ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި
އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާތަކާ ގުޅިގެން، ބަހްރައިނާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި ޑްރޯނާއި މިސައިލް ބޭނުންކޮށްފައިވާއިރު، އެމެރިކާއިން އުދުވާންތައް ހުއްޓާނުލާނަމަ އެ ގައުމުގެ އިގްތިސާދީ އަދި ޓެކްނޮލޮޖީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ދީފައި.
ފަހުގެ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވާ "ހާޖް ގާސިމް" ބެލިސްޓިކް މިސައިލްގެ ވޯހެޑް ނުވަތަ ގޮވާބައި ފަރުމާކޮށްފައިވަނީ، އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވަކިވާ ގޮތަށެވެ. މިގޮތަށް މިސައިލްގެ ވޯހެޑް ވަކިވުމުގެ ސަބަބުން، ދުޝްމަނުންގެ ރާޑާރުތަކަށް މިސައިލް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވޭ | އޮސިންޓްވޯފެއަރ
އެމެރިކާއިން ހިންގާ އުދުވާންތަކަށް ރައްދުދިނުމުގެ ގޮތުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ފުޅާކޮށް، ސަރަހައްދުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ސިނާއީ، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ދީފި އެވެ.
ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އައި.އާރު.ޖީ.ސީ އިން ހަނދާންކޮށްދީފައިވަނީ، "ނިރުބަވެރި އަދި އަނިޔާވެރި އެމެރިކާގެ އަސްކަރިއްޔާއިން ރޭގެ ވަގުތެއްގައި އަނެއްކާވެސް ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެ، އީރާނުގެ ބައެއް ފާލަންތަކަށް ހަމަލާދީ، އާންމުންގެ ބަޔަކު މަރާލައި ގިނަ ބަޔަކު ޒަޚަމްކޮށްލާފައިވާ" ކަމަށެވެ.
މީގެ ރައްދުގައި، އައި.އާރު.ޖީ.ސީ އިން ކުރިއަށްގެންދާ "އޮޕަރޭޝަން ނަޞްރު-2" ގެ 17 ވަނަ ފިޔަވަހީގެ ދަށުން، ބަހުރައިން ގައި ހުރި އެމެރިކާގެ މީހުންނާ ނުލައި ދުއްވާ އުޅަނދުތައް (ޔޫ.އެސް.ވީ) ރައްކާކުރާ ގުދަނެއް ހަލާކުކޮށްލާފައިވާ ކަމަށާއި، އޭގެ ސަބަބުން ގިނަ އަދަދެއްގެ އުޅަނދުތަކުގައި އަލިފާން ރޯވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އީރާނުގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް އެމެރިކާއިން އެހީތެރިކަން ހޯދާ ބަހްރައިންގެ މައި އާޓިފިޝަލް އިންޓެލިޖެންސް ސެންޓަރަށް، ބެލިސްޓިކް މިސައިލާއި 12 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއްގައި އެ ތަން ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.
އެމެރިކާއިން އީރާނުގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުން ހުއްޓާނުލާނަމަ، އެމެރިކާއާ ގުޅުންހުރި އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އައި.އާރު.ޖީ.ސީ އިން ވަނީ ދީފަ އެވެ.
"ކުޑަކުދިން މަރާ އެމެރިކާގެ ސަރުކާރަށް އެނގެންޖެހޭނެ ކަމަކީ، ފާލަންތަކާއި ދަތުރުފަތުރުގެ ނިޒާމަށް ހަމަލާދިނުން ކުރިއަށްގެންދާނަމަ، މާތްﷲގެ އިރާދަފުޅާއެކު މިއަދުން ފެށިގެން، މި ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ އެންމެ މުހިންމު ސިނާއީ، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް އަހަރެމެން ހަލާކުކޮށްލާނެކަން،" އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ. "އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހާ ގައުމުތަކެއްގައި ހުރި އެމެރިކާ ކުންފުނިތަކުގެ އަގުބޮޑު މުދާތައްވެސް ބިމާ ހަމަކޮށްލާނަން."
މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ސަރަހައްދުގެ ހުރިހާ ގައުމުތަކަކީވެސް، އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ވޮޝިންޓަނުން ހިންގާ ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވާ ގައުމުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޮޕަރޭޝަން "ވިދުވަރު" ގެ ތެރެއިން ކްރޫޒް މިސައިލް ހަމަލާއެއް ދީފި ކަމަށް އަސްކަރިއްޔާއިން ބުނުން
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، "އޮޕަރޭޝަން ސާއިގާ" (ވިދުވަރު) ގެ 13 ވަނަ ފިޔަވަހީގެ ދަށުން، އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ "އިސްތިއުމާރީ އެމެރިކާގެ ދުޝްމަނުންގެ" އުޅަނދަކަށް އަމާޒުކޮށް، އެއްގަމުން ކަނޑަށް ފޮނުވާލާ ކްރޫޒް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ.
އަސްކަރިއްޔާއިން އިތުރަށް ބުނި ގޮތުގައި، މި މިސައިލް ހަމަލާއާ ގުޅިގެން، ދުޝްމަނުންގެ އުޅަނދަށް ވަނީ އީރާނުގެ ހިތްވަރުގަދަ ފަހުލަވާނުންގެ ހަމަލާތައް އަމާޒުވާ ދާއިރާއިން ބޭރަށް ދިއުމަށް މަޖުބޫރުވެފަ އެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން، އަސްކަރިއްޔާއިން ވަނީ އެ އޮޕަރޭޝަންގެ 14 ވަނަ ފިޔަވަހި ކުރިއަށްގެންގޮސްފައިވާކަން އިއުލާންކޮށްފަ އެވެ. މި ފިޔަވަހީގައި ކުވޭތުގައި ހުރި ކޭމްޕް އަލް-އަދީރީގައިވާ އެމެރިކާގެ އަސްކަރީ ގުދަނަކަށާއި، އަލީ އަލް-ސާލިމް އެއާބޭސްގައި ހުރި ހެޑްކުއާޓާސް އިމާރާތްތަކާއި، ހަތިޔާރު ރައްކާކުރާ ތަންތަނުގެ އިތުރުން އެ ތަންތަން ގުޅުވައިދޭ ފާލަންތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ރައްދު ހަމަލާތަކުގައި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކޭމްޕް އަލް-އަދީރީއަކީ އެމެރިކާ ސިފައިންގެ ލޮޖިސްޓިކް ސަޕޯޓާއި ސިފައިން އަލުން ތަރުތީބުކުރުމަށް ބޭނުންކުރާ މައި މަރުކަޒެއް ކަމަށާއި، އަލީ އަލް-ސާލިމް އެއާބޭސްއަކީ ފާރިސީ ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާގެ ވައިގެ އޮޕަރޭޝަންތައް ވިލަރެސްކުރާ އެންމެ ބޮޑު އެއް މަރުކަޒު ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާގެ ޑްރޯންތަކުން ވަނީ އުރުދުންގައި ހުރި އަލް-އަޒްރަގް އެއާބޭސްގައި ހުރި އެމެރިކާ އަސްކަރިއްޔާގެ ތެޔޮ ރައްކާކުރާ ތަންތަނަށްވެސް ހަމަލާދީފަ އެވެ.
އެމެރިކާގެ ނުރައްކާތެރި އަދި ގެއްލުންދެނިވި އުދުވާންތައް
ހުކުރު ދުވަހު ހުރްމުޒްގާންގެ ގަވަރުނަރުގެ އޮފީހުން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ދެކުނު ޕްރޮވިންސެއް ކަމަށްވާ ހުރްމުޒްގާންގެ އެކި ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ބަންދަރު އައްބާސް ސިޓީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގެ އިތުރުން، ފާލަންތަކާއި ޝަހީދު މިރްޒާއީ ޓަނަލް ފަދަ މުހިންމު ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ ހިމެނެ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އެ ޕްރޮވިންސްގެ ޖާސްކް ކައުންޓީގެ ބުންޖީ އަވަށުގެ ފާލަމުގައި ހުރި ކަރަންޓު ވަސީލަތްތަކަށާއި ފެން ސާފުކުރާ ޕަންޕުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން، އެ ކައުންޓީގެ ހުޅަނގު ސަރަހައްދުގެ ބައެއް އަވަށްތަކުން ބޯފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ.
ހުރްމުޒްގާންގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި މިހާތަނަށް ތިން މީހަކު މަރުވެ، އަށް މީހަކު ވަނީ ޒަޚަމްވެފަ އެވެ. އަދި ހަމަލާތަކަށްފަހު ވަގުތުން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޔަޒްދު ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށްވެސް ހަމަލާދީފައިވާއިރު، ދެކުނު އީރާނުގެ ޚޫޒިސްތާންގެ އޮމިދިޔާގެ ރައްޔިތުންނަށް ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭޕްރިލް 7 ވަނަ ދުވަހު އީރާނާ ދެކުނަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އަމިއްލަފުޅަށް ހަނގުރާމަ ހުއްޓާލުމުގެ އިއުލާނެއް ކުރެއްވި ނަމަވެސް، އެމެރިކާއިން ދަނީ އީރާނުގެ ސަރަހައްދުތަކަށް ގިނަގުނަ އުދުވާންތައް ހިންގަމުންނެވެ.
ޕާކިސްތާން މެދުވެރިވެގެން ވޮޝިންޓަނާއި ތެހެރާނާ ދެމެދު މިދިޔަ މަހު ސޮއިކުރި ފަހުމުނާމާގައި، ހުރިހާ ދިމާލަކުން އުދުވާންތައް ހުއްޓާލުމަށް ފުރަތަމަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް، އެމެރިކާއިން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ގާނޫނީ ގޮތުން ދަތުރުކުރުމަށް އީރާނުން ކަނޑައަޅާފައިވާ މަގު ނޫން އެހެން މަގުތަކުން، ގަވާއިދާ ޚިލާފަށް އުޅަނދުތައް ދަތުރުކުރުވުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނުގެ ހަތިޔާރު އެޅި ސިފަައިން ދަނީ މިފަދަ ކޮންމެ އުދުވާނަކަށް، ޚާއްސަކޮށް ހުރްމުޒް ކަނޑުއޮޅީގައި ހިންގާ ގަވާއިދާ ޚިލާފު ހަރަކާތްތަކަށް، ފަސްޖެހުމެއް ނެތް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.










