Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން-އެމެރިކާ

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

އީރާނުގެ ބައެއް ރަށްތައް ހިފުމުގެ އަސްކަރީ ގާބިލުކަން އެމެރިކާއަށް ލިބިފައިވީ ނަމަވެސް، އެފަދަ ފިޔަވަޅެއްގެ ސަބަބުން ކުރިމަތިވެދާނެ ސިޔާސީ އަދި އިގުތިސާދީ ނުރައްކާތައް ބޮޑުކަމަށް މުހައްލިލުން ދެކޭ. މިފަދަ އޮޕަރޭޝަނެއްގެ ސަބަބުން މުޅި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށި، ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 15:58
އީރާނުގެ އައްސޭރިފަށުން ބޭރުގައި، ޕާޝިއަން ގަލްފުގައި އޮންނަ ޚާރްގް އައިލެންޑް.

އީރާނުގެ އައްސޭރިފަށުން ބޭރުގައި، ޕާޝިއަން ގަލްފުގައި އޮންނަ ޚާރްގް އައިލެންޑް. | ގެޓީ އިމޭޖަސް

އީރާނުގެ ދެކުނު އައްސޭރިފަށުގެ ބަނދަރުމަތީ ސިޓީތައް ކަމަށްވާ ބަންދަރު އައްބާސް ފަދަ ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ގިޝްމް، ކިޝް އަދި އަބޫ މޫސާ ރަށަށް ވެސް ހަމަލާދީފަ އެވެ.

މި ހަމަލާތަކާއެކު، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން އުފެދިފައިވާ ސުވާލެއް އަނެއްކާވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ އީރާނުގެ ބިންތައް ހިފުމަށް ވޮޝިންގޓަނުން ތައްޔާރުވަމުންދަނީތޯ އުފެދޭ ސުވާލެވެ. ހަނގުރާމަ ފެށުނުތާ މަހެއްހާ ދުވަސް ފަހުން، މިދިޔަ މާރިޗު މަހު އެމެރިކާގެ ނަން ހާމަނުކުރާ ދެ އޮފިޝަލަކު "ދަ ވޮޝިންގޓަން ޕޯސްޓް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ 90 އިންސައްތަ ހިއްސާކުރާ ޚާރްގް އައިލެންޑަށް އަރައިގަތުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ތައްޔާރުވަމުންދާ ކަމަށެވެ. މި ވާހަކަތަކާއެކު، އެމެރިކާއިން އީރާނަށް އެއްގަމު މަގުން އަރައިގަނެފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކުރުމާއެކު، ރަށްތައް ހިފުމުގެ ވާހަކަތައް ކުޑަކޮށް މަޑުޖެހުނެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެފަދަ ފުރުސަތެއް ނެތް ކަމަށް ވިދާޅުވާން ދެކޮޅު ހެއްދެވުމުން، މި މައުޟޫއު އަނެއްކާވެސް ވަނީ ބަހުސަކަށް ވެފަ އެވެ.

އެފަދަ އަސްކަރީ އޮޕަރޭޝަނަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "އެކަމާ ބެހޭގޮތުން އަޅުގަނޑަށް އެއްޗެއް ދެންނެވޭކަށް ނެތް، އެހެނީ އެފަދަ ވާހަކައެއް ދެއްކުމަކީ މޮޔަކަމަކަށް ވާނެތީ،" ކަމަށެވެ.

ވީމާ، މިއީ ހަމައެކަނި ބިރުދެއްކުމުގެ ބަސްމަގެއް ހެއްޔެވެ؟ ނުވަތަ ހަގީގަތުގައި ވެސް ވެދާނެ ކަމެއް ހެއްޔެވެ؟

އީރާނުގެ ރަށްތައް ހިފުމުގެ ގާބިލުކަން އެމެރިކާއަށް ލިބިގެންވޭތަ؟

އީރާނުގެ ދެކުނާއި އޮމާންގެ މުސަންދަމް ޕެނިންސިއުލާއާ ދެމެދު އޮންނަ ހުރްމުޒް ކަނޑުއޮޅި އާއި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތައް
އީރާނުގެ ދެކުނާއި އޮމާންގެ މުސަންދަމް ޕެނިންސިއުލާއާ ދެމެދު އޮންނަ ހުރްމުޒް ކަނޑުއޮޅި އާއި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތައް | ގެޓީ އިމޭޖަސް

ކިންގްސް ކޮލެޖް ލަންޑަންގެ ސެކިއުރިޓީ ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރު އެންޑްރިއަސް ކްރީގް ވިދާޅުވީ، "ޓެކްޓިކަލް" ގޮތުން ބަލާއިރު އީރާނުގެ ރަށްތައް ހިފުމުގެ އަސްކަރީ ގާބިލުކަން އެމެރިކާއަށް އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކަށީގެންވާ ވައިގެ އަދި ކަނޑުގެ ބާރާއެކު، އޭގެ ފަހުން ކުރިމަތިވެދާނެ ނުރައްކާތަކަށް ތައްޔާރުވެގެން ތިބެ، އީރާނުގެ ކުޑަ ރަށެއް ހިފުމުގެ ފުރުސަތު އެމެރިކާއަށް އެބައޮތެވެ. މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ބޮޑެތި އަސްކަރީ މަރުކަޒުތަކާއި ކުދި ކޭމްޕްތަކުގައި އެމެރިކާގެ ގާތްގަނޑަކަށް 50،000 ސިފައިން މިހާރުވެސް އެބަތިއްބެވެ.

ޖޯޖްޓައުން ޔުނިވަރސިޓީގެ މެދުއިރުމަތީގެ ސިޔާސީ ކަންކަމާ ބެހޭ ޕްރޮފެސަރު ނާދިރު ހާޝިމީ ވިދާޅުވީ، އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރު ކަމަށްވާތީ، ރަށްތައް ހިފުމުގެ އިތުރުން އެ ތަންތަން ދިގު މުއްދަތަކަށް ކޮންޓްރޯލް ކުރުމުގެ އަސްކަރީ އަދި ލޮޖިސްޓިކް ގާބިލުކަން ވެސް އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް، ހާޝިމީ ފާހަގަކުރެއްވި ގޮތުގައި އޮތް ސުވާލަކީ އެކަމަށް ދައްކަންޖެހޭ އަގަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ.

ކްރީގް ވިދާޅުވީ، "ވަގުތީ ގޮތުން ރަށެއް ހިފުމާއި، އެ ރަށެއް ދިގު މުއްދަތަކަށް ހިފަހައްޓައި، އެތަނަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ، އޭގެއިން އިސްތިރާޖީ ފައިދާއެއް ހޯދުމަކީ މުޅިން ތަފާތު ދެ ކަމެއް،" ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގިޝްމް ފަދަ ރަށެއް ހިފުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އެއީ އެ ރަށަކީ އީރާނުގެ މައި ބިމާ ވަރަށް ކައިރީގައި އޮތް ބޮޑު ރަށަކަށް ވެފައި، އެކަހެރިކޮށް އޮތް ތަނަކަށް ނުވާތީ އެވެ.

ހެންގާމް ފަދަ ކުދި ރަށްތައް ފަސޭހައިން ހިފިދާނެ ނަމަވެސް، އެ ރަށްތަކަކީ އީރާނުގެ ބަޑިތަކާއި، ޑްރޯންތަކާއި، މިސައިލްތަކުގެ އަމާޒުފަތްގަނޑަކަށް ވާނެ ކަމަށް ކްރީގް ވިދާޅުވި އެވެ. އަދި އެއްފަހަރާ ގިނަ ރަށްތަކެއް ހިފަން އުޅުމަކީ ހަމައެކަނި ކުޑަ ރޭޑެއްގެ ބަދަލުގައި، ވަރުގަދަ އަސްކަރީ ކެމްޕޭނަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ރަށްތައް ހިފުމަކީ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއެޅުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމެރިކާ ސިފައިން އީރާނުގެ ހަމަލާތަކަށް ހުށަހެޅި، އެމެރިކާއަކީ ބިންތައް ފޭރިގަންނަ ބާރެއްގެ ގޮތުގައި ސިފަކުރުމުގެ ފުރުސަތު ތެހެރާނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ޚަރަދެއް ހިނގާނެ ކެމްޕޭނެއް

މިފަދަ ފިޔަވަޅެއް އެޅުމަށްޓަކައި ގިނަ އަދަދެއްގެ ސިފައިން ބޭނުންވާނެ އެވެ. ކްރީގް އަންދާޒާކުރާ ގޮތުގައި، ހަނގުރާމަވެރި ސިފައިންނާއި، ވައިގެ ދިފާއީ ނިޒާމާއި، އިންޖިނިއަރުންނާއި، ލޮޖިސްޓިކްސް އަދި ސިއްހީ އެހީތެރިން ހިމެނޭހެން، ކުޑަ އޮޕަރޭޝަނަކަށް ވެސް މަދުވެގެން 5،000 އާއި 10،000 އާ ދެމެދުގެ ސިފައިން ބޭނުންވާނެ އެވެ.

އަދި ގިނަ ރަށްތަކެއް ހިފަން ޖެހިއްޖެނަމަ ނުވަތަ ހިފުމަށްފަހު އެތަންތަން ދިފާއުކުރަން ޖެހިއްޖެނަމަ، ބޭނުންވާ ސިފައިންގެ އަދަދު މިއަށްވުރެ މާ ބޮޑަށް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސިފައިން ތިބޭނީ އީރާނުގެ މައި ބިމުން ދޭ ހަމަލާތަކުގެ ސީދާ އަމާޒުފަތްގަނޑަކަށް ވެފައި. އެތަނަށް ތަކެތި އުފުލާ އުޅަނދުފަހަރާއި ހެލިކޮޕްޓަރުތަކަށް އީރާނުގެ މިސައިލާއި، ޑްރޯން އަދި މައިންތަކުގެ ނުރައްކާ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނުން އެ ރަށްތައް ވަގުތުން އަނބުރާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި، މެދުނުކެނޑި ހަމަލާދީގެން އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީ، ސިޔާސީ ގޮތުން އެމެރިކާ ލަދުގަންނުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެމެރިކާއަށް އެ ސިފައިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވިދާނެ، އެކަމަކު އެކަން ކުރެވޭނީ މެދުނުކެނޑި ކަނޑާއި ވައިގެ ސަލާމަތްތެރިކަން ކަށަވަރުކޮށްގެން. އޭރުން މުޅި މިޝަނަކަށް ވާނީ ހަމައެކަނި އެތަނުގައި ތިބި ސިފައިން ސަލާމަތްކުރުން. އުޅަނދުފަހަރުގެ ސަލާމަތަށް ފެށި އޮޕަރޭޝަން، ބިން ދިފާއު ކުރަން ކުރާ ބޮޑު ހަނގުރާމައަކަށް ބަދަލުވެގެންދާނެ،" ކްރީގް ވިދާޅުވި އެވެ.

ހާޝިމީ ވިދާޅުވީ، އީރާނުގެ ދެކުނުގެ ރަށްތައް، ޚާއްސަކޮށް ޚާރްގް އައިލެންޑް ހިފުމަށް އެމެރިކާއިން މަސައްކަތް ކޮށްފާނެ ކަމާމެދު ވަރަށް ބޮޑަށް ޝައްކުކުރައްވާ ކަމަށެވެ.

އެމެރިކާ ސިފައިންނަށް ލިބޭނެ ގެއްލުމާއި، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުން، ޚާއްސަކޮށް ޓްރަމްޕްގެ "މާގާ" ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާނެ ފާޑުކިޔުންތައް ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އިރާގު ހަނގުރާމައިގެ ހަނދާންތައް އާކޮށްދޭނެ ސިޔާސީ ނުރައްކަލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ތިއަރީއެއްގެ ގޮތުން ބަލާއިރު، އެމެރިކާއަށް އީރާނުގެ މައި ބިމަށް އަރައި އެތަން ވެސް ހިފިދާނެ އެވެ. ވިއެޓްނާމް ހަނގުރާމައިގައި ބައި މިލިއަން ސިފައިން ބޭނުންކުރި ފަދައިން އެމެރިކާއަށް އެކަން ކުރެވިދާނެ އެވެ. ނަމަވެސް، މިއީ މުޅި މެދުއިރުމަތި ހަލަބޮލިވެ، އަރަބި ދުނިޔެއާއެކު އޮތް ގުޅުންތަކަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަކަށް ވާތީ، މިއީ ސިޔާސީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް މުހައްލިލުން ވިދާޅުވެ އެވެ.

ހާޝިމީ ވިދާޅުވީ، "މިއީ ހަމައެކަނި ތިއަރީއެއްގެ ގޮތުން ދެކެވޭ ވާހަކަތަކެއް، އަމަލީ ގޮތުން ވުން ގާތް ކަންތައްތަކެއް ނޫން،" ކަމަށެވެ.

އީރާނުގެ ދިފާއީ ނިޒާމު ފުރަތަމަ ނައްތާލަން ޖެހޭނެބާ؟

އީރާނުގެ އެއްވެސް ރަށެއް ހިފުމުގެ ކުރިން އެމެރިކާއިން އީރާނުގެ ދިފާއީ ނިޒާމުތައް ނައްތާލަން ޖެހޭނެ ކަމަށާއި، ނަމަވެސް ހަމައެކަނި ވައިގެ ބާރު ބޭނުންކޮށްގެން އެކަން ދާއިމީކޮށް ނުކުރެވޭނެ ކަމަށް ކްރީގް ވިދާޅުވި އެވެ.

އީރާނުގެ ރާޑަރު ނިޒާމުތަކާއި، އައްސޭރިފަށުގެ މިސައިލް ބެޓެރީތަކާއި، ޑްރޯން މަރުކަޒުތަކުގެ އިތުރުން ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑް ސެންޓަރުތަކަކީ އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭ، ފޮރުވިފައިވާ ތަންތަނެވެ. އެހެންކަމުން، ސިފައިން ބޭލުމަށްޓަކައި ވަގުތީ ގޮތުން އެ ނުރައްކާ ކުޑަކުރެވުނަސް، އެކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި މެދުނުކެނޑި ހަމަލާދޭން ޖެހޭނެ އެވެ.

ކްރީގް ވިދާޅުވި ގޮތުގައި މިއީ މިފަދަ ޕްލޭނެއް ގައި އޮތް އެންމެ ބޮޑު ބަލިފައި ކަމަށެވެ. އީރާނުގެ މައި ބިމުން މިސައިލާއި ޑްރޯން ފޮނުވޭނެތީ، ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅުމަށް އީރާނަށް އެ ރަށްތަކުގެ ބޭނުމެއް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ކުރާ ހުރަސްތައް ހަގީގަތުގައި ހުއްޓުވޭނީ އީރާނުގެ ދެކުނު އައްސޭރިފަށުގެ ބޮޑު ސަރަހައްދަކަށް ހަމަލާދީ، އެތަންތަން ހިފައިގެންނެވެ. "އެ ހިސާބުން އެއީ ހަމައެކަނި ރަށެއް ހިފުމުގެ އޮޕަރޭޝަނަކަށް ނުވާނެ. އެއީ މާ ބޮޑު އެއްގަމު ހަނގުރާމައެއްގެ ފެށުން،" އޭނާ ވިދާޅުވި އެވެ.

ހާޝިމީ ފާހަގަކުރެއްވި ގޮތުގައި މިއީ ވުން ގާތް ކަމެއް ނޫނެވެ. މީގެ ކުރިން ދުވަހަކުވެސް ނުދޭ ފަދަ ވަރުގަދަ އަދި ދިގު މުއްދަތުގެ ބޮން އެޅުމުގެ ކެމްޕޭނެއް މީގެ ސަބަބުން ބޭނުންވާނެތީ، ވޮޝިންގޓަނުން އެ މިސްރާބަށް ދާނެ ކަމާމެދު އޭނާ ޝައްކުކުރައްވަ އެވެ.

ދަތުރުފަތުރާއި، ވިޔަފާރި އަދި ހަކަތައިގެ ރައްކާތެރިކަމަށް ކުރާނެ އަސަރު

އެމެރިކާއިން އީރާނުގެ ރަށެއް ހިފައިފިނަމަ، އެއީ ހަނގުރާމަ ވަރަށް ބޮޑަށް ފުޅާކުރުން ކަމަށް ތެހެރާނުން ބަލާނެ އެވެ. އަދި އޭގެ ބަދަލުގައި ކަނޑުއޮޅީގައި މައިން ވަޅުލުމާއި، އުޅަނދުފަހަރަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ގަލްފުގެ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް އީރާނުން ވަރުގަދަކުރާނެ ކަމަށް ކްރީގް ވިދާޅުވި އެވެ.

ރަށްތައް އޮތީ ކޮންމެ ބައެއްގެ އަތުގައި ކަމަށް ވިޔަސް، އިންޝުއަރެންސް ފީތައް އިންތިހާއަށް ބޮޑުވެ، މައިންތައް ސާފުކުރަން ގިނަ ދުވަސް ނަގާނެތީ، އުޅަނދުފަހަރު އެ ކަނޑުއޮޅިން ދަތުރުކުރުން ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ހުޅުވަން ބޭނުންވި ނަމަވެސް، ހަނގުރާމައިގެ މައިދާނަކަށް ވާން ބޭނުންނުވާ ގަލްފުގެ ގައުމުތަކާ އެމެރިކާއާ އޮތް ގުޅުމަށް ވެސް މީގެ ސަބަބުން ބުރޫއަރާނެ އެވެ.

އޭނާގެ ނިންމުމަކީ، ރަށްތައް ހިފުމުން އަސްކަރީ ގޮތުން ވަރުގަދަ މަންޒަރެއް ފެނިދާނެ ނަމަވެސް، އޭގެ ސަބަބުން ދަތުރުފަތުރުގެ މިނިވަންކަމަށް ކުރާ ހަނގުރާމަ، ބިން ހިފުމުގެ ހަނގުރާމައަކަށް ބަދަލުވެ، އެމެރިކާ ބޭނުންނުވާ ފަދަ ބޮޑު އެއްގަމު ހަނގުރާމައެއްގެ ތެރެއަށް ވޮޝިންގޓަން ދަމައިގަންނާނެ ކަމެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިޚާރްގް އައިލެންޑްބަންދަރު އައްބާސްމެދު އިރުމަތި

އިތުރަށް ކިޔާލަން

15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

އެމެރިކާ އާއި އީރާނާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމާއެކު، އިރާނުން މިހާރު ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ބެލެހެއްޓުމަށް ޚާއްސަ އިދާރާއެއް އުފައްދައި، ކަނޑުއޮޅީގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ދެ ގައުމުން ބަދަލުކުރި ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް އެމެރިކާ އިން ބުނޭ. މީގެ ރައްދުގައި އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އެ ސަރަހައްދުން ބޭރުކުރާ ހަކަތައިގެ އެކްސްޕޯޓްތައް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދީފައި.

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
15 ޖުލައި 2026

އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

މި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވީ، އީރާނުން މަޝްވަރާގެ މޭޒަށް އައިސް އެއްބަސްވުމަކަށް ނުދާ ނަމަ، އަންނަ ހަފުތާ އަކީ އެ ގައުމަށް ވަރަށް ނުރައްކާތެރި ހަފުތާ އަކަށް ވާނެ ކަމަށް. އެގޮތުން އީރާންގެ ހުރިހާ އިންޖީނު ގެތަކާއި ފާލަން ތަކެއް އެމެރިކާގެ އަސްކަރިއްޔާ އިން ހަލާކު ކޮށްލާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

15 ޖުލައި 2026
އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި
15 ޖުލައި 2026

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި

އީރާނުގެ އެތެރޭގެ މުހިންމު އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރައީސް ޓްރަމްޕާއި ގައުމީ ސަލާމަތާ ބެހޭ އިސް ޓީމުން މަޝްވަރާކޮށްފިއެވެ. މި ރޭވުންތަކުގެ ބޭނުމަކީ ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ބާރުއަޅައި، އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމެވެ. މީގެ އިތުރުން، އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ އޮޕަރޭޝަނެއް އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ފަށާފައެވެ.

15 ޖުލައި 2026
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި
15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އައްސޭރިފަށުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައި. މި ކުރިމަތިލުންތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ސުލްހައިގެ އެއްބަސްވުން ބާތިލުވެފައިވާކަން އީރާނުން އިއުލާނުކޮށްފައިވާއިރު، މަސްރަހު އިތުރަށް ގޯސްވެ ސަރަހައްދީ ހަމަނުޖެހުން ވަނީ ބޮޑުވެފައި.

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު