އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!
އެއްވެސް މަގްސަދެއް ނެތި ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުން އީރާނާ ކުރިމަތިލައި، ދެމުންދާ ހަމަލާތަކުގެ ކުރިމަތީގައި އީރާނުން މި ދައްކާ ސާބިތުކަމަކީ އެމެރިކާގެ ބާރާ މެދު ދުނިޔޭގެ މަސްރަހުގައި ސުވާލު އުފެދޭނެ ކަމެއް

މާރިޗު މަހުގެ 7 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކެއްގައި، އެ ގައުމުގެ ވެރިރަށް ތެހެރާންގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒެއްގައި ރޯވެ، ދުމާއި އަލިފާންގަނޑު އަރަމުންދިޔަ މަންޒަރު އެ ސަރަހައްދުގެ ރައްޔިތުން ބަލައި ފޮޓޯ ނަގަނީ. | އޭޕީ
ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ކުރެއްވި މަސައްކަތްޕުޅަށް ނޯބެލް ސުލްހައިގެ އިނާމު ހޯއްދެވުމަށް އެއްއިރެއްގައި މަސައްކަތްޕުޅު ކުރެއްވި ރައީސް ޑޮނަލްޑް ޓްރަމްޕަށް، އަސްކަރީ ބާރުގެ ބޭނުންކުރުން މިހާރު ވެފައިވަނީ ވަރަށް އާދައިގެ ކަމަކަށެވެ. އެއީ އީރާން މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި ބޭނުންކުރާ އާދައިގެ އުކުޅަކަށް ވަނީ ވެފަ އެވެ.
ދުނިޔޭގެ ތާރީޚުގައި ފެނިފައިވާ އެންމެ ވަރުގަދަ އަސްކަރީ މެޝިނަރީ ހަރަކާތްތެރި ކުރުވުމަކީ އެމެރިކާގެ ކޮމާންޑަރ-އިން-ޗީފްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ކުރިމަތިވާނެ އެންމެ ސީރިއަސް ޒިންމާ އެވެ. އެމެރިކާގެ ސިފައިންނަށް ލިބޭ ގެއްލުންތަކާއި އަސްކަރީ މަރުކަޒުތަކަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު އާންމުކުރުން ޕެންޓަގަނުން މަދުކޮށްފައި އޮތް ނަމަވެސް، އެއީ ހަގީގަތުގައި ކުރިމަތިވަމުންދާ ނުރައްކާތަކެކެވެ. ދެގައުމުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށިފަހުން އީރާނުގެ އެތައް ބަޔަކު މަރުވެފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
އަނިޔާވެރިކަމަކީ އާދައިގެ ކަމަކަށް ހެދުމަކީ އޭގެ ޒާތުގައި ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެކެވެ. އަދި ހަމަލާދިނުމުގެ އިންޒާރުތަކަކީ ފަރުވާކުޑަ ގޮތަކަށް ބުނެވޭ ބަސްތަކަކަށް ވެގެންވެސް ނުވާނެ އެވެ. ޓްރަމްޕްގެ ސަރުކާރުގެ މި ހަލަބޮލި ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ އަށް ކޮންމެވެސް ޒާތެއްގެ ނުސީދާ ފައިދާތަކެއް ލިބުނަސް ދުނިޔެ ވެއްޓެމުން މިދަނީ ފުން އަނދަވަޅަކަށްކަން ޔަގީނެވެ.
އަނެއްކޮޅުން، ދެގައުމުގެ މެދުގައި ވެފައިވާ ސުލްހައިގެ އެއްބަސްވުންތައް އުުވެމުންދާކަން ސާފުވަމުންދާއިރު، އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އިގުރާރު ދެމެހެއްޓޭނެ ކަމުގެ އުންމީދު ކުޑަވަމުންދާއިރު، އީރާން "ސުންނާފަތިކޮށްލާނެ" ކަމަށް ޓްރަމްޕް ވިދާޅުވަނީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަރަށް އާދައިގެ ގޮތަކަށެވެ. މިއީ އަސްކަރީ ބާރުގެ ބޭނުން އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން ހިފުމާއި، އަދި އޭގެ އަމަލީ ބޭނުން ހިފުމުގައި ވެސް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ދަނޑިވަޅެކެވެ.
ދެމުންދާ ހަމަލާތަކުގެ ނުރައްކާތެރިކަމުގެ ސަބަބުން، އެމެރިކާ އަކީ ވަރުގަދަ ބާރެއްގެ ގޮތުގައި ދެމިއޮތުމަށް ގެންގުޅުނު އުސޫލުތައް ދަނީ ފުނޑުފުނޑުވަމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ކިތަންމެ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް ބޯލެނބުމަށާއި، އަސްކަރީ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހު ފިޔަވަޅު ކަމުގައި ހެދުމަށް އެމެރިކާއިން މަސައްކަތްކުރިކަން ފެންނަން އޮތެވެ.
ނަމަވެސް، މިހާރު ޓްރަމްޕް ދައްކަވަނީ އީރާނުގެ އުމްރާނީ ވަސީލަތްތައް ކަމަށްވާ ފާލަންތަކާއި އިންޖީނުގެތައް ފަދަ ތަންތަނަށް ހަމަލާދީ ސުންނާފަތިކޮށްލާނެ ވާހަކަ އެވެ. ގާނޫނީ މާހިރުންނާއި ވަކީލުން ވިދާޅުވާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ހަނގުރާމައިގެ ޖަރީމާއެކެވެ.
ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ބުނެފާނެ ގޮތުގައި މި ދެންނެވި ގާނޫނީ މިންގަނޑުތަކާ އުސޫލުތަކަކީ މިހާރު ބޭނުންކުރަން ކަމުނުދާ ބާވެފައިވާ އެއްޗެހިތަކެކެވެ. ނަމަވެސް، ކަރުދާހުގައި އޮތް ގޮތުން ނަމަ ގަވާއިދުތައް އަދިވެސް އޮތީ ހަމަ އެގޮތުގަ އެވެ. އަދި ޓްރަމްޕް ގެންދަވަނީ އެ ގަވާއިދުތަކަށް ގޮންޖައްސަވައި ވާހަކަދައްކަވަމުންނެވެ. ރަޝިޔާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ޔޫކްރެއިންގެ މިފަދަ ތަންތަނަށް ހަމަލާދިނުމުން ހުޅަނގުގެ ގައުމުތަކުން އެކަން ކުށްވެރިކުރަނީ ހަމަ މި ސަބަބަށްޓަކައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެމެރިކާއިން އަސްކަރީ ބާރު ބޭނުންކުރުމުގައި ގެންގުޅުނު ފަސްޖެހުމުގެ ސިޔާސަތުގެ ސަބަބުން، ޕެންޓަގަނުގެ ބާރުވެރިކަން ދެމެހެއްޓުމަށް އެހީތެރިވެދިނެވެ. އެމެރިކާއިން ގިނަ ހަނގުރާމަތަކެއް ކުރި ނަމަވެސް، އެކަން ކުރާ ސަބަބުތައް ވަރަށް ފަރުވާތެރިކަމާއެކު އޮޅުންފިލުވައިދެ އެވެ. ނަމަވެސް، ޓްރަމްޕްގެ ދެވަނަ ދައުރުގައި ކަންކަން މިދަނީ ކުރީގެ ރައީސުން އުސޫލީ ގޮތުން ގެންގުޅުއްވި ހަރުދަނާ ގޮތްތަކާ މުޅިން ދުރަށެވެ.
ވެނެޒުއޭލާގެ އޭރުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަކީ ނުރައްކާތެރި ކަމެއް ނަމަވެސް، އޭގެ ސަބަބުން ކަރާކަސް އާއި އެމެރިކާގެ ގުޅުން ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު އެކަމުގެ ސަބަބުން ދެ ކަމެއް ބަދަލުވެގެންދިޔަ އެވެ. އެއީ ގައުމެއްގެ ވެރިއަކު ދެކެ ހިތްހަމަނުޖެހޭތީ އޭ ބުނެ އެ ގައުމެއްގެ ވެރިރަށުން އެ ބޭފުޅަކު ހައްޔަރުކޮށްގެން ގެންދިއުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު ކަމެއް ކަމުގައި އޮތް އޮތުމެވެ. އަދި ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް ހަނގުރާމަތައް ނިމުމަކަށް ގެންނަން އުޅުއްވި އުޅުއްވުމުން އުފެދުނު "ސުލްހަވެރި" ސޫރަ ވެސް މިކަމުގެ ސަބަބުން ގެއްލިގެންދިއުމެވެ.
އީރާނާ އެކު ޓްރަމްޕް މިހާރު މިވަނީ ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. މިއީ ސާފު މަގުސަދެއް ނެތް، އަދި އަމިއްލަ ގައުމުގެ ތާއީދު ވެސް ކުޑަވަމުންދާ ހަނގުރާމައެކެވެ. އަދި ކުރިމަތިލާން ޖެހިފައިވަނީ ވަރަށް ވަރުގަދަ އަދި ކެތްތެރި ދުޝްމަނަކާ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މާއްދާތައް އޮތީ ވަރަށް ނޭނގޭ ގޮތަކަށެވެ. އީރާނުން އެއްބަސްވީ އެ ގައުމުގައި ނެތް ކަމަށް ބުނާ ނިއުކްލިއަރ ހަތިޔާރުގެ މަޝްރޫއެއް ހުއްޓާލުމަށެވެ. އޭގެ ބަދަލުގައި އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ބިލިއަނުން ލުއި ލިބުނެވެ. އީރާނަށް 13,000 އަށްވުރެ ގިނަ ހަމަލާ ދީފައިވީ ނަމަވެސް، އެ ގައުމު އަދިވެސް އޮތީ ސަލާމަތުންނެވެ. އެމެރިކާއަށް ހަތިޔާރު އުފެއްދުމަށްވުރެ، އީރާނަށް އެ ގައުމުގެ ޖެނެރަލުން އުފެއްދުން މާ ފަސޭހަ ކަމަށް ފެނެ އެވެ.
ނިމުމެއް ނެތް ހަނގުރާމައިގެ ނަން ދެވުނީ އަފްޣާނިސްތާނު ހަނގުރާމައަށެވެ. އެތަނުގައި އެމެރިކާގެ ބާރާއި ފައިސާގެ ކުރިމަތީގައި އެމީހުންގެ ކެތްތެރިކަން ކޮޅުންލި އެވެ. 9/11 ގެ ހަމަލާގެ ބަދަލުހިފުމަށް ކުރި އެ ހަނގުރާމައިގައި އެމެރިކާއަށް މިއަށްވުރެ ގިނަ ކަންކަން ކުރެވުނީހެވެ. ނަމަވެސް އެމީހުން އިޚުތިޔާރުކުރީ އެގޮތެއް ނޫނެވެ.
އީރާނުގެ މައްސަލަ ތަފާތެވެ. ރައީސް ޓްރަމްޕަށް މި ހަނގުރާމައިގެ މުހިންމުކަން އެމެރިކާގެ ރައްޔިތުންނަށް މިހާތަނަށް ބުނެދެވިފައެއް ނުވެ އެވެ. މިއީ އެއްވެސް ގެއްލުމެއް އެމެރިކާ އަށް ނުލިބި ކުރެވިދާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަހަލައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބަހަށް ހެއްލިގެން، ޓްރަމްޕް މި ހަނގުރާމަ ފެއްޓެވީ އެއްވެސް ރޭވުމެއް ނެތި އެވެ. އީރާނުގެ ސަރުކާރު ވެއްޓުމަށްފަހު ވާނެ ގޮތެއް ނުވަތަ ފުރަތަމަ ބޮން އެޅުމަށްފަހު ދެން ވާނެ ގޮތެއްގެ އެއްވެސް ޕްލޭނެއް އޭނާގެ އަތްޕުޅަކު ނެތެވެ. މި ހަނގުރާމަ ފެށިގެން ދިޔަ ފަރުވާކުޑަ ގޮތުގެ ސަބަބުން، މިއަދު މިވަނީ މަގު އޮޅިފަ އެވެ.
އެމެރިކާގެ ދުޝްމަނުން ކަމަށްވާ ރަޝިޔާ އާއި ޗައިނާއަށް މިކަމުން ލިބޭ މެސެޖު ވަރަށް ސާފެވެ. އީރާނުގެ އެތައް ބަޔަކު ކޮންމެ ރެއަކު މަރުވަމުންދާއިރު، އެކަމާ މެދު ފަރުވާކުޑަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. (2003 ވަނަ އަހަރު ބަޣުދާދަށް ދިން ހަމަލާތަކުގައި، އެމެރިކާއާ އެކު ބައިވެރިވި ގައުމުތަކުގެ ޖެނެރަލުން ވެސް ވަނީ އީރާނަށް ލިބެމުންދިޔަ ގެއްލުންތަކާ މެދު ހިތާމަފާޅުކޮށްފަ އެވެ.)
އީރާނުން މި ހަނގުރާމައިގައި ދައްކަމުންދާ ކެތްތެރިކަމަކީ އެމެރިކާގެ ބާރުގެ ނުފޫޒު ކުޑަވަމުންދާ ކަމުގެ ހެއްކެކެވެ. ޓްރަމްޕް ފަހަރުގައި އެއްގަމު މަގުން އަރައި ބައެއް ރަށްތައް ހިފާނެ ކަމުގެ އިންޒާރު ދެއްވަފާނެ އެވެ. ނަމަވެސް، އެގޮތައް ދެއްވާ އިންޒާރުތަކަކީ މިހާރު ހުސްވާހަކަ ތަކެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ.
އެމެރިކާގެ އަނިޔާވެރިކަމަށް ކުރިމަތިވާ ބޮޑު ދެ ގޮންޖެހުމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ތެލުގެ އަގެވެ. ތެލުގެ ރިޒާވް މަދުވަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރީ ފިޔަވަޅުތަކަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ދެވަނަ ކަމަކީ ޓްރަމްޕަށް އޮތް ތާއީދު ދަށަށް ދިއުމެވެ. 80 އަހަރުގެ ރައީސަކަށް، އޭނާގެ ފަހުން އަންނަ ބޭފުޅަކަށް ރަނގަޅު އިގްތިސާދެއް ހަވާލުކުރުމަށްވުރެ، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގެ ނަތީޖާ މާ މުހިންމު ވެދާނެ އެވެ.
އީރާނުގެ ސަރުކާރަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ މި ހުރިހާ ޕްރެޝަރެއްގެ ތެރޭގައި ވެސް ދެމިއޮތުމެވެ. ޖެނުއަރީ މަހު އެ ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރި ނަމަވެސް، ބޭރުގެ މި ޕްރެޝަރުތަކާ އެކު ވެސް އެ ސަރުކާރު ވެއްޓިފައެއް ނުވެ އެވެ. އަފްޣާނިސްތާނުގެ ތާލިބާނުންނާއި އިރާގުގެ ހަނގުރާމަވެރިން އެމެރިކާ ބަލިކުރީ އެމީހުންގެ ކެތްތެރިކަމުންނެވެ. ނަމަވެސް އީރާނު ފަދަ އެއީ ދައުލަތްތަކެއް ވެސް ނޫނެވެ. އީރާނުން މި ދައްކާ ސާބިތުކަމަކީ އެމެރިކާގެ ބާރާ މެދު ދުނިޔޭގެ މަސްރަހުގައި ސުވާލު އުފެދޭނެ ކަމެކެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި އީރާނުގެ މުހިންމު ވެރިންތަކެއް އަވަހާރަކޮށްލާފައިވީ ނަމަވެސް، އެ ގައުމުގެ ސަރުކާރު އަދިވެސް ހިނގަހިނގާ އެބައޮތެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުން ދޭ ހަމަލާތަކާ އެކުވެސް، އެމެރިކާއަށް މަޖުބޫރުވެފައިވަނީ އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށެވެ. މިއީ އެމެރިކާގެ ގޮތެއްފޮތެއް ނެތް ސިޔާސަތުތަކުގެ ނަތީޖާ އެވެ. އަދި މީގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ އެވެ.
ކުރުކޮށް ބުނާނަމަ، ހަނގުރާމައެއް ފަށާއިރު އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ދެކި ފަރުވާކުޑަކޮށްފި ނަމަ، ދުޝްމަނުން ގަބޫލުކުރާނީ އެ ހަނގުރާމައިގެ ނަތީޖާއާ މެދު ވެސް ތިބާގެ މާ ބޮޑު ސީރިއަސްކަމެއް ނެތް ކަމަށެވެ.









