އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު
އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ބަދަލުހިފުމަށް އީރާނުގެ އެކި ސަރަހައްދުތަކަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން އާންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އީރާނުން ވަނީ ކުވެއިތުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފައި. މި ކުރިމަތިލުންތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ނުތަނަވަސްވެ، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައި.
އުރުދުންގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ސިފައިން މަރުވި ހާދިސާއާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދެނީ | ސްކްރީން އިމޭޖް
އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލި، އަދި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަށް "އަވަސް އަދަބެއް ދިނުމަށް" އީރާނަށް އާ ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނެފި އެވެ.
އީރާނުގެ ސެމީ-އޮފިޝަލް މީޑިއާތައް ކަމަށްވާ މެހެރް އަދި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނަށް ވައިގެ މަގުން ހަމަލާދޭތާ ޖެހިޖެހިގެން އަށްވަނަ ރޭ، އީރާނުގެ ހުރްމުޒްގާން ޕްރޮވިންސްގެ ސިރީކް ކައިރީގައިވާ ސަރަހައްދަކަށާއި ގޭޝްމް އައިލެންޑަށް ވަނީ ހަމަލާދީފަ އެވެ.
އީރާނުގެ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތައް ދީފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އެގޮތުން އެ ގައުމުގެ ގަޑިން މެންދަމުން އަލިވެ 1:30 (ޖީ.އެމް.ޓީ އިން ހޮނިހިރު ދުވަހުގެ 22:00) ގައި ސިރީކަށް ހަމަލާދީފައިވާއިރު، ގޭޝްމް އައިލެންޑަށް ހަމަލާދީފައިވަނީ ފަތިހު 3:38 (ޖީ.އެމް.ޓީ އިން އާދީއްތަ ދުވަހުގެ 00:08) ގަ އެވެ. އަދި ހަމަ އެ ރަށަށް ހެނދުނު 6:10 (ޖީ.އެމް.ޓީ އިން 02:40) ގައި ދެވަނަ ހަމަލާއެއް ދީފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން، އީރާނުގެ ހޫޒެސްތާން ޕްރޮވިންސްގެ ޝަދެގާން ކައިރީގައިވާ ސަރަހައްދަކަށް އާދީއްތަ ދުވަހުގެ ފަތިހު 5:55 (ޖީ.އެމް.ޓީ އިން 02:25) ގައި އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވެއެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި، އާންމުން ދިރިއުޅޭ ތަންތަނަށާއި ވިޔަފާރި ކުރާ އިމާރާތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ދިން އާ ހަމަލާތަކަކީ "ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށް އީރާނުން ދެމުންދާ އިންޒާރުތައް ހުއްޓުވައި، އެ ގައުމުގެ ގާބިލުކަން ކުޑަކުރުމަށް" ދިން ހަމަލާތަކެއް ކަމަށެވެ.
މީގެ އިތުރުން، މި ހަމަލާތަކަކީ މިދިޔަ ހުކުރު ދުވަހު އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްއަކަށް އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފަހުން ހާމަކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އައްސޭރިފަށުގެ އަސްކަރީ މޮނިޓަރިން ނިޒާމުތަކަށާއި، ވައިގެ ދިފާއީ ވަސީލަތްތަކަށާއި، ކަނޑުގެ އަސްކަރީ ގާބިލުކަމުގެ އިތުރުން މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކަށެވެ.
ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ 16 ސިފައިން މަރުވެ، 430 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އީރާނުގެ ގޮމް، އަރަކް އަދި ބެހްބަހާންގައި ގޮވުންތަކެއް ގޮވި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ބުނި ނަމަވެސް، އެ ސަރަހައްދުތަކުގެ ކަމާބެހޭ އިދާރާތަކުން ފަހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އަރަކްގެ ގަވަރުނަރު ވިދާޅުވީ "ހާލަތު އޮތީ މުޅިން އާންމު ހާލަތެއްގައި" ކަމަށާއި، މިހާތަނަށް އެއްވެސް ހަމަލާއެއް ނުވަތަ ގޮވުމެއްގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.
އީރާނުގެ ރައްދު ހަމަލާތައް
ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އަސްކަރިއްޔާއިން ވަނީ ކުވެއިތުގައި ހުރި އެމެރިކާގެ ދެ ބޭސްއަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
އުރުދުންގެ މުވައްފަގު އެއަރ ބޭސް އަށް އީރާނުން ދިން ހަމަލާގެ މަންޒަރެއް
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ދުޝްމަނުން ތަކުރާރުކޮށް ދެމުންދާ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން"، ކުވެއިތުގައި ހުންނަ އަލް-އަދީރީ ކޭމްޕުގައި ހުރި އެމެރިކާގެ ހަތިޔާރު ގުދަނަކަށާއި، އަލީ އަލް ސާލިމް ބޭސްގައި ހުރި ޕެޓްރިއަޓް ރޭޑާ އަދި އެއާ ރޭޑާ ސިސްޓަމަށް ހަމަލާދީފައިވާ ކަމަށެވެ.
"ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅުތަކެއް"
އެމެރިކާގެ އެންމެ ފަހުގެ ހަމަލާތައް ފެށުމުގެ ކުރިން، އީރާނުގެ އެންމެ މަތީ ލީޑަރު ވަނީ އެމެރިކާއިން އީރާނަށް ހަމަލާދިނުން ހުއްޓާނުލާނަމަ "ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅުތަކެއް" ދޭނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.
ފުރަތަމަ މި ކުރިމަތިލުންތައް އަމާޒުވެފައި އޮތީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށެވެ. ނަމަވެސް އެމެރިކާގެ ހަމަލާތައް މިހާރު ވަނީ ފުޅާވެ، ބްރިޖުތަކާއި ބޯފެން އުފައްދާ ޑީސެލިނޭޝަން ޕްލާންޓްތައް ފަދަ އާންމު އުމްރާނީ ވަސީލަތްތަކަށްވެސް އަމާޒުވާން ފަށާފަ އެވެ.
ދައުލަތުގެ ނިއުސް އެޖެންސީ އިރްނާ އިން ބުނި ގޮތުގައި، ބޮންޖީ ޑީސެލިނޭޝަން ޕްލާންޓް ހަލާކުކޮށްލުމުގެ ސަބަބުން ގާތްގަނޑަކަށް 10،000 މީހުންނަށް ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ. އަދި ކަނޑުއޮޅީގެ ތެރޭގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު ރަށެއް ކަމަށްވާ ގޭޝްމް އައިލެންޑްގައި ހުރި ޑީސެލިނޭޝަން ޕްލާންޓަކަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ދައުލަތުގެ ޓީވީގައި ވިދާޅުވީ، އެމެރިކާއިން ވަގުތީ އެއްބަސްވުމުގެ އުސޫލުތަކާ ޚިލާފުވަމުންދާ ކަމަށާއި، މިހާރު އެ އެއްބަސްވުމަށް އަމަލުނުކުރާ ކަމަށެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން 50 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ، އިންޑިއާގައި ހުންނަ އީރާނުގެ އެމްބަސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އީރާނުގެ ދެކުނުގެ ބަންދަރު ޚަމީރަށް އެމެރިކާއިން ދިން ހަމަލާގައި މަރުވި ހަތް މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެން ކުދިން ކަމަށްވާ ސޮގަންދު ދަރުދުމަންދު އަދި ފާތިމަތު ޒަހްރާ އަކްބަރީގެ ނަން ހާމަކޮށްފަ އެވެ.
ތެހެރާނުން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ތައުހީދު އަސަދީ ބުނީ، ވޭތުވެދިޔަ އަށް ރޭ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.
"މި ކުރިމަތިލުންތައް ކުރިއަށްދާނީ ކިހާ ދުވަހަކަށް ކަމެއް، ނުވަތަ މިކަން ނިމޭނީ ކޮން އިރަކު ކަމެއް ރައްޔިތުންނަކަށް ނޭނގޭ. އަދި މި ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ހޯދުމަށް ޑިޕްލޮމެޓިކް މަގަކުން މަސައްކަތް ކުރެވިދާނެތޯވެސް މިއީ ރައްޔިތުން އުފައްދާ ސުވާލެއް،" އޭނާ ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ, އޭއެފްޕީ










