އީރާނުގެ ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ
އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވިކަން އިއުލާނު ކުރި އިރު އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި ސިފައިންގެ ބަޔަކު މަރުވެ، އިތުރު މީހަކު ގެއްލިފައިވާތީ އެ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައި. މި ހޯދުންތަކުގެ ތެރެއިން އިންސާނީ ހަށިގަނޑެއްގެ ބައިތަކެއް ފެނިފައިވާއިރު، މިއާއެކު ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 17 އަށް އަރާފައި.

ކުވޭތުގެ ކޮމާންޑް ސެންޓަރަށް އީރާނުން ދިން ހަމަލާއެއްގައި މަރުވި އެމެރިކާގެ ސިފައިންގެ މީހެއްގެ ހަށިގަނޑު އެމެރިކާ އަށް ގެންނަނީ - މާޗް 7، 2026 | އޭޕީ
އިރާގުގެ އުތުރުގައި އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފި އެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހު، އީރާނުން ފޮނުވާލި "ވަން-ވޭ އެޓޭކް" ޑްރޯނެއް ވައްޓާލުމަށްފަހު، އޭގައި ހުރި ނުގޮވާ ހުރި ގޮވާތަކެތި ކޮންޓްރޯލްކޮށްގެން ގޮއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އިރާގަށް ދިން ހަމަލާގައި އިތުރު ސިފައިންގެ މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ސެންޓްކޮމް އިން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އުރުދުންއަށް އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ.
ސެންޓްކޮމް އިން އިތުރަށް ބުނީ، އުރުދުން ގައި އީރާނުގެ ހަމަލާ އަމާޒުވި ސަރަހައްދު ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހު، ކާކުކަން ނޭނގޭ އިންސާނީ ހަށިގަނޑެއްގެ ބައިތަކެއް މިއަދުގެ ކުރީގެ ވަގުތެއްގައި އެމެރިކާ ސިފައިންނަށް ފެނިފައިވާ ކަމަށެވެ. އަދި އެއީ ކާކުގެ ހަށިގަނޑެއްތޯ ކަށަވަރު ކުރުމަށްޓަކައި ހަދަންޖެހޭ ތަހުލީލުތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
މި މަރާ އެކު މިދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 17ށް އަރާފަ އެވެ.










