Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

4 ޖުލައި 2026 | ހޮނިހިރު 10:22

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޖަނާޒާގެ ރަސްމިއްޔާތުތައް އެއް ހަފުތާގެ މުއްދަތަށް އީރާނާއި އިރާގުގެ އެކި ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި އެތައް މިލިއަން ބަޔަކު ބައިވެރިވާ މި ޖަނާޒާގެ މައި ހިނގާލުން ތެހެރާންގައި ބޭއްވުމަށްފަހު، އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 10:22

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، ބާއްވާ ޖަނާޒާގެ ހަރަކާތްތައް އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް އެ ގައުމުން ވަނީ ނިންމާފައި | ރޮއިޓާސް

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާ އާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަވިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުން ބާއްވާ އެމަނިކުފާނުގެ ޖަނާޒާގެ ރަސްމިއްޔާތުގައި ވިހި މިލިއަނެއްހާ މީހުން ބައިވެރިވަމުން ގެންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ 100 އެއްހާ ގައުމުގެ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.

އީރާނުގައި ގާތްގަނޑަކަށް 40 އަހަރު ވަންދެން ވެރިކަން ކުރެއްވި ޚާމަނާއީގެ ޖަނާޒާ އަކީ ފަހުގެ ތާރީޚެއްގައި ފެންނާނެ އެންމެ ބޮޑު އެއް ޖަނާޒާއަށް ވުން އެކަށީގެންވެ އެވެ.

ޚާމަނާއީއަކީ ކޮން ބޭފުޅެއް؟

އާޔަތުﷲ އަލީ ޚާމަނާއީ އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވީ 1989 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަވަހާރަވުމާ ހަމައަށެވެ. އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ އާޔަތުﷲ ރޫހުﷲ ޚުމައިނީއަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެން، ޚާމަނާއީ ވަނީ ގާތްގަނޑަކަށް 37 އަހަރު ވަންދެން އެ ގައުމު އިސްކޮށް ހުންނަވައި ހިންގަވާފައެވެ. މިއާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ އެ ސަރަހައްދުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އެއް ލީޑަރަށެވެ.

އީރާނުގައި އިންތިޚާބުކޮށްފައިވާ ރައީސަކު ހުންނެވި ނަމަވެސް، ގައުމުގެ އެންމެ މަތީ ސިޔާސީ އަދި ދީނީ ޝަޚުސިއްޔަތަކީ ރޫހާނީ ލީޑަރެވެ. ސިފައިންނާއި، ޚާރިޖީ ސިޔާސަތާއި، އަދި އަދުލު އިންސާފުގެ ނިޒާމު ހިމެނޭހެން ދައުލަތުގެ މުހިންމު ހުރިހާ ކަމެއްގައި އެންމެ ފަހުގެ ނިންމުން ނިންމަވާނީ އެމަނިކުފާނެވެ.

އެމަނިކުފާނުގެ ވެރިކަމުގައި، ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހިންގަމުން ދިޔަ ކުރިމަތިލުންތަކުގެ ދަނޑިވަޅުގައި ވެސް، އީރާނުން ވަނީ ސަރަހައްދީ ގޮތުން އެ ގައުމުގެ ނުފޫޒު ވަރުގަދަކޮށްފަ އެވެ.

އަވަހާރަވީ ކިހިނެއް؟ ޖަނާޒާ ލަސްވީ ކީއްވެ؟

ޚާމަނާއީ އަވަހާރަވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ފުރަތަމަ މަރުހަލާގައި، ތެހެރާންގެ މެދުތެރޭގައި ހުންނަ އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ދިން ހަމަލާތަކުގަ އެވެ.

އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަވީ އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންނާ ވެސް އެކުގައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި، އަދި 14 މަހުގެ ކާފަ ދަރިކަނބަލަކު ހިމެނެ އެވެ. އެމަނިކުފާނަށް ފަހު އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދަރިކަލުން މުޖުތަބާ ޚާމަނާއީއަށް ވެސް އެ ހަމަލާގައި އަނިޔާވި ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ފަހުން އެމަނިކުފާނު އާންމުންގެ ތެރެއަށް ފެނިފައެއް ނުވެ އެވެ. މި ހަމަލާއަށް ފަހު އިސްރާއީލުން ދިން އިތުރު ހަމަލާތަކުގައި އީރާނުގެ ސިޔާސީ އަދި އަސްކަރީ އިސް ބައެއް ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޚާމަނާއީގެ ޖަނާޒާ ލަސްވީ ހިނގަމުންދިޔަ ހަނގުރާމައާއި ސަލާމަތީ ހާލަތު ހުރި ގޮތުންނެވެ. މިހާރު މި ރަސްމިއްޔާތުތައް ފަށާފައިވަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުމާ ގުޅިގެންނެވެ.

އިސްލާމީ އުސޫލުތަކުގައި މީހަކު މަރުވުމުން ވީހާވެސް އަވަހަކަށް ވަޅުލުމަށް ބާރުއަޅާއިރު، މިހާ ދިގު މުއްދަތަކަށް ޖަނާޒާ ލަސްވުމަކީ އާދަޔާ ހިލާފު ކަމެކެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ ޚާމަނާއީގެ ހަށިކޮޅު ބަލަހައްޓާފައިވަނީ ދީނީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ބައްޕާފުޅުގެ ޖަނާޒާގައި މުޖުތަބާ ޚާމަނާއީ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ޖަނާޒާ ކުރިއަށްދާނީ ކިހިނެއް؟

ދައުލަތުގެ ފަރާތުން ބާއްވާ މި ޖަނާޒާ ޖުލައި 3 އިން ޖުލައި 9 އަށް ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ. މި ރަސްމިއްޔާތުތައް އީރާނާއި އިރާގުގެ އެކި ސިޓީތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭއިރު، 100 އަށް ވުރެ ގިނަ ގައުމުގެ ވަފުދުތަކުން ވެސް ބައިވެރިވާނެ އެވެ.

ރަސްމިއްޔާތުތައް ފެށުނީ ތެހެރާންގެ އިމާމް ޚުމައިނީ ގްރޭންޑް މުސައްލާގައި ޚާމަނާއީގެ ހަށިކޮޅު ބޭއްވުމާ އެކުގަ އެވެ. މިއީ ޖަނާޒާގެ މައި ހަރަކާތްތައް ފެށުމުގެ ކުރިން އާންމުންނަށް އިހުތިރާމް އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމަނިކުފާނާ އެކު އަވަހާރަވި އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ވެސް އެތަނުގައި ބާއްވާފައިވާއިރު، ސަންދޯއްތައް ވަނީ އީރާނުގެ ދިދައިން ނިވާކޮށްފަ އެވެ.

ތެހެރާންގެ މަގުތަކުގައި ބާއްވާ ޖަނާޒާގެ މައި ހިނގާލުން އޮންނާނީ ޖުލައި 6 ވަނަ ދުވަހު އެވެ. އޭގެ ފަހުން މުގައްދަސް ސިޓީއެއް ކަމަށްވާ ގޮމްގައި ރަސްމިއްޔާތުތައް ބޭއްވުމަށް ފަހު، ހަށިކޮޅު އިރާގުގެ ނަޖަފް އަދި ކަރުބަލާއަށް ގެންދެވޭނެ އެވެ. އެއީ ޝިއައީ މުސްލިމުންގެ އެންމެ މުގައްދަސް ބައެއް ބިނާތައް ހުންނަ ސިޓީތަކެވެ. އެއަށްފަހު އަލުން އީރާނަށް ގެނެސް، ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނު އުފަންވެވަޑައިގަތް މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގަ އެވެ.

ޖަނާޒާ ގައި ބައިވެރިވަނީ ކޮން ބޭފުޅުންނެއް؟

އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި 20 މިލިއަނެއްހާ އާއްމުން ތެހެރާނަށް ޖަމާވާނެ ކަމަށް ބެލެވެ އެވެ. މި ރަސްމިއްޔާތުގައި އީރާނުގެ 3 ބާރުގެ ވެރިން ކަމުގައިވާ ރައީސް މަސްއޫދު ޕެޒެޝްކިއަން، މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް، އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ  ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރު އިން ޗީފް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ވަހީދީ ބައިވެރިވެވަޑައިގަ ތެވެ.

ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ތެރޭގައި ތުރުކުމެނިސްތާނުގެ ޕީޕަލްސް ކައުންސިލްގެ ރައީސް ގުރުބަންގުލީ ބަރްދީ މުހައްމަދޯވް، އިރާގުގެ ރައީސް ނިޒާރު އާމިދީ، އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިނިއަން، ތަޖިކިސްތާނުގެ ރައީސް އިމޯމަލީ ރަހްމާން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އަސްކަރީ ވެރިޔާ ޖެނެރަލް އާސިމް މުނީރު، އަދި އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ރައީސް ބަރްޒާނީ ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އިރާގު، އަޒަރުބައިޖާން، ބަންގްލަދޭޝް، އުޒްބެކިސްތާން، ބެލަރޫސް އަދި ކިރިގިސްތާނުގެ މަޖިލިސް ރައީސުންނާއި، ނިކަރާގުއާ، ކޮންގޯ އަދި ބުރުކީނާ ފާސޯގެ ޚާރިޖީ ވަޒީރުންނާއި، މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ މަޖިލިސް ރައީސް ވެސް ވަނީ އިހުތިރާމް އަދާކުރައްވާފަ އެވެ.

ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުރްލާން ޔެރްމެކްބަޔޭވް، ޑީ-8 ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޯ.އައި.ސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ސިޔާސީ ކައުންސިލްގެ ނައިބު ރައީސް، ތުރުކީގެ ނައިބު ރައީސް، ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަލީދު އަލް ޚުރައިޖީ، ކަޒަކިސްތާނުގެ ޚާރިޖީ ވަޒީރު، ލުބުނާނުގެ ޑިފެންސް މިނިސްޓަރު، ޕާކިސްތާނުގެ ސެނެޓްގެ ރައީސް ސައީދު ޔޫސުފް ރަޒާ ޖިލާނީ، ކިއުބާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު، ނަމީބިއާގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު، ގަތަރުގެ ޝޫރާ ކައުންސިލްގެ ރައީސް، ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ނައިބު ރައީސް، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ދިމިޓްރީ މެޑްވަޑޭވް، އަދި ސާބިއާ، މިޔަންމާ، މެލޭޝިއާ، ޓެންޒޭނިއާ އަދި ތައިލެންޑްގެ ހާއްސަ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަޣާއީ ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުން މަތީ ފަންތީގެ ވަފުދުތައް ވަނީ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މަދުވެގެން އަށް ގައުމެއްގެ އިސްވެރިން (ރައީސުން ނުވަތަ ބޮޑުވަޒީރުން) އަދި 12 ގައުމެއްގެ މަޖިލިސް ރައީސުން ހިމެނިވަޑައިގަންނަވަ އެވެ. އެހެން ގައުމުތަކުން ބައިވެރިވަނީ ޚާރިޖީ ވަޒީރުން ނުވަތަ ހާއްސަ މަންދޫބުންގެ ފެންވަރުގަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް 100 އެއްހާ ގައުމުން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ. އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ރަސްމީ ވަފުދުތަކާއި މަޖިލިސް މެންބަރުން ބައިވެރިވި ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަށް ރަސްމީކޮށް ތާއީދުކުރި ޔޫރަޕްގެ ގައުމުތަކަށް ދައުވަތު ދީފައިނުވާނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ.

އިހުތިރާމް އަދާކުރުމުގެ މި ރަސްމިއްޔާތަކީ ޚާމަނާއީ އަވަހާރަވި ފަހުން އީރާނުގައި ބޭއްވޭ ބައިނަލްއަގުވާމީ އެންމެ ބޮޑު ބައްދަލުވުމެވެ. މިއީ ސިޔާސީ، ދީނީ އަދި ސަގާފީ ދާއިރާތަކުން އެމަނިކުފާނަށް އޮތް އިހުތިރާމް ހާމަވެގެންދާ ކަމެއް ކަމަށް އީރާނުން ބުނެ އެވެ.

އީރާނުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ޖަނާޒާގައި ޖުމްލަ 15 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ އެވެ.

ހޮނިހިރު އަދި އާދީއްތަ ދުވަހު ވެސް ގްރޭންޑް މުސައްލާގައި ހަށިކޮޅު ބޭއްވުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ އެވެ. އޭގެ ފަހުން ހޯމަ ދުވަހު ތެހެރާންގައި ޖަނާޒާގެ ހިނގާލުން އޮންނާނެ އެވެ. އިތުރު ރަސްމިއްޔާތުތައް ގޮމްގެ އިތުރުން އިރާގުގެ ބަޣުދާދު، ކަރުބަލާ އަދި ނަޖަފްގައި ބޭއްވުމަށް ފަހު، ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައި ފަސްދާނުލެވޭނެ އެވެ.

މަސްދަރު: އޭޖެންސީތައް

އާޔަތުﷲ މުޖުތަބާ ޚާމަނާއީއީރާންއެމެރިކާ-އީރާންމުޖްތަބާ ހާމަނީ

އިތުރަށް ކިޔާލަން

04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި

02 ޖުލައި 2026
ރޫހާނީ ލީޑަރުގެ ޖަނާޒާގެ އިންތިޒާމުތައް ކުރަމުން ދަނިކޮށް، ހަމަލާ އެއް ނުދިނުމަށް އީރާނުން އެމެރިކާއާއި އިސްރާއީލަށް އިންޒާރު ދީފި
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި

01 ޖުލައި 2026
އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް