ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް
ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު ކަނޑައެޅި މުއްދަތަށް ނުނިމި ލަސްވަމުންދާތީ، ސަރުކާރުގެ ހިންގުންތެރިކަމާ މެދު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް، ކަރަންޓުގެ ނިޒާމު ގާއިމުނުކުރެވި ހުރުމުގެ ސަބަބުން ގިނަ ސްކޫލްތަކެއްގައި އޭސީ ބޭނުންނުކުރެވޭ މައްސަލަ ވަނީ ބޮޑުވެފަ


މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ
މިއަދު މި ޤައުމުގެ ވެރިއަކަށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވެރިކަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ޚާއްސަ، ގާބިލު މީހުން ތިބޭ ކަމަށެވެ. އެގޮތުން ހިސާބު ޖަހަން ޚާއްސަ މީހުންނާއި އޮޑިޓް ކުރަން ޚާއްސަ މީހުންނާއި ވަކިން ޚާއްސަކޮށް، ސިޔާސީ ކަންކަމަށް ޚާއްސަ މީހުން ތިބި ނަމަވެސް، މިއަދުގެ ސަރުކާރަށް ކޮންމެ ކަހަލަ މީހަކު ކޮންމެ ތާކަށް ލައިގެން މިކަން ކުރެވިދާނެ އޭ ހީވާ ކަމަށެވެ.
އެހެންވީމާ އަޅުގަނޑުމެންގެ ތެރެއިން ވެސް ބަޔަކަށް ހީވީ ރައީސުލްޖުމްހޫރިއްޔާކަމަށް ކޮންމެ މީހަކު ލިޔަސް ރައީސް ކަން ވެސް ކުރާނެ އޭ. އެހެނެއް ނޫން ކަންތައް މި ވަނީ. މައްސަލަ ޖެހިގެން މި އުޅެނީ އެންމެ މަތިން. ކަން ކުރަން ނޭނގޭ މީހަކާ ޤައުމު ހާވާލުކުރީމާ ވާ ހުރިހާ ކަމެއް މި ވަނީ. އެންމެ ކުޑަވެގެން ކޫލް ސްކޫލް ފެށިއިރުގައި އެއަރ ކޮންޑިޝަނަރ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު ރައީސުލްޖުމްހޫރިއްޔާ އަށް. މިހިސާބަށް ކަންތައް ދިޔައިމަ މިއީ މުޅިން ގަޑުބަޑު ވެފައި މިއޮތީމޭޔަރު އާދަމް އާޒިމް
މޭޔަރު މިހެން ވިދާޅުވި އިރު އެޑިއުކޭޝަން މިނިސްޓްރީގެ 'ކޫލް ސްކޫލް' ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމާނެ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތާ 10 މަސް ދުވަހަކަށް ފަހު މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ފާއިތުވި ހަފްތާގައި ވިދާޅުވެފަ އެވެ.
އެ މައްސަކަތް ނިންމަން ދިން ތާރީޚު ފަހަނައަޅައި ދިޔަތާ 10 މަސް ދުވަސް ވީއިރު ވެސް ނިމުނީ 61 އިންސައްތަ މަސައްކަތް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ޖަނަރޭޓަރުތައް ބައުވެފައި ވާތީ ބައެއް އޭސީތައް ހަރު ކުރެވުނު ނަމަވެސް ކަރަންޓު ނުދެވޭ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވެސް ވަނީ އައްޑޫ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރެވިފައިވީ ނަމަވެސް އޭސީތަކަށް ކަރަންޓެއް ނުދެވޭ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ކޮޅުފުށީ ސްކޫލުގައި އޭސީ ހަރުކޮށް ނިމިފައިވީ ނަމަވެސް، އޭސީގެ ނަރުތައް ނުގުޅޭތީ، އެ ބޭނުން ނުކުރެވޭ ކަމަށް އެ ރަށުން ވެސް ވަނީ ބުނެފަ އެވެ.








