ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
މިއީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ގައުމީ ދުވަހުގެ މުނާސަބަތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް

ސީޝެލްސް ކޯސްޓްގާޑް ބޭހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ގައުމުގެ ޑިފެންސް ފޯސް (އެސް.ޑީ.އެފް) އަށް ބޭނުންވާ ފާސްޓް ޕެޓްރޯލް ވެސެލް "ލެސްޕްވާ" އާއި، އެމްބިއުލަންސްތަކުގެ އިތުރުން ޔުޓިލިޓީ ވެހިކަލްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. ޕެޓްރިކް ހާމިނީއާއެކު މޯދީ ބައިވެރިވެވަޑައިގަންނަވަނީ. | އެކްސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި އާދީއްތަ ދުވަހު ތަގުރީރު ކުރައްވައިފި އެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރަކު ސީޝެލްސްގެ ގައުމީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ތަގުރީރުގައި ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާ ކަނޑަކީ ދެ ގައުމު ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި ސިފަކުރައްވައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ދުނިޔޭގެ އިދާރީ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކުގެ މައްޗަށް ބިނާވެފައިވާ ފުޅާ ތަސައްވުރެއް ހުށަހަޅުއްވާފަ އެވެ.
ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ގައުމީ ދުވަހުގެ މުނާސަބަތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެއްވި މި ތަގުރީރަކީ، 2014 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭރު ގައުމެއްގެ ގާނޫނު ހަދާ މަޖިލީސްތަކުގައި މޯދީ ތަގުރީރު ކުރެއްވި 20 ވަނަ ފަހަރެވެ.
މިއީ ދެކުނު އޭޝިއާއާއި، އެފްރިކާއާއި، ޔޫރަޕް އަދި އެމެރިކާ ބައްރުގެ ގައުމުތަކާއެކު އިންޑިއާއިން ބާއްވާ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ތަގުރީރު ފައްޓަވަމުން ބޮޑުވަޒީރު މޯދީ ވަނީ، ތިމާވެއްޓާ ރައްޓެހި ލީޑަރެއްގެ ގޮތުގައި ކުރައްވާ މަސައްކަތްޕުޅާއި "ބްލޫ އިކޮނޮމީ" ނުވަތަ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ އަގުވަޒަންކޮށް، އެ ދުވަހުގެ ކުރީކޮޅު އެމަނިކުފާނަށް އެރުވި "ގާޑިއަން އޮފް ދަ ބްލޫ ހޮރައިޒަން" ޝަރަފަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
ބޮޑުވަޒީރު މޯދީ ވަނީ 2018 ވަނަ އަހަރު ޔުގެންޑާގެ މަޖިލީހުގައާއި، 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގަ އާއި، 2024 ވަނަ އަހަރު ގަޔާނާގެ މަޖިލީހުގައި ތަގުރީރު ކުރައްވާފަ އެވެ. މި ސިލްސިލާ ކުރިއަށް ގޮސް، 2025 ވަނަ އަހަރު ގާނާ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަދި ނެމީބިއާގެ ގައުމީ މަޖިލިސްތަކުގައި އެމަނިކުފާނު ތަގުރީރު ކުރެއްވި އެވެ.
ސީޝެލްސްގެ އަށްވަނަ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ދެއްވި މި ތަގުރީރާއެކު، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
މޯދީގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ކޯސްޓް ގާޑަށް ހަލުވި ޕެޓްރޯލް އުޅަނދެއް ވަނީ ހަދިޔާ ކުރައްވާފައެވެ. އޭގެ އިތުރުން އެމްބިއުލާންސް އާއި އިތުރު އެއްގަމު އުޅަނދުވެސް ހަދިޔާ ކުރެއްވި އެވެ.





