ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
މި ބޯޓަކީ ކޮމޮރޯސްގެ ދިދަ ޖަހައިގެން ދަތުރުކުރާ ބޯޓަކަށް ވީ ނަމަވެސް، މިއީ އީރާންގެ ތެލުގެ މަހުޖަނެއް ކަމަށްވާ މުޙައްމަދު ޙުސައިން ޝަމްޚާނީގެ ބެލުމުގެ ދަށުން ހިންގާ އޮޕަރޭޝަނެއްގެ ބައެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވޭ.


އަރިސްޓާ ނަމަކަށް ކިޔާ ބޯޓު. | ރޮއިޓާސް
ހުރްމުޒް ކަނޑު އޮޅީގައި ތާށި ވެފައިވާ ބޭރުގެ މުދާ އުފުލާ ބޯޓަކީ އީރާންގެ ތެލުގެ ވިޔަފާރީގައި ނުފޫޒު ގަދަ މަހުޖަނެއް ކަމަށްވާ މުޙައްމަދު ޙުސައިން ޝަމްޚާނީއާ ގުޅުން އޮތް ބޯޓެއް ކަމަށް ކަނޑު ދަތުރު ފަތުރުގެ ކަންކަން މޮނިޓާ ކުރާ ޓޭންކާޓްރެކާސް އިން ހާމަ ކޮށްފި އެވެ.
އީރާންގެ ދައުލަތުގެ މީޑިއާ ތަކުން މީގެ ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އިން އިރުޝާދު ދީފައިވާ މަގަކުން ދަތުރުކުރި ބޭރުގެ މުދާ އުފުލާ ބޯޓެއް ހުރްމުޒް ކަނޑު އޮޅީގެ ސަރަހައްދެއްގައި ވަނީ ބެދިފައި އެވެ. ނަމަވެސް، ކަނޑު ދަތުރު ފަތުރުގެ ހަރަކާތްތައް ބަލަމުންދާ ޓޭންކާޓްރެކާސް އިން ބުނެފައި ވަނީ، އެ ބޯޓު އެ ސަރަހައްދުގައި ތާށި ވެފައި އޮންނަތާ މިހާރު ގިނަ ދުވަސް ތަކެއް ވެފައިވާ ކަމަށެވެ.
ޓޭންކާޓްރެކާސް އިން ހާމަކުރި މަޢުލޫމާތު ތަކަށް ބަލާއިރު، "އަރިސްޓާ" ގެ ނަމުން ނަން ދެވިފައިވާ މި ބޯޓު އެ ސަރަހައްދުގައި ތާށި ވެފައި އޮންނަތާ މިހާރު ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. އެގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން އެ ބޯޓު ތާށި ވެފައި އޮަންނަ ކަމަށް ވަނީ ބުނެފައި އެވެ.
މި ބޯޓަކީ ކޮމޮރޯސްގެ ދިދަ ޖަހައިގެން ދަތުރުކުރާ ބޯޓަކަށް ވީ ނަމަވެސް، މިއީ އީރާންގެ ތެލުގެ މަހުޖަނެއް ކަމަށްވާ މުޙައްމަދު ޙުސައިން ޝަމްޚާނީގެ ބެލުމުގެ ދަށުން ހިންގާ އޮޕަރޭޝަނެއްގެ ބައެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.
މުޙައްމަދު ޙުސައިން ޝަމްޚާނީ އަކީ އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލެއްގެ މަޤާމު ކުރިން ފުރުއްވާފައިވާ އަލީ ޝަމްޚާނީގެ ދަރިކަލުންނެވެ. އަލީ ޝަމްޚާނީ އަކީ އީރާންގެ ސިޔާސީ އަދި ސަލާމަތީ ދާއިރާގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ.
މި ހާދިސާއާ ގުޅިގެން އީރާންގެ މީޑިއާ ތަކުން ބުނަމުން ދަނީ ބޯޓު ތާށިވީ އެމެރިކާ އިން ކަނޑަ އަޅާފައިވާ މަގަކުން ދަތުރު ކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ޓޭންކާޓްރެކާސްގެ ހޯދުން ތަކުން ދައްކާ ގޮތުގައި މި ބޯޓު އެއް ސަރަހައްދުގައި އޮންނަތާ ގިނަ މަސް ތަކެއް ވެފައި ވުމަކީ، މިކަމުގައި އީރާން އިން ދައްކާ ވާހަކަތަކާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށް ވާއިރު، މި ސަރަހައްދުގައި ހިނގާ މިފަދަ ހާދިސާ ތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން އަބަދުވެސް ލިބެމުންދެ އެވެ. މި ބޯޓާ ގުޅޭ އިތުރު ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތް ތަކުން މިހާރު ދަނީ ކުރަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ





