ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
ނޯވޭއާ ދެކޮޅަށް ބްރެޒިލް އިން ދައްކަން ޖެހޭނީ އެ މީހުންގެ އެންމެ މޮޅު ކުޅުން ކަމަށާއި، ބްރެޒިލްގެ ފެންވަރު ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ވެސް އަންޗެލޮޓީ ބުނި. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ ޖަޕާންއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗަށް ފަހު ލިބުނު ތަޖުރިބާތަކާ އެކު، ކުރިމަތި ވެދާނެ ކޮންމެ ޙާލަތަކަށް ވެސް ބްރެޒިލް އޮތީ ތައްޔާރަށް ކަމަށް.


ބްރެޒިލްގެ ކޯޗު ކާާލޯ އަންޗެލޮޓީ. | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭއާ ދެކޮޅަށް ނިކުންނައިރު، ބްރެޒިލް އޮތީ އެ ޓީމުގެ އެންމެ ވަރުގަދަ ފޯމުގައި ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެންމެ ފަހުން ޖަޕާންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބްރެޒިލްގެ އިތުބާރު ބޮޑުވެއްޖެ ކަމަށެވެ. އެ މެޗަށް ފަހު ބްރެޒިލްގެ ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށް އޭނާ ބުންޏެވެ.
ނޯވޭ އަކީ ވަރަށް ރޭވުންތެރި، ކޮލިޓީ ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށް އަންޗެލޮޓީ ބުންޏެވެ. ނޯވޭއާ ދެކޮޅަށް ބްރެޒިލް އިން ދައްކަން ޖެހޭނީ އެ މީހުންގެ އެންމެ މޮޅު ކުޅުން ކަމަށާއި، ބްރެޒިލްގެ ފެންވަރު ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ ޖަޕާންއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗަށް ފަހު ލިބުނު ތަޖުރިބާތަކާ އެކު، ކުރިމަތި ވެދާނެ ކޮންމެ ޙާލަތަކަށް ވެސް ބްރެޒިލް އޮތީ ތައްޔާރަށް ކަމަށެވެ.
ނޯވޭ އިން މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކުރީ، ގުރޫޕު އައިގެ ދެ ވަނަ ޓީމުގެ ގޮތުގައި އެވެ. މުބާރާތުގެ ގަދަ 32 ގައި ނޯވޭ އިން ވަނީ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފައި އެވެ. ނޯވޭގައި މިވަގުތު އޮތް ޓީމަކީ އެ ޤައުމުގެ ތާރީޚުގައި ވެސް މިހާތަނަށް އެކުލަވާލި އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދެ ކުޅުންތެރިންނަކީ އާލިން ހާލަންޑް އަދި މާޓިން އޮޑެގާޑް އެވެ. މި ދެ ކުޅުންތެރިންނަކީ ނޯވޭގެ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރާ ދެ ކުޅުންތެރިންނެވެ.
ނޯވޭއާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެ ޓީމަކީ އެޓޭކިން ގޭމެއް ކުޅޭ، ވަރަށް ހަމަހަމަ ޓީމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެ ޓީމުގެ މިޑްފީލްޑް ވަރުގަދަ ވުމުގެ ސަބަބުން، ކައުންޓަ އެޓޭކުގައި އެ ޓީމަށް ނުރައްކާ ކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އަންޗެލޮޓީ ވަނީ ފާހަގަ ކޮށްފައި އެވެ.
އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕްގައި ވެސް ބްރެޒިލް ކަޓާފައި ވަނީ ކުއާޓާ ފައިނަލްގައި ބަލިވެގެންނެވެ. ބްރެޒިލް އަކީ މިހާތަނަށް އެންމެ ގިނަ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޓީމަށްވާއިރު، އެ ޓީމަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ވެސް ހިމެނޭ ޓީމެކެވެ. ބްރެޒިލް އާއި ނޯވޭ ބައްދަލު ކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.





