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި އީރާނުގެ ނިއުކްލިއާ އެނާޖީ އެޖެންސީން ވަނީ، އެ ގައުމުގެ ހުޅަނގު ދެކުނުގައި އަޅަމުންދާ ނިއުކްލިއާ ޕަވަރ ޕްލާންޓަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ބުނެ، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ހުރްމުޒް ކަނޑުއޮޅީގައި ވެސް ނުތަނަވަސްކަން އިތުރުވަމުންދާ ކަމުގެ ނިޝާންތައް އާދީއްތަ ދުވަހު ވަނީ ފެނިފައެވެ. އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި "ނުރައްކާތެރި މަގަކުން" ދަތުރުކުރަން އުޅުނު ދެ އުޅަނދެއް އެމީހުން ވަނީ ހުއްޓުވާފަ އެވެ.
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަކީ، މިދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ފަހުމުނާމާއަށް ފަހު ކުރިމަތިވި އެންމެ ބޮޑު މައްސަލަ އެވެ. އެ އެއްބަސްވުމުގެ ދަށުން އޭޕްރީލް މަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކޮށް، ކަނޑުގެ މަގުތައް މަޑުމަޑުން ހުޅުވާލުމަށް ވަނީ އެއްބަސްވެފަ އެވެ. އީރާނުގެ އޮފިޝަލުން ބުނަނީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް މެނޭޖްކުރުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެ ސަރަހައްދުގެ ކޮންޓްރޯލް އީރާނަށް ނޯންނާނެ ކަމަށެވެ. އަދި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް އަލުން ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ފިޔަވަޅު އަޅާފަ އެވެ.
ގަތަރުގައި ހުންނަ ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް މުސްގްރޭވް ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގައި އީރާނުން ދެކެނީ މިއީ އެ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ހަނގުރާމައިގައި ސާބިތުވެ އޮތުމުގެ ބާރު އޮތީ އީރާނުގެ އަތުގަ އެވެ.
"ފެބްރުއަރީ މަހުން ފެށިގެން ފެންނަމުންދަނީ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދެ ފަރާތުގެ މެދުގައި ހުރި ބޮޑު ތަފާތު. ތެހެރާނުގެ ސަރުކާރުން މި ކުރަނީ އެ ގައުމުގެ ދެމިއޮތުމަށްޓަކައި ކުރާ ހަނގުރާމައެއް. ނަމަވެސް އެމެރިކާއާއި އިސްރާއީލުން ކުރަނީ ސިޔާސީ ނިންމުންތަކަކާ ގުޅިގެން ކުރާ ހަނގުރާމައެއް،" މުސްގްރޭވް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.










