މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އުދުވާނެއް ކަމަށް ބުނެ، އެ ގައުމުގެ ސަލާމަތާއި މަސްލަހަތު ދިފާއުކުރުމަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި. މަސްލަހަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށް މެދުވެރިންގެ ހުށަހެޅުންތަކެއް ލިބިފައިވީ ނަމަވެސް، އެމެރިކާއިން އެއްބަސްވުންތަކާ ހިލާފުވާ ނަމަ އީރާނުން ވެސް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައި.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ | ގެޓީ އިމޭޖަސް
އީރާނާ އެމެރިކާ އާ ބަދަލު ކުރަމުންދާ ހަމަލާތަކާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމަށްޓަކައި، މެދުވެރިންގެ ފަރާތުން ހުށަހެޅުންތަކެއް ލިބިފައިވާކަން އީރާނުން ކަށަވަރުކޮށްދީފި އެވެ. އެއާއެކު އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ގައުމުން ވަނީ ވައުދުވެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހޯމަ ދުވަހު ބޭއްވި ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މަސްލަހަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި މެދުވެރިން ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ ފަރާތްތަކުން ތެހެރާނަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތަކުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ އުދުވާނުތައް އީރާނާ ދިމާލަށް އަންނަ ސަރަހައްދުތަކަށް އީރާނުގެ ހަތިޔާރު އެޅި ސިފަައިގެ ލަޝްކަރުތަކުން "ސާބިތުކަމާއެކު ވަރުގަދަ" ރައްދުތަކެއް ދެމުންދާއިރު، ގައުމުގެ ޚާރިޖީ ދާއިރާއިން ވެސް އެ ފަރާތްތަކުގެ ޒިންމާތައް ފުރިހަމައަށް އަންގައިދީ، އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީރާނުގެ ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ޚާރިޖީ ދާއިރާ އޮތީ ސިފައިންނާ އެކީ އެއް ސަފެއްގަ އެވެ. އަދި ގައުމުގެ މަސްލަހަތު ދިފާއުކުރުމުގައި އެ ދާއިރާގެ ޒިންމާތައް މެދުކެނޑުމެއް ނެތް ގޮތެއްގައި ދަނީ އަދާކުރަމުންނެވެ.
އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރިލް 7 ވަނަ ދުވަހު އަމިއްލަ އިސްނެންގެވުމަށް ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރި ފަހުން ވެސް، އެމެރިކާއިން ވަނީ އީރާނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
ޕާކިސްތާނު މެދުވެރިވެގެން ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު ޖޫން މަހު ސޮއިކުރި ފަހުމުނާމާގައި، ހުރިހާ ދިމާއަކުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ފުރަތަމަ މާއްދާގައި ސަރީހަކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެމެރިކާގެ ފަރާތުން އެއްބަސްވުމާ ޚިލާފުވުންތައް ދިޔައީ ކުރިމަތިވަމުންނެވެ.
ބަޣާއީ މިކަން ކަށަވަރުކޮށްދެއްވާފައި މިވަނީ، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ދާދިފަހުން ގަތަރުގެ ދޯހާއަށް ކުރެއްވި ޒިޔާރަތަށްފަހު، އީރާނާއި އެމެރިކާއާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ ރޭވުމެއް ގަތަރުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ފަހުމުނާމާއާ އެމެރިކާ ޚިލާފުވުމުން އީރާނުން ދިނީ ރައްދު ހަމަލާ
ބަޣާއީ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސޮއިކުރި ފަހުމުނާމާއާ އީރާނުން ދުވަހަކުވެސް ފުރަތަމަ ޚިލާފުވެފައި ނުވާނެ ކަމަށެވެ. ނަމަވެސް ވޮޝިންގްޓަނުން އެ ގައުމުގެ އިލްތިޒާމްތަކާ ޚިލާފުވުމުގެ ސަބަބުން، ތެހެރާނަށް މަޖުބޫރުވީ އެއާ އެއްވަރުގެ ރައްދެއް ދިނުމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާގައި ސޮއިކުރި ދުވަހުން ފެށިގެން އީރާނުން ގެންގުޅެނީ ވަރަށް ސާފު ސިޔާސަތެއް ކަމަށެވެ.
"އިލްތިޒާމަކަށް އިލްތިޒާމެއް. އަނެއް ފަރާތުން އެއްބަސްވުމަށް އިހުތިރާމްކުރާހާ ހިނދަކު، އަޅުގަނޑުމެން ވެސް ދެމިތިބީ އެއްބަސްވުމުގެ މަތީގައި. އެއްބަސްވުމަކާ ޚިލާފުވުމުގެ އެއްވެސް ކަމެއް އަޅުގަނޑުމެން ފުރަތަމަ ފަށާފައެއް ނުވާނެ،" އީރާނުގެ ތަރުޖަމާނު ބާރުއަޅުއްވައި ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އަނެއް ފަރާތުން އެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވާން ފެށުމުން، އީރާނުން ވެސް އެ ގައުމުގެ އިލްތިޒާމްތައް ފުރިހަމަކުރުމުން އެއްކިބާވާނެކަން ވަނީ ސާފުކޮށްދީފަ އެވެ.
ބަޣާއީ އަނެއްކާވެސް ތަކުރާރުކުރައްވާ ވިދާޅުވީ، އެއްބަސްވުމެއް ނުވަތަ ފަހުމުނާމާއެއްގެ އަގާއި ސައްހަކަން ދެމިއޮންނާނީ ހުރިހާ ފަރާތްތަކުން އެއްބަސްވުމަށް އަމަލުކުރާ ނަމަ ކަމަށެވެ. އެހެން ނޫންނަމަ އެއީ ކަރުދާހުގައި ލިޔެފައިވާ ހުސް ބަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރުޚޮވޭންއަށް ދިން ހަމަލާއިން އެމެރިކާގެ ދޮގުތައް ހާމަވެއްޖެ
ނޫސްވެރިންގެ ބައްދަލުވުމުގެ އެހެން ހިސާބެއްގައި ބަޣާއީ ވަނީ، އީރާނުގެ ޚޫޒިސްތާން ޕްރޮވިންސްގައި ހުންނަ ދަރުޚޮވޭން ނިއުކްލިއާ ޕަވަރ ޕްލާންޓް އިމާރާތްކުރާ ސަރަހައްދަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީ (އައި.އޭ.އީ.އޭ) އިން ހަނުހުރުމުން އެކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ހަމަލާއިން ހާމަވަނީ ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ކަންބޮޑުވާ ކަމަށް ބުނެ ވޮޝިންގްޓަނުން ދައްކާ ވާހަކަތަކަކީ ދޮގުތަކެއް ކަމަށެވެ.
އީރާނުގެ ދަރުޚޮވޭން ނިއުކްލިއާ ފެސިލިޓީ ހިމެނޭހެން، އެ ގައުމުގެ ސުލްހަވެރި ބޭނުންތަކަށް ހާއްސަކޮށްފައިވާ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައި.އޭ.އީ.އޭ) އިން ހަނުހުރުމާއި އެކަމަށް ފަރުވާކުޑަކުރުމަކީ، އެ އެޖެންސީއަށް އޮތް އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އީރާނުގެ ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ގައުމެއްގެ ސުލްހަވެރި ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ހުރިހާ ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.
އައި.އޭ.އީ.އޭ ގެ ބެލުމުގެ ދަށުން ހަކަތަ އުފެއްދުމަށް ހާއްސަކޮށްފައިވާ ދަރުޚޮވޭން ފެސިލިޓީއަށް ދިން ހަމަލާއިން ހާމަވަނީ، އީރާނުގެ ސިނާއީ ކުރިއެރުމާއި، އިގްތިސާދީ ތަނަވަސްކަމާއި، ރައްޔިތުންގެ ލާބައަށް އެމެރިކާއިން ދެކޮޅު ހަދާ މިންވަރު ކަމަށާއި، އެމެރިކާއިން ދައްކާ އެހެން ހުރިހާ ވާހަކަތަކަކީ ހަމައެކަނި ބަހަނާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން (އޭ.އީ.އޯ.އައި) އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ދަރުޚޮވޭން ނިއުކްލިއާ ޕަވަރ ޕްލާންޓަށް ދިން "ޓެރަރިސްޓް" ހަމަލާގައި އެމެރިކާއިން ވަނީ އިމާރާތް ކުރަމުންދާ އެ މަރުކަޒަށް ގިނަ އަދަދެއްގެ މިސައިލް ނުވަތަ ރޮކެޓް ފޮނުވާލާފަ އެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ފޯ ލީގަލް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ކާޒިމް ޣަރީބްއާބާދީ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރުޚޮވޭން ނިއުކްލިއާ މަރުކަޒަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން، އީރާނުގެ ގައުމީ މަސްލަހަތާއި ސަލާމަތްތެރިކަން ދިފާއުކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް ތެހެރާނުން އަޅާނެ ކަމަށެވެ.
ޚާރްޖްގައި ހިންގާ އަމަލުތަކަށް އެމެރިކާއިން ނަތީޖާއާ ކުރިމަތިލާންޖެހޭނެ
އީރާނުގެ ދެކުނުގައި އޮންނަ ސްޓްރެޓީޖިކް ރަށެއް ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަށް ރައްދު ދެއްވަމުން، ތަރުޖަމާނު ބަޣާއީ ވަނީ އެ ރަށަށް އަމާޒުކޮށް ހިންގާ ކޮންމެ ނޭއްގާނީ އަމަލެއްގެ ރައްދު އެމެރިކާ އަށް ފުރިހަމަ އަށް ލިބޭނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ އާ އެމެރިކާ އިން ކުރިމަތިލާން ޖެހޭނެ ކަމުގަ އެވެ.
މަސްދަރު: ޕްރެސް ޓީވީ










