ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ސަލާމަތީ އިންޒާރެއް ސްޓޭޓް ޑިޕާޓްމަންޓުން ނެރެފި
އީރާނާއި އެމެރިކާގެ އަސްކަރީ ކުރިމަތިލުންތައް ވަރުގަދަވެ، ދެ ފަރާތުން ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވަމުންދާތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް އީރާނުން ހަމަލާދީފާނެ ކަމުގެ ބިރު އޮތުމާއެކު، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެމެރިކާގެ ރައްޔިތުން ސަލާމަތީ ގޮތުން އިތުރަށް ސަމާލުވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޒާރު ނެރެފައި

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ހަނދާނުގައި ބޭއްވި ތައުޒިޔާގެ ރަސްމިއްޔާތެއްގައި ބައިވެރިވި މީހުން ތިބީ އެކި ކަހަލަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން. | ގެޓީ އިމޭޖަސް
އީރާނާއެކު އެމެރިކާއިން އަލުން ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަވެދާނެ ކަމުގެ ބިރު އޮތުމާއެކު، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެމެރިކާގެ ރައްޔިތުން ސަލާމަތީ ގޮތުން އިތުރަށް ސަމާލުވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދުނިޔޭގެ ފެންވަރުގެ ސަލާމަތީ އިންޒާރެއް ނެރެފި އެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާތީ، ސަލާމަތީ މާހައުލު އޮތީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައި ކަމަށާއި، ނުވިސްނާ ހުއްޓާ ހަމަލާތައް ވަރުގަދަވެގެން ހިނގައިދާނެ ކަމަށް ހޮނިހިރު ދުވަހު ނެރުނު އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި، ހާއްސަކޮށް އެ ސަރަހައްދުގައި ތިބި މީހުން، ހިނގަމުންދާ ކަންތައްތައް ގާތުން ބަލައި، އެންމެ ކައިރީގައި ހުންނަ އެމެރިކާގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުމަށް ވަނީ ލަފާދީފަ އެވެ.
ފްލައިޓްތައް ކެންސަލްވުމާއި ދޭތެރެ ދޭތެރެއިން ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރާފާނެ ކަމަށް އެ އިންޒާރުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން މެދުއިރުމަތީގެ ބޭރުގައި ހުރި ތަންތަން ހިމެނޭހެން، އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށާއި، އީރާނަށް ތާއީދުކުރާ ގްރޫޕްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް އެހެން ތަންތަނަށް ނުވަތަ އެމެރިކާ މީހުންނާ ގުޅުންހުރި ތަންތަނަށް ހަމަލާދީފާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.
މި އިންޒާރު ނެރެފައިވަނީ، އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުން އުރުދުންގެ ދިފާއުގައި އެމެރިކާއާއި ބައިވެރިވި ފައުޖުތަކުން މަސައްކަތް ކުރަމުންދަނިކޮށް، ހުކުރު ދުވަހު އުރުދުންގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެފައިވާކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަށަވަރުކޮށްދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
މި މަރުތަކާއެކު، ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގައި ރަސްމީކޮށް ކަށަވަރުކުރެވުނު އެމެރިކާ މީހުންގެ މަރުގެ އަދަދު މިހާރު ވަނީ 16 އަށް އަރާފަ އެވެ.
ހޮނިހިރު ދުވަހުގެ ބޮޑު ބައެއްގައި ހަނު ތިބުމަށްފަހު، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ އެ ދުވަހުގެ އިރުއޮއްސުނު ފަހުން އީރާނަށް އާ ހަމަލާތަކެއް ދީފައިވާކަން އިއުލާންކޮށްފަ އެވެ. އަދި މި ހަމަލާތަކަކީ އެމެރިކާ ސިފައިން މަރާލުމުގެ ޒިންމާ އުފުލަންޖެހޭ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ފައުޖުތަކަށް "އަވަސް އަދަބެއް ދިނުމުގެ" ގޮތުން ދިން ހަމަލާތަކެއް ކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.
އީރާނުގެ މީޑިއާތަކުން ވަނީ ރޭގަނޑުގެ ވަގުތެއްގައި ގޭޝްމް އައިލެންޑަށާއި، ބަންދަރު އައްބާސް އަދި ސިރިކްގެ ބަނދަރު ސިޓީތަކަށް އެމެރިކާއިން މިސައިލް ހަމަލާތަކެއް ދީފައިވާކަމަށް ބުނެފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ ފާލަންތަކާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިން ފާއިތުވި ހަތް ރެއާ އަޅާބަލާއިރު، މިފަހަރުގެ ބޮން އެޅުން ކުޑަކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާއިން ފުޅާ ދާއިރާއެއްގައި އީރާނަށް ހަމަލާދޭން ފެށި ފަހުން، އީރާނުން ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. އެގޮތުން އީރާނުން ވަނީ އުރުދުން، ކުވެއިތު، ބަހްރައިން، ގަތަރު އަދި އޮމާންގެ އިތުރުން އިރާގާއި ސޫރިޔާގައި ހުރި އެމެރިކާއާ ގުޅުންހުރި މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ.
އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ދޭ ހަމަލާތަކުގެ ބަދަލު "މުޅި ސަރަހައްދުން ދައްކަން ޖެހޭނެ" ކަމަށް ތެހެރާނުން ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ އެމެރިކާއަށް "ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅެއް" ދަސްކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ބުނި ގޮތުގައި ޖޫން 27 އިން ޖުލައި 18 އާ ދެމެދު އެމެރިކާއިން ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 50 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ފެބްރުއަރީ މަހު ފެށި ފުރަތަމަ ބުރުގެ ހަމަލާތަކުގައި އީރާނުގެ 3,500 އެއްހާ މީހުން މަރުވެފައިވާއިރު، ލުބުނާނުގައި އިސްރާއީލުން ހިންގި އޮޕަރޭޝަންތަކުގައި އިތުރު 4,300 މީހުންގެ ފުރާނަ ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.










