އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!
މި ފަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް ގަދަ 16 އާ ހަމައަށް ދަތުރުކުރި ކޭޕް ވާޑާއި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ މެޗަކީ މުބާރާތުގެ ތާރީޚުގައި ފެންނާނެ އެންމެ ބޮޑު ތަފާތު ބޮޑު އެއް ކުރިމަތިލުން. އާބާދީ އާއި އިގްތިސާދުގެ އިތުރުން ފުޓްބޯޅައިގެ ކާމިޔާބީތަކަށް ބަލާއިރު ވެސް އާޖެންޓީނާ މާ ކުރީގައި އޮތް ނަމަވެސް، ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ އެހީގައި ކޭޕް ވާޑުން ވަނީ ބޮޑެތި ގައުމުތައް ސިއްސުވާލައިފަ.

ކޭޕް ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާއަށް، ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލިއޮނަލް މެސީ ހުއްޓުވުމުގެ ބުރަ މަސްއޫލިއްޔަތާ ކުރިމަތިލާން ޖެހޭނެ. | ގެޓީ އިމޭޖަސް
ލިއޮނަލް މެސީ އާއި ވޮޒީނިއާގެ ކުރިމަތިލުމަކީ މީގެ ކުރިން އެއްވެސް މީހަކު އުންމީދުކުރި ކުރިމަތިލުމެއް ނޫނެވެ. ނަމަވެސް، މިއީ މިހާރު ފުޓްބޯޅަ ސަޕޯޓަރުން ބަލާލުމަށް އެންމެ ކެތްމަދުވެފައިވާ ވޯލްޑް ކަޕް ކުރިމަތިލުމެވެ.
އާޖެންޓީނާ އާއި ކޭޕް ވާޑް ބައްދަލުކުރާ މި ފޯރިގަދަ މެޗު މިއާމީ ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ އެވެ.
ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެކެވެ.
މިއީ މި ފަހަރުގެ ވޯލްޑް ކަޕުން ފެންނަ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައެވެ. އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑުން ވަނީ އެންމެން ކޮސްކޮށްލުމަށްފަހު، މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފަ އެވެ.
ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށް ކޭޕް ވާޑުން ނުކުތްއިރު، އެ ޓީމަށް ކާމިޔާބެއް ލިބޭނެ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް، އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމުގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، އެ މެޗުން އެފްރިކާގެ މި ކުޑަ ގައުމު މޮޅެއް ނުވެ އެވެ.
އޭގެ ފަހުން، ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭ އާއި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުތައް ވެސް އެއްވަރުކޮށް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެ ޓީމު ވަނީ ގަދަ 32 އަށް ކޮލިފައިވެފަ އެވެ.
ދެން އޮތީ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ފެންނާނެ އެންމެ ބޮޑު ތަފާތު ހުރި ދެ ޓީމުގެ ކުރިމަތިލުމަށް ވުން އެކަށީގެންވެ އެވެ.
ދުނިޔޭގެ ތިންފަހަރުގެ ޗެމްފިއަނުންނާ ދެކޮޅަށް ނުކުންނަނީ ދުނިޔޭގެ 64 ވަނަ ޓީމު
ދުނިޔޭގެ މިހާރުގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުންނަނީ، 2013 ވަނަ އަހަރާ ހަމައަށް އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ވެސް ކޮލިފައިނުވާ ޓީމެކެވެ.
1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގައި އާޖެންޓީނާ ވާދަކޮށް ރަނަރަޕްކަން ހޯދިއިރު، ކޭޕް ވާޑަކީ ޕޯޗުގަލްގެ އިސްތިއުމާރުގެ ދަށުގައި އޮތް ގައުމެކެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕަކަށް ކޮލިފައި ނުވެވުނީ އެންމެ ފަހަރަކުއެވެ. އެއީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭއްވި ތިން މުބާރާތަކުން އެ ގައުމުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
އާޖެންޓީނާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރީ 1978 ވަނަ އަހަރު ނެދަލޭންޑްސް 3-1 އިން ބަލިކޮށްގެންނެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ހުޅަނގު ޖަރުމަނު 3-2 އިން ބަލިކޮށް، ދެވަނަ ފަހަރަށް ތަށި ދެކުނު އެމެރިކާއަށް ގެންދިޔަ އެވެ.
އެ ގައުމުން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައެވެ. އެ ފަހަރު ފައިނަލްގައި ފްރާންސާ ބައްދަލުކޮށް 3-3 އިން އެއްވަރުވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އާޖެންޓީނާއަކީ ސަރަހައްދީ ފެންވަރުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން ކޮޕާ އެމެރިކާ ރެކޯޑް 16 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް އެއީ އެވެ.
2022 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ފީފާ ރޭންކިންގެ ގަދަ ތިނަކުން އެ ޓީމު ކަޓާފައި ނުވާއިރު، ވޭތުވެދިޔަ ދެ އަހަރު އެއްވަނައިގައި އޮތުމަށްފަހު، މިދިޔަ އަހަރު އެ މަގާމު ގެއްލުނީ ފްރާންސަށެވެ.
ކޭޕް ވާޑްގެ ފުޓްބޯޅަ ފެޑަރޭޝަން އުފެދުނީ 1982 ވަނަ އަހަރު އެވެ. އަދި ފީފާގެ މެންބަރަކަށް އެ ގައުމުވީ 1986 ގައެވެ. އެއީ އާޖެންޓީނާ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރެވެ.
"ބްލޫ ޝާކްސް" ގެ ނަމުން މަޝްހޫރުވެފައިވާ ކޭޕް ވާޑުން ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ބައިވެރިވީ 2002 ގައެވެ. ނަމަވެސް، މުބާރާތަށް ކޮލިފައިވުމުގެ ހަގީގީ ފުރުސަތެއް އެ ޓީމަށް ލިބުނީ 2022 ވަނަ އަހަރު އެވެ.
މީގެ ހަތަރު އަހަރު ކުރިން، ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވުމާ ވަރަށް ގާތަށް އެ ޓީމު ދިޔަ އެވެ. ނަމަވެސް ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިއާއާ ބައްދަލުކޮށް 1-1 އިން އެއްވަރުވުމުން އެ ފުރުސަތު ގެއްލުނެވެ. އެ މެޗުން މޮޅުވި ނަމަ އެ ޓީމަށް ގަތަރަށް ދެވުނީހެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކޭޕް ވާޑުން ކުރި މަސައްކަތުގައި، އަށް ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ ކެމަރޫނާއެކު އެއް ގްރޫޕެއްގައި އޮވެ، އެ ޓީމުން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. އެއީ ކުޅުނު 10 މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވެގެންނެވެ.
އެ ޓީމުގެ ކުރިއެރުން ފާހަގަކޮށްލެވޭ މިންވަރަކީ، އެންމެ ފުރަތަމަ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކުޅުނީ މީގެ 13 އަހަރު ކުރިން ކަމަށް ވީނަމަވެސް، އެ ފަހަރު ވެސް ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ.
މިހާތަނަށް ހަތަރު ފަހަރު އެ މުބާރާތުގައި ވާދަކޮށްފައިވާއިރު، 2023 ވަނަ އަހަރު ވެސް އެ ޓީމު ވަނީ ގަދަ އަށަކަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، ވޯލްޑް ކަޕަށް ކޮލިފައިވި ނަމަވެސް، 2025 ވަނަ އަހަރުގެ އެފްރިކާ ކަޕަށް އެ ޓީމު ކޮލިފައިއެއް ނުވެ އެވެ.
ފީފާ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް ކޭޕް ވާޑް ފުރަތަމަ ވަނީ 2006 ވަނަ އަހަރު އެވެ. އަދި އެފްރިކާ ކަޕްގައި ދެއްކި ކުޅުމާއެކު 36 ވަނައަށް ޖެހިލި އެވެ. އެ ގައުމުގެ ތާރީޚުގައި އެންމެ މަތީ ރޭންކިންއެއް ހޯދީ 2014 ވަނަ އަހަރުއެވެ. އެއީ 27 ވަނަ އެވެ.
ވޭތުވެދިޔަ ނުވަ އަހަރު އެ ޓީމު އޮތީ ރޭންކިންގެ 60 އާއި 80 އާ ދެމެދުގަ އެވެ. ހުކުރު ދުވަހުގެ މެޗަށް އެ ޓީމު ނުކުންނާނީ ދުނިޔޭގެ 64 ވަނަ ޓީމުގެ ގޮތުގަ އެވެ.
އާޖެންޓީނާގެ އެންމެ ފަސް ކުޅުންތެރިންގެ އަގު ކޭޕް ވާޑްގެ މުޅި ފުރަތަމަ އެގާރައިގެ އަގަށްވުރެ ބޮޑު
ކޭޕް ވާޑްގެ ފުޓްބޯޅަ ބަދަލުވާން ފެށީ 2010 ވަނަ އަހަރު އޭރުގެ ކޯޗު ޔޮއާއޯ ޑި ޑިއުސް، ގައުމުން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ކުޅުންތެރިން ހޯދައި، މީގެ ކުރިން ގައުމީ ޓީމަށް ނުކުޅޭ އަށް ކުޅުންތެރިއަކަށް ފުރުސަތު ދިނުމާ ގުޅިގެންނެވެ.
ޒަމާނީ ފުޓްބޯޅައިގައި ގިނަ ގައުމުތަކަކުން މިހާރު އަންނަނީ ގައުމުން ބޭރުގައި އުފަންވެ، ދިރިއުޅޭ ނަމަވެސް އެ ގައުމަކަށް ކުޅުމުގެ ފުރުސަތު އޮންނަ ކުޅުންތެރިންގެ ބޭނުން ހިފަމުންނެވެ.
ކޭޕް ވާޑްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ގައުމަށް އުފަންވީ 12 ކުޅުންތެރިންނެވެ. އުރުގުއޭއާ 2-2 އިން އެއްވަރުވި މެޗުގައި، އެ ގައުމުގެ ތާރީޚީ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ޖަހައިދިނީ ވެސް ވެރިރަށް ޕްރައިއާއަށް އުފަން ކެވިން ޕީނާ އެވެ.
ނަމަވެސް އެ ޓީމު ބޮޑަށް ބަރޯސާވަނީ ބޭރުގައި އުފަންވި ކުޅުންތެރިންނަށެވެ. އޭގެ ތެރޭގައި ނެދަލޭންޑްސްއަށް އުފަން ފަސް ކުޅުންތެރިންނާއި، ފްރާންސާއި ޕޯޗުގަލްއަށް އުފަން ތިން ކުޅުންތެރިން ހިމެނެ އެވެ.
އެ ގައުމުގެ ސެމީ-ޕްރޮފެޝަނަލް ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިއަކު ގައުމީ ޓީމަކު ނެތެވެ.
ސްކޮޑުގެ 23 ކުޅުންތެރިން ކުޅެނީ ޔޫރަޕްގައެވެ. ނަމަވެސް ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައި ކުޅެނީ ވިޔަރެއާލްގެ ޑިފެންޑަރު ލޯގަން ކޮސްޓާ އެކަންޏެވެ.
މި މުބާރާތުގައި ހައިރާންކުރުވަނިވި ކުޅުމެއް ދައްކަމުންދާ އުމުރުން 40 އަހަރުގެ ކީޕަރު ވޮޒީނިއާއަކީ މިހާރު އެއްވެސް ކްލަބަކާ ގުޅުމެއް ނެތް "ފްރީ އޭޖެންޓް" އެކެވެ. ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވްސްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިދިޔަ އަންގާރަ ދުވަހު ވަނީ ހަމަވެފަ އެވެ.
ވޮޒީނިއާއަކީ ޕޯޗުގަލްގައި ކުޅެމުންދާ ހަތް ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ނަމަވެސް ބޮޑު ކްލަބެއްގައި ހުރި ހަމައެކަނި ކުޅުންތެރިއަކީ ބެންފީކާގައި ހުރުމަށްފަހު ޓްރާންޒޮންސްޕޯއާ ގުޅޭ ސިޑްނީ ލޮޕޭޒް ކަބްރާލް އެވެ.
ޓްރާންސްފާ މާކެޓް ވެބްސައިޓުން ހާމަކުރާ ގޮތުގައި، ކޭޕް ވާޑްގެ މުޅި ސްކޮޑުގެ އަގަކީ އެންމެ 54.5 މިލިއަން ޔޫރޯ (46.8 މިލިއަން ޕައުންޑް) އެވެ.
މި މުބާރާތުގައި ވާދަކުރާ 48 ޓީމުގެ ތެރެއިން މިއަށްވުރެ އަގު ދަށީ އެންމެ ނުވަ ޓީމެއްގެއެވެ. އެންމެ އަގު ދަށް ޓީމުގެ ގޮތުގައި އޮތީ 19.9 މިލިއަން ޔޫރޯގެ އަގަކާއެކު ގަތަރެވެ.
މިއާ ޚިލާފަށް، އާޖެންޓީނާގެ ސްކޮޑަކީ ދުނިޔޭގެ މަޝްހޫރު ތަރިންނުން ފުރިފައިވާ ސްކޮޑެކެވެ. އެ ޓީމުގެ ޖުމްލަ އަގަކީ 807.5 މިލިއަން ޔޫރޯ (693.7 މިލިއަން ޕައުންޑް) އެވެ. މިއީ މުޅި ވޯލްޑް ކަޕްގެ ހަތްވަނައަށް އެންމެ އަގުބޮޑު ސްކޮޑެވެ. އެއްވަނައިގައި އޮތީ 1.52 ބިލިއަން ޔޫރޯގެ އަގަކާއެކު ފްރާންސެވެ.
އާޖެންޓީނާގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އަމިއްލަ ގައުމުގެ ލީގުގައި ކުޅެނީ ރިވަރ ޕްލޭޓް އަދި ބޮކާ ޖޫނިއާސްގެ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން ބްރެޒިލްގެ ޕަލްމެއިރަސްއަށް އެކަކު ކުޅެއެވެ.
މިޑްފީލްޑަރު ރޮޑްރީގޯ ޑި ޕޯލް އާއި ފޯވާޑް ލިއޮނަލް މެސީ ކުޅެނީ އެމެރިކާގެ އިންޓަ މިއާމީއަށެވެ. ބާކީ ތިބި 21 ކުޅުންތެރިން ކުޅެނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގަ އެވެ.
އާޖެންޓީނާގެ ސްކޮޑުގައި އެ ގައުމަށް އުފަން ނޫން ތިބީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ އިޓަލީގެ ރޯމަށް އުފަން ޖިއުލިއާނޯ ސިމިއޯނީ އާއި ސްޕެއިންގެ ޓެނެރީފަށް އުފަން ނިކޯ ޕާޒް އެވެ.
ދެ ޓީމުގެ ފުރަތަމަ އެގާރައަށް ބަލާއިރު، އާޖެންޓީނާގެ ޓީމުގެ ޖުމްލަ އަގަކީ 360.3 މިލިއަން ޕައުންޑެވެ. އެންމެ އަގުބޮޑު ކުޅުންތެރިއަކީ ޗެލްސީގެ އެންޒޯ ފެނާންޑޭޒް (77.4 މިލިއަން ޕައުންޑް) އެވެ.
ކޭޕް ވާޑްގެ މުޅި ޓީމުގެ އަގަކީ އެންމެ 19.77 މިލިއަން ޕައުންޑެވެ.
އެ ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިއަކީ ޓްރާންޒޮންސްޕޯގެ ވެގްނާ ޕީނާ (9.5 މިލިއަން ޕައުންޑް) އެވެ. ނަމަވެސް އޭނާ މި މުބާރާތުގައި ކުޅުނީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަބްރާލް ސަސްޕެންޑްވެފައި ހުރުމުންނެވެ.
ކަބްރާލް (3.4 މިލިއަން ޕައުންޑް) އާއި ކްރަސްނޯޑާގެ ކެވިން ޕީނާ (4.3 މިލިއަން ޕައުންޑް) އަކީ އެ ޓީމުގެ އަގުގެ ބޮޑު ބައެއް ހިއްސާކުރާ ކުޅުންތެރިންނެވެ.
އާޖެންޓީނާގެ ޓީމުގެ އަގު ކޭޕް ވާޑަށްވުރެ 18 ގުނަ ބޮޑެވެ. އަދި އާޖެންޓީނާގެ އެންމެ ފަސް ކުޅުންތެރިންގެ އަގު ވެސް ކޭޕް ވާޑްގެ މުޅި ޓީމަށްވުރެ ބޮޑެވެ.
ކާމިޔާބީތަކަށް ބަލާއިރު ވެސް އޮތީ ބޮޑު ތަފާތެކެވެ. އާޖެންޓީނާގެ ސްކޮޑުގެ 16 ކުޅުންތެރިންނަކީ މިހާރު ވެސް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނެވެ. މީގެ އިތުރުން ޔޫރަޕާއި އަމިއްލަ ގައުމުގެ ލީގުތަކާއި ކަޕްތައް އެތައް ފަހަރަކު ވަނީ ކާމިޔާބުކޮށްފައެވެ.
ކޭޕް ވާޑްގެ ކުޅުންތެރިންނަށް ލިބިފައިވާ ކާމިޔާބީތަކަކީ ސައިޕްރަސް، ހަންގޭރީ އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ ލީގުތަކެވެ.
އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ 2020-21 ވަނަ އަހަރު ސްޕޯޓިން ސީޕީއާއެކު ޕޯޗުގަލް ލީގު ކާމިޔާބުކުރި ޖޮވާނޭ ކަބްރާލް އެވެ. އަދި ކެވިން ޕީނާ ވަނީ 2024-25 ވަނަ އަހަރު ކްރަސްނޯޑާއާއެކު ރަޝިއަން ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.
ޕޯޗުގަލްގެ އިސްތިއުމާރުން މިނިވަންވީ 1975 ގައެވެ. ކޭޕް ވާޑަކީ އެޓްލާންޓިކް ކަނޑުގެ މެދުތެރޭގައި އޮންނަ 10 ރަށުގެ މައްޗަށް އެކުލެވޭ ގައުމެކެވެ. މީގެ ތެރެއިން މީހުން ދިރިއުޅެނީ ނުވަ ރަށުގައެވެ.
މި ގައުމު އޮންނަނީ އެފްރިކާގެ ހުޅަނގު އައްސޭރިން 450 ކިލޯމީޓަރު ދުރުގައެވެ. އެންމެ ކައިރީގައި އޮންނަނީ ސެނެގާލް އެވެ.
15 ވަނަ ގަރުނުގައި ޕޯޗުގަލްގެ މީހުން އެތަނަށް ދިޔުމުގެ ކުރިން އެއީ ފަޅު ރަށްތަކެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއީ އަޅުންގެ ވިޔަފާރިކުރާ މައި މަރުކަޒެކެވެ.
ޕޯޗުގީޒުންގެ އަތްދަށުން މިނިވަންވުން
1975 ވަނަ އަހަރު މިނިވަންކަން ލިބެންދެން އެއީ ޕޯޗުގަލްގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ.
މި ގައުމުގެ ބޮޑުމިނަކީ 4,033 އަކަކިލޯމީޓަރެވެ. އދ. ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 530,000 އެވެ. މިއީ އެމެރިކާގެ އެންމެ ކުޑަ ސްޓޭޓަށްވުރެ ވެސް ކުޑަ އާބާދީއެކެވެ.
މީގެ ސަބަބުން ކޭޕް ވާޑް ވެފައިވަނީ ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނައަށް އެންމެ ކުޑަ ގައުމަށެވެ. އެއީ ކުރަސާއޯ އާއި އައިސްލޭންޑަށް ފަހުގައެވެ.
ނަމަވެސް، މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 1958 ވަނަ އަހަރުން ފެށިގެން އުތުރު އަޔަލޭންޑް (1.4 މިލިއަން މީހުން) އަތުގަ އެވެ.
އާޖެންޓީނާއާ އަޅާބަލާއިރު ކޭޕް ވާޑަކީ ނިސްބަތުން ވަރަށް ކުޑަ ގައުމެކެވެ.
އދ. ގެ ހިސާބުތަކުން ދައްކާގޮތުގައި އާޖެންޓީނާގެ އާބާދީއަކީ 46 މިލިއަނެވެ. އަދި އެ ގައުމުގެ ބޮޑުމިނަކީ 2.8 މިލިއަން އަކަކިލޯމީޓަރެވެ.
އާޖެންޓީނާއަކީ ދުނިޔޭގެ އަށްވަނައަށް އެންމެ ބޮޑު ގައުމެވެ. އަދި ދެކުނު އެމެރިކާގައި ބްރެޒިލަށް ފަހު ދެވަނައަށް އެންމެ ބޮޑު ގައުމެވެ.
އާޖެންޓީނާގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ އަގު 683 ބިލިއަން ޑޮލަރަށް އަރާއިރު، ކޭޕް ވާޑްގެ ޖީޑީޕީއަކީ އެންމެ 3 ބިލިއަން ޑޮލަރެވެ.
މިއީ ތިން ފަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނާއި، އަލަށް ވާދަކުރާ ޓީމެއްގެ ކުރިމަތިލުމެކެވެ.
މަސްދަރު: ބީބީސީ





