Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން-އެމެރިކާ

އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ

އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާއި ހަނގުރާމައާ ގުޅޭގޮތުން ކުރި ގިނަ ލަފާކުރުންތަކެއް ހަގީގަތާ ޚިލާފުވެ ފަނުފުލުން ގޮސްފައިވާކަން ވަނީ ހާމަވެފައި. މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާއި، ތެލުގެ އަގާއި، އީރާނުގެ ދާޚިލީ މަޝްރަހާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތައް ހިމެނޭއިރު، މިއީ ހަގީގީ ހާލަތު ދެނެގަތުމުގައި އެ ސަރުކާރު ފެއިލްވެފައިވާ މިންވަރު އަންގައިދޭ ކަންކަން.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 10:32
2026 ވަނަ އަހަރު ބޭއްވި ނޭޓޯގެ އިސްވެރިންގެ ސަމިޓުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

2026 ވަނަ އަހަރު ބޭއްވި ނޭޓޯގެ އިސްވެރިންގެ ސަމިޓުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް

އިރާގު ހަނގުރާމައާ ގުޅޭގޮތުން މިހާތަނަށް ބުނެފައިވާ އެންމެ މަޝްހޫރު އެއް ވާހަކައަކީ، އެ ހަނގުރާމަ ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން އޭރުގެ ނައިބު ރައީސް ޑިކް ޗޭނީ ވިދާޅުވި ވާހަކައެކެވެ. އޭނާ އުއްމީދު ކުރެއްވި ގޮތުގައި އެމެރިކާގެ ސިފައިން އެ ގައުމަށް ދިއުމުން، އިރާގުގެ ރައްޔިތުން އެމީހުން ބަލައިގަންނާނީ "މިނިވަންކޮށްދޭން އައި ބައެއްގެ" ގޮތުގަ އެވެ.

ފާއިތުވި އަހަރުތަކުގައި އެ ވާހަކަ ވެގެންދިޔައީ ހަމައެކަނި ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުން ވީ އުއްމީދުތައް ފެނަށްވީކަމުގެ ނިޝާނަކަށް އެކަންޏެއް ނޫނެވެ. އެއީ އެ ސަރުކާރުން ފެށި ހަނގުރާމައަކަށް ތައްޔާރުވުމުގައާއި، އެ ހަނގުރާމައިގެ ހަގީގަތް ދެނެގަތުމުގައި ފެއިލްވެފައިވާ މިންވަރު ހާމަކޮށްދިން ކަމެއްވެސް މެއެވެ. ހަގީގަތާ އެހާ ބޮޑަށް ޚިލާފު ކަމެއްގެ ހީއެއް އެހާ ޔަގީންކަމާއެކު އެ ސަރުކާރުން ހާމަކުރީ ކީއްވެގެން ހެއްޔެވެ؟

އީރާނު ހަނގުރާމައާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތުންވެސް މިފަދަ އެތައް މިސާލެއް ފެންނަން އެބަހުއްޓެވެ.

ފާއިތުވި ހަތަރު މަސްދުވަހާއި ބައިގެ ތެރޭގައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުން ވަރަށް ޔަގީންކަމާއެކު ކުރެއްވި ލަފާކުރުންތައް ވަނީ ވަރަށް އަވަހަށް ފަނުފުލުން ގޮސްފަ އެވެ.

ޚާއްސަކޮށް ޓްރަމްޕް އަމިއްލަފުޅަށް ފެއްޓެވި ހަނގުރާމައިގައި ކަންވަމުންދާ ގޮތާ މެދު އެމަނިކުފާނަށް ރަނގަޅަށް ފަހުމު ނުވާހެން ވެސް ގިނަ ފަހަރަށް ހީވެއެވެ. ނަމަވެސް މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަވަނީ ހަމައެކަނި ރައީސް ޓްރަމްޕެއް ނޫނެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް މިސާލުތައް ތިރީގައި އެވަނީ އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއަށް ލިބުން

ހުރްމުޒް ކަނޑުއޮޅީގެ "ބަލަދުވެރިއެއްގެ" ގޮތުގައި އެމެރިކާ ވަރަށް އަވަހަށް ހަރަކާތްތެރިވާން ފަށާނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ މުދަލުން 20 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް މިދިޔަ ހޯމަ ދުވަހު މުޅި ދުނިޔެ ސިއްސުވާލެއްވި އެވެ.

ނަމަވެސް، މިއީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމާ ގުޅޭގޮތުން މީގެ ކުރިން އެ ސަރުކާރުން ގެންގުޅުނު ސިޔާސަތާ މުޅިން ޚިލާފު ވާހަކައެކެވެ. "ކަނޑުއޮޅިން ފީ ނެގުމުގެ ނިޒާމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑުމެން އަބަދުވެސް ބުނަމުންދަން. އެއީ ހަމައެކަނި އަޅުގަނޑުމެން ބުނާ ވާހަކައެއް ނޫން، މުޅި ދުނިޔެވެސް ބުނަނީ އެހެން،" ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިދިޔަ މޭ މަހު ވިދާޅުވެފައިވެ އެވެ. އަދި އެއީ "މުޅިން ޣައިރު ގާނޫނީ" ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހު ޓްރަމްޕް ދެއްކެވި ވާހަކަތަކުން ދޭހަވީ، އެ ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އެ ސަރަހައްދުގައި ދާއިމީކޮށް ބައިތިއްބަން ޖެހިދާނެ ކަމަށެވެ.

މިކަމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ސާފެވެ. އެހެންކަމުން، ޖެހިގެން އައި ދުވަހުި ޓްރަމްޕް ވަނީ އެ ނިންމެވުން ބަދަލުކުރައްވާފަ އެވެ.

މިހާ ހަރުކަށި އަދި އަމަލީ ގޮތުން ކުރަން އުނދަގޫ ކަމެއްގެ ވާހަކަ ރައީސް ދެއްކެވުމުން ދޭހަވަނީ، ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާ މެދު އެމަނިކުފާނުގެ މައުލޫމާތު ކުޑަކަމެވެ. ސީއެންއެންއިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމަނިކުފާނުގެ މުޝީރުން ވަނީ އެ ޚިޔާލު ދޫކޮށްލެއްވުމަށް ބާރުއަޅުއްވައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ.

ހަނގުރާމަ ކުރުވާނެ

ހަނގުރާމަ ފެށުނުތާ ކުރީކޮޅު ޓްރަމްޕް ލަފާކުރެއްވީ މިއީ ވަރަށް ކުރު ހަނގުރާމައަކަށް ވާނެ ކަމަށެވެ. އަދި އެއީ "ހަތަރު ފަސް ހަފުތާގެ" ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

ހަނގުރާމައަށް ދެ މަހަށްވުރެ ގިނަ ދުވަސްވީ ފަހުން، މޭ މަހުގެ 1 ވަނަ ދުވަހުވެސް އޭނާ ވިދާޅުވީ "މާ ގިނަ ދުވަހެއް ނުވާނެ" ކަމަށެވެ.

ނަމަވެސް މިހާރު ހަތަރު މަސްދުވަހާއި ބައި ވެފައިވާއިރު، ހަނގުރާމަ ނިމޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ.

ކުރީކޮޅު ކުރި ގިނަ ލަފާކުރުންތަކަކީ ސީދާ ތާރީޚުތަކެއް ނޫން ކަމަށާއި، ޓްރަމްޕް އަމިއްލަފުޅަށް އިއުލާންކުރެއްވި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި ހަނގުރާމަ ކުރިއަށް ނުދާ ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންނަމަވެސް، އޮފިޝަލުން ކުރީކޮޅު ދެއްކެވި ވާހަކަތަކުން އެނގެނީ، ސަރުކާރުން އުއްމީދުކުރީ މުޅިން ތަފާތު ގޮތަކަށް ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ.

އީރާނުގެ ލީޑަރުން ކުއްލިއަކަށް ބުއްދިވެރި ބަޔަކަށް ވެއްޖެ

މިދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމާއެކު، ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސް ވާހަކަދެއްކެވީ އީރާނުގެ ލީޑަރުންނަށް ކުއްލިއަކަށް ހަގީގަތް ވިސްނުނީ ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ.

"އަޅުގަނޑުމެން މި މުއާމަލާތް ކުރަނީ ވަރަށް ބުއްދިވެރި ބަޔަކާ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޖޫން 16 ގައި ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާނުގެ ލީޑަރުންނަކީ "މުއާމަލާތް ކުރަން ފަސޭހަ" އަދި "ހަރުކަށި ފިކުރުގެ ބައެއް ނޫން" ކަމަށްވެސް ވިދާޅުވި އެވެ.

ސީއެންއެންގެ ޖޭކް ޓެޕަރަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، ފާއިތުވި ހަފުތާތަކުގައި ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، އީރާނުގެ ސަރުކާރުގެ އިސްވެރިންނާއި އައިއާރުޖީސީގެ އޮފިޝަލުންވެސް، އެމެރިކާއާއެކު ވޭތުވެދިޔަ 47 އަހަރު ކަންކަން ކުރި ގޮތަކީ ގޯހެއްކަން ގަބޫލުކުރަން ފެށުން ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް އަނބުރާ ގެންދަން ޖެހުނީ ވަރަށް އަވަހަށެވެ. މިދިޔަ ހަފުތާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ފަހުމުނާމާ އުވާލުމާއެކު، ޓްރަމްޕް ވަނީ އީރާނުގެ ލީޑަރުންނަކީ "މޮޔަ"، "ނުބައި"، "ބަލިމަޑުކަމެއް ފަދަ"، "މަކަރުވެރި" އަދި "ނުލަފާ" ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ޓްރަމްޕާއި ވޭންސް ކުރިން އެ ވިދާޅުވި ވާހަކަތަކަކީ ހަގީގަތުގައިވެސް ގަބޫލުކުރައްވައިގެން ވިދާޅުވި ވާހަކަތަކެއް ކަމެއް ނުވަތަ ހަމައެކަނި އެއްޗެއް ވިދާޅުވާން ވިދާޅުވީ ކަމެއް ސާފެއް ނޫނެވެ.

ކޮންމެ ގޮތެއްވިޔަސް، ގިނަ ބަޔަކު އޭރުވެސް ލަފާކުރި ފަދައިން، އެމީހުންގެ އެ ވާހަކަތަކަކީ ހަގީގަތާ ޚިލާފު މާ ފޮނި އުއްމީދުތަކެއްކަން ވަނީ ހާމަވެފަ އެވެ.

އީރާނުގެ ރައްޔިތުން ތެދުވެދާނެ

ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނަށް ފުރަތަމަ ހަމަލާދޭން ފެށިއިރު، ޓްރަމްޕް ބޮޑަށް ބުރަވީ އީރާނުގެ ރައްޔިތުން ނުކުމެ އެ ގައުމުގެ ވެރިކަން ބަދަލުކޮށްފާނެ ކަމުގެ ޚިޔާލަށެވެ.

އެރޭ ދެއްވި ބަޔާން ނިންމަވާލައްވަމުންވެސް އެމަނިކުފާނު ބޮޑަށް އަލިއަޅުއްވާލެއްވީ އެކަމަށެވެ.

"މިނިވަންކަމަށް އެދޭ އީރާނުގެ ހުރިހާ ގައުމު ދެކެ ލޯބިވާ ރައްޔިތުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އަޅުގަނޑު ގޮވާލަން. ކެރިގެން، ހިތްވަރާއެކު ނުކުމެ ތިޔަބޭފުޅުންގެ ގައުމު އަނބުރާ ހޯއްދަވާ،" ޓްރަމްޕް ވިދާޅުވި އެވެ. "އެމެރިކާ އޮތީ ތިޔަބޭފުޅުންނާއެކު. އަޅުގަނޑު ވީ ވައުދު ފުއްދައިފިން. ދެން އޮތް ބައި އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި، އެކަމަކު އެހީތެރިވާން އަޅުގަނޑުމެން ތިބޭނަން."

ނަމަވެސް ރައްޔިތުންގެ ތެދުވުމެއް ނުފެނުމުން، ޓްރަމްޕް ވަނީ ވަރަށް އަވަހަށް އެ މައުޟޫއު ދޫކޮށްލައްވާފަ އެވެ. އެއީ ދުވަހަކުވެސް އެމަނިކުފާނުގެ މަގްސަދެއް ނޫން ފަދަ ގޮތަކަށެވެ. އަދި މިއަދު އެމަނިކުފާނު ވާހަކަދައްކަވަނީ އެއީ ދުވަހަކުވެސް ވެދާނެ ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުންނެވެ.

"އެމީހުންގެ އަތުގައި ފުރިހަމައަށް ހަތިޔާރު ނެތް ނަމަ، އެފަދަ ތެދުވުމެއް ފެންނާނެ ކަމަކަށް އަޅުގަނޑު ދުވަހަކުވެސް ހީއެއް ނުކުރަން. ސަބަބަކީ އެއީ ވަރަށް އަނިޔާވެރި ބައެއް،" ހޯމަ ދުވަހު ރޭޑިއޯ ހޯސްޓް ހިއު ހެވިޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ. "އެމީހުންގެ ތިޔަ ކިޔާ ލީޑަޝިޕަކީ ވަރަށް އަނިޔާވެރި ބައެއް."

އެހެންނަމަވެސް، އެއީ ވެދާނެ ކަމެއް ކަމަށް ޓްރަމްޕް އެއް އިރެއްގައި ގަބޫލުކުރެއްވިކަން ސާފެވެ. ހަގީގަތުގައި އެއީ އޭނާ އެންމެ ބޮޑަށް ބާރުއެޅުއްވި އެއް ކަމެވެ.

ހުރްމުޒް ކަނޑުއޮޅިއަކީ މައްސަލައެއް ނޫން

އީރާނުން ބާރު ދެއްކުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، ސަރުކާރުން ފުރަތަމަ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބުނީ، އެކަން މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ހައްލުކުރަމުންދާ ކަމެއް،" ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މާޗް 13 ގައި ވިދާޅުވި އެވެ. އަދި އެކަމާ މެދު ރައްޔިތުން "ކަންބޮޑުވާން ނުޖެހޭނެ" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭގެ މަދު ދުވަސްކޮޅެއް ކުރިން، މާޗް 9 ގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި "ވަރަށް ގިނައިން ތެޔޮ ހުރުމުން"، ކަނޑުއޮޅި ބަންދުކުރުމުން "އަޅުގަނޑުމެންނަށް މާ ބޮޑު އަސަރެއް ނުކުރާނެ" ކަމަށެވެ.

"ހޯރްމޫޒް ކަނޑުއޮޅި އޮންނާނީ ރައްކާތެރިކޮށް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް އެ ކަނޑުއޮޅި ރައްކާތެރިކޮށް އޮތް ތަނެއް ނުފެނެ އެވެ. އަދި އީރާނުން ކަނޑުއޮޅި ބަންދުކުރުމުން އެހެން ގައުމުތަކަށް ކުރާ އަސަރު ބޮޑު ނަމަވެސް، އޭގެ ސަބަބުން އެމެރިކާގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މީގެ އިތުރުން، މިއީ ޓްރަމްޕްގެ މައްޗަށް ބާރު ފޯރުވުމަށް އީރާނަށް ލިބުނު ބޮޑު ފުރުސަތަކަށްވެސް ވަނީ ވެފަ އެވެ.

ޕެޓްރޯލްގެ އަގު 3 ޑޮލަރަށްވުރެ ދަށަށް ދާނެ

ކަނޑުއޮޅީގެ މައްސަލައިގައި ގެންގުޅުނު ވިސްނުމެއް ނެތް ސިޔާސަތާ ގުޅިގެން، ޕެޓްރޯލްގެ އަގާ މެދުވެސް ސަރުކާރުން ވަނީ ކުށް ހީތަކެއް ފަތުރާފަ އެވެ.

މާޗް 8 ވަނަ ދުވަހު ޓެޕަރަށް ދެއްވި އިންޓަވިއުއެއްގައި އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ، "މާ ގިނަ ދުވަސްތަކެއް ނުވެ" ޕެޓްރޯލް ލީޓަރެއްގެ އަގު 3 ޑޮލަރަށްވުރެ ދަށަށް ދާނެ ކަމަށެވެ.

އެއީ ސީދާ ކޮން އިރަކުތޯ ސުވާލުކުރުމުން ރައިޓް ވިދާޅުވީ، "އެންމެ ގޯސް ހާލަތުގައިވެސް" އެކަމަށް ނަގާނީ "މަސްތަކެއް" ނޫން ކަމަށާއި، އެއީ "ހަފުތާތަކެއްގެ" ކަމެއް ކަމަށެވެ.

ނަމަވެސް ކަންތައް ވީ ރައިޓް ވިދާޅުވި އެންމެ ގޯސް ހާލަތަށްވުރެ ވެސް ގޯސްކޮށެވެ. ހަތަރު މަހަށްވުރެ ގިނަ ދުވަސް ވީއިރުވެސް ޕެޓްރޯލްގެ އަގު 3 ޑޮލަރަށްވުރެ ދަށަކަށް ނުދެ އެވެ. އެމެރިކާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖް އަގު 3.70 ޑޮލަރަށްވުރެ ދަށަކަށް ނުދެ އެވެ. އަދި ހަނގުރާމަ އަލުން ވަރުގަދަވުމާއެކު އަގުތައް މިހާރު ދަނީ އަނެއްކާވެސް މައްޗަށެވެ.

މި ގޯސް ލަފާކުރުމުން އެނގެނީ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން އީރާނަށް ދެވޭނެ ގެއްލުމުގެ މިންވަރު ސަރުކާރަށް އެއްވެސް ވަރަކަށް އަންދާޒާ ކުރެވިފައި ނެތް ކަމެވެ.

އީރާނުން އޮތީ އެއްބަސްވުމަކަށް ކެތްމަދުވެފައި

ތެހެރާނުން އެއްބަސްވުމަކަށް "އާދޭސްކުރަމުން"ދާ ކަމަށާއި، އެމީހުން ތިބީ އެއްބަސްވުމަކަށް "މަރުދޭ" ވަރަށް ބޭނުންވެފައި ކަމަށް ޓްރަމްޕް އެތައް ފަހަރަކު ވިދާޅުވެފައިވެ އެވެ.

އަދި އެއްބަސްވުމަކާ ހަމައަށް ދެވެން އޮތީ ވަރަށް ކައިރީގައި ކަމަށްވެސް އޭނާ ތަކުރާރުކޮށް ލަފާކުރެއްވި އެވެ.

ނަމަވެސް ފާއިތުވި ތިން މަސްދުވަހުގެ ހާދިސާތަކުން ފެނުނީ މީގެ އިދިކޮޅެވެ. އީރާނުން ބޮޑެތި ދޫތަކެއް ހޯދުމަށް ހިފަހައްޓަމުން ދިއުމުގެ އިތުރުން، މިދިޔަ މަހުގެ ފަހުމުނާމާގައި ހުރި އެ ގައުމަށް ފައިދާހުރި މާއްދާތަކަށްވެސް އީރާނުން ވަނީ ފުރަގަސްދީފަ އެވެ.

މިއީ ޓްރަމްޕްގެ އަމިއްލަ އުއްމީދުތަކެއް ނުވަތަ ކަންކަން އޮޅުވާލުމަށް ދެއްކެވި ވާހަކަތަކަކަށް ވެދާނެއެވެ. ނަމަވެސް މީގެން ދޭހަވަނީ އިދިކޮޅު ފަރާތުގެ މަގްސަދުތައް ދެނެގަތުމުގައި އެމަނިކުފާނު ނުކުޅެދިފައިވާ ކަމެވެ.

އީރާނުގެ ވައިގެ ސަރަހައްދު އޮތީ އެމެރިކާގެ ބާރުގެ ދަށުގައި

ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން ޓްރަމްޕާއި ހެގްސެތު ވިދާޅުވަމުން ދިޔައީ، އީރާނުގެ އަސްކަރިއްޔާ ބަލިކޮށްލާފައިވާ މިންވަރުން، އެއްވެސް ނުރައްކަލެއް ނެތި އެމެރިކާގެ ބޯޓުފަހަރަށް އީރާނުގެ ކޮންމެ ސަރަހައްދެއްގައިވެސް އުދުހެވޭނެ ކަމަށެވެ.

މާޗް 4 ވަނަ ދުވަހުގެ ބްރީފިންއެއްގައި ހެގްސެތު ވިދާޅުވީ، އެއް ހަފުތާގެ ތެރޭގައި އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއާއި އިސްރާއީލަށް ލިބޭނެ ކަމަށެވެ.

"އަދި އެކަމާ ބެހޭގޮތުން އީރާނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ހެގްސެތު ވިދާޅުވި އެވެ.

އޭގެ ފަހުން އައި ހަފުތާތަކުގައި ޓްރަމްޕްވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ. "އެމީހުންގެ އަތުގައި ވައިގެ ހަމަލާތަކުން ދިފާއުވާނެ އެއްވެސް ސާމާނެއް ނެތް. އެމީހުންގެ ރާޑަރުތައް ވަނީ ސައްތަ އިންސައްތަ ސުންނާފަތިކޮށްލާފައި. އަސްކަރީ ބާރެއްގެ ގޮތުގައި އަޅުގަނޑުމެން ހުއްޓުވޭނެ އެއްވެސް ފަރާތެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް އޭޕްރީލް މަހުގެ ކުރީކޮޅު އީރާނުން ވަނީ އެމެރިކާގެ ދެ މަތިންދާބޯޓު ވައްޓާލާފަ އެވެ.

އީރާން-އެމެރިކާ

އިތުރަށް ކިޔާލަން

11 ޖުލައި 2026

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ

އީރާނުގެ ކުރީގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމަކީ ގައުމީ ވާޖިބެއް ކަމަށް އެ ގައުމުގެ އާ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް އިސްރާއީލުން ތުހުމަތުކުރާއިރު، މުޖުތަބާ އަދިވެސް ހުންނެވީ އާންމުންނަށް ފެނިވަޑައިނުގެން ސިއްރުވެރި ހާލަތެއްގައެވެ. އެހެންކަމުން މި އިންޒާރާއެކު ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

11 ޖުލައި 2026
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާގެ މަރަށް ބަދަލުހިފުމަކީ "ގައުމީ ވާޖިބެއް" ކަމަށާއި، އެކަން "ލަސްނުވެ ހިނގާނެ" ކަމަށް މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ
10 ޖުލައި 2026

އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟

އީރާނުގެ ނިއުކްލިއާ ގާބިލުކަން ނައްތާލެވިފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ކާމިޔާބުވިކަން އިއުލާން ކުރެއްވި ނަމަވެސް، އޭނާގެ ވާހަކަފުޅުތަކުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި. ހަނގުރާމައިގެ އަސްލު މަގްސަދުތައް ހާސިލުނުވެ، އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލައިގެން ހަނގުރާމައިން ރެކިވަޑައިގަތުމަށް.

10 ޖުލައި 2026
އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟
09 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

އެމެރިކާއިން އީރާނުގެ ރޭލުވޭގެ އުމްރާނީ ވަސީލަތްތަކަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި. މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރޭލު ދަތުރުތައް ހުއްޓުމުގެ ސަބަބުން ހާލުގައި ޖެހުނު ފަސިންޖަރުން އުފުލުމަށް ބަހުގެ ޚިދުމަތް މިހާރު ވަނީ އިންތިޒާމުކޮށްފައި.

09 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ
09 ޖުލައި 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި. ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ މެދު ދެ ގައުމުގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާއިރު، އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފައިވާތީ އެއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައި.

09 ޖުލައި 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފި
06 ޖުލައި 2026

އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނޭއީ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އެއްބަސްވެވަޑައިގެންފި. ކަޓްޒް ވިދާޅުވި ގޮތުގައި ޚާމަނާއީ ނައްތާލީ އިސްރާއީލު ސުންނާފަތިކޮށްލަން އޭނާ ރާވަމުންދިޔަ ރޭވުންތަކާ ގުޅިގެން ކަމަށާއި، އެމެރިކާއާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ. އިސްރާއީލަށް ނުރައްކާކުރާ ކޮންމެ ލީޑަރެއްގެ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައި.

06 ޖުލައި 2026
އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު