ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ޕޯޗުގަލް އަތުން 2-1 އިން ބަލިވެ ކްރޮއޭޝިއާ މުބާރާތުން ކެޓިއިރު، މެޗުގެ ފަހު ސިކުންތުގައި ކްރޮއޭޝިއާއިން ޖެހި ގޯލު ވީއޭއާރުން ބާތިލުކުރީ ބޯޅައިގައި ހަރުކޮށްފައިވާ "ސްނިކޯ" ޓެކްނޮލޮޖީގެ އެހީގައި. މި ނިންމުމާ މެދު ކްރޮއޭޝިއާގެ ކޯޗު ހިތްހަމަނުޖެހުން ފާޅުކޮށްފައިވޭ

ކްރޮއޭޝިއާއިން ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ނިންމުމުގެ ކުރިން ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު، 'ސްނިކޯ' ޓެކްނޮލޮޖީގެ އެހީގައި ބޯޅައިގައި ބީހިފައިވާކަން ވަނީ ކަށަވަރުވެފައި | ބީބީސީ
ފޯރިގަދަ އަދި ހަލަބޮލި ދެވަނަ ހާފަކަށް ފަހު ޕޯޗުގަލް އަތުން 2-1 އިން ބަލިވާން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ 13 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޔޮސްކޯ ގްވާޑިއޯލް ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް އެ ޓީމުން ހީކުރި އެވެ.
ކްރޮއޭޝިއާގެ ކުޅުންތެރިން އެ ގޯލާއެކު ވަރަށް ބޮޑަށް އުފާފާޅުކުރަމުން ދިޔައިރު، މެޗުގެ ކުރީކޮޅު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި، އޭނާގެ ފުރަތަމަ ގޯލު ޖެހުމަށްފަހު ބަދަލުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އިނީ މާޔޫސްވެފައި ބެންޗުގަ އެވެ.
ނަމަވެސް، އާންމުކޮށް ކްރިކެޓްގައި ބޭނުންކުރާ "ސްނިކޯމީޓަރު" ފަދަ ޓެކްނޮލޮޖީގެ އެހީގައި އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައި، ކްރޮއޭޝިއާގެ އުފާވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައިތަން ފެނުނެވެ.
އުފެދުނު އެންމެ ބޮޑު ސުވާލަކީ، ގޯލު ޖެހުމުގެ ކުރިން ކްރޮއޭޝިއާގެ އީގޯ މަޓަނޮވިޗްގެ ބޮލުގައި ބޯޅަ ޖެހުނުތޯ އެވެ. އޭނާގެ ބޮލުގައި ބޯޅަ ކުޑަކޮށް ޖެހުނު ނަމަ ވެސް އެއީ އޮފްސައިޑެކެވެ. ނުޖެހޭ ނަމަ އެއީ ސައްހަ ގޯލެކެވެ.
މި ނިންމުން ނިންމުމަށްޓަކައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ގޮތުގައި ހުރި ޕްރިމިއާ ލީގުގެ އޮފިޝަލް ޖެރެޑް ގިލެޓް، އޮފްސައިޑްތޯ ބެލުމަށް އެންގި އެވެ.
ނޯވޭގެ ރެފްރީ އެސްޕެން އެސްކާސް ތަކުރާރުކޮށް ރިޕްލޭތައް ބަލަމުން ދިޔައިރު، މުޅި ދަނޑު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ޓީވީން ފެންނަ މަންޒަރުތަކުން ވަކި ގޮތެއް ނިންމަން އުނދަގޫވި ނަމަވެސް، "ސްނިކޯމީޓަރު" އިން ދެއްކި ރިޕޯޓަށް ބަލައި ބޯޅައިގައި ކުޅުންތެރިޔާ ކުޑަކޮށް ބީހުނު ކަމަށް ނިންމައި ގޯލު ބާތިލުކުރި އެވެ. މިއީ މެޗުގެ އެންމެ ފަހު ވަގުތުކޮޅެވެ.
މި ނިންމުމާއެކު ދަނޑުމަތީގައި ހަމަނުޖެހުން އުފެދި، ކްރޮއޭޝިއާގެ ސަޕޯޓަރުން ރުޅިގަދަވެގެން ދަނޑުތެރެއަށް ޕްލާސްޓިކް ފުޅި އުކިއެވެ. އެމީހުންގެ ވޯލްޑް ކަޕްގެ ހުވަފެންތައް ނިމިގެންދިޔައީ ހިތްދަތި ގޮތަކަށެވެ.
ބީބީސީގެ ކޮމެންޓޭޓަރު ސްޓީވް ވިލްސަން ސިފަކުރެއްވި ގޮތުގައި، މިއީ "ވީއޭއާރުގެ ތާރީޚުގައި ވެސް ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ."
ކްރޮއޭޝިއާގެ އުމުރުން 40 އަހަރުގެ ލެޖެންޑް ލޫކާ މޮޑްރިޗަށް މިއީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގެ ނިމުން ކަމަށް ބެލެވޭއިރު، ރޮނާލްޑޯގެ ދަތުރު އަދިވެސް އަދިވެސް އޮތީ ކުރިއަށެވެ.
މިއީ ހުރިހާ ކަމެއް ފެނިގެންދިޔަ މެޗެކެވެ. ބާތިލުކުރި ގޯލުތަކާއި، ބަހުސް އުފެދުނު ޕެނަލްޓީއާއި، ރޮނާލްޑޯގެ ޝައުގުވެރި ކަންތައްތަކުގެ އިތުރުން ވީއޭއާރުގެ މައްސަލަތައް ފާހަގަ ވެގެން ދިޔަ އެވެ.
'އެއީ ގޯސް ނިންމުމެއް ނޫން'
މެޗުގެ އެންމެ ފަހު ވަގުތު ކަން ހިނގީ ކިހިނެއް؟
"ސްނިކޯ" އަކީ އާންމުކޮށް ކްރިކެޓާ ގުޅުވައިގެން ބޭނުންކުރާ އެއްޗެއް ނަމަވެސް، ފަހަކަށް އައިސް ފުޓްބޯޅައިގައި ވެސް މިފަދަ ޓެކްނޮލޮޖީ ވަނީ ބޭނުންކުރަން ފަށާފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް އެޑިޑާސް އިން ތައްޔާރުކުރި "ޓްރިއޮންޑާ" ބޯޅައިގައި އެއްޗެއް ބީހޭ ވަގުތު ދެނެގަނެވޭ ފަދަ މައިކްރޯޗިޕެއް ހަރުކޮށްފައިވެ އެވެ.
މީގެ ސަބަބުން ބޫޓުން ނުވަތަ އަތުން ބޯޅައިގައި ބީހޭ ކޮންމެ ބީހުމެއްގެ ސައްހަ މައުލޫމާތު ވަގުތުން ވީއޭއާރު ރެފްރީއަށް ލިބެ އެވެ.
މި ހާދިސާއަށް ފަހު ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޓަނޮވިޗް ބޯޅައިގައި ބީހުނުކަން އެ ޓެކްނޮލޮޖީން ސާބިތުވާ ކަމަށެވެ.
މި މުބާރާތުގެ ކުރީކޮޅު ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޑަންއަށް ވެސް މި ޓެކްނޮލޮޖީގެ ފައިދާ ކުރި އެވެ.
އެ މެޗުގައި މެތިއަސް ސްވަންބާގް ޖެހި ގޯލެއް ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، "ސްނިކޯ" އިން ދެއްކި ގޮތުގައި އޭނާގެ ޓީމު ބައިވެރިޔާ އެލެގްޒެންޑާ އައިސަކް ބޯޅައިގައި ބީހުނު ވަގުތު ސްވަންބާގް ހުރީ އޮންސައިޑްގަ އެވެ. އެހެންކަމުން އެ ގޯލު ސައްހަ ކަމަށް ފަހުން ނިންމި އެވެ.
މިފަދަ ޓެކްނޮލޮޖީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުންކޮށްފައިވެ އެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ވަނީ އޭނާގެ ޓީމުގެ ގޯލު ބާތިލުކުރުމާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކައެއް ދައްކަން ދެކޮޅު ހަދާފަ އެވެ.
"އެކަމާ ބެހޭގޮތުން މާ ގިނަ ވާހަކައެއް ނުދައްކާނަން، އެކަމަކު ބުނެލަން އޮތީ ރެފްރީގެ ނިންމުންތައް ވަރަށް ގޯސް ކަމަށް،" އޭނާ ބުންޏެވެ.
"އަހަރެމެންނަށް ލިބެންޖެހޭ ފައުލްތަކާއި ސެޓް-ޕީސްތައް ނުލިބި އެބަހުރި، އެކަމަކު އެއީ ބަލިވުމުގެ އުޒުރެއް ނޫން. ރެފްރީގެ ފެންވަރު ވަރަށް ދަށް."
"މިފަދަ ނިންމުންތަކުގެ ސަބަބުން ކުޅިވަރުގެ ފޯރި ކެނޑި، ފުޓްބޯޅައިގެ އުފާވެރިކަން ގެއްލިގެންދާ މަންޒަރު ތިޔަބޭފުޅުންނަށް ފެންނާނެ. ވީއޭއާރުގެ ސަބަބުން އިހުސާސްތައް މަރާލައިފި."
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޚިޔާލު ތަފާތެވެ.
"މި ދެ ޓީމުން ކުރެ އެއް ޓީމު ބަލިވާން ޖެހުމަކީ ދެރަ ކަމެއް،" ސްޕެއިންގެ ކޯޗު ބުންޏެވެ. "އެކަމަކު އެއީ ގޯސް ނިންމުމެއް ނޫން، ނުވަތަ ނަސީބުން ނިންމި ނިންމުމެއްވެސް ނޫން. އެއީ ވަރަށް ސާފު ކަމެއް."
"މިހާރު ބޯޅަތަކުގައި ޗިޕް ހަރުކޮށްފައި ހުރޭ، އަދި ސެންސަރުން އެބަ ދައްކައިދޭ ބޯޅައިގައި ބީހުނުކަން."
ގޯލު ޖެހި ވަގުތު، އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު މެޓް އަޕްސަން '5 ލައިވް' ގައި ވާހަކަ ދައްކަމުން ބުނީ، މެޓަނޮވިޗް ބޯޅައިގައި ބީހުނުތޯ ވަގުތުން ބަލައިގެން ބުނަން އުނދަގޫ ކަމަށެވެ.
އަޕްސަން ބުންޏެވެ: "އެންމެ ފަހު ސިކުންތުގައި ނަތީޖާ ހަމަހަމަވުމުން އަންނަ އުފާވެރިކަން ކުއްލިއަކަށް އަތުން ބީވެގެން ދިއުމަކީ ދެރަ ކަމެއް. އޭނާ ހަމަ ބޯޅައިގައި ބީހުނުކަން ޔަގީންތަ؟"
"އަހަރެމެން މި ބަލަނީ ރިޕްލޭ. އޭނާ ބޯޅައިގައި ކުޑަކޮށް ނަމަވެސް ބީހުނު ކަމަށް ޔަގީންކޮށް ބުނެވޭނެތަ؟"
"ބޯޅަ އެނބުރޭ ގޮތަކަށް ބަދަލެއް ނާދޭ. އަހަރެން ގަބޫލެއް ނުކުރަން އޭނާ ބޯޅައިގައި ބީހުނު ކަމަކަށް. ފުރަތަމަ ފެނުނު މަންޒަރުން އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭ."
ރިޕްލޭ އަލުން ބެލުމަށްފަހު އަޕްސަން އިތުރަށް ބުންޏެވެ: "އަހަންނަށް ފެންނަ ފެނުމުގައި ބޯޅަ ދިޔަ މިސްރާބަކަށް ބަދަލެއް ނާދޭ."
"ފާހަގަކޮށްލެވޭ ކަމަކީ ބޯޅަ އެނބުރޭ ގޮތަށް ބަދަލެއް ނައުން. މެޓަނޮވިޗް ބޯޅައިގައި ބީހުނުހެން ހީވިޔަސް، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުވާ ކަމަށް އެމީހުން ބުނާތީ އެއީ ޝައުގުވެރި ކަމެއް. އަހަންނަކަށް އެވަރަކަށް ސާފެއް ނުވޭ."
އެ ވަގުތު، ޕްރިމިއާ ލީގުގެ ކުރީގެ އެސިސްޓަންޓް ރެފްރީ ޑަރެން ކޭން، ބީބީސީގެ ޕްރެޒެންޓަރު މާކް ޗެޕްމަންއަށް މެސެޖުކޮށް ބުނީ: "ޓީމުގެ ކުޅުންތެރިޔަކު އެންމެ ފަހުން ބޯޅަ ފޮނުވާލި ވަގުތު އޭނާ ހުރީ އޮފްސައިޑްގައި. އަދި ބޯޅަ ޑިފެންޑަރުގެ ގައިގައި ޖެހިފައި އައީ ގަސްދުގައި ކުޅެގެން ކަމަށް ނުވާތީ، އޮފްސައިޑް ދެމިއޮންނާނެ."
"ސްނިކޯ އިން 100 އިންސައްތަ ސާބިތުކޮށްދޭ އޭނާ ބޯޅައިގައި ބީހުނުކަން."
ބާތިލުކުރި ގޯލު، ހަމަހަމަވި ނަތީޖާ އަދި ކުޅުންތެރިޔާ ބަދަލުކުރުން
ރޮނާލްޑޯ މިހާތަނަށް ވޯލްޑް ކަޕެއް ކާމިޔާބުކޮށްފައެއް ނުވެ އެވެ. ޓޮރޮންޓޯގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފަށްފަހު، އިވާން ޕެރިސިޗް ކްރޮއޭޝިއާއަށް ލީޑު ހޯދައިދިނުމުން ރޮނާލްޑޯގެ ހުވަފެންތައް ނިމުމަކަށް އަންނަނީ ކަމަށް އޭނާއަށް ހީވެފައި އޮވެދާނެ އެވެ.
ޕޯޗުގަލްގެ ކެޕްޓަން ޖެހި މޮޅު ގޯލެއް އޮފްސައިޑް ކަމަށް ނިންމައި ބާތިލުކުރި ނަމަވެސް، ފަހުން ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ނަތީޖާ 1-1 އަށް ބަދަލުކޮށްފަ އެވެ. މިއީ އޭނާ ކުޅުނު ހަ ވޯލްޑް ކަޕްގެ ތެރެއިން ނޮކްއައުޓް ބުރުގައި ޖެހި ފުރަތަމަ ގޯލެވެ.
އޭނާ ކުޅުނު 26 ވަނަ ވޯލްޑް ކަޕް މެޗުގެ 81 ވަނަ މިނެޓުގައި ބަދަލުކުރުމުން ރޮނާލްޑޯ އިނީ ވަރަށް ބޮޑަށް ދެރަވެފަ އެވެ.
ނަމަވެސް، 94 ވަނަ މިނެޓުގައި ގޮންސާލޯ ރާމޯސް ޕޯޗުގަލްއަށް 2-1 އިން ލީޑު ހޯދައިދިނުމުން، ރޮނާލްޑޯ ވަނީ ދަނޑަށް އަރައި އުފާފާޅުކޮށްފަ އެވެ. އޭގެ ފަހުން ކްރޮއޭޝިއާގެ ގޯލު ބާތިލުކުރި ހާދިސާ ހިނގި އެވެ.
މި މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ހުރިހާ މެޗެއްގެ ކޮންމެ މިނެޓެއްގައި ކުޅެފަ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު މިހާރު ވަނީ ސުވާލު އުފިދިފަ އެވެ.
އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ ތިއޯ ވަލްކޮޓް ބީބީސީ ސްޕޯޓްސްގައި ވާހަކަ ދައްކަމުން ބުނީ، ރޮނާލްޑޯ ބަދަލުކުރުމަކީ އެންމެ ފަހުން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ފުރުސަތު ލިބުނު. އޭނާ ބަދަލުކުރަން އުޅުނު ވަގުތު އޮފްސައިޑް ގޯލެއް ޖެހުމުން އަހަރެމެން ހީކުރީ އޭނާ ބަދަލުކޮށްގެން ނުވާނެ ކަމަށް،" ވަލްކޮޓް ބުންޏެވެ. "އެކަމަކު އެންމެ ފަހުން އެއީ ރަނގަޅު ނިންމުމެއް ކަމަށް އަހަރެން ގަބޫލުކުރަން."
'ކުޅިވަރުގެ ލެޖެންޑެއް'
ރޮނާލްޑޯގެ ވޯލްޑް ކަޕް ދަތުރު ކުރިއަށްދާއިރު، މިއީ މޮޑްރިޗްގެ ދައުރުގެ ނިމުމެވެ. 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އަންނައިރު އޭނާގެ އުމުރަކީ 44 އަހަރެވެ.
މި މިޑްފީލްޑަރު ވަނީ ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު އޭނާގެ ކެރިއަރުގެ ނިންމުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް މީގެ ކުރިން ދީފަ އެވެ.
ވޯލްޑް ކަޕްގައި އޭނާ ކުޅުނު 23 ވަނަ މެޗަށްފަހު، ރެއާލް މެޑްރިޑްގައި އޭނާއާއެކު ކުރިން ކުޅުނު ރޮނާލްޑޯ ވަނީ މޮޑްރިޗަށް ހިތްވަރު ދީފަ އެވެ.
"އަހަރެންގެ ކެރިއަރުގެ ވަކި ހިސާބަކަށް އާދެވިއްޖެކަން އަހަންނަށް އެނގޭ،" މޮޑްރިޗް ދާދި ފަހުން ބުނެފައިވެ އެވެ.
ޖޫން 24 ވަނަ ދުވަހު ޓޮރޮންޓޯގައި ޕެނަމާ އަތުން 1-0 އިން ކްރޮއޭޝިއާ މޮޅުވި މެޗަކީ ގައުމީ ޓީމަށް އޭނާ ކުޅެދިން 200 ވަނަ މެޗެވެ.
އެ މެޗު ނިމުމުން ޓީމުގެ ކުޅުންތެރިން ވަނީ އޭނާ އުފުލާލައި އެ ކާމިޔާބީ ފާހަގަކޮށްފަ އެވެ.
ނަމަވެސް، 2006 ވަނަ އަހަރު ކްރޮއޭޝިއާއަށް ކުޅެން ފެށި މޮޑްރިޗަށް މިފަހަރު އެފަދަ އުފާވެރިކަމެއް ނުލިބުނެވެ.
"ކްރޮއޭޝިއާ މިގޮތަށް މުބާރާތުން ވަކިވާން ޖެހުމަކީ ވަރަށް ހިތްދަތި ކަމެއް. ލޫކާ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕް މެޗަށް މިއީ ވެދާނެ،" ބްރެޒިލްގެ ކުރީގެ މިޑްފީލްޑަރު ލޫކަސް ލެއިވާ ބީބީސީ ސްޕޯޓްސްއަށް ބުންޏެވެ.
"އޭނާއަކީ ކުޅިވަރުގެ ލެޖެންޑެއް. ވޭތުވެދިޔަ 20 ވަރަކަށް އަހަރު އޭނާ ވަނީ އޭނާގެ މޮޅުކަން ސާބިތުކޮށްދީފައި. އޭނާއަށްޓަކައި ދެރަވޭ، އެކަމަކު އޭނާ ބިނާކުރީ ވަރަށް ފުރިހަމަ ކެރިއަރެއް."
"އޭނާ ވަނީ ކްރޮއޭޝިއާ ވޯލްޑް ކަޕްގެ އެންމެ އުސްމިނަށް ގެންގޮސްދީފައި. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް."
މަސްދަރު: ބީބީސީ





