އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު
އެމެރިކާގެ ސިޔާސަތުތަކަކީ އަނިޔާވެރިކަމާއި ނުފޫޒު ފޯރުވުން ކަމަށް ސިފަކުރައްވައި، އެ ގައުމުގެ އަމަލުތަކަށް އީރާނުން ހަރުކަށި ފިލާވަޅެއް ދޭނެ ކަމުގެ އިންޒާރު އާޔަތުﷲ ޚާމަނާއީ ދެއްވައިފި. މި ދަނޑިވަޅުގައި ގައުމީ އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވަމުން، ދުޝްމަނުންގެ ކުރިމަތީގައި ބަލިކަށިކަން ނުދެއްކުމަށާއި ދައުލަތުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި.

އީރާނުގެ މެޓްރޯ ސްޓޭޝަނަކުން އަންހެނަކު ނުކުމުގެ ދާއިރު އެ ސްޓޭޝަންގެ ދޮރުމަތީގައި އެ ގައުމުގެ މިހާރުގެ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ފޮޓޯއެއް ކުރަހާފައި | ގެޓީ އިމޭޖަސް
އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވުމުން، އެ ގައުމުގެ ރައީސްގެ ސޮޔަކީ "އެއްވެސް އަގަކާއި ސައްހަކަމެއް ނެތް" އެއްޗެއްކަން އަނެއްކާވެސް ސާބިތުވެފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ލީޑަރު ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އަމަލުތަކުން ހާމަވަނީ "ގަދަބާރު ދެއްކުމާއި، ނުފޫޒު ފޯރުވުމާއި، އަދި އަނިޔާވެރިކަމަކީ" އެމެރިކާގެ ސިޔާސަތުތަކާއި އަމަލުތަކުން ވަކިނުކުރެވޭނެ ބައިތަކެއް ކަމެވެ.
"މިއަދު މިވަނީ 'ބޮޑު ޝައިތާނާ' (އެމެރިކާ) ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި،" އާޔަތުﷲ ޚާމަނާއީ ވިދާޅުވި އެވެ. "ޖަރީމާތަކާއި ވައުދުތަކާ ޚިލާފުވުމުގެ މި ހިތްދަތި ތަޖުރިބާއަކީ އެމެރިކާގެ ބަސްނުވިކޭކަމާއި، ބުއްދިވެރިކަމެއް ނެތްކަމާއި، އިތުބާރު ނެތްކަމުގެ އިތުރު ހެއްކެއް."
ޚާމަނާއީ އިތުރަށް ވިދާޅުވީ، އީރާނުގެ ރައްޔިތުންނާއި 'ރެސިސްޓަންސް ފްރަންޓް' އިން އެމެރިކާއަށް "ހަނދާން ނައްތާނުލެވޭ ފަދަ ފިލާވަޅުތަކެއް" ދޭނެ ކަމަށެވެ. އަދި މި ސާބިތުކަމުގެ މިސާލެއްގެ ގޮތުން، ފަހުގެ ތާރީޚެއްގައި އިސްލާމީ މުޖާހިދުން ދެއްކެވި ހިތްވަރާއި އީރާނުގެ ދެކުނު ސަރަހައްދުގެ ކެރޭ ރައްޔިތުންގެ އަޒުމް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެމެރިކާގެ ދުޝްމަނުން ހަނގުރާމައެއް ފަށައި، ބޮޑެތި ގެއްލުންތަކާއި އިތުރު ނިކަމެތިކަމެއް ތަހައްމަލުކުރަން ބޭނުންވާނަމަ، އެނގެންޖެހޭ ކަމަކީ އީރާނުގެ ލޮބުވެތި ރައްޔިތުންނާއި ރެސިސްޓަންސް ފްރަންޓުން އެމީހުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ފިލާވަޅުތަކެއް ދޭނެކަން. އެކަމުގެ ސާފު މިސާލުތައް ފާއިތުވި ދުވަސްތަކުގައި އިސްލާމީ މުޖާހިދުންގެ ހިތްވަރާއި ދެކުނު ސަރަހައްދުގެ ރައްޔިތުންގެ ކެރުމުން ވަނީ ފެނިފައި،" ލީޑަރު ވިދާޅުވި އެވެ.
މިވަގުތު އެންމެ އިސްކަމެއް ދޭންވީ ހުރިހާ މަރުހަލާއެއްގައި އޮންނަ މުގައްދަސް އެއްބައިވަންތަކަމަށް
އާޔަތުﷲ ޚާމަނާއީ ބާރުއަޅުއްވައި ވިދާޅުވީ، ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ މިހާރުގެ ހާލަތަށް ބަލާއިރު ގައުމުގެ "އެންމެ އިސް އެއް އަސާސް" ކަމަށެވެ.
ލީޑަރު ވިދާޅުވި ގޮތުގައި، އިސްލާމީ އިންގިލާބުގެ މަތިވެރި މަގުސަދުތައް ހާސިލުކުރުމަށާއި، އީރާނުގެ ކަރާމާތާއި މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ސަރުކާރާއި މުޖުތަމައުގެ ހުރިހާ ފަންތިއެއްގައި "މުގައްދަސް އެއްބައިވަންތަކަން" ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް "އަނިޔާވެރި އަދި މަކަރުވެރި އެމެރިކާ" އާ ކުރިމަތިލާއިރު މިއީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އާޔަތުﷲ ޚާމަނާއީ އިތުރަށް ވިދާޅުވީ، ދައުލަތުގެ އިސްވެރިންނާއި، އިސްލާމީ އިންގިލާބަށާއި އިމާމް ޚުމައިނީ އަދި އަވަހާރަކޮށްލާފައިވާ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއަށް ވަފާތެރި ފަރާތްތަކުން، ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އޮތް މަސްއޫލިއްޔަތު މާ ބޮޑު ކަމަށެވެ.
އިސްލާމީ ޖުމްހޫރިއްޔާގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ސާބިތުވެ ތިބުމަށާއި ހޭލުންތެރިވުމަށް ލީޑަރު އާންމު ރައްޔިތުންނަށް ގޮވާލެއްވި އެވެ.
"ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށް މަސައްކަތްކުރައްވާ ދައުލަތުގެ ތިން ބާރުގެ އިޚްލާޞްތެރި ވެރިންނަށް ކުރާ އިތުބާރު ދަމަހައްޓައިގެން، ލޮބުވެތި ރައްޔިތުން ތިބޭނީ އިސްލާމީ އީރާނުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަމާއެކު ތައްޔާރަށް،" އާޔަތުﷲ ޚާމަނާއީ ވިދާޅުވި އެވެ.
ބައެއް ފަރުދުންގެ ހިތުގައި ދައުލަތުގެ ބައެއް ވެރިންގެ މަސައްކަތްތަކާ މެދު އިޚްލާޞްތެރިކަމާއެކު ފާޑުކިޔުންތަކެއް ހުރެދާނެކަން ލީޑަރު ގަބޫލުކުރެއްވި އެވެ. ދައުލަތުގެ ނިޒާމާ މެދު އެފަދަ ކަންބޮޑުވުންތައް ހުރުމަކީ "އަގުހުރި ރައުސްމާލެއް" ކަމަށް ސިފަކުރެއްވި ނަމަވެސް، އެކަމުގައި ސަމާލުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ފާޑުކިޔުންތައް ހުރި ފަރާތްތަކުން "ގައުމީ އެއްބައިވަންތަކަމާއި އިޖުތިމާއީ ބަދަހިކަމަށް ބުރޫއަރާފާނެ ފަދަ ކަމެއް ނުކުރުމަށް" ސަމާލުވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މިކަންކަމަށް ރިއާޔަތްކޮށްގެން ކިޔާ ފާޑުކިޔުންތަކުގެ ސަބަބުން ގައުމަށް ކުރިއެރުމާއި ތަނަވަސްކަން ލިބޭނެ."
"އަހަރެމެންގެ ކިބައިން ބަލިކަށިކަމުގެ އެއްވެސް ނިޝާނެއް ދުޝްމަނުންނަށް ފެނިގެން ނުވާނެ،" އާޔަތުﷲ ޚާމަނާއީ ވިދާޅުވި އެވެ. "މި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހަރެމެން ފުރިހަމައަށް ބޯލަނބާ ކޮންމެ ފަހަރަކު، ދުޝްމަނުންނަށް މަޖުބޫރުވާނީ ފަހަތަށްޖެހި ބަލި ގަބޫލުކުރަން."










