އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާކަން އައި.އާރު.ޖީ.ސީ އިން ހާމަކޮށްފި. މި އޮޕަރޭޝަންތަކުގައި އެމެރިކާގެ ރާޑަރު ސިސްޓަމްތަކާއި މުވާސަލާތީ ނިޒާމުތަކަށް އަމާޒުކޮށްފައިވާއިރު، އީރާނުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ދެ ޑްރޯންއެއްވެސް ވަނީ ވައްޓާލާފައި.
އީރާނުން ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ދައްކުވައިދޭ މަންޒަރެއްގެ ސްކްރީން އިމޭޖެއް | ސްކްރީން އިމޭޖް
އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށާއި ދެކުނުގެ ރަށްތަކަށް އެމެރިކާއިން ރޭގަނޑު ދިން ހަމަލާތަކާ ގުޅިގެން، އެކަމުގެ ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން އިއުލާންކޮށްފި އެވެ.
ބުދަ ދުވަހު ހިންގި މި އޮޕަރޭޝަންތަކާ ގުޅޭގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނީ، މިވަގުތަށް އީރާނުގެ ބަދަލުހިފުމުގެ ހަމަލާތައް އަމާޒުކުރަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ހަމަލާދޭ އިންފްރާސްޓްރަކްޗަރަށް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މަރުހަލާތަކެއް ފަށާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.
"ނަޞްރު-2" ގެ ނަމުގައި ކުރިއަށްގެންދާ ބަދަލުހިފުމުގެ އޮޕަރޭޝަނުގެ އަށްވަނަ ފިޔަވަހީގެ ތަފްސީލު ހާމަކުރަމުން އައި.އާރު.ޖީ.ސީ އިން ބުނީ، އީރާނުގެ ދެކުނު އައްސޭރިފަށަށާއި ދެކުނުގެ ރަށްތަކަށް ރޭގެ ވަގުތެއްގައި ދިން ހަމަލާތަކުގެ ބަދަލުގައި، އެ ޖަމާއަތުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އައި.އާރު.ޖީ.ސީ އިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ކުވެއިތުގެ އަލީ އަލް-ސާލިމް އެއާބޭސްގައި ހުރި ސީ-ރާމް (C-RAM) ސިސްޓަމްގެ އާލީ ވޯނިންގ ރާޑަރުގެ އިތުރުން، އެމެރިކާގެ ޓެރަރިސްޓް ސިފައިން ޖަމާވެފައި ތިބި ތަނަކަށް ވަނީ ހަމަލާދީފަ އެވެ.
މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ސިފައިންނަށް "ވަރުގަދަ ނާކާމިޔާބީއަކާ" ކުރިމަތިލާން ޖެހިފައިވާ ކަމަށް އީރާނުން ބުނެ އެވެ.
ކުވެއިތުގެ ރައްޔިތުންނާ މުޚާތަބުކޮށް އައި.އާރު.ޖީ.ސީ އިން ބުނީ، އެމެރިކާއިން އީރާނާ ދެކޮޅަށް އުދުވާނީ އަމަލުތައް ހިންގުމަށް ބޭނުންކުރަނީ ކުވެއިތުގެ ބިން ކަމަށެވެ. އެހެންކަމުން، އެ ގައުމުން އިސްތިއުމާރީ ބާރުތައް ބޭރުކޮށް، އިސްލާމީ ވާޖިބު އަދާކުރުމާއެކު ގައުމުގެ ޝަރަފާއި ކަރާމާތް ދެމެހެއްޓުމަށް އީރާނުން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން ބުނީ "ސާއިގާ" (ވިދުވަރު) އޮޕަރޭޝަނުގެ ނުވަވަނަ ފިޔަވަހީގެ ދަށުން އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އަސްކަރިއްޔާގެ ބަޔާނުގައިވާ ގޮތުން، އުރުދުންގެ އަލް-އަޒްރަގް އެއާބޭސްގައި ހުރި އެމެރިކާގެ ރާޑަރު ސައިޓްތަކަށާއި، މުވާސަލާތީ ނިޒާމުތަކުގެ އިތުރުން ތެޔޮ ގުދަންތަކަށް ވަނީ އަމާޒުކޮށްފަ އެވެ. އަލް-އަޒްރަގް އެއާބޭސްއަކީ ހުޅަނގު އޭޝިއާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އެންމެ މުހިންމު އެއް ސްޓްރެޓީޖިކް އަދި ކޮމާންޑް ސެންޓަރު ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާއަކީ އީރާނުގެ ދެކުނުގެ އިރާންޝަހަރުގައި ހުންނަ ބާމްޕޫރު އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި ޝަހީދުވި ހަތް ސިފައިންގެ ލޭގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.
އިރާންޝަހަރުގެ އަސްކަރީ މަރުކަޒަށް ދިން "ލާއިންސާނީ" ހަމަލާތައް ކުށްވެރިކުރަމުން، އެ އަމަލުތަކަކީ ތާރީޚުން ފޮހެވިގެންދާނެ ކަންކަން ނޫން ކަމަށް އީރާނުން ބުންޏެވެ. އަދި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރަންޖެހޭ މަސައްކަތްތަކާއި، ޝަހީދުވި ސިފައިންގެ ބަދަލުހިފުމުގައި ފަހަތަށް ނުޖެހޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސައިން މުހިއްބީ ވިދާޅުވީ، މި ކުރިމަތިލުންތައް ދިގުދަންމާލައި، ވަރުބަލިކޮށްލުމުގެ ހަނގުރާމައަކަށް ބަދަލުކުރެވިދާނެ ކަމަށް ދުޝްމަނުން ހީކޮށްގެން ނުވާނެ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މިހާރުގެ ހަނގުރާމައިގެ މައިދާން އޮތްގޮތަށް ދަމަހައްޓައި، މިއީ ގަރުނުތަކަކަށް ދެމިގެންދާނެ ކަމެއް ކަމަށް އެމެރިކާއިން ދެކިގެން ނުވާނެ ކަމަށެވެ.
"އީރާނުގެ އޮޕަރޭޝަންތައް މިވަގުތު އަމާޒުކޮށްފައިވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ހަމަލާދޭ ވަސީލަތްތައް ނައްތާލުމަށް. މީގެ ދެން އޮތް މަރުހަލާތައް ވަރަށް އަވަހަށް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ ދެކުނުގެ ބަންދަރު އައްބާސްގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ވަނީ އިއުލާންކޮށްފަ އެވެ. އީރާނުން ބުނީ މި ޑްރޯން ދެނެގަނެ، ބިމުން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލް ސިސްޓަމެއް ބޭނުންކޮށްގެން އެ ވައްޓާލާފައިވާ ކަމަށެވެ.
އަދި އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ އަންދިމޭޝްކްގެ މަތިން އުދުހުނު އެމެރިކާގެ އެމް.ކިއު-9 (MQ-9) މަރުކާގެ ޑްރޯނެއްވެސް، އައި.އާރު.ޖީ.ސީގެ ވައިގެ ސިފައިންގެ ކުރިއަރާފައިވާ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ވައްޓާލާފައިވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ހިންގާ އުދުވާނުގެ ތެރެއިން އަމިއްލަ އަށް ހަނގުރާމަ ހުއްޓާލިކަން އޭޕްރިލް 7 ގައި އިއުލާންކުރި ފަހުންވެސް، އެމެރިކާއިން ދަނީ އީރާނުގެ ސަރަހައްދީ އިމަށް އަރައިގަނެ އެތައް އަމަލުތަކެއް ހިންގަމުންނެވެ.
ޕާކިސްތާނު މެދުވެރިވެގެން މިދިޔަ މަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި، ހުރިހާ ފަރާތްތަކަކުން އުދުވާނީ އަމަލުތައް ހުއްޓާލުމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް އީރާނުން ތުހުމަތުކުރެ އެވެ.
މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން ކަނޑައަޅާފައިވާ ގާނޫނީ މަގުތަކުން ބޭރުން، ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ދަތުރުކުރުވުމަށް އެމެރިކާއިން އެހީތެރިވަމުންދާ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ.










