ދިރާސީ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ޓާމު ނިންމައި، ސްކޫލުތައް 16 ދުވަހުގެ ޗުއްޓީއަކަށް!
ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ސްކޫލުތައް ބަންދުވެފައިވާއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު. މި އަހަރު 77,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު، ދިވެހި ޓީޗަރުން މަދުވުމުގެ ކަންބޮޑުވުން ބެލެނިވެރިންގެ މެދުގައި ވަނީ ބޮޑުވެފައި


ތޮއްޑޫ ސްކޫލުގެ ޕްރީސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ޕޯޓްފޯލިއޯ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން | ތޮއްޑޫ ސްކޫލު
ދިރާސީ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ޓާމު ނިމި، ސްކޫލުތަކުގެ ޗުއްޓީ ފަށައިފި އެވެ.
ބުރާސްފަތި ދުވަހު މާލެ އާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ވަނީ ރިޕޯޓު ފޮތް ހަވާލު ކޮށްފަ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ 2 އޯގަސްޓް 2026 ގަ އެވެ. 16 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 އަކާއި، ފިތުރު އީދު ބަންދާއެކު ވެސް ސްކޫލުތަކަށް ބޮޑު ބަންދެއް ލިބުނެ އެވެ. އަދި މިޑް ޓާމްގެ ބަންދު 24 މެއި 2026 އިން ފެށިގެން 30 މެއި 2026 ށް ލިބުނެ އެވެ.
މީގެ އިތުރުން ބޮޑު ޗުއްޓީ ލިބޭނީ 18 ޑިސެމްބަރު 2026ން 12 ޖެނުއަރީ 2027 ށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 219 ސްކޫލުގައި 77000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރެ އެވެ. އަދި މި އަހަރު ގްރޭޑް 1 އަށް ވަނުމަށް އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެ އެވެ.
މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ށް ވުރެ ގިނަ ދިވެހި ޓީޗަރުންނާއި 1،843 އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ހަރަކާތްތެރިވެ އެވެ.
ދިވެހި ޓީޗަރުން ލިބުމުގައި ދަތިތައް ކޮންމެ އަހަރަކު ވެސް ކުރިމަތިވެ އެވެ. ޓީޗަރުން މަދުވުމުގެ ޝަކުވާ ބޮޑުވި ނަމަވެސް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ ކަމަށް ގިނަ ބެލެނިވެރިން ދަނީ ބުނަމުންނެވެ.








