ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
އީރާނުގެ ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ޚަބަރުތައް އެ ގައުމުގެ ރަސްމީ ޓީވީން ދޮގުކޮށްފި. އެ ސަރަހައްދުގައި ހިންގި ތަހުގީގަށްފަހު ހާމަކުރި ގޮތުގައި، އެމެރިކާގެ ހަމަލާތައް އަމާޒުވީ މަރުކަޒުގެ އިންފާރުން ބޭރުގައި އޮންނަ ހުސް ބިމަކަށް ކަމުން، ނިއުކްލިއާ ރިއެކްޓަރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ. އެތަނަށް ދޭ ހަމަލާތަކާ ގުޅިގެން ރޭޑިއޭޝަން ބޭރުވުމުގެ ބިރު އޮތް ނަމަވެސް، މިހާރު އެ މަރުކަޒުގެ މަސައްކަތްތައް އަންނަނީ ރައްކާތެރިކަމާއެކު ކުރިއަށްދަމުން.

މިއީ 2001 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ސެޓެލައިޓް މެދުވެރިކޮށް ނަގާފައިވާ، އީރާނުގެ ބޫޝެހެރު ރިއެކްޓަރުގެ ފޮޓޯއެކެވެ. | ސްޕޭސްއިމޭޖިންގ.ކޮމް
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައި ނުވާ ކަމަށާއި، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ހާމަވެއްޖެ އެވެ.
އީރާނުގެ ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި ގެއްލުން ލިބިފައިވާ ކަމަށް ބުނެ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ވާހަކަތައް، އިރާނުގެ ރަސްމީ ޓީވީ - ޕްރެސް ޓީވީން ކުރިއަށްގެންދިޔަ ފުރިހަމަ ތަހުގީގަކަށްފަހު ވަނީ ދޮގުކޮށްފަ އެވެ. އެ ސަރަހައްދަށް ގޮސް ބެލި ބެލުމުންނާއި އީރާނުގެ އޮފިޝަލުންނާ ސުވާލުކޮށްގެން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި، އެ މަރުކަޒަށް އެއްވެސް ހަމަލާއެއް އަމާޒުވެފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބޫޝެހްރުގައި ރަޝިޔާއިން ބިނާކޮށްފައިވާ ނިއުކްލިއާ ޕަވަރ ޕްލާންޓް | ގެޓީ އިމޭޖަސް
މިކަން ހާމަ ކޮށްފައިވަނީ، ޖުލައި މަހުގެ 7 އާއި 12 އާ ދެމެދު ބޫޝެހްރު ނިއުކްލިއާ ކޮމްޕްލެކްސްގެ އެތެރެއަށް ހަމަލާތަކެއް އަމާޒުވެފައިވާކަން ސެޓެލައިޓް ފޮޓޯތަކުން އެނގޭ ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހު އަލްޖަޒީރާއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ރިޕޯޓާ ގުޅިގެން ޕްރެސް ޓީވީން ރިޕޯޓުކޮށްފައި ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ތަހުގީގެއް ފަށައި، އީރާނުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް އެ ވާހަކަތަކުގެ ހަގީގަތް ބަލާފައިވާ ކަމުގަ އެވެ. އެ ތަހުގީގުން ސާފުވި ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓުގެ އެތެރެއަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވެ އެވެ.
މީގެ އިތުރުން، އަލްޖަޒީރާގެ ރިޕޯޓުގައި ބުނެފައިވާ ފަދައިން، އެ ނޫހުން އާންމުކުރި ސެޓެލައިޓް ފޮޓޯތަކުން އެ ޕްލާންޓުގެ އެތެރެއަށް އެއްވެސް ހަމަލާއެއް އަރާފައިވާ ތަނެއް ނުފެންނަކަން ވެސް ތަހުގީގުން ވަނީ ފާހަގަކޮށްފަ އެވެ.
އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ ނިއުކްލިއާ މަރުކަޒުގެ އިންފާރުން ބޭރަށެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަޅުވެފައިވާ ސަރަހައްދަކީ އެ ކޮމްޕްލެކްސްގެ އޮޕަރޭޝަނަލް ސަރަހައްދުތަކުން ބޭރުގައި އޮންނަ ހުސް ބިމެއް ކަމަށާއި، އެއީ އެ ތަނުގެ އިދާރީ ނުވަތަ މުހިންމު މަސައްކަތަކާ އެއްވެސް ގުޅުންހުރި ތަނެއް ނޫން ކަމަށް ވެސް ވަނީ ހާމަވެފަ އެވެ.
ބޫޝެހްރު ނިއުކްލިއާ މަރުކަޒު ހުރީ އެއްވެސް ގެއްލުމެއް ނުލިބި، ފުރިހަމަ ރައްކާތެރިކަމާއެކުގައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓަކީ އީރާނުގައި މިހާރު ހިންގަމުންދާ ހަމައެކަނި ވިޔަފާރި އުސޫލުން ހަކަތަ އުފައްދާ ނިއުކްލިއާ މަރުކަޒެވެ.
ޕާޝިއަން ގަލްފްގެ އައްސޭރިފަށުގައި، ބޫޝެހްރު ޕްރޮވިންސްގައި ހުންނަ މި މަރުކަޒަކީ ރަޝިއާއިން ބިނާކޮށްފައިވާ "ވީވީއީއާރު-1000" (VVER-1000) މާކްގެ ޕްރެޝަރައިޒްޑް ވޯޓަރ ރިއެކްޓަރެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 1،000 މެގަވޮޓްގެ ކަރަންޓު އުފައްދައި، އީރާނުގެ ގައުމީ ގްރިޑަށް ފޯރުކޮށްދޭ ތަނެކެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ހިންގަމުންދާ އުދުވާނުގެ ތެރޭގައި، މި މަރުކަޒަކީ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އެއް ތަނެވެ. އެއީ އާންމުންނަށް ޚިދުމަތްދޭ ނިއުކްލިއާ ރިއެކްޓަރަކަށް ހަމަލާއެއް ދީފިނަމަ ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތަކާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.
ބޫޝެހްރު މަރުކަޒަށް ނުރައްކާތެރި ހަމަލާއެއް ދީފިނަމަ، އޭގެ ސަބަބުން ރޭޑިއޭޝަން ބޭރުވެ، އީރާނުގެ ބޯޑަރުތަކުން ބޭރަށް ޕާޝިއަން ގަލްފްގެ މުޅި ސަރަހައްދަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެ ކަމުގެ އިންޒާރު މާހިރުން ވަނީ ދެއްވާފަ އެވެ.
އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ މަރުކަޒު ހުންނަ ސަރަހައްދުގެ ކައިރިއަށް ހަމަލާތަކެއް އަމާޒުވި ނަމަވެސް، ރިއެކްޓަރުގެ މަސައްކަތްތައް އެއްވެސް ބުރޫއެއް ނެތި ރައްކާތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ޕްރެސްޓީވީ އިން ބުނެފައިވަނީ އެމެރިކާއިން އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކުގައި ހުރި އާންމުންގެ މަރުކަޒުތަކަށް އަމާޒުކޮށް، މިދިޔަ ހަފުތާއިން ފެށިގެން ދެމުންދާ ލާއިންސާނީ ހަމަލާތައް މިހާރު ވަނީ އަލުން ވަރުގަދަކޮށްފަ އެވެ. އެގޮތުން، ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާގެ "ޓެރަރިސްޓް" ސިފައިން ވަނީ ހުރްމުޒްގާން ޕްރޮވިންސްގެ ހަ ބްރިޖެއް ގޮއްވާލާފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބްރިޖުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފަ އެވެ.
މަސްދަރު: ޕްރެސް ޓީވީ










