ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
ބްރެޒިލްގައި މީގެ ކުރިން ވެސް ހުނަރުވެރި ކުޅުމެއް ދައްކާފައިވާ ނޭމާ ބުނީ، ޤައުމީ ޓީމާ އެކު އޭނާ ކުރި ދަތުރު މިހާރު ނިމިފައިވާ ކަމަށް. މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީއިރު ވެސް، މިއީ ޤައުމީ ޓީމަށް ނޭމާ ކުޅޭނެ ފަހު މުބާރާތް ކަމަށް ބެލެވިފައި އޮތް.


ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ. | ރޮއިޓާސް
ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.
އުމުރުން 34 އަހަރުގެ ނޭމާ އެކަން އިއުލާން ކޮށްފައި ވަނީ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ބްރެޒިލް އިން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އެ މެޗުން ބަލިވެ ބްރެޒިލް ވަނީ މުބާރާތުން ކަޓައިފަ އެވެ.
އެ މެޗަށް ފަހު ނޭމާ ވަނީ، އޭނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާން ކޮށްފައި އެވެ. އެގޮތުން ނޭމާ ބުނީ، އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި، ހިތްވަރު ވެސް ކުރި ކަމަށެވެ. ނޭމާ ބުނީ އޭނާ ފެށީ ވެސް މެޓްލައިފް ސްޓޭޑިއަމް އިން ކަމަށާއި، އޭނާ ނިންމަން ބޭނުން ވަނީ ވެސް އެ ސްޓޭޑިއަމް އިން ކަމަށެވެ. ވޯލްޑް ކަޕަށް ޚާއްސަކޮށް މި ސްޓޭޑިމް އަށް ދީފައިވާ ނަމަކީ، ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް އެވެ.
ބްރެޒިލްގައި މީގެ ކުރިން ވެސް ހުނަރުވެރި ކުޅުމެއް ދައްކާފައިވާ ނޭމާ ބުނީ، ޤައުމީ ޓީމާ އެކު އޭނާ ކުރި ދަތުރު މިހާރު ނިމިފައިވާ ކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީއިރު ވެސް، މިއީ ޤައުމީ ޓީމަށް ނޭމާ ކުޅޭނެ ފަހު މުބާރާތް ކަމަށް ބެލެވިފައި އޮތެވެ. ވޯލްޑް ކަޕާ ކުރިމަތިލީއިރު ވެސް، ނޭމާ އަށް އަނިޔާގެ ގިނަ މައްސަލަ ތަކެއް ކުރިމަތިވެފައިވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބްރެޒިލް އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ނޭމާ ކުޅެފައި ނުވެ އެވެ. ނަމަވެސް، ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނުއިރު، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުނެވެ. ގަދަ 32 ގައި ބްރެޒިލް އިން ޖަޕާާންއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ ނުކުޅެ އެވެ. ގަދަ 16 ގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ.
ނޭމާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅެދިން 130 މެޗުގައި 80 ލަނޑު ޖަހައިފަ އެވެ. ބްރެޒިލް އާއެކު 2013 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކުރިއިރު، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވީ އެވެ.





