ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
ޣައްޒާގައި ހިންގާ ޖަރީމާތަކާ ގުޅިގެން އައިސީސީން ނެރެފައިވާ އަމުރާ އެއްގޮތަށް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންފިނަމަ ހައްޔަރުކުރެވޭނެ ގާނޫނީ މަގުތައް ބައްލަވަމުންދާ ކަމަށް އެ ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ ވިދާޅުވި. ނަމަވެސް އެމެރިކާއަކީ އައިސީސީގެ މެންބަރަކަށް ނުވާތީ، މޭޔަރުގެ މި ވާހަކަތަކަށް އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެއީ އެއްވެސް ބުރަދަނެއް ނެތް އިންޒާރުތަކެއް ކަމަށް ބުނެފައި

ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން ކުވާމޭ މަމްދާނީ | ގެޓީ އިމޭޖަސް
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި، އޭނާ ހައްޔަރުކުރެވިދާނެ ގާނޫނީ ފުރުސަތުތައް ބައްލަވަމުން ގެންދަވާ ކަމަށް ނިއުޔޯކުގެ މޭޔަރު ޒޯހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.
ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. މީގެ ތެރޭގައި "ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބަނޑަށްޖެއްސުން" އަދި "އިންސާނިއްޔަތާ ހިލާފު އެހެނިހެން އަމަލުތައް" ހިންގުމުގެ ތުހުމަތު ހިމެނެ އެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާ މަމްދާނީ، މިދިޔަ އަހަރުގެ މޭޔަރުކަމުގެ ކެމްޕޭނުގައި ވައުދުވެވަޑައިގަތީ ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކުރާނެ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި "ދަ ނިއުޔޯކް ޓައިމްސް" ގެ "ދަ އިންޓަވިއު" ޕޮޑްކާސްޓްގައި، އެ ވައުދު ފުއްދުމުގެ ގަސްދު އަދިވެސް އެބައޮތްތޯ ސުވާލުކުރުމުން މޭޔަރު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ބައިނަލްއަގުވާމީ ބޮޑެތި ކުށްތަކަށް އަދަބުދޭ އައިސީސީ ހުންނަ ނެދަލޭންޑްސްގެ ދަ ހޭގަށް އިޝާރާތް ކުރައްވައި މަމްދާނީ ވިދާޅުވީ، ބޮޑުވަޒީރު ނަތަންޔާހޫ ހުންނަންޖެހޭނީ ދަ ހޭގްގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭނާއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށާއި، ފާއިތުވި އަހަރުތަކުގައި އޭނާ ހިންގާފައިވާ އަމަލުތަކުގެ ސަބަބުން ގިނަ ބަޔަކު އެ ގޮތަށް ގަބޫލުކުރާ ކަމަށްވެސް މަމްދާނީ ވިދާޅުވި އެވެ.
އދ. އަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ މެންބަރު ގައުމުތަކުގެ މަންދޫބުންނަށް އާންމުގޮތެއްގައި ޑިޕްލޮމެޓިކް އިމްތިޔާޒުތައް ލިބިގެންވީ ނަމަވެސް، މިކަމުގައި އޮތް ގާނޫނީ ފުރުސަތުތަކާ ގުޅޭގޮތުން ސިޓީގެ ލޯ ޑިޕާޓްމަންޓާއެކު "މަޝްވަރާތައް ކުރިއަށްދާ" ކަމަށް މަމްދާނީ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން މަމްދާނީ އިތުރަށް ވިދާޅުވީ، ނިއުޔޯކް ސިޓީގައި ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރައްވާނެ ކަމަށާއި، ނަމަވެސް އެކަމަށްޓަކައި އަމިއްލަ ގާނޫނުތަކެއް ނުހައްދަވާނެ ކަމަށެވެ.
އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނީ ޑެނަން ވަނީ، މަމްދާނީއަކީ އިތުރުވަމުންދާ "ޔަހޫދީންނާ ދެކޮޅުވެރިކަން" ހުއްޓުވުމުގެ ބަދަލުގައި، އިސްރާއީލާ ދެކޮޅަށް "ރުޅިވެރިކަން އުފައްދާ" ބޭފުޅެއްގެ ގޮތުގައި ތުހުމަތުކުރައްވާފަ އެވެ. އަދި ސެޕްޓެމްބަރު 22 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ ހައި-ލެވެލް ހަފުތާގައި ނަތަންޔާހޫ ތަގުރީރު ކުރައްވާނެ ކަމަށާއި، މޭޔަރުގެ ވާހަކަތަކުން ބަދަލުވާނެ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ، ހައްޔަރުކުރަންޖެހޭ މީހަކު ހުރިނަމަ އެއީ ނިއުޔޯކުގެ މޭޔަރު ޒޯހްރާން މަމްދާނީ ކަމަށެވެ.
މި ފަހުން ދެއްވި ރޭޑިއޯ އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، އޭނާ ހައްޔަރުކުރާނެ ކަމަށް ބުނެ މަމްދާނީ ދެއްވާ އިންޒާރުތަކާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ނިއުޔޯކުގެ މޭޔަރަކީ ހަމާސް ޖަމާއަތަށް ތާއީދުކުރާ އަދި އެމެރިކާދެކެ ނަފުރަތުކުރާ މީހެއް ކަމަށް ނަތަންޔާހޫ ތުހުމަތުކުރެއްވި އެވެ.
އެމެރިކާ އާއި އިސްރާއީލަކީ އައިސީސީގެ މެންބަރު ގައުމުތަކެއް ނޫނެވެ. އަދި އެ ކޯޓުގެ އެންގުންތަކަށް އެއްބާރުލުން ދިނުމަކީ އެމެރިކާގެ ފެޑަރަލް ގާނޫނުތަކުގެ ދަށުން ސްޓޭޓްތަކާއި ލޯކަލް އިދާރާތަކަށް މަނާކަމެކެވެ.










