ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
ވޯލްޑް ކަޕްގައި އެމެރިކާގެ ފޯލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަން ފީފާއިން އުވާލުމުން، ފުޓްބޯޅައިގެ ގަވާއިދުތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި. މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސަށް ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު ނިންމި ނިންމުމެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، މިއީ ސިޔާސީ ނުފޫޒު ވަދެފައިވާ ކަމެއް ކަމަށް ބެލްޖިއަމުން ވަނީ ތުހުމަތުކޮށްފައި. ފީފާގެ މި އާދަޔާ ހިލާފު ނިންމުމުގެ ސަބަބުން މުބާރާތުގެ އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި، އެމެރިކާއާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗުގައި، އެމެރިކާ ޓީމުގެ ޖާޒީ ނަންބަރު 20، ފޮލަރިން ބަލޯގަން ލަނޑެއް ޖެހުމަށްފަހު އުފާފާޅުކުރި ނަމަވެސް އޮފްސައިޑްވުމުގެ ސަބަބުން ފަހުން މި ލަނޑު ބަލައިނުގަތުމަށް ވަނީ ނިންމާފައި. | ގެޓީ އިމޭޖަސް
މިއީ ފުޓްބޯޅައިގެ ދުނިޔޭގައި ބަދަލުނުވާނެ ކަމަށް ގަބޫލުކުރެވިފައި އޮތް އެންމެ ބޮޑު އެއް ހަގީގަތެވެ. ވޯލްޑް ކަޕްގައި ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފި ނަމަ، ޖެހިގެން އަންނަ މެޗުގައި އެ ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ.
މީގައި އެއްވެސް އުޒުރެއް، އާދޭހެއް ނުވަތަ އިސްތިއުނާފެއް ނޯވެ އެވެ.
ނަމަވެސް، އެމެރިކާގެ ފުޓްބޯޅަ ތަރި ފޯލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑު ބާތިލުކުރުމަށް ނިންމި ނިންމުމާއެކު، ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ގަދަ 32 ޓީމުގެ ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން އެމެރިކާ މޮޅުވި މެޗުގައި ރަތް ކާޑު ދެއްކި ބަލޯގަންއަށް، އަންނަ ހޯމަ ދުވަހު ބެލްޖިއަމާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގައި މިހާރު ކުޅެވޭނެ އެވެ. އޭނާއަކީ މި މުބާރާތުގައި ތިން ލަނޑު ޖަހައިގެން އެމެރިކާ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް 189 ރަތް ކާޑު ދައްކާފައިވާއިރު، ސަސްޕެންޝަނެއް ފުރިހަމަނުކޮށް ސަލާމަތްވެފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ.
މީގެ ކުރިން މިފަދަ ކަމެއް ހިނގާފައިވަނީ 1962 ވަނަ އަހަރު އެވެ. އެ ފަހަރު ބްރެޒިލްގެ ގަރިންޗާ ސެމީ ފައިނަލުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ނަމަވެސް، ޗެކޮސްލޮވާކިއާ އަތުން މޮޅުވި ފައިނަލް މެޗުގައި އޭނާ ކުޅުނެވެ.
އެހެންނަމަވެސް، އެ ދުވަސްވަރު ރަތް ކާޑާއެކު އޮޓޮމެޓިކް ސަސްޕެންޝަނެއް ނާދެ އެވެ. އެކަން ނިންމަނީ މެޗު އޮފިޝަލުން ދޭ ރިޕޯޓަށް ބަލައި ކޮމިޓީއަކުންނެވެ.
އެ އަހަރު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމަކީ ސިޔާސީ ނުފޫޒު ވަދެފައިވާ ނިންމުމެއް ކަމަށް އޭރުވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ.
ވައިޓް ހައުސް އާއި ފީފާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ބަލާއިރު، މުބާރާތް ބާއްވާ ގައުމަށް ފައިދާވާ ގޮތަށް ނިންމި މި އާދަޔާ ހިލާފު ނިންމުމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާނެ އެވެ.
ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ބަލޯގަންގެ ސަސްޕެންޝަން އުވާލާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި އެކަމާ މަޝްވަރާ ކުރެއްވި ފަހުންނެވެ.
މިއީ ފުޓްބޯޅައިގެ ގަވާއިދުތަކަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުންބާ؟
މި ވޯލްޑް ކަޕްގައި ރަތް ކާޑު ދެއްކި އެހެން 11 ކުޅުންތެރިން ސަސްޕެންޝަން ފުރިހަމަކުރަން ޖެހުނުއިރު، ބަލޯގަންއަށް އެކަނި މި ލުއި ދިނީ ކީއްވެގެން ހެއްޔެވެ؟
މީގެ ސަބަބުން، ގަވާއިދާ އެއްގޮތަށް ރަތް ކާޑު ދައްކާ ހާލަތްތަކުގައިވެސް ސަސްޕެންޝަނުން ސަލާމަތްވުމަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ހެއްޔެވެ؟
މީގެ ފަހުން ވޯލްޑް ކަޕްގެ މެޗެއްގައި ރަތް ކާޑެއް ދެއްކުމުން ޓީވީ ސްކްރީނުން "ޖެހިގެން އަންނަ މެޗަށް ސަސްޕެންޑް" ވާނެ ކަމަށް އެރުވި ނަމަވެސް، އެއީ ޔަގީން ކަމެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެއްޔެވެ؟
މި ނިންމުމުގެ ތަފްސީލާއި، މިހާތަނަށް އެނގިފައިވާ ކަންކަމާއި، މީގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކަށް ބަލާލަމާ ހިނގާށެވެ.
ފީފާއިން އެއްވެސް ސަބަބެއް ބަޔާނެއް ނުކުރޭ
ގިނަ ބަޔަކު ކުރާ އެންމެ ބޮޑު ސުވާލަކީ މިއީ ކިހިނެއް ހިނގި ކަމެއްތޯއެވެ؟
ފީފާގެ ޑިސިޕްލިނަރީ ކޯޑުގައި ބުނާގޮތުން، ނުރައްކާތެރި ފައުލެއް ކުރުމުން ބަލޯގަންއަށް މަދުވެގެން ދެ މެޗުގެ ސަސްޕެންޝަނެއް އަންނަން ޖެހެ އެވެ.
އަދި ވޯލްޑް ކަޕްގެ ގަވާއިދު ބުނާގޮތުން ރަތް ކާޑަކާ މެދު އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ޓީމުތަކަކަށް ނޯވެ އެވެ.
ބަލޯގަންގެ ސަސްޕެންޝަން އުވާލުމާ ގުޅޭގޮތުން ފީފާއިން ނެރުނު ބަޔާނުގައި އެއްވެސް ސަބަބެއް ނުވަތަ ތަފްސީލެއް ދީފައެއް ނުވެ އެވެ. އެ ބަޔާނުގައި ހަމައެކަނި ހަވާލާދީފައިވަނީ "ފީފާ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާ" އަށެވެ.
މި މާއްދާއަކީ އަދަބެއް ތަންފީޒުކުރުން ފުރިހަމައަށް ނުވަތަ ބައެއް ގޮތްގޮތުން ހުއްޓާލުމުގެ ބާރު ފީފާއަށް ލިބިދޭ މާއްދާއެކެވެ.
މިއީ އެއްވެސް އިތުރު ޝަރުތަކާ ނުލައި، ފީފާއިން ބޭނުން ކޮންމެ ނިންމުމެއް ނިންމުމުގެ ފުރުސަތު ފަހިކޮށްދޭ ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ގަވާއިދެކެވެ.
މީގެ ކުރިން ދުވަހަކުވެސް ވޯލްޑް ކަޕެއްގައި 27 ވަނަ މާއްދާ ބޭނުންކޮށްފައެއް ނުވެ އެވެ.
ބީބީސީ ސްޕޯޓްސްއިން މިކަން މިގޮތަށް ހިނގި ސަބަބާ މެދު ސުވާލުކުރުމުންވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ. ފީފާއިން ހަމައެކަނި އިޝާރާތް ކުރީ މި މުބާރާތުގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަސްޕެންޝަނަށް ދިން ލުޔަށެވެ.
ފީފާގެ ގަވާއިދުގެ ދަށުން، ނޮވެމްބަރު މަހު އަޔަލޭންޑް އަތުން ޕޯޗުގަލް 2-0 އިން ބަލިވި މެޗުގައި ޑާރާ އޯޝޭއަށް އުޅަނބޮށިން ހަމަލާދިނުމުން ރޮނާލްޑޯއަށް ތިން މެޗުގެ ސަސްޕެންޝަނެއް އަންނަން ޖެހެ އެވެ.
އޭނާ އެ ސަސްޕެންޝަންގެ އެއް މެޗު އަރުމީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރިހަމަކުރި އެވެ. ނަމަވެސް ބާކީ އޮތް ދެ މެޗުގެ ސަސްޕެންޝަން ފަސްކޮށްދިނީ އެވެ.
އެކަމަކު ރޮނާލްޑޯއަށް ރަތް ކާޑު ދެއްކީ ކޮލިފައިންގަ އެވެ. އެއީ ވޯލްޑް ކަޕްގެ މެޗެއްގައި ދެއްކި ރަތް ކާޑެއް ނޫނެވެ.
މުބާރާތެއް ފެށުމުގެ ކުރިން ކުޅުންތެރިންނަށް ލުއި ދިން މިފަދަ އެތައް ހާދިސާއެއް މީގެ ކުރިން ހިނގާފައިވެ އެވެ. 2014 ވަނަ އަހަރު ފްރާންސްގެ ލޯރެންޓް ކޮސިއެލްނީއަށާއި، މި ވޯލްޑް ކަޕްގެ ކުރިން އިކުއެޑޯގެ މޮއިސެސް ކައިސެޑޯ އަދި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީއަށް ދިން ލުއިތައް މީގެ މިސާލަކަށް ފުދެ އެވެ.
ރޮނާލްޑޯގެ މައްސަލައިގައި ފީފާއިން ބުނީ، އޭނާ ކުޅުނު ބައިނަލްއަގުވާމީ 225 މެޗުގެ ތެރެއިން މީގެ ކުރިން ރަތް ކާޑެއް ހޯދާފައި ނުވާތީ އެކަމަށް ރިއާޔަތްކުރީ ކަމަށެވެ. އެހެންކަމުން އެ ފަހަރު ކޮންމެވެސް ވަރެއްގެ އުސޫލެއް އޮތެވެ.
ނަމަވެސް ބަލޯގަންގެ މައްސަލައިގައި އެފަދަ އެއްވެސް ތަފްސީލެއް ނުލިބެ އެވެ.
މައުލޫމާތު ސާފުނުވުމުގެ ސަބަބުން، މިކަމުގައި ތަފާތު ޝައްކުތަކާއި ތުހުމަތުތައް އުފެދުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ.
މިއީ ހާއްސަ މައްސަލައަކަށްވީ ކީއްވެ ހެއްޔެވެ؟ ރިއާޔަތްކުރީ ކޮން ކަންތައްތަކަކަށް ހެއްޔެވެ؟ މި ނިންމުން ނިންމީ ކޮން ބައެއް ހެއްޔެވެ؟
ބީބީސީ ސްޕޯޓްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ސަސްޕެންޝަން އުވާލުމަށް މެޗުގެ ރެފްރީ އެދިފައެއް ނުވެ އެވެ. އަދި ވީއޭއާރުގެ އުސޫލުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައެއްވެސް ނުވެ އެވެ.
މި ސަބަބުތައް ހާމަކުރުމަށް އެދުމުގެ ހައްގު އެމެރިކާއަށް އޮތް ނަމަވެސް، ބެލްޖިއަމަށް އެ ހައްގެއް ނެތެވެ.
ބީބީސީ ސްޕޯޓްސްގެ ކޮމެންޓޭޓަރު އަދި އިނގިރޭސިވިލާތުގެ ކުރީގެ ޑިފެންޑަރު މައިކާ ރިޗަޑްސް ބުނީ މިއީ "ހެއްވާ" ކަމެއް ކަމަށެވެ.
"އެއް އަހަރު ދުވަހަށް ސަސްޕެންޝަން ފަސްކުރުމަކީ މުޅި މުބާރާތުގެ އަގު ވައްޓާލުން ފަދަ ކަމެއް." އޭނާ ބުންޏެވެ.
މިއީ ހަމައެކަނި ބޮޑެތި ތަރިން މުބާރާތުގައި ބޭތިއްބުމަށް ކުރާ ކަމެއް. ފީފާއިން މިއަށްވުރެ ޒިންމާދާރުވާންޖެހޭ. މީގެ ސަބަބުން ގިނަ ބައެއްގެ ހިތްހަމަނުޖެހުން ވަނީ އުފެދިފައި،" ރިޗަޑްސް ބުންޏެވެ.
ބެލްޖިއަމް އިންތިހާއަށް ރުޅި ގަދަވެފައި
އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބަލޯގަންއަށް ކުޅުމުގެ ހުއްދަ ދިނުމުން "ހައިރާންވާ" ކަމަށެވެ.
ބެލްޖިއަމުން ވަނީ މުބާރާތުގެ ގަވާއިދުތަކާއި، މުބާރާތުގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ދީފައިވާ މައުލޫމާތުތަކާ މި ނިންމުން ފުށުއަރާކަން ފާހަގަކޮށްފަ އެވެ.
އެ ފެޑެރޭޝަނުން ބުނާގޮތުގައި، ރަތް ކާޑު ދައްކާ ކުޅުންތެރިޔާ "އޮޓޮމެޓިކުން ޖެހިގެން އަންނަ މެޗަށް ސަސްޕެންޑްވާނެ" ކަމަށް މުބާރާތުގެ ގަވާއިދުގައި ސާފުކޮށް ބުނެފައިވެ އެވެ. އެހެންކަމުން ފީފާއިން މިވަނީ މުބާރާތުގެ ގަވާއިދުގެ މައްޗަށް އެމީހުންގެ ޑިސިޕްލިނަރީ ކޯޑު އިސްކޮށްފައި ކަމަށް ބެލްޖިއަމުން ތުހުމަތުކުރެ އެވެ.
ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ވޯލްޑް ކަޕްގައި ޖުލައި 5 އަކީ އޭޕްރީލް ފޫލްސް ޑޭ (އޭޕްރީލް މަހުގެ ފުރަތަމަ ދުވަސް) ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.
"އަހަރެމެން މިއުޅެނީ ހަމައެކަނި ގައުމީ ޓީމުގެ ދިފާއުގައެއް ނޫން. އަހަރެމެން މި ވަކާލާތު ކުރަނީ މުޅި ފުޓްބޯޅައިގެ ހައްގުގައި،" ގާސިއާ ބުންޏެވެ.
މި މުބާރާތުގައި ރަތް ކާޑު ދެއްކި އެހެން ކުޅުންތެރިން މިކަމާ މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟
ގަތަރުގެ އާސިމް މަދީބޯގެ މައްސަލައަށް ބަލާލަމާ ހިނގާށެވެ. ކެނެޑާގެ އިސްމާއިލް ކޯނޭގެ ފައި ބިންދައިގެން ދިޔަ ހާދިސާގައި މަދީބޯ ގަސްދުގައި ފައުލް ކުރި ކަމަކަށް ނުބެލެވެ އެވެ. އެއީ އިއްތިފާގުން ހިނގި ހާދިސާއެއް ކަމަށް ފެނުނު ނަމަވެސް، ފީފާއިން ވަނީ އޭނާ ފަސް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ބަލޯގަން އާ މެދު ނިންމި ނިންމުމުން ފީފާ ގެ އުސޫލުތަކަށް ދެންވާނީ ކިހިނެއް؟
ބަލޯގަންއަށް ދެއްކި ރަތް ކާޑަކީ ހަރުކަށި ނިންމުމެއް ހެއްޔެވެ؟ އާނއެކެވެ.
އޭނާ ބޮސްނިއާގެ ތާރިކް މުހަރެމޮވިޗް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ގަސްދަކާ ނުލައި އޭނާގެ ފައި ބޮސްނިއާ ކުޅުންތެރިޔާގެ ކުޑަކަޅުވާ އަށް އެރީ އެވެ.
ނަމަވެސް، ނިންމުން ހަރުކަށިވުމަކީ އެއީ ނުބައި ނިންމުމެއް ކަމަށް ބަލައި ފީފާއިން އެކަމުގެ ތެރެއަށް ވަންނަންޖެހޭ ސަބަބެއް ނޫނެވެ.
މީގެ ފަހުން ގަސްދަކާ ނުލައި ކުރެވޭ ކަންކަމަށް ދައްކާ ރަތް ކާޑުތައް ފީފާއިން ބާތިލުކުރާނީ ހެއްޔެވެ؟
ކޯޗުން މިހާރު ވަކާލާތު ކުރާނީ، އެއް ކުޅުންތެރިއަކަށް ލުއި ދީފައިވާތީ އެހެން ކުޅުންތެރިންނަށް ވެސް އެ އުސޫލުން އަމަލުކުރުމަށެވެ.
ފުޓްބޯޅައިގެ ގަވާއިދުތަކުން "ގަސްދުގައި ކުރި ކަމެއްތޯ" ބެލުން އުނިކުރިތާ އެތައް އަހަރެއް ވެއްޖެއެވެ. މިހާރު ބަލަނީ ހަމައެކަނި ކުރި އަމަލުގެ ނަތީޖާއަށެވެ.
މިދިޔަ ޑިސެމްބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ޒަވީ ސިމަންސްއަށް ދެއްކި ރަތް ކާޑަށް ބަލާލަމާ ހިނގާށެވެ. އޭނާ ވާޖިލް ފެން ޑައިކްގެ ފަޔަށް އެރީ ގަސްދުގައެއް ނޫނެވެ. ނަމަވެސް އެއީ އިދިކޮޅު ކުޅުންތެރިޔާއަށް ނުރައްކާވާ ފަދަ އަމަލަކަށް ވާތީ ރަތް ކާޑު ދެއްކީ އެވެ.
އޭރުގެ ކޯޗު ތޯމަސް ފްރޭންކް އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، ކާމިޔާބު ނުވާނެކަން އެނގޭތީ ކްލަބުން އެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ.
ބަލޯގަންގެ މި ނިންމުމުގެ ސަބަބުން، އެކި ގައުމުތަކުގެ ލީގުތަކުގައިވެސް މައްސަލަތައް ކުރިމަތިވާނެ އެވެ.
ވޯލްޑް ކަޕްގައި ރީނދޫ ކާޑު ދިނުން މަދުވުމާއި، ވީއޭއާރު ބޭނުންކުރާ ގޮތާއި، އާ ގަވާއިދުތައް މާނަކުރާ ގޮތް ލީގު ފެންވަރުގައި ތަންފީޒުކުރުމަކީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އަދި ސަޕޯޓަރުންވެސް އުއްމީދު ކުރާނީ ވޯލްޑް ކަޕްގައި ކަންކަން ކުރާ އުސޫލުން ލީގުތަކުގައިވެސް ކަންކަން ކުރުމަށެވެ.
ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން، ރެފްރީންނާއި އޮފިޝަލުންގެ މަސައްކަތަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ އެވެ.
ފީފާއަށް ލުއި ދެވޭ ނަމަ، ގައުމުތަކުގެ އެފްއޭއަށް އެފަދަ ލުއިތަކެއް ނުދެވެންވީ ކީއްވެ ހެއްޔެވެ؟
މި ނިންމުމުގައި ޓްރަމްޕްގެ ދައުރަކީ ކޮބައި؟
ވޯލްޑް ކަޕްގެ ޑިސިޕްލިނަރީ އުސޫލުގެ އެންމެ މުހިންމު އެއް އަސާސަކީ ރަތް ކާޑު އިސްތިއުނާފު ނުކުރެވުމެވެ.
ވީއިރު، މުބާރާތް ބާއްވާ ގައުމުގެ ތަރިއަކަށްޓަކައި ފީފާއިން މި ހާއްސަ އިސްތިސްނާ ހަމަޖެއްސީ ކީއްވެ ހެއްޔެވެ؟
ބަލޯގަންއަށް ދެއްކި ރަތް ކާޑާއި ސަސްޕެންޝަނާ ގުޅިގެން އެމެރިކާގައި ބޮޑު ނުތަނަވަސް ކަމެއް އުފެދުނެވެ.
އެމެރިކާގެ މީޑިއާތަކުން ބުނަމުންދިޔައީ، މެޗުގެ ފަހު 27 މިނެޓުގައި ނުކުޅެވުމުގެ އިތުރުން ބެލްޖިއަމް މެޗުވެސް ގެއްލުމަކީ ބަލޯގަންއަށް ދެވޭ "ޑަބަލް" އަދަބެއް ކަމަށާއި، އެއީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
މީޑިއާގެ އިތުރުން އެމެރިކާ ސަރުކާރުގެ ފިއްތުންތައްވެސް ފީފާއަށް ކުރިމަތިވިއެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވީ، އެ ރަތް ކާޑުގެ ސަބަބުން އެމެރިކާއަށް ބޮޑު ދެރައެއް ލިބިއްޖެ ކަމަށާއި، އިސްތިއުނާފު ކުރެވޭނެ ގޮތެއް އޮންނަންޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް، އާސެނަލްގެ ކުރީގެ ފޯވާޑަށް ކުޅެވޭނެ ގޮތަށް ފީފާއިން ކުއްލިއަކަށް މިފަދަ ލުޔެއް ދޭނެ ކަމަކަށް އެއްވެސް ބަޔަކު އުއްމީދެއް ނުކުރެ އެވެ.
މިހާރު މިވީ ގޮތުން، ބަލޯގަންއަށް ބޮސްނިއާ މެޗުގައި ލިބުނީ ވަގުތީ އަދަބެއް ކަމަށް ބެލެވިދާނެ އެވެ.
ސީބީއެސްގެ މަސްދަރުތަކުން ބުނާގޮތުގައި، ޓްރަމްޕް ވަނީ އިންފަންޓީނޯއާ ސީދާ ފޯނުން ވާހަކަދައްކަވާފަ އެވެ.
އެ މަސްދަރުތަކުން ބުނާގޮތުގައި، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލާނެ ކަމަށް އިންފަންޓީނޯ ރައީސް ޓްރަމްޕް އަރިހުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ގިއުލިއާނީ އާއި ސެކްރެޓަރީ އޮފް ކޮމާސް ހޮވާޑް ލެޓްނިކްވެސް ވަނީ ފީފާއާ މިކަމާ ގުޅޭގޮތުން މުއާމަލާތް ކުރައްވާފަ އެވެ.
އާދިއްތަ ދުވަހުގެ ރޭ ޓްރަމްޕް ވަނީ "ބޮޑު ބޭއިންސާފެއް ބަދަލުކޮށްދިނީތީ" ފީފާއަށް ޝުކުރު އަދާކުރައްވައި 'ޓްރުތް ސޯޝަލް' ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ޓްރަމްޕަށް "ފީފާ ޕީސް ޕްރައިޒް" އެރުވުމާ ގުޅިގެން، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ ގަވާއިދާ އިންފަންޓީނޯ ހިލާފުވެފައިވާ ކަމަށް ބުނެ ފީފާގެ އެތިކްސް ކޮމިޓީއަށް މީގެ ކުރިންވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.
ފީފާގެ ގަވާއިދުތައް ބުނާގޮތުން ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ މަނާ ކަމެކެވެ.
އެމެރިކާ ސަރުކާރު މިކަމުގެ ތެރެއަށް ވަދެފައިވާތީ، ކުރިއަށް އޮތް ތަނުގައި އިތުރު ސުވާލުތަކެއް ކުރިމަތިވާނެ އެވެ.
ނަމަވެސް، އެ ހުރިހާ ކަމެއްގެ ކުރިން އެންމެންގެ ނަޒަރު ހުއްޓޭނީ ހޯމަ ދުވަހު ބެލްޖިއަމާ ދެކޮޅަށް ބަލޯގަން އާއި އެމެރިކާ ޓީމު ދައްކާ ކުޅުމަށެވެ.





