ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ ބޮއިންގް 747 މަރުކާގެ ބޯޓުގައި ރައީސް ޓްރަމްޕް ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ ނޯތު ޑަކޯޓާގައި ހުންނަ ރޫޒަވެލްޓް ލައިބްރަރީ ހުޅުވުމަށް. މި ބޯޓަކީ 2028 ވަނަ އަހަރު އައު ބޯޓުތައް ލިބެންދެން ވަގުތީ ގޮތުން ބޭނުންކުރާނެ ބޯޓެއް ކަމަށްވާއިރު، ބޭރު ގައުމަކުން މިފަދަ އަގުބޮޑު ހަދިޔާއެއް ގަބޫލުކުރުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައި.

އާ އެއަރ ފޯސް ވަން މަތިންދާބޯޓުގެ ކައިރީގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވެފައިތިބި މީހުންނާ ވާހަކަ ދައްކަވަނީ | ރޮއިޓާސް
ގަތަރުން ހަދިޔާކުރި، "އުދުހޭ ގަނޑުވަރު" ގެ ނަމުން މަޝްހޫރުވެފައިވާ 400 މިލިއަން ޑޮލަރުގެ އަގުބޮޑު އެއާ ފޯސް ވަން މަތިންދާބޯޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ދަތުރުފުޅު ކުރައްވައިފި އެވެ.
ރައީސް ޓްރަމްޕް މި އައު ބޯޓުގައި ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ބޮއިންގް 747 މަރުކާގެ މި ބޯޓުގައި ޓްރަމްޕް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ތިއޮޑޯ ރޫޒަވެލްޓް ޕްރެޒިޑެންޝަލް ލައިބްރަރީ ހުޅުވައިދެއްވުމަށް ނޯތު ޑަކޯޓާއަށް ކުރެއްވި ދަތުރުފުޅެކެވެ.
ނޯތު ޑަކޯޓާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ތިއޮޑޯ ރޫޒަވެލްޓް ޕްރެޒިޑެންޝަލް ލައިބްރަރީ ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރަތް، ހުދު، ނޫ އަދި ރަން ކުލައިގެ ފަރުމާއަކާއެކު ތައްޔާރުކޮށްފައިވާ މި އައު ބޯޓު ރައީސް ޓްރަމްޕް އާންމުންނަށް ދައްކާލާފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ.

މި ބޯޓުގައި ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ޓްރަމްޕްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި އާއިލާގެ މެންބަރުން ބައިވެރިވެވަޑައިގަންނަވި އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދެ ދަރިކަލުން ކަމަށްވާ އެރިކް ޓްރަމްޕާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ އިތުރުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ އަނބިކަނބަލުން ބެޓީނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ބޯޓަށް އަރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ މި ބޯޓުގެ ފުރަތަމަ ދަތުރާ މެދު ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ މިހާތަނަށް އުފެއްދި އެންމެ ފުރިހަމަ ކޮމާޝަލް މަތިންދާބޯޓުގައި ކުރެވޭ ފުރަތަމަ ދަތުރަށް ވެގެންދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ޓެޑީ ރޫޒަވެލްޓް ޕްރެޒިޑެންޝަލް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތަށް. އެއީ ވަރަށް ރަނގަޅު، އުފާވެރި ކަމަކަށް ވާނެ. އެކަމަކު ތެދަށް ދަންނަވަންޏާ، މި ބޯޓުގެ ފުރަތަމަ ދަތުރާ މެދު އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ވަރުގަދަ ރޫހެއްގައި،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
ގަތަރުން ހަދިޔާކުރި މި އަގުބޮޑު ބޯޓު މިހާރު ވަނީ އެއާ ފޯސް ވަންގެ ފްލީޓާ ގުޅިފަ އެވެ.
އެމެރިކާ ސަރުކާރުން ބޮއިންގް ކުންފުންޏަށް އޯޑަރު ދީފައިވާ އަސްކަރީ ފެންވަރުގެ އައު ބޯޓުތައް 2028 ވަނަ އަހަރު ލިބެންދެން، ގަތަރުން ހަދިޔާކުރި މި ބޯޓު ބޭނުންކުރާނީ ވަގުތީ ބޯޓެއްގެ ގޮތުގަ އެވެ.
ވެރިކަމުގެ ދައުރު ނިމުމުން މި ބޯޓު ރިޔާސީ ކުތުބުޚާނާއަކަށް ހަދިޔާކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މި ބޯޓުގެ އަގަކީ 400 މިލިއަން ޑޮލަރު ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ބޯޓަށް ގެނެވޭ ބަދަލުތަކާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރެވޭ ހޭދައާއެކު ޖުމްލަ އަގު 1 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.
ބޯޓުގެ އެތެރެ ފަރުމާކޮށްފައިވަނީ ނުހަނު އަގުބޮޑުކޮށް، ލަގްޒަރީ ފެންވަރުގަ އެވެ. އެގޮތުން މަޑު ދޫލަތަކާއި، އޮށޯވެލެވޭ ގޮތަށް ހުންނަ ސީޓުތަކުގެ އިތުރުން، ކޮންމެ ސީޓްބެލްޓެއްގައި ރިޔާސީ ނިޝާން ޖަހާފައިވެ އެވެ.

ބޮއިންގް 747-ބީ މަރުކާގެ ބޯޓަކީ، 1990 ވަނަ އަހަރު ޖޯޖް އެޗް.ޑަބްލިއު ބުޝްގެ ވެރިކަމުގައި ބޭނުންކުރަން ފެށި، އަދި ހަ ރައީސުންނަށް ޚިދުމަތް ދީފައިވާ 35 އަހަރުވީ ބޮއިންގް 747-200 މަރުކާގެ ބޯޓުގެ ބަދަލުގައި ބޭނުންކުރާނެ ބޯޓެވެ.
މި އައު ބޯޓަކީ ކުރީގެ އެއާ ފޯސް ވަން ބޯޓަށް ވުރެ 18 ފޫޓު 4 އިންޗި ދިގު ބޯޓެކެވެ. ނަމަވެސް ދެ ބޯޓުގައި ވެސް އުފުލޭނީ އެއް އަދަދެއްގެ ފަސިންޖަރުންނެވެ.
ބޭރު ގައުމަކުން އެމެރިކާގެ ރައީސަކު މިފަދަ އަގުބޮޑު ހަދިޔާއެއް ގަބޫލުކުރުމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުގެ ނުރުހުން ވެސް އަމާޒުވެފައިވާކަން ފާހަގަ ކުރެވެ އެވެ.
ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ 2025 ވަނަ އަހަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރިޝްވަތެއް އެކަނި ނޫން ކަމަށާއި، މިއީ ބޭރު ގައުމަކުން ނުފޫޒު ފޯރުވުމަށް ދީފައިވާ "ޕްރީމިއަމް" ހަދިޔާއެއް ކަމަށެވެ.
"ގަތަރުން ހަދިޔާކުރި އެއާ ފޯސް ވަން ބޯޓަކުން 'އެމެރިކާ ފަސްޓް' ނުވަތަ އެމެރިކާ އިސްކުރުމުގެ ސިޔާސަތެއް ނުފެނޭ،" ޝޫމާ ވިދާޅުވި އެވެ.

ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ވިދާޅުވީ، ބޭރުގެ ސަރުކާރުތަކުން އެމެރިކާއަށް ދޭ ކޮންމެ ހަދިޔާއެއްވެސް ގަބޫލުކުރަނީ ކަމާބެހޭ ހުރިހާ ގާނޫނުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ލީވިޓް އަދި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވަން ޗަންގް ވަނީ ބޯޓުގެ ފުރަތަމަ ދަތުރުގެ ތެރެއިން ބޯޓުގެ އެތެރޭގެ ފޮޓޯތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްފައިވާ ތަކެތީގެ ފޮޓޯތައް ހިމެނެ އެވެ.

މީގެ އިތުރުން، ބޯޓުގައި ކޮންފަރެންސް މޭޒުތަކާއި، ޓީވީތަކުގެ އިތުރުން ރައީސް ޓްރަމްޕަށް ޚާއްސަ ފުރިހަމަ އޮފީހެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ބޮއިންގް ކުންފުނިން ދާއިމީކޮށް އެއާ ފޯސް ވަންގެ ގޮތުގައި ބޭނުންކުރާނެ ބޯޓުތައް 2028 ވަނަ އަހަރު ހަވާލުކުރަންދެން، ރައީސް ޓްރަމްޕް މި ބޯޓު ބޭނުންކުރައްވާނީ ވަގުތީ ގޮތުންނެވެ.
ގަތަރުން ހަދިޔާކުރި މި ބޯޓު، ޖެނުއަރީ 1، 2029 ގެ ކުރިން ޓްރަމްޕް ޕްރެޒިޑެންޝަލް ލައިބްރަރީ ފައުންޑޭޝަނާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ބޭރުގެ ގައުމަކުން އެމެރިކާ އަށް މިހާތަނަށް ދިން އެންމެ އަގުބޮޑު ހަދިޔާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.





