އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ގިނަ ދުވަސް ތަކެއް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ދިން ވަރުގަދަ ހަމަލާތަކާ އެކު އީރާންގެ އަސްކަރީ ޤާބިލުކަން މިހާރު ނެތިގޮސްފައިވާ ކަމަށް. އެއާ އެކު ޓްރަމްޕް ވިދާޅުވީ، އީރާން އަކީ އަސްކަރީ ގޮތުން މިހާރު ބަލިވެފައިވާ ޤައުމެއް ކަމަށް.


އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް
އީރާންގެ އަސްކަރީ ބާރުތައް މިހާރު އޮތީ މުޅިން ބަލިކޮށްލެވިފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާާގެ މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޓްރަމްޕް ވަނީ އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންގެ މައުލޫމާތު އަދި އެ އޮޕަރޭޝަންގެ ވާހަކަ ދައްކަވައިފަ އެވެ.
މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ގިނަ ދުވަސް ތަކެއް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ދިން ވަރުގަދަ ހަމަލާތަކާ އެކު އީރާންގެ އަސްކަރީ ޤާބިލުކަން މިހާރު ނެތިގޮސްފައިވާ ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، އީރާން އަކީ އަސްކަރީ ގޮތުން މިހާރު ބަލިވެފައިވާ ޤައުމެއް ކަމަށެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން ވަނީ އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ. އޭގެ ފަހުން މި ފާއިތުވި މުއްދަތުގެ ތެރޭގައި އެމެރިކާ އިން ވަނީ އީރާންގެ ގިނަ އަމާޒު ތަކަށް ހަމަލާ ދީފައި އެވެ. އީރާން އިން ވެސް ވަނީ އެކަމުގެ ރައްދުގައި އެމެރިކާ އާއި އިޒްރޭލްގެ ގިނަ އަމާޒު ތަކަށް ހަމަލާ ދީފައި އެވެ.
އެއަށް ފަހު އެމެެރިކާ އާއި އީރާން އިން ވަނީ ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސް، އެއްބަސްވުމުގައި ސޮއި ކޮށްފައި އެވެ. އަދި މިހާރު ކުރަމުން އަންނަނީ ދާއިމީ އެއްބަސްވުމެއް ޤާއިމު ކުރުމުގެ މަޝްވަރާ ތަކެވެ. އެއްބަސްވުމުގައި ސޮއި ކުރި ފަހުން ވެސް، އެމެރިކާ އާއި އީރާން އިން ވެސް ވަނީ ހަމަލާ ތަކެއް ބަދަލު ކޮށްފައި އެވެ.
އީރާންގެ އަސްކަރީ ޤާބިލުކަން ބަލި ކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް ޓްރަމްޕް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ސުންނާފަތި ކޮށްލެވިފައިވާ ކަމަށް އެކި ފަހަރު މަތިން ޓްރަމްޕް ވިދާޅުވެފައި އެވެ. ނަމަވެސް، އީރާން އިން އަންނަނީ އެކަން ދޮގު ކުރަމުންނެވެ. ނަމަވެސް، މިފަހަރު ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެނ އީރާން އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ.
މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަ ދެއްކެވުމަކީ ސަރަހައްދީ މަސްރަހަށް އިތުރު ބަދަލު ތަކެއް އަތުވެދާނެ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ލަފާ ކުރެ އެވެ. ޚާއްސަކޮށް އެމެރިކާ އިން އީރާންއާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތު ތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާ އަށް އިތުރުވެފައި އެވެ.
އެމެރިކާގެ އަސްކަރީ ބާރުގެ ކުރިމަތީގައި އީރާން އަށް ކާމިޔާބު ނުލިބޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، މިއީ އޭނާގެ ސަރުކާރުން ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ގެންގުޅޭ ވަރުގަދަ ސިޔާސަތުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ





