"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026 | އާދީއްތަ 14:09މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް ޕާކިންގް ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ޚާއްޞަ އިދާރާއެއް އުފައްދައިފި. ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ މި އޮފީހުން، އުޅަނދުތައް އިތުރުވުމުން ދިމާވާ މައްސަލަތަކަށް ސިޔާސަތުތައް އެކުލަވައިލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަންކަން ތަންފީޒުކުރާނެ.

މާލޭގެ މަޖީދީ މަގުގައި ބަޔަކު ސައިކަލުގައި ދުއްވާފައި ދަނީ | އެލަމީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ. މިކަން ހާމަކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގަ އެވެ.
މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި އުފެއްދި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެއް ކަމަށެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެ ން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެ އެވެ.
މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދެވި އިރު، ހުސްވި އަހަރުގެ އޭޕްރީލު މަހުގެ 8 ވަނަ ދުވަހު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި ވެސް ވަނީ އޮފީހެއް އުފައްދަވާފަ އެވެ. އެ އޮފީސް އުފެއްދީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސް މުއިއްޒު އަށް ފެނިވަޑައިގަންނަވާތީ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން 2024 ވަަނަ އަހަރު ޖުލައި މަހުގެ 24 ވަަނަ ދުވަހުގެ ރޭ "މާލެ ފަހި" ނަމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ޕްރޮގްރާމެއް ސަރުކާރުން ފެށި އެވެ. ރައީސް މުއިއްޒު ފައްޓަވައިދެއްވި މި ޕްރޮގްރާމާ ބެހޭ ގޮތުން ސަރުކާރުން ބުނީ މާލެ ފަހި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމުގަ އެވެ. ރައީސް އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކެބިނެޓުން ފާސްކޮށް ތަންފީޒު ކުރަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މަސްދަރު: ރައީސް އޮފީސް











