ގަލްފްގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި
ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް ޕެންޓަގަންއިން ހާމަކުރި މިންވަރަށްވުރެ ބޮޑުކަން "ދަ ވޯލް ސްޓްރީޓް ޖާނަލް" ގެ ތަހުގީގަކުން ވަނީ ހާމަވެފައި. މި ހަމަލާތަކާ ގުޅިގެން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދި، އަސްކަރީ ސްޓްރެޓެޖީތަކާއި މަރުކަޒުތައް ހުރި ތަންތަން ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފައި.

އިރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މުހިންމު މަރުކަޒަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯތަކުން ވަނީ ހާމަވެފައި. | ވޯލް ސްޓްރީޓް ޖާނަލް
ގަލްފް ގައި އެމެރިކާ އިން ބިނާކޮށްފައިވާ އަސްކަރީ ކިއްލާއަށް އީރާނުން ދިން ހަމަލާތަކާއެކު، ލިބުނު ގެއްލުންތަކުގެ އަސްލު މަންޒަރު ފެންމަތިވާން ފަށައިފި އެވެ. ބަހްރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަށް އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ އެންމެ ބޮޑު ނަތީޖާއަކީ ހަމައެކަނި އިމާރާތްތަކަށް ލިބުނު ގެއްލުންތަކެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ޕެންޓަގަންގެ އަސްކަރީ ވިސްނުންތަކާއި ސިޔާސަތުތައް އަލުން މުރާޖައާކުރަން ޖެހިފައިވާ ހާލަތެއް ކަމަށް އަސްކަރީި ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
"ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ކުރިއަށް ގެންދިޔަ ތަހުގީގަކުން ހާމަވާގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަހްރައިންގައި ހުންނަ "ނޭވަލް ސަޕޯޓް އެކްޓިވިޓީ" (އެން.އެސް.އޭ) މަރުކަޒަށް ތަކުރާރުކޮށް ދިން ހަމަލާތަކުގައި އަސްކަރީ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ސެޓެލައިޓް ފޮޓޯތަކާއި، ސޯޝަލް މީޑިއާގެ ވީޑިއޯތަކުގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގައި މިހާރު މަސައްކަތްކުރާ އަދި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތަކާ ހަވާލާދީ ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ، ލިބުނު ގެއްލުންތައް ޕެންޓަގަންއިން އެއްބަސްވި މިންވަރަށްވުރެ މާ ބޮޑު ކަމަށެވެ.
ލިބުނު ގެއްލުންތަކުގެ ބޮޑުމިނާ ގުޅިގެން، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ތަރުތީބުކޮށްފައިވާ ގޮތް އަލުން މުރާޖައާކުރަން މިހާރު ވަނީ ފަށާފައެވެ. އީރާނުގެ މިސައިލާއި ޑްރޯންތަކުގެ ނުރައްކާ އިތުރުވަމުންދާތީ، ބައެއް އަސްކަރީ މަރުކަޒުތައް އެހެން ތަނަކަށް ބަދަލުކުރުމަށް ނުވަތަ މަރުކަޒުތައް ކުޑަކުރުމަށް ނުވަތަ އަލުން ބިނާކުރުމާ މެދު އޮފިޝަލުން ދަނީ ވިސްނަމުން ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ގަލްފް މަރުކަޒަށް އީރާނުން ދިން ހަމަލާގެ ތަފްސީލް މި ތަހުގީގުން ހާމަވިގޮތުގައި، އީރާނުގެ ބައެއް މިސައިލްތަކާއި ޑްރޯންތައް އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު، ބަހްރައިންގެ އެން.އެސް.އޭ މަރުކަޒުގެ މުހިންމު ތަންތަނަށް ވަނީ އަރާފައެވެ. ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ކޮމާންޑް ހެޑްކުއާޓަރާއި، މަދުވެގެން އެހެނިހެން 12 އިމާރާތެއްގެ އިތުރުން އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންކުރާ ސެޓެލައިޓް މުއާސަލާތީ ދެ ޓާމިނަލް ހިމެނެ އެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށާއި، މަރުކަޒުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދިޔަ ކަމަށް ޕެންޓަގަންއިން ބުނި ނަމަވެސް، އީރާނުގެ ވަރުގަދަ ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އެތަނުން ވަނީ ބަދަލުކޮށްފަ އެވެ.
މިހާރު އެ މަރުކަޒުގައި މަސައްކަތް ކުރަމުންދަނީ މަދު އަދަދެއްގެ މުވައްޒަފުންނެވެ. މި ހަމަލާތަކާ ގުޅިގެން ވޯލް ސްޓްރީޓް ޖާނަލް އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވަނީ އަސްކަރިއްޔާގެ ސިޔާސަތު ދިފާއުކުރައްވާފަ އެވެ.
"ސެންޓްކޮމްއިން އިސްކަންދިނީ އިމާރާތްތަކަށްވުރެ ބޮޑަށް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް. އަދި މީހުން ހިމާޔަތްކުރުމަށް އަޅުގަނޑުމެން ގެންގުޅުނު ސިޔާސަތު ކާމިޔާބުވި. އީރާނުން 8،000 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލިއިރު، އެމެރިކާގެ ސިފައިން މަރުވީ އެންމެ ދެ ހަމަލާއެއްގައި،" ވޯލް ސްޓްރީޓް ޖާނަލް އަށް ހޯކިންސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ކުރިމަތިލުންތަކުގައި އެމެރިކާގެ ސިފައިން އީރާނަށް މާ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. "އެމެރިކާއިން އީރާނުގެ 13،500 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދިން،" ހޯކިންސް ވިދާޅުވި އެވެ.
ހަމަލާތަކާއެކު އެމެރިކާގެ ސްޓްރެޓެޖީ ބަދަލުކުރަން މަޖުބޫރުވުން
ވޯލް ސްޓްރީޓް ޖާނަލްއިން ބުނާގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ހަމައެކަނި އިމާރާތްތަކަށް ގެއްލުން ލިބުނީއެއް ނޫނެވެ. މި ހަމަލާތަކުގެ ސަބަބުން، ޒަމާނީ މިސައިލާއި ޑްރޯންތަކުގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި، ގަލްފް ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަޒުތަކަކީ ރައްކާތެރި ތަންތަންތޯ އަލުން ވިސްނުމަށް އެމެރިކާގެ ދިފާއީ އިސް އޮފިޝަލުންނަށް ވަނީ މަޖުބޫރުވެފަ އެވެ.
މީގެ ސަބަބުން ޕެންޓަގަންއިން ދަނީ ބައެއް އިތުރު ގޮތްތައް ބަލަމުންނެވެ.
މީގެ ތެރޭގައި ބަހްރައިންގެ މަރުކަޒު އަލުން ފަރުމާކުރުމާއި، ކުވެއިތާއި ސައުދީ އަރަބިއްޔާގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމާއި، ބައެއް ކޮމާންޑް ސެންޓަރުތައް ހުޅަނގަށް ބަދަލުކުރުމުގެ އިތުރުން، ގިނަ ވަސީލަތްތަކެއް ބިމުގެ އަޑީގައި ގާއިމުކުރުން ހިމެނެ އެވެ. އަދި ބޮޑެތި މަދު މަރުކަޒުތަކަކަށް ހުރިހާ ބާރެއް ޖަމާކުރުމުގެ ބަދަލުގައި، ކުދިކުދި ގިނަ ތަންތަނަށް އަސްކަރީ ވަސީލަތްތައް ބަހާލުމަށްވެސް އަސްކަރީ ރޭވުންތެރިން ދަނީ ވިސްނަމުންނެވެ.
އެހެންނަމަވެސް، މިކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މި ހަމަލާތަކުގެ ތެރޭގައި އެމެރިކާގެ އެތައް މަތިންދާބޯޓަކަށް ޖާގަދީފައިވާތީ، އެމެރިކާގެ އިތުރު އަސްކަރީ ވަސީލަތްތައް ގާއިމުކުރާނެ ގައުމުތަކުގެ ތެރޭގައި އިސްރާއީލް ހިމެނޭ ކަމަށް ދެ އޮފިޝަލަކާ ހަވާލާދީ މި ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޮޑު ހޭދައެއް ހިނގި ހަނގުރާމައެއް
މި ހަމަލާތަކުގެ ސަބަބުން މާލީގޮތުން ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް އަދިވެސް ސާފެއް ނުވެއެވެ.
ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ފުރިހަމަ އަންދާޒާއެއް ކޮންގްރެސްއަށް ހުށަހެޅުމަށް ޕެންޓަގަންއިން ވަނީ އިންކާރުކޮށްފަ އެވެ.
މިދިޔަ މެއި މަހު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތާ މި ހަރަދުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދައިފިނަމަ އޭގެ އަގަކީ ކޮބައިތޯ؟" މިފަދައިންނެވެ.
ޕެންޓަގަންއިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، ހަނގުރާމައަށް ހިނގި 29 ބިލިއަން ޑޮލަރުގެ ތެރޭގައި އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކުގެ ހަރަދެއް ނުހިމެނެ އެވެ.
"ސެންޓަރ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް" (ސީ.އެސް.އައި.އެސް) އިން އަންދާޒާކުރާ ގޮތުގައި މި ހަނގުރާމައިގެ ޖުމްލަ ހަރަދު ގާތްގަނޑަކަށް 40 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުން 2.2 ބިލިއަނާއި 5.1 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ޑިފެންސް ޑިޕާޓްމަންޓުގެ އިމާރާތްކުރުމުގެ މޮޑެލްތަކަށް ބަލައި ވޯލް ސްޓްރީޓް ޖާނަލްއިން އަންދާޒާކުރާ ގޮތުގައި، ހަމައެކަނި ބަހްރައިންގެ އެން.އެސް.އޭ މަރުކަޒުގެ އިމާރާތްތައް އަލުން ބިނާކުރުމަށްވެސް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.
މި އަދަދަކީ ހަމައެކަނި އިމާރާތްކުރުމުގެ ހަރަދެވެ. މީގެ ތެރޭގައި އަސްކަރީ ހާއްސަ ސާމާނާއި، މުއާސަލާތީ ނިޒާމުތަކާއި ނުވަތަ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ހަރަދެއް ނުހިމެނެ އެވެ. ސީ.އެސް.އައި.އެސް އިން ބުނާގޮތުގައި، ހަލާކުވި ދެ AN/GSC-52B ސެޓެލައިޓް މުއާސަލާތީ ޓާމިނަލްގެ އަގުވެސް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރަށް އަރަ އެވެ.
އެމެރިކާގެ ބަލިފައި އީރާނުން ދެނެގަނެފި
އަސްކަރީ މާހިރުން ގަބޫލުކުރާ ގޮތުގައި، އީރާނުން މިހާރު ގެންގުޅޭ ފަދަ ޒަމާނީ މިސައިލާއި ޑްރޯންތައް އުފެއްދުމުގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ އުމްރާނީ ވަސީލަތްތަކުގެ ބަލިކަށިކަން މި ހަނގުރާމައިގެ ސަބަބުން ވަނީ ހާމަވެފަ އެވެ.
އެމެރިކާގެ އެހެން އަސްކަރީ މަރުކަޒުތަކާ ހިލާފަށް، ބަހްރައިންގެ އެން.އެސް.އޭ މަރުކަޒަކީ އާންމުން ދިރިއުޅޭ އަވަށެއް ފަދަ ތަނެކެވެ. އެތަނުގައި ސިފައިންގެ އާއިލާތައް ދިރިއުޅެ އެވެ. އަދި ރެސްޓޯރަންޓްތަކާއި، ސްކޫލްތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި ފިހާރަތައް ހުރެ އެވެ. ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެނބުރި އަންނަ ސިފައިން އަލުން ޚިދުމަތަށް ނުކުތުމުގެ ކުރިން އަރާމުކުރުމަށް ބޭނުންކުރަނީވެސް މި މަރުކަޒެވެ.
މި ރިޕޯޓު ނެރެފައި މިވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މި ހަފުތާގައި ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އާއި ގަލްފްގެ އެހެން ލީޑަރުންނާ ބައްދަލުކުރައްވައި، ސަރަހައްދީ ސަލާމަތަށް އެމެރިކާއިން ދޭ ސަމާލުކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާ ވަނީ ޔޫ.އޭ.އީ އާއި ކުވެއިތަށްވެސް ޒިޔާރަތްކުރައްވާފަ އެވެ. ނަމަވެސް، ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ އަސްކަރިއްޔާއަށް އެ ގައުމުގެ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުން ހަނިކުރި ސައުދީ އަރަބިއްޔާއަށް އޭނާ ޒިޔާރަތެއް ނުކުރައްވަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް، އެމެރިކާގެ އަސްކަރީ ވަސީލަތްތައް އީރާނާ ދުރަށް ބަދަލުކުރުމަށް އޮފިޝަލުން ހުށަހެޅި އެވެ. ނަމަވެސް އޭރު އެކަން އަމަލީގޮތުން ކޮށްފައެއް ނުވެ އެވެ.
މިހާރު، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އެންމެ މުހިންމު ކަނޑުގެ ސިފައިންގެ މަރުކަޒަށް އަމާޒުކޮށް މަސްތަކެއް ވަންދެން ދިން މިސައިލް ހަމަލާތަކަށްފަހު، އެ މަޝްވަރާތައް މިވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މަސްދަރު: ވޯލް ސްޓްރީޓް ޖާނަލް




