އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
އެމެރިކާގެ އަސްކަރީ އިރުޝާދުތަކަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އޮމާން ކަނޑުން ދަތުރުކުރި "އެމްޓީ ސެޓެބެލޯ" ޓޭންކަރަށް ދިން ހަމަލާގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އެމެރިކާއަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އީރާނުން ތެޔޮ އުފުލާ ކަމުގެ ތުހުމަތުގައި އެމެރިކާއިން ދިން މި ހަމަލާއަކީ އިންޑިއާ ފަޅުވެރިން ތިބި އުޅަނދަކަށް މި ހަފުތާގައި ދިން ދެވަނަ ހަމަލާ ކަމަށްވާއިރު، މި ހާދިސާއާއެކު ސަރަހައްދީ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައި. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަދަނީ އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލުމަށް ގޮވާލައި، މަރުވި މީހުންގެ ހަށިގަނޑު ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައި.

މަނަވަރުގެ އިންޖީނު ރޫމަށް ދިން ހަމަލާގެ މަންޒަރުތައް ކަމަށް ބުނާ ވީޑިއޯ ފޫޓޭޖެއް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާންމުކޮށްފި. | ސެންޓްކޮމް
އޮމާން ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި، ގެއްލިގެން ހޯދަމުންދިޔަ އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ފެޑަރަލް މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
ޕަލާއޫގެ ދިދަ ޖަހައިގެން ދަތުރުކުރި "އެމްޓީ ސެޓެބެލޯ" ނަމަކަށް ކިޔާ މި އުޅަނދަށް ބުދަ ދުވަހު ހަމަލާދީފައިވަނީ، އެމެރިކާގެ އަސްކަރީ ބާރުތަކުން ދިން އިރުޝާދުތަކަށް އެ އުޅަނދުން އަމަލުކޮށްފައިނުވާ ކަމަށް ބުނެއެވެ. މި އުޅަނދުގައި އިންޑިއާގެ 24 ފަޅުވެރިން ތިބިއިރު، އޭގެ ތެރެއިން 21 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ޝިޕިންގ މިނިސްޓަރު ސަރްބަނަންދާ ސޮނޮވަލް ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މަރުވި ތިން މީހުންގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާއާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ނިއުދިއްލީގައި ހުންނަ އެމެރިކާގެ މިޝަންގެ ޑެޕިއުޓީ ހެޑް ހާޒިރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި "ސެޓެބެލޯ" އިން ވަނީ އީރާނުން ތެޔޮ އުފުލަން މަސައްކަތްކޮށް، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ބުނެފައިވަނީ، އެމެރިކާގެ އިރުޝާދުތަކަށް ތަކުރާރުކޮށް ފަޅުވެރިން ނުކިޔަމަންތެރިވުމާ ގުޅިގެން، އަސްކަރީ މަތިންދާބޯޓަކުން އެ ޓޭންކަރުގެ އިންޖީނު ރޫމަށް އަމާޒުކޮށް "ޕްރިސިޝަން މިއުނިޝަންސް" ނުވަތަ އަމާޒަށް ވާސިލްވާ ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ.
މިއީ މި ހަފުތާގެ ތެރޭގައި އިންޑިއާ ފަޅުވެރިން ތިބި އުޅަނދަކަށް އެމެރިކާއިން ހަމަލާދިން ދެވަނަ ފަހަރެވެ. މިދިޔަ ހޯމަ ދުވަހުވެސް އޮމާން ކަނޑުން ދަތުރުކުރި، އިންޑިއާ ފަޅުވެރިން ތިބި ޕަލާއޫގެ "ދަ މެރިވެކްސް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ އިރުޝާދުތަކަށް ނުކިޔަމަންތެރިވުމުން ހަމަލާދީފައިވާ ކަމަށް ސެންޓްކޮމްއިން ބުނެފައިވެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި "ދަ މެރިވެކްސް" ގައި ތިބި 24 ފަޅުވެރިންވެސް އޮމާންގެ އަސްކަރިއްޔާއިން ވަނީ ސަލާމަތްކޮށްފައެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ވަދެނިކުމެވޭ މަގުތައް ބަންދުކޮށްފައެވެ.
ސެންޓްކޮމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރިލް 13 ވަނަ ދުވަހު މި ބްލޮކޭޑް ފެށި ފަހުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަށް އުޅަނދެއް ހުއްޓުވައި، 134 އުޅަނދެއްގެ މިސްރާބު ބަދަލުކުރުވާފައެވެ.
އިންޑިއާ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ، އެ ސަރަހައްދުގެ މަދަނީ އުޅަނދުފަހަރަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްދޭ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.
ފޯވާޑް ސީމެންސް ޔޫނިއަން އޮފް އިންޑިއާ (އެފް.އެސް.ޔޫ.އައި) ގެ ޖެނެރަލް ސެކްރެޓަރީ މަނޯޖް ޔާދަވް ބީބީސީއަށް މީގެ ކުރިން ވިދާޅުވީ، މަރުވި ފަޅުވެރިންގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"ދަ އިކޮނޮމިކް ޓައިމްސް" ނޫހަށް މައުލޫމާތު ދެމުން ޔާދަވް ވިދާޅުވީ، އެ އުޅަނދުތަކުގައި ތިބީ ކޮން ގައުމެއްގެ ބައެއްކަން އެމެރިކާއަށް ނޭނގޭނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
"އެ އުޅަނދުތަކުން އިރުޝާދުތަކަށް އަމަލުނުކުރި ނަމަވެސް، އެމީހުން ހިފަހައްޓައި ބަންދުކުރުމުގެ ފުރުސަތު އޮތް،" އޭނާ ވިދާޅުވިއެވެ.
މި ހާދިސާތަކާ އެކު، އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަވާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ޖެހިޖެހިގެން ދެވަނަ ދުވަހަކަށް ދެ ގައުމުން ހަމަލާތައް ބަދަލުކުރަމުންދާއިރު، މިއީ މިދިޔަ އޭޕްރިލް މަހު އެއްބަސްވި ނާޒުކު ސުލްހައަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ބުދަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން އީރާނުން މާ ގިނަ ވަގުތު ނަގަމުންދާ ކަމަށާއި، އެ ގައުމުން އެމެރިކާ މީހުންނަށް އޮޅުވާލަމުންދާ ކަމަށެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާއެއްގައި އެ ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އީރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށާއި ގަލްފް ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރި ގައުމުތަކަށް ހަމަލާދީފައެވެ. މި ހަމަލާތައް މުޅި ސަރަހައްދަށް ފެތުރިގެން ގޮސް، މާރިޗު މަހުގެ ތެރޭގައި ލުބުނާންވެސް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ.






