ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
ޝަހީދުކޮށްލާފައިވާ ޔަހްޔާ ސިންވާރުގެ ބަދަލުގައި ހަމާސްގެ ސިޔާސީ ގޮފީގެ އައު ވެރިޔަކަށް، އެ ޖަމާއަތުގެ އިސް މަޝްވަރާވެރިޔާ ޚަލީލް އަލް-ޙައްޔާ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުކޮށްފި. ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކޮށް ކުރިއަށްގެންދިޔަ މި އިންތިޚާބަށްފަހު، ކުރިއަށް އޮތް ހަފުތާގައި އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ. މި ބަދަލާއެކު މިހާރު އޮތް ވަގުތީ ލީޑަރޝިޕް ކައުންސިލް އުވާލައި، ޖަމާއަތުގެ އިސް މަގާމުތައް އަލުން ތަރުތީބުކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

ޚަލީލް އަލް-ހައްޔާ | ގެޓީ އިމޭޖަސް
ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލާއެކު ނުސީދާކޮށް ކުރިއަށްގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އެ ޖަމާއަތުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވި ޚަލީލް އަލް-ޙައްޔާ، އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ އައު ވެރިޔަކަށް އިންތިޚާބުކޮށްފިކަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަހީދުކޮށްލާފައިވާ ލީޑަރު ޔަހްޔާ ސިންވާރުގެ ބަދަލުގައި، އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ ރައީސްކަމަށް މުޖާހިދު އަޚް ޚަލީލް އަލް-ޙައްޔާ އިންތިޚާބުކޮށްފައިވާ ކަމަށެވެ. ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގާޒާގައި އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަނެއްގަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް ހުންނެވި އެކަކު ކަމަށް އިސްރާއީލުން ތުހުމަތުކުރާ ސިންވާރު ޝަހީދުކޮށްލީ، އެ ހަމަލާއަށް އަހަރެއް ފުރުނު ފަހުން ޣައްޒާގެ ތެރޭގައެވެ.
ސިންވާރު އަވަހާރަވި ފަހުން ހަމާސް ހިންގަމުން އައީ އެ ޖަމާއަތުގެ ދުވަސްވީ އިސް އޮފިޝަލެއް ކަމަށްވާ މުޙައްމަދު ދަރުވީޝް އިސްކޮށް ހުންނަވާ ލީޑަރޝިޕް ކައުންސިލަކުންނެވެ.
1960 ވަނަ އަހަރު އުފަންވި ޙައްޔާ ވަނީ މިދިޔަ އަހަރު ދޯހާގައި އިސްރާއީލުން އޭނާ އަވަހާރަކޮށްލުމަށް ދިން ހަމަލާއަކުން ސަލާމަތްވެފައެވެ. ނަމަވެސް އެ ހަމަލާގައި އޭނާގެ ފިރިހެން ދަރިއަކު ވަނީ ޝަހީދުވެފައެވެ. ޙައްޔާ މި މަގާމަށް އިންތިޚާބުވީ ހަމާސްގެ ކުރީގެ ވެރިޔާ އަދި ތަޖުރިބާކާރު ލީޑަރު ޚާލިދު މަޝްޢަލްއާ ވާދަކުރައްވަ އެވެ.
ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޚަލީލް އަލް-ޙައްޔާ އިންތިޚާބުވީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި، އަންނަ ހަފުތާގައި އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިސްތަންބޫލްގައި ސިޔާސީ ގޮފީގެ ބައްދަލުވުމެއް ބާއްވައި، ކޮމިޓީތައް އެކުލަވާލުމާއި ހަމާސްގެ އިސް މަގާމުތައް އަލުން ތަރުތީބުކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް އިތުރަށް ބުނި ގޮތުގައި، މިހާރު އޮތް ފަސް މެންބަރުންގެ ލީޑަރޝިޕް ކައުންސިލް އުވާލައި، އެ ކައުންސިލްގެ މެންބަރުން އެ ބޭފުޅުންގެ އިސްތިއުފާ ޖަމާއަތުގެ ޝޫރާ ކައުންސިލަށް ހުށަހަޅާނެ އެވެ.
ހަމާސްގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔައީ ސަލާމަތީ ގޮތުން ހުރި ނުރައްކާތަކާއި، އިސްރާއީލުން އެ ޖަމާއަތުގެ ސިޔާސީ އަދި އަސްކަރީ ލީޑަރުން އަވަހާރަކޮށްލަމުންދާތީ، ވަރަށް ބޮޑަށް ސިއްރުކޮށްފައިވާ އުސޫލެއްގެ ދަށުންނެވެ.
ހަމާސްގެ އަސްކަރީ ގޮފީގެ ގޮތުގައިވާ އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ މަންދޫބުން ވެސް ވަނީ ޙައްޔާއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.










