ޕެރަގުއޭގެ ސެނެޓަރަކު އެމްބާޕޭއާ ނަސްލީ ގޮތުން ދިމާ ކޮށްލުމުން، ދިފާއުގައި ނިކުންނެވީ މެކްރޮން!
ފްރާންސްގެ ރައީސް މެކްރޮން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަސްތަކުން އިޙުތިރާމް ކުޑަ ކުރާ ހިނދު، ޤައުމީ އަގު ތަކުން އެކަމަށް ރައްދު ދޭން ޖެހޭ ކަމަށް. އަދި އެމްބާޕޭ އަށް ފުރިހަމަ ތާއީދު އޮތްކަން ހާމަ ކުރައްވައި، އިންސާނީ ކަރާމާތާއި، އިޙުތިރާމް އަދި އުޚުއްވަތްތެރިކަން އިސް ކުރުމަށް ވެސް މެކްރޮން ގޮވާލެއްވި. އަދި ވިދާޅުވީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އެމްބާޕޭ ލަނޑެއް ޖަހާފައިވާ ކަމަށް.


ފްރާންސްގެ ރައީސް މެކްރޮން އަދި އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ. | ރޮއިޓާސް
ޕެރަގުއޭގެ ސެނެޓަރަކު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަށް އަމާޒުކޮށް ނަސްލީ ގޮތުން ފުރައްސާރަ ކުރުމުން، އެމްބާޕޭގެ ދިފާާއުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ތެދުވެ ވަޑައިގެންފި އެވެ.
ފީފާ ވޯލްޑް ކަޕްގައި ޕެރަގުއޭ އާއި ފްރާންސް ބައްދަލު ކުރި މެޗަށް ފަހު، ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ ވަނީ އެމްބާޕޭއާ ދިމާ ކޮށްލައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެމްބާޕޭ އަކީ، "އިސްތިއުމާރު ކޯށްފައިވާ ކެމަރޫން މީހެއް" ކަމަށެވެ. އަދި އެމްބާޕޭ އަކީ ފްރާންސްގެ މީހަކަށް ވާން އުޅޭ ބޮޑާ އަދި ހުތުރު މީހެއް ކަމަށް ވެސް އަމަރިއްލާ ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވެފައި ވަނީ ފްރާންސް މޮޅުވީ ނަސީބު ރަނގަޅު ކަމުން ކަމަށާއި، މުޅި މެޗުގައި ވެސް އެމްބާޕޭ ހުރީ ވަރަށް ބިރުން ކަމަށެވެ. ސެނެޓަރު އަމަރިއްލާގެ މި ވާހަކަ ތަކަށް އެމްބާޕޭ ވަނީ ރައްދު ދީފައި އެވެ. އެމްބާޕޭ ބުނެފައި ވަނީ، އަމަރިއްލާ އަކީ އޭނާ ހުންނެވި މަގާމަށް ކުފޫ ހަމަ ނުވާ މީހެއް ކަމަށެވެ.
އެކަމާ ގުޅިގެން ފްރާންސްގެ ރައީސް މެކްރޮން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަސްތަކުން އިޙުތިރާމް ކުޑަ ކުރާ ހިނދު، ޤައުމީ އަގު ތަކުން އެކަމަށް ރައްދު ދޭން ޖެހޭ ކަމަށެވެ. އަދި އެމްބާޕޭ އަށް ފުރިހަމަ ތާއީދު އޮތްކަން ހާމަ ކުރައްވައި، އިންސާނީ ކަރާމާތާއި، އިޙުތިރާމް އަދި އުޚުއްވަތްތެރިކަން އިސް ކުރުމަށް ވެސް މެކްރޮން ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އެމްބާޕޭ ލަނޑެއް ޖަހާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޕެރަގުއޭގެ ސަރުކާރުން ވަނީ ބަޔާނެއް ނެރެ، ސެނެޓަރު އަމަރިއްލާގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި އެވެ. ޕެރަގުއޭ ސަރުކާރުން ބުނީ، އެއީ އެ ގައުމުން ގަބޫލުކުރާ އިންސާނީ ކަރާމާތާއި ސުލްހަވެރި ކަމުގެ އުސޫލުތަކާ ޚިލާފު ވާހަކަ ތަކެއް ކަމަށެވެ. އަދި އެއީ ސެނެޓަރުގެ އަމިއްލަ ހިޔާލު ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ޕެރަގުއޭ ސަރުކާރުގެ ނުވަތަ ރައްޔިތުންގެ ރަސްމީ ވިސްނުން ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އިން ވެސް ވަނީ އެމްބާޕޭގެ ދިފާއުގައި ތެދުވެފައި އެވެ. އެ ފެޑެރޭޝަނުން ބުނީ ސެނެޓަރުގެ ވާހަކަ ތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވޭނެ ފަދަ ދަށު ދަރަޖައިގެ ވާހަކަ ތަކެއް ކަމަށެވެ. އަދި މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސިކިއުޓަރުގެ އޮފީހަށް މައްސަލަ ހުށަހަޅަމުންދާ ކަމަށް ވެސް އެ ފެޑެރޭޝަން އިން ހާމަކުރި އެވެ.
އެފްއެފްއެފް އިން ވަނީ އެމްބާޕޭ އާއި މުޅި ޓީމަށް، އަދި މިފަދަ ނަސްލީ ފުރައްސާރައިގެ ޝިކާރަ އަކަށްވާ ހުރިހާ ފަރާތް ތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި އެވެ.





