Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

"އޮޕަރޭޝަން ނަސްރު 2" ގެ ދަށުން ދިން މި ހަމަލާތަކުގައި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށާއި ރާޑަރު ސިސްޓަމްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އައިއާރުޖީސީން ބުނޭ.

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 13:46
އީރާނުގެ ވެރިރަށް ތެހެރާންގެ ވަލްއަސްރު މައިދާނުގައި، އެމެރިކާއާ ދެކޮޅު ޝިއާރުތަކެއް ހިމެނޭ ބޮޑު ބެނާއެއް 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ހަރުކޮށްފައި ހުރި މަންޒަރު

އީރާނުގެ ވެރިރަށް ތެހެރާންގެ ވަލްއަސްރު މައިދާނުގައި، އެމެރިކާއާ ދެކޮޅު ޝިއާރުތަކެއް ހިމެނޭ ބޮޑު ބެނާއެއް 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ހަރުކޮށްފައި ހުރި މަންޒަރު | ގެޓީ އިމޭޖަސް

އެމެރިކާއިން ސަރަހައްދީ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނުގެ ދެކުނުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އުރުދުން އާއި ގަތަރުގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށާއި ތެޔޮ އަޅައިދޭ މަތިންދާބޯޓުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

Your browser does not support the video tag.

އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ފުޓޭޖް

ހުކުރު ދުވަހު އައިއާރުޖީސީން ނެރުނު ތިން ބަޔާނެއްގައި ބުނެފައިވަނީ، "އޮޕަރޭޝަން ނަސްރު 2" ގެ ދަށުން ދިން މި ހަމަލާތަކަކީ ރޭގަނޑުގެ ވަގުތެއްގައި އީރާނުގެ އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް އެމެރިކާއިން ހިންގި ހަނގުރާމައިގެ ކުށްތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

އޭގެ ތެރެއިން އެއް ބަޔާނެއްގައި އުރުދުންގެ ރައްޔިތުންނާ މުޚާތަބުކޮށް ބުނެފައިވަނީ، މިދިޔަ އަހަރު ގަތަރުގެ އަލް އުދައިދު އެއާބޭސްއަށް އީރާނުން ދިން ހަމަލާއަށްފަހު، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ޓެރަރިސްޓް ފައުޖުތަކުގެ މައި މަރުކަޒު ގަތަރުން އުރުދުންގެ އަލް އަޒްރަގް އެއާބޭސްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އައިއާރުޖީސީން ބުނި ގޮތުގައި އެ މަރުކަޒަކީ ފަލަސްތީނާއި، އީރާނު އަދި ލުބުނާނަށް ހަމަލާދިނުމަށް ބޭނުންކުރާ އެމެރިކާގެ އެފް-35، އެފް-15 އަދި އެފް-16 މަރުކާގެ އެތައް ހަނގުރާމަމަތީ ބޯޓުތަކަކާއި ތެޔޮ އަޅައިދޭ މަތިންދާބޯޓުތަކެއް ބޭސްކޮށްފައިވާ ތަނެކެވެ.

އެ ބަޔާނުގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާ ސިފައިން ވަނީ އުރުދުންގައި ހުރި މަރުކަޒުތަކުން ފުރައިގެން ގޮސް އީރާނުގެ ބަންދަރު އައްބާސްގައި ހުރި ފާލަންތަކާއި، މީހުން ދިރިއުޅޭ އަވަށްތަކުގެ އިތުރުން ފެން ޕަންޕުކުރާ ސްޓޭޝަނަކަށް ހަމަލާދީފަ އެވެ. އެކަމަށް ރައްދު ދިނުމުގެ ގޮތުން އައިއާރުޖީސީން ވަނީ "އޮޕަރޭޝަން ނަސްރު 2" ގެ 14 ވަނަ ފިޔަވަހި ފަށައި، އުރުދުންގައި ހުރި އެމެރިކާގެ ބޯޓުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

"މި އިސްތިއުމާރީ އަމަލަށް ރައްދު ދިނުމުގެ ގޮތުން އިސްލާމީ މުޖާހިދުން ވަނީ... އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށާއި ތެޔޮ އަޅައިދޭ މަތިންދާބޯޓުތަކަށް ދެ ފިޔަވައްސަކަށް ބަހާލައިގެން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައި. މި ހަމަލާތަކުގައި އެމެރިކާގެ ބައެއް ބޯޓުތައް ސުންނާފަތިވެ، އަދި އިތުރު ގިނަ ބޯޓުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ،" އައިއާރުޖީސީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އުރުދުންގެ ރައްޔިތުންނާއި ސިފައިން "އިސްލާމްދީނާ ދެކޮޅު އިސްތިއުމާރީ އެމެރިކާ" ގެ މަސްލަހަތުތަކާ ދެކޮޅަށް ތެދުވެ، އެމީހުންގެ "މުގައްދަސް ވާޖިބު" އަދާކުރުމަށާއި، ލޮބުވެތި އުރުދުންގެ ފަސްގަނޑުން އިސްތިއުމާރީ އެމެރިކާގެ "ލައްގަނޑު" ފޮހެލުމަށް ވެސް އައިއާރުޖީސީން ވަނީ ގޮވާލާފަ އެވެ.

އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަށް މި ހަމަލާ ދީފައި މިވަނީ، ވިލާތުން ފުރައިގެން އައި އެމެރިކާގެ ތެޔޮ އަޅައިދޭ 10 މަތިންދާބޯޓެއް ހުކުރު ދުވަހުގެ ހެނދުނު އެ މަރުކަޒަށް ޖެއްސި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ އީރާނުން ރޭގަނޑު ދިން ހަމަލާތަކުގައި އެ މަރުކަޒުގައި ހުރި ބޯޓުތަކަށް ގެއްލުންވުމުން އެކަން ފޫބެއްދުމަށް އެޅި ފިޔަވަޅެއް ކަމަށް މުހައްލިލުން ބުނެ އެވެ.

ގަތަރުގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް ހަމަލާދިނުން

ވަކި ބަޔާނެއްގައި އައިއާރުޖީސީން ބުނީ، ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އެއާބޭސްއަށް ކުއްލި ގޮތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މި ހަމަލާގައި އެމެރިކާގެ ދުރު ރާސްތާގެ ރާޑަރު ސިސްޓަމަކާއި، ސްޓްރެޓީޖިކް ގޮތުން މުހިންމު ތެޔޮ އަޅައިދޭ ބައެއް މަތިންދާބޯޓުތައް މުޅިން ސުންނާފަތިވެފައިވާ ކަމަށާއި، އިތުރު ބައެއް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެމެރިކާގެ ދުޝްމަނުންނާއި، އެމީހުންގެ މަރުކަޒުތަކަށް ޖާގަދީގެން ތިބި ސަރަހައްދީ ގައުމުތަކުން ދަންނަންޖެހޭނެ ކަމަކީ، ރަތް ރޮނގު ހުރަސްކޮށް އާންމުންނަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ އަގު ވަރަށް ހިތިވާނެކަން،" އައިއާރުޖީސީން އިންޒާރު ދިނެވެ.

އަދި ދުޝްމަނުން މިގޮތަށް އަމަލުކުރަމުންދާނަމަ، މިއަށްވުރެ މާ ވަރުގަދަ ރައްދުތަކެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށާއި، އެއީ ހަނގުރާމައިގެ ތާރީޚުގައި ވެސް ހަނދާން ހުންނާނެ ފަދަ ރައްދުތަކަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

15 ވަނަ ފިޔަވަހީގެ ހަމަލާތައް ކުވައިތަށާއި އީރާނާ ދެކޮޅު ގްރޫޕްތަކަށް

އިތުރު ބަޔާނެއްގައި އައިއާރުޖީސީން ބުނީ، އެމެރިކާއިން ހިންގި ހަނގުރާމައިގެ ކުށްތަކަށް ބަދަލުހިފުމުގެ ގޮތުން "އޮޕަރޭޝަން ނަސްރު 2" ގެ 15 ވަނަ ފިޔަވަހި ފަށާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އައިއާރުޖީސީގެ އެއްގަމު ފައުޖުތަކުން ވަނީ ކުވައިތުގައި ހުރި އެމެރިކާގެ "ހައިމާސް" (HIMARS) ރޮކެޓް ލޯންޗަރަކާއި އޭގެ މިސައިލްތައް ސުންނާފަތިކޮށްލާފަ އެވެ.

މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަން ލިބޭ އީރާނާ ދެކޮޅު ގްރޫޕްތަކަށާއި އެމެރިކާ ސިފައިން ތިބި ބައެއް ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާ ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އެމެރިކާގެ ޚާއްސަ ފައުޖުތަކުގެ ގިނަ ބަޔަކާއި އީރާނާ ދެކޮޅު ހަނގުރާމަވެރިން "ނަރަކައަށް ފޮނުވާލާފައިވާ" ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ބަދަލުހިފުމުގެ މި އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ބުނެ އެ ބަޔާން ނިންމާލާފައިވެ އެވެ. މި ބަޔާން ނެރެފައި މިވަނީ، އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ސުލައިމާނިއްޔާ ޕްރޮވިންސް ކައިރީގައި އޮންނަ ޒަރްކްވޭޒްލާ ސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީ ވަކިވެގަންނަން އުޅޭ ގްރޫޕެއްގެ މައި މަރުކަޒަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

ޝަފަގް ނިއުސްއިން ނަން ހާމަނުކުރާ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ހަމަލާގައި އެ ގްރޫޕުގެ އަށް މެންބަރަކު ވަނީ މަރުވެފަ އެވެ.

އެ މަސްދަރުން ބުނި ގޮތުގައި، މަރުވި މީހުންގެ ހަށިތައް ފަރުބަދަތަކުގެ ހޮހަޅަތަކުގެ ތެރޭގައި ތާށިވެފައިވުމުން، ސަލާމަތްކުރާ ފަރާތްތަކަށް އެ ހަށިތައް ނެގޭގޮތް ވަނީ ނުވެފަ އެވެ. އަދި ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސް އިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގެ އެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހުގެ ކުރީކޮޅު ބުނެފައިވަނީ، މި ފަހުގެ ކުރިމަތިލުންތައް ފެށުނު ފަހުން އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ 38 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މި ހާދިސާތައް ހިނގަމުން މިދަނީ ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހަނގުރާމަ ހުއްޓާލުމަށްޓަކައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލި އެއްބަސްވުމާ ޚިލާފަށް އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ވަނީ ފަށާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނުގެ ފާލަންތަކާއި އިންޖީނުގެތައް ފަދަ މަދަނީ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އީރާނުން ވަނީ "ވަކި ގޮތެއް އަންގަންދެން" ނުވަތަ "އެމެރިކާއިން މި ސަރަހައްދަށް އަތްބޭނުން ހުއްޓާލަންދެން" ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އިޢުލާންކޮށްފަ އެވެ.

އީރާން-އެމެރިކާއައިއާރުޖީސީއުރުދުންގަތަރުހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

17 ޖުލައި 2026

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

17 ޖުލައި 2026
އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ

17 ޖުލައި 2026
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ
17 ޖުލައި 2026

ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

17 ޖުލައި 2026
ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
17 ޖުލައި 2026

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް
17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
17 ޖުލައި 2026

އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި

17 ޖުލައި 2026
އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި
17 ޖުލައި 2026

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

17 ޖުލައި 2026
ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް
17 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ

17 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ
17 ޖުލައި 2026

އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް

17 ޖުލައި 2026
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު