ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
އެމެރިކާގެ އިރުމަތީ އައްސޭރިއާއި މެދުތެރޭގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން، މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވުމަށް ރޭވި ގިނަ ހަރަކާތްތަކެއް ކެންސަލްކޮށް ބައެއް ފެއަރތައް ވަގުތީގޮތުން މެދުކަނޑާލައިފި. މި ހޫނު ރާޅުގެ ސަބަބުން 165 މިލިއަނަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށް، ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދޭންޖެހިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރޭ.

ވޮޝިންގޓަން ޑީސީއަށް ކުރިމަތިވި ނުރައްކާތެރި އަދި ރެކޯޑް މިންވަރަކަށް ހޫނުގަދަވި ދުވަސްވަރެއްގައި، އެ ސިޓީގެ ނޭޝަނަލް މޯލްގައި ބޭއްވި "ދަ ގްރޭޓް އެމެރިކަން ސްޓޭޓް ފެއާ" ތެރެއިން، "މޭކް އެމެރިކާ ހޮޓް އެގެއިން" ޖަހާފައިވާ ތޮއްޕެއް އަޅައިގެން ހުރި އަންހެނަކު ފެންނަ މަންޒަރު. | ގެޓީ އިމޭޖަސް
އެމެރިކާގެ ބައެއް ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބުރޫއަރައި، ވޮޝިންގްޓަން ޑީސީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޕެރޭޑެއް ކެންސަލްކޮށްފި އެވެ.
އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގެ ވެރިރަށުގައި ކުރިއަށްދިޔަ "ދަ ގްރޭޓް އެމެރިކަން ސްޓޭޓް ފެއަރ" ވެސް ވަނީ، ހޫނުގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާދޭން ޖެހުމާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
އެމެރިކާގެ ނޭޝަނަލް ވެދަރ ސަރވިސްއިން މައުލޫމާތުދޭ ގޮތުގައި، ހުކުރު ދުވަހު އެމެރިކާގެ އިރުމަތީ އައްސޭރިއާއި މެދުތެރޭގެ ސަރަހައްދުތަކުގައި ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވެފައިވާއިރު، 165 މިލިއަނަށްވުރެ ގިނަ މީހުން ދަނީ މި ގަދަ ހޫނުގެ ތަހައްމަލު ކުރަމުންނެވެ.
އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަވާ ހަރަކާތްތަކަށާއި، ބޭރުގައި ކުޅޭ ވޯލްޑް ކަޕްގެ މެޗުތަކަށް، މި ހޫނު ރާޅުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އާންމުގޮތެއްގައި ޖުލައި 4 ގެ ބަންދަކީ ބޭރުތެރޭގައި ބާއްވާ ކެއުންތަކާއި، ޕެރޭޑްތަކާއި އަދި ރޭގަނޑު ބާއްވާ ހަވާއެރުވުމުގެ ހަރަކާތްތަކުން ފާހަގަކުރާ ދުވަހެކެވެ.
ނަމަވެސް، ނިއު ޖާޒީ، ޕެންސިލްވޭނިއާ އަދި މޭރީލޭންޑުން ފެށިގެން ހުޅަނގުގެ ކޮލޮރާޑޯއާ ހަމައަށް، އެމެރިކާގެ މިނިވަން ދުވަހާއި 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭވިފައި ހުރި ގިނަ ހަރަކާތްތަކެއް ވަނީ އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކެންސަލްކޮށްފަ އެވެ.

ހުކުރު ދުވަހު ކެންސަލްކުރި ހަރަކާތްތަކުގެ ތެރޭގައި ފިލަޑެލްފިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ސެލިއުޓް ޓު އިންޑިޕެންޑެންސް ސެމީކުއިންސެންޓެނިއަލް ޕެރޭޑް" ހިމެނެއެވެ. މިއީ މުޅި އެމެރިކާގައިވެސް ބޭއްވުމަށް ހަމަޖެހިފައި އޮތް އެންމެ ބޮޑު އެއް ހަރަކާތެވެ. ޕެރޭޑް އިންތިޒާމުކުރާ "ވޭވޭ ވެލްކަމް އެމެރިކާ" ގެ ސީއީއޯ މައިކަލް ޑެލްބީން ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް، މިފަދަ ނުރައްކާތެރި ހޫނު މިންވަރެއްގައި މިހާ ބޮޑު ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ވޮޝިންގްޓަންގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިނިވަން ދުވަހުގެ ހެނދުނުގެ ހަރަކާތްތައް ކެންސަލްކުރީ، ބައިވެރިންނާއި ބަލަން އަންނަ މީހުންގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ އިސްކަންދީގެން، ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން "ނޭޝަނަލް މޯލް" ގައި ކުރިއަށްދިޔަ ފެއަރ ވެސް ހުކުރު ދުވަހުގެ ބައެއް ގަޑިތަކަށް ބަންދުކުރަން ޖެހުނެވެ.
އެ ފަރާތުން ބުނި ގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދެނީ ޒިޔާރަތްކުރާ މީހުންނާއި، ވޮލަންޓިއަރުންނާއި، ފަންނާނުންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
ޑީސީ ފަޔަރ އެންޑް އީއެމްއެސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، ހުކުރު ދުވަހު ފެއަރގެ ތެރެއިން ހޫނުގެ ސަބަބުން ބަލިވި ގިނަ ބަޔަކަށް ވަނީ ފަރުވާ ދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އެ ސަރަހައްދުގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވުމުގެ ސަބަބުން ދިމާވި ކަންތައްތަކެކެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، މަދުވެގެން 11 މީހަކު އެމްބިއުލާންސްގައި ފެއަރ އިން ހޮސްޕިޓަލަށް ގެންދެވުނެވެ.
"މިއީ ވަރަށް ބުރަ ހަފުތާ ބަންދަކަށް ވާނެ،" ޑީސީ ފަޔަރ އެންޑް އީއެމްއެސްގެ ތަރުޖަމާނު ވޮޝިންގްޓަން ޕޯސްޓަށް ވިދާޅުވިއެވެ. "ނޭޝަނަލް މޯލް ސަރަހައްދުގައި ހޫނުގެ ސަބަބުން މީހުން ބަލިވާނެކަން އަހަރެމެންނަށް އެނގޭ. އެހެންކަމުން ބޭރަށް ނުކުމެ އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަން."
ވޮޝިންގްޓަން ޑީސީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "އަ ކެޕިޓަލް ފޯތު" ކޮންސެޓަށް ވަންނަން އާންމުންނަށް ހުޅުވާލާ ގަޑިވެސް، ހޫނުގެ ސަބަބުން ކެޕިޓަލް ޕޮލިހުން ވަނީ ލަސްކޮށްފަ އެވެ.
ހޫނުމިން މަތިވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ހަރަކާތެއްގައި ރައީސް ޓްރަމްޕް ބޭރުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ. ރައީސް ވަނީ މި ހަރަކާތް ބޭރުގައި ބޭއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ.
"އަޅުގަނޑު ވަރަށް ދިގު ތަގުރީރެއް ކުރާނަން، އެއީ އަޅުގަނޑަށް ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ދެއްކުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ކުރިމަތިވާ އެންމެ ހޫނުގަދަ ދުވަސްތަކާއެކު، ބައެއް ސަރަހައްދުތަކުގައި ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ނުފެންނަ މިންވަރަށް ހޫނުމިން މަތިވެ، މި ހަފުތާ ބަންދުގައިވެސް ގަދަ ހޫނު ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ.

މިއީ ޔޫރަޕަށްވެސް ކުރިމަތިވި އާދަޔާ ހިލާފު ހޫނު ރާޅަކަށްފަހު، އެމެރިކާއަށް ކުރިމަތިވި ހާލަތެކެވެ.
އުތުރު އެމެރިކާގައި ގަދަ ހޫނާއި ހިއުމިޑިޓީ މަތިވުމަކީ އާންމު ކަމެއް ނަމަވެސް، ހުކުރު ދުވަހުން ފެށިގެން މެދުތެރޭގެ ސަރަހައްދުތަކާއި އިރުމަތީގެ ސަރަހައްދުތަކަށް މި ހޫނުގަދަވުން ފެތުރިފައިވާ މިންވަރުގެ ސަބަބުން، މިއީ ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ނޭޝަނަލް ވެދަރ ސަރވިސްއިން ލަފާކުރާ ގޮތުގައި ފިލަޑެލްފިއާގެ ހޫނުމިން 104 ޑިގްރީ ފެރަންހައިޓް (40 ޑިގްރީ ސެލްސިއަސް) އަށް އަދި ވޮޝިންގްޓަން ޑީސީގެ ހޫނުމިން 103 ޑިގްރީއަށް މަތިވާނެ އެވެ. އަދި ހިއުމިޑިޓީ އާ އެކު އިހުސާސްކުރެވޭ ހޫނުމިން 112 އަދި 111 ޑިގްރީއަށް އަރާނެ ކަމަށް ބެލެވެ އެވެ.
ބުރާސްފަތި ދުވަހު ނިއު ޔޯކް ސިޓީގެ ހޫނުމިން 100 ޑިގްރީ ފެރަންހައިޓް (38 ޑިގްރީ ސެލްސިއަސް) އަށް އެރިއިރު، މިއީ 2012 ވަނަ އަހަރަށްފަހު އެ ސިޓީއަށް އެންމެ ހޫނުގަދަވި ދުވަހެވެ. އަދި ހުކުރު ދުވަހުވެސް ހޫނުމިން ހުރީ ހަމަ އެ މިންވަރުގަ އެވެ.
"މިއީ އިންތިހާއަށް ނުރައްކާތެރި ހާލަތެއް،" ނިއު ޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު މެދުތެރޭގެ ބައެއް ސަރަހައްދުތަކުން ހޫނުމިން ކުޑަކޮށް ދަށްވި ނަމަވެސް، އިރުމަތީގެ ސަރަހައްދުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނުރައްކާވާ މިންވަރަށް ހޫނުގަދަވާނެ އެވެ.
މީގެ އިތުރުން، އުތުރުގެ ބައެއް ސަރަހައްދުތަކާއި މެދުތެރޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބެލެވޭތީ އެކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ. މީގެ ސަބަބުން ގަނޑުފެން ފޭބުމާއި، ބާރުގަދަ ވައިޖެހުމާއި، ފެންބޮޑުވުމުގެ އިތުރުން ބައެއް ސަރަހައްދުތަކަށް ނަގޫރޯޅި އެރުމުގެ ފުރުސަތު އެބައޮތެވެ.
އާދިއްތަ ދުވަހާ ހަމައަށްދާއިރު، ވާޖިނިއާ، ކެރޮލައިނާސް އަދި ދެކުނު އިރުމަތީގެ ސަރަހައްދުތަކުގައި ހޫނުމިން އިތުރަށް މަތިވާނެ އެވެ. އަދި އަންނަ ހަފުތާގައި އެމެރިކާގެ ހުޅަނގު ސަރަހައްދުތަކާއި ކެނެޑާއަށްވެސް މި ހޫނުގަދަވުން ފެތުރޭނެ އެވެ.
ކެނެޑާގެ ބައެއް ސަރަހައްދުތަކަށް، ހާއްސަކޮށް ދެކުނު އޮންޓޭރިއޯއަށް މި ހަފުތާގައި ވަނީ 30 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގެ ހޫނުމިނެއް ކުރިމަތިވެފަ އެވެ.
އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، މިފަދަ ހޫނު ރާޅުތައް ކުރިމަތިވާ މިންވަރު އިތުރުވެ، އޭގެ ބާރުގަދަވެފައިވާކަން ފާހަގަކުރެވެ އެވެ. ސިނާއީ އިންގިލާބަށްފަހު ދުނިޔޭގެ ހޫނުމިން މިހާރުވެސް 1.1 ޑިގްރީ ސެލްސިއަސް މަތިވެފައިވާއިރު، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްނުކޮށްފިނަމަ ހޫނުމިން ދާނީ އެއްދުވަހުން އަނެއްދުވަހަށް މަތިވަމުން ކަމަށް ބުނެ ސައިންސްވެރިން އަންނަނީ އިންޒާރު ދެމުންނެވެ.
މަސްދަރު: ބީބީސީ





