އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!
ސަރަހައްދީ ކަނޑުގެ ސަރަހައްދުތަކުގައިވާ އެމެރިކާގެ އަސްކަރީ އުޅަނދުތައް އީރާނުގެ ފުރިހަމަ ސާވޭލަންސްގެ ދަށުގައިވާ ކަމަށް ބުނެ، އައި.އާރު.ޖީ.ސީ އިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި. އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަވެފައިވާ ކަމަށް އެމެރިކާއިން ބުނާ ބުނުން ދޮގުކޮށް، އެ ގައުމުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ކޮންމެ ވަގުތަކުވެސް ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ކޮށްފައި

އެމެރިކާގެ ޓެރަރިސްޓް ސިފައިންގެ ހަރަކާތްތަކާއި، އެމީހުން ބޭނުންކުރާ ހަތިޔާރާއި ވަސީލަތްތައް، އީރާނުގެ ކަނޑުގެ ސިފައިންގެ ޔުނިޓުތަކުން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާކަމަށް އެ ގައުމުން ބުނުމާއެކު ހާމަކުރި ފޮޓޯ | އައިއާރުޖީސީ
ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ހުރިހާ އުޅަނދުފަހަރާއި ވަސީލަތްތައް އީރާނުގެ ކަނޑުގެ ސިފައިންގެ ވަރަށް ގާތުން ބަލާ މޮނިޓަރ ކުރަމުން ގެންދާ ކަމަށް އެ ގައުމުން ބުނެފި އެވެ. އަދި އެމެރިކާގެ ސިފައިން މިހާރު ދަތުރުކުރަމުން ދަނީ އީރާނުން ދީފާނެ ވަރުގަދަ ހަމަލާއެއްގެ "ޒީރޯ އަވާ" ނުވަތަ ހަމަލާ ފަށާ ވަގުތާ ގާތަށް ކަމަށް ބުނެ އީރާނުން ވަނީ އިންޒާރު ދީފަ އެވެ.
އީރާނުން ގެންދަނީ އެމެރިކާގެ ވަސީލަތްތަކާއި ސިފައިން ގާތުން މޮނިޓަރ ކުރަމުން ކަަމަށް ވަނީ ބުނެފައި
އީރާނުގެ މަދަނީ ތަންތަނަށް އެމެރިކާއިން ދިން ހަމަލާތަކާއި، އޭގެ ބަދަލުހިފުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، ޕާޝިއަން ގަލްފްގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިން މި އިންޒާރު ނެރުނީ ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ.
އެމެރިކާގެ ކަނޑުގެ އުޅަނދުފަހަރު އީރާނުގެ ބެލުމުގެ ދަށުގައިވާކަން ހާމަކޮށްދޭ ފޮޓޯއަކާއެކު ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ، "ޓެރަރިސްޓް އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަރަކާތްތަކާއި ވަސީލަތްތައް އީރާނުގެ ކަނޑުގެ ސިފައިން ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ" ކަމަށެވެ.
އައި.އާރު.ޖީ.ސީ އިން އިތުރަށް ބުނެފައިވަނީ، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުތަކުގައިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކަނޑުގެ ސިފައިންގެ ޔުނިޓްތަކާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ސިފައިން ހިންގާނެ އޮޕަރޭޝަންގެ "ޒީރޯ އަވާ" އާ ކޮންމެ ސިކުންތަކު އެމެރިކާ ސިފައިން ގާތްވަމުންދާ ކަމަށެވެ.
މި އޮޕަރޭޝަންގެ ބާވަތާއި ނުވަތަ ހަމަލާދޭނެ ވަގުތަކާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް އައި.އާރު.ޖީ.ސީ ގެ ކަނޑުގެ ސިފައިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ކުރު އިންޒާރެއް ދެމުން ބުނެފައިވަނީ "އެކަމަށް އިންތިޒާރު ކުރާށެވެ."
އައި.އާރު.ޖީ.ސީ އިން މި ބަޔާން ނެރެފައި މިވަނީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދޭން ފެށި އަސްކަރީ ހަމަލާތަކުގައި އީރާނުގެ ކަނޑުގެ ސިފައިންގެ ގާބިލުކަމާއި، އުމްރާނީ ވަސީލަތްތަކާއި، އުޅަނދުފަހަރުގެ އިތުރުން އަސްކަރީ ހަރުމުދާތައް މުޅިން ހަލާކުކޮށްލާފައިވާ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ކަނޑުގެ ސިފައިން އަދިވެސް ފުރިހަމައަށް ހަރަކާތްތެރިވަމުންދާ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ހިމެނޭ ގޮތަށް އެ ސަރަހައްދުގެ ކަނޑުގެ މަގުތައް މޮނިޓަރުކޮށް ޕެޓްރޯލް ކުރަމުންދާކަން ފާހަގަކޮށް، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމެރިކާގެ ދައުވާތައް ދޮގުކޮށްފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ ހަމަލާތަކާއެކުވެސް އީރާނުގެ އަސްކަރީ ގާބިލުކަން، ހާއްސަކޮށް ކަނޑުގެ ސިފައިންނާއި އައި.އާރު.ޖީ.ސީ ގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އެއްވެސް އުނިކަމެއް ނެތި ދެމިއޮތް ކަމަށް ތެހެރާނުން ވަނީ އިއުލާނުކޮށްފަ އެވެ.










