ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ "އައިބީރިއަން ޑާބީ" އަށް ދެ ޓީމު ތައްޔާރުވެފައިވާއިރު، މިއީ ތަޖުރިބާކާރު ރޮނާލްޑޯ އާއި ޒުވާން ޔަމާލްގެ ކުރިމަތިލުމަކަށް ވާނެ. މި މެޗަށް ނުކުންނައިރު 34 މެޗުން ބަލިނުވެ އޮތް ސްޕެއިންއަށް މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، މިއީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރުގެ ފަހު މެޗަށް ވުމުގެ ފުރުސަތު އޮތުމުން ޕޯޗުގަލްއިން މެޗު ކާމިޔާބުކުރަން ބޮޑު އިސްކަމެއް ދޭނެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާ.

ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްޕެއިންގެ ފޯވާޑް ލަމީން ޔަމާލް، ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ކުރިމަތިލުމަށް ތައްޔާރުވެފައި | ގެޓީ އިމޭޖަސް
ކުރިމަތިލާ ދެ ޓީމު: ޕޯޗުގަލް އަދި ސްޕެއިން
މުބާރާތުގެ މަރުހަލާ: ފީފާ ވޯލްޑް ކަޕް 2026 - ގަދަ 16 ގެ ބުރު
ކުޅޭ ތަން: އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި ހުންނަ ޑަލަސް ސްޓޭޑިއަމް
ކުޅޭ ވަގުތު: ޖުލައި 6 ވާ ހޯމަ ދުވަހުގެ މެންދުރުފަހު ޖީއެމްޓީން 19:00
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ހޯމަ ދުވަހު ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗަކީ، ފުޓްބޯޅައިގެ ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް ވާތީ، މިއީ ދެ ޖީލެއްގެ ދެމެދުގައި ހިނގާނެ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެ އެވެ.
"އައިބީރިއަން ޑާބީ" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ކުރިމަތިލުމަކީ، މިދިޔަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލްގެ ރީމެޗެކެވެ. އެ ފަހަރު ޕޯޗުގަލް އިން ވަނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދާފަ އެވެ.
އެހެންނަމަވެސް، ޑަލަސްގައި ކުޅޭ މި މެޗުގައި ފޭވަރިޓުންނަކީ ޕޯޗުގަލްއެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި އުނދަގޫ ދަތުރަކަށްފަހު ކިރިޔާ ގަދަ 16 އަށް ދަތުރުކުރި ރޮނާލްޑޯގެ ޓީމަށް، ސްޕެއިންގެ އާ ރަން ޖީލުގެ މައްޗަށް ކުރިހޯދުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ސްޕެއިން އަންނަނީ މެޗަކަށްފަހު މެޗެއް ވަރުގަދަވަމުންނެވެ. އެ ޓީމުގެ ރީތި ކުޅުމާއި ވަރުގަދަ ޑިފެންސަށް ބަލާއިރު، ފާއިތުވި 16 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސްޕެއިން އެވެ.
ޕޯޗުގަލް އާއި ސްޕެއިން ގަދަ 16 އަށް ދަތުރުކުރީ ކިހިނެއް؟
ޕޯޗުގަލް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް 'ޖޭ' ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ އުޒްބެކިސްތާން އަތުން ބޮޑު މޮޅެއް ހޯދާފަ އެވެ. ނަމަވެސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ. ގަދަ 32 ގެ ބުރުގައި ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވީ، ފަހަތުން އަރައި ލަނޑު ޖަހައިގެން، ބަހުސްތަކެއް އުފެދުނު އުނދަގޫ މެޗަކަށްފަހު އެވެ.
ސްޕެއިން ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް 'އެޗް' ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބަލިކޮށްފަ އެވެ. ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ގަދަ 32 ގެ ބުރުގައި އޮސްޓްރިއާގެ މައްޗަށް 3-0 އިން ސްޕެއިން ވަނީ ކުރިހޯދާފަ އެވެ. 'ސްޕެއިން އެންމެ ފަހުން ކުޅުނު 34 މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. މީގެ ތެރެއިން 25 މެޗުން މޮޅުވެފައިވާއިރު، 9 މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ 2007 އާއި 2009 އާ ދެމެދު އެ ޓީމުން ގާއިމުކުރި 35 މެޗުގެ ރެކޯޑާ އަޅާބަލާއިރު އެންމެ މެޗެއްގެ މަދު އަދަދެކެވެ.
ރޮނާލްޑޯގެ ފަހު މުބާރާތް؟
އުމުރުން 41 އަހަރުގައި ވެސް، ކުރީގެ ފޯމު ކުޑަކޮށް ގެއްލިފައިވީ ނަމަވެސް، ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލްގެ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާ އެވެ. އެއީ ހަމައެކަނި ދަނޑުމަތީގައި ދައްކާ ކުޅުމުގެ ސަބަބަކުން ނޫނެވެ. އޭނާގެ މަޝްހޫރުކަމާއި ޝަޚުސިއްޔަތުގެ ސަބަބުންނެވެ. ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއްގައި އޭނާގެ ދައުރު ކުޑަވަމުން ދިޔަ ނަމަވެސް، ރޮނާލްޑޯގެ ކުރީގެ ބާރުގަދަ ކުޅުން މިހާރު ފަނޑުވަމުންދާކަން ގަބޫލުކުރަން ޖެހެ އެވެ.
މި މުބާރާތް ފެށުނުއިރު ވެސް، 2026 ގެ ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ފަހު މުބާރާތަށް ވެދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. މުބާރާތުގެ ދެވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައި ހުރި ރޮނާލްޑޯ އޭނާގެ މުސްތަގުބަލާ ބެހޭ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދިން ނަމަވެސް، ވޯލްޑް ކަޕަށްފަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް އޭނާގެ އާއިލާގެ މެމްބަރަކު ވަނީ ބުނެފައެވެ.
މީގެ ސަބަބުން ޕޯޗުގަލް ކުޅޭ ކޮންމެ މެޗެއްގެ ފޯރި މިވަނީ ގަދަވެފަ އެވެ. އެ ޓީމު ބަލިވެއްޖެނަމަ، އެއީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރުގެ ނިމުމަށް ވެދާނެ އެވެ.
ކްލަބް ލެވެލްގައާއި ގައުމީ ޓީމުގައި ރޮނާލްޑޯ ވަނީ ގިނަގުނަ ކާމިޔާބީތަކާއި ތަށިތައް ހޯދާފަ އެވެ. ނަމަވެސް ސްޕެއިން އަތުން ޕޯޗުގަލް ބަލިވެއްޖެނަމަ، ރޮނާލްޑޯގެ ކާމިޔާބީގެ ލިސްޓުން ވޯލްޑް ކަޕްގެ ރަން ތަށި އަބަދަށްޓަކައި މަދުވާނެ އެވެ.
'ވޯލްޑް ކަޕް މި ފެށުނީ': ޔަމާލް
ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޔަމާލްގެ ފުރަތަމަ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އުމުރުން 18 އަހަރުގެ މި ވިންގަރ އަންނަނީ އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި އޭނާގެ ހުނަރު ދައްކާލަމުންނެވެ.
އޮސްޓްރިއާ އަތުން ސްޕެއިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔަމާލް އަކީ، 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމުގައި ވެސް ސްޕެއިންއަށް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
"އަހަރެން ބޭނުމީ ސްޕެއިންއާއެކު ކުރިއަށް ގޮސް މުބާރާތް ކާމިޔާބުކުރަން،" ޔަމާލް ބުންޏެވެ. "އަހަރެމެން އެއްވެސް ޓީމެއްދެކެ ބިރެއް ނުގަނޭ. އަހަރެމެންނަކީ ސްޕެއިން. ވޯލްޑް ކަޕް މި ފެށުނީ އަދިކިރިޔާ."
މިހާތަނަށް ޔަމާލް އެއް ލަނޑު ޖަހާފައިވާއިރު، ޓީމުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހަތަރު ލަނޑު ކާމިޔާބުކޮށްފައިވާ މިކޭލް އޮޔަރްޒަބަލް އެވެ. 34 މެޗުން ބަލިނުވެ އޮތް ސްޕެއިން އަމާޒު ހިފާފައިވަނީ، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ހޯދި ކާމިޔާބީއަށްފަހު، އެ ޓީމުގެ ދެވަނަ ވޯލްޑް ކަޕް ތަށި ހޯދުމަށެވެ.
ޕޯޗުގަލް އާއި ސްޕެއިން މެޗުގެ ލަފާކުރުން
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި، މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ސްޕެއިން މޮޅުވުމުގެ ފުރުސަތު 49.2 އިންސައްތަ އެބައޮތެވެ. ޕޯޗުގަލް މޮޅުވުމުގެ ފުރުސަތު އޮތީ 25.6 އިންސައްތަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު އެއްވަރުވެގެން އިތުރު ވަގުތު ކުޅެން ޖެހުމުގެ ފުރުސަތު 25.2 އިންސައްތަ އޮތް ކަމަށް ލަފާކުރެވެ އެވެ.
ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ކޮން ޓީމަކާ؟
ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް، ޖުލައި 10 ވާ ހުކުރު ދުވަހު ލޮސް އެންޖެލިސްގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާ އެވެ.
ޕޯޗުގަލް އާއި ސްޕެއިން: ކުރީގެ ބައްދަލުވުންތައް
ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، ދެ ޓީމުގެ ރެކޯޑްތައް ހުރީ ދާދި ހަމަހަމަކޮށެވެ. ކޮންމެ ޓީމެއް އެއް މެޗުން މޮޅުވެފައިވާއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މީގެ ތެރޭގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައްދަލުކޮށް 3-3 އިން އެއްވަރުވި މެޗު ހިމެނެ އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދާފަ އެވެ.
މިހާތަނަށް ހުރިހާ މުބާރާތެއްގައި މި ދެ ޓީމު 41 ފަހަރު ބައްދަލުކޮށްފައިވާއިރު، ސްޕެއިން ވަނީ 18 މެޗުން މޮޅުވެފަ އެވެ. ޕޯޗުގަލް މޮޅުވީ 7 މެޗުންނެވެ. އަދި 16 މެޗު ނިމުނީ އެއްވަރުވެގެންނެވެ.
އެންމެ ފަހުން 2025 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށްފައިވުމަކީ، މި މެޗަށް ނުކުންނައިރު ޕޯޗުގަލްއަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.
ޕޯޗުގަލް އާއި ސްޕެއިން: ޓީމުގެ ޚަބަރުތައް
ސްޕެއިންގެ ނިކޯ ވިލިއަމްސްއަށް ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ. ޕޯޗުގަލް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ޕޯޗުގަލްގެ ފުރަތަމަ އެގާރަ
(4-2-3-1): ކޮސްޓާ (ގޯލްކީޕަރު)؛ ކަންސޭލޯ، ޑިއާސް، ވޭގާ، މެންޑޭސް؛ ނޭވޭސް، ވިޓީނިއާ؛ ނެޓޯ، ފެނާންޑޭސް، ލިއާއޯ؛ ރޮނާލްޑޯ
ސްޕެއިންގެ ފުރަތަމަ އެގާރަ
(4-2-3-1): ސިމޯން (ގޯލްކީޕަރު)؛ ޕޯރޯ، ކުބާސީ، ލަޕޯޓް، ކުކުރެއްލާ؛ ރޮޑްރީ، ޕެޑްރީ؛ ޔަމާލް، އޮލްމޯ، ބައޭނާ؛ އޮޔަރްޒަބަލް
މަސްދަރު: އަލް ޖަޒީރާ





