"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
އިންޑިއާގެ މެޑިކަލް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި "ކޮކްރޯޗް ޖަންތާ ޕާޓީ" އިން ނިއުދިއްލީގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި. ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ހަރަކާތުގެ ސަބަބުން ޒުވާނުންގެ މެދުގައި އުފެދިފައިވާ ނުރުހުންތައް މަގުމަތީގެ ހަރަކާތްތަކަކަށް ބަދަލުވެފައިވާއިރު، ފުލުހުންގެ ހުރަސްތަކާއެކުވެސް މުޒާހަރާގެ ބައިވެރިން ދަނީ ކޭމްޕް ޖަހައިގެން އެ ސަރަހައްދުގައި މަޑުކުރަމުން. މި ހަރަކާތުގެ ސަބަބުން ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވަނީ، އިމްތިހާންތަކުގެ އިތުބާރު ގެއްލި ދަރިވަރުންގެ މެދުގައި ނަފްސާނީ ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި.

އިންޑިއާގެ ނިއުދިއްލީގެ ޖަންތަރު މަންތަރުގައި 2026 ޖޫން 20 ވީ ބުރާސްފަތި ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން، ކޮކްރޯޗް ޖަނަތަ ޕާޓީ (ސީޖޭޕީ) ގެ ބާނީ އަބީޝެކް ދިޕްކޭ އޭނާގެ ސަޕޯޓަރުންނާއެކު ހަރަކާތްތެރިވަނީ. މި މުޒާހަރާއަކީ 2026 ވަނަ އަހަރުގެ ނީޓް (ޔޫޖީ) އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި، އިންޑިއާގެ ޔޫނިއަން އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރިއަށްގެންދިޔަ އިހުތިޖާޖެއް. | ގެޓީ އިމޭޖަސް
ސަމާސާއަކުން ފެށިގެން އައި ނަމަވެސް، މާޔޫސްކަމުގެ ތެރެއިން އުފަންވި "ޖެން-ޒީ" ގެ ސިޔާސީ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން، ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވެ، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފިއެވެ.
ޖޫން މަހުގެ ގަދަ ހޫނުގެ ތެރޭގައި، ނިއުދިއްލީގެ މަގުތަކާއި ދުވާރުތަކުގައި ދިހަވަރަކަށް މުޒާހަރާގެ ބައިވެރިން ރޭގަނޑު ނިދާފައިވާއިރު، ފުލުހުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މާހައުލެއްގައި، މުޒާހަރާގެ ދެވަނަ ދުވަހު އިތުރު މީހުން ވަނީ މި ހަރަކާތާ ގުޅިފައެވެ. އެމެރިކާގެ ބޮސްޓަން ޔުނިވަރސިޓީން ދާދިފަހުން ދަސްވެނިވި، ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ މި ހަރަކާތުގެ ލީޑަރު އަބީޖީތު ދިޕްކޭ މި މަހުގެ ކުރީކޮޅު އިންޑިއާއަށް އެނބުރި އައީ، އިންޑިއާގެ ޒުވާނުންގެ މެދުގައި އުފެދިފައިވާ ނުރުހުންތަކާ ގުޅިގެން، އޮންލައިންކޮށް ފެށި މި ހަރަކާތް މަގުމަތީގެ މުޒާހަރާތަކަކަށް ބަދަލުކުރުމަށެވެ.
އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ 25 އަހަރުން ދަށުގެ ޒުވާނުންނެވެ. ކިޔެވުމާއި ވަޒީފާ ހޯދުމުގެ ފިއްތުންތަކުގެ ސަބަބުން މިހާރުވެސް ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބި ޒުވާނުންގެ މެދުގައި، އިމްތިހާން ކަރުދާސްތައް ލީކުވުމާއި މާކްސް ދިނުމުގައި ހުރި އޮޅުންބޮޅުންތަކާ ގުޅިގެން ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ.
ދިޕްކޭގެ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން ދަނީ ޒުވާނުންގެ އެ ކަންބޮޑުވުންތަކާއި މާޔޫސްކަން އެއްގަލަކަށް އަރުވައި، ފެޑަރަލް އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ބާރުއަޅަމުންނެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިއާ ހަމައަށް މި ހަރަކާތަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ކުރިއަށްދިޔަ ސަމާސާ އަދި މަލާމާތުގެ ޕޯސްޓުތަކެކެވެ. ނަމަވެސް، މިދިޔަ މޭ މަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ. އެ ދުވަސްވަރު ދިޕްކޭ އެކްސްގައި ލިޔެފައިވަނީ "ހުރިހާ ކުރަފިތަކެއް އެއްވުމުން ވާނީ ކިހިނެއް؟" ބާވައެވެ.
މި ޕޯސްޓު ވަރަށް އަވަހަށް މަގުބޫލުވެގެން ދިޔައިރު، ދިޕްކޭ ވަނީ ރަސްމީ ވެބްސައިޓެއް ހަދައި، އެ ހަރަކާތުގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 22 މިލިއަނަށް އަރުވާފައެވެ. މިއީ ފާއިތުވި 12 އަހަރު އިންޑިއާގައި ވެރިކަން ކުރަމުންދާ ޕާޓީގެ ފޮލޯވަރުންގެ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. ޖޫން 6 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވި ފުރަތަމަ މުޒާހަރާއަށްފަހު، ދިޕްކޭ ވަނީ މުމްބާއީ، ބެންގަލޫރު އަދި ނާގްޕޫރު ހިމެނޭހެން އިންޑިއާގެ އެކި ސިޓީތަކުގައި މުޒާހަރާތައް ބާއްވައި، އެތައް ސަތޭކަ ސަޕޯޓަރުންނެއް އެއްކޮށްފައެވެ.
ނިއުދިއްލީގައި މުޒާހަރާ ކުރުމަށް ޚާއްސަކޮށްފައިވާ "ޖަންތަރު މަންތަރު" ސަރަހައްދުގައި، ދަންވަރުގެ ވަގުތެއްގައި އުމުރުން 18 އަހަރުގެ ސަޗިން ކުމާރު އޮތީ މަގުމަތީގައި އޮށޯވެލައިގެން، އޭނާއަށް އެތަނުން ދިމާވި ރަހުމަތްތެރިއެއް ކަމަށްވާ ޝުބަންކަރާއެކު އިއަރފޯނުން ލަވަ އަޑުއަހާށެވެ.
ކުމާރު ވަނީ އެއް އަހަރު ދުވަހު ބުރަކޮށް ކިޔަވައިގެން، މިދިޔަ މަހު އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނުގައި ބައިވެރިވެފައެވެ. ނަމަވެސް، އިމްތިހާން ކަރުދާސް ލީކުވި ކަމަށް ބެލެވުމުން، ފަހުން އެ އިމްތިހާން ވަނީ ބާތިލުކޮށްފައެވެ.
"އެކަމުގެ ސަބަބުން އަހަރެންގެ އަޒުމް ގުޑައިފި. ކުދިން ދަނީ ޑިޕްރެޝަނަށް ވެއްޓެމުން، އެކަމަކު އެކަކުވެސް އެކަމާ އަޅައެއް ނުލާ،" އަލްޖަޒީރާއާ ވާހަކަދައްކަމުން ކުމާރު ބުންޏެވެ. އަދި އެ ހާދިސާއަށްފަހު ފޮތެއްގައި އަތްވެސް ނުލާ ކަމަށް އޭނާ ބުންޏެވެ.
އާދީއްތަ ދުވަހު ގާތްގަނޑަކަށް 1.7 މިލިއަން ދަރިވަރުން އަލުން އިމްތިހާން ހެދި ނަމަވެސް، ކުމާރު އިޚްތިޔާރު ކުރީ މުޒާހަރާގެ ބައިވެރިންނާއެކު އެ ސަރަހައްދުގައި މަޑުކުރުމަށެވެ.
އިމްތިހާން ކަރުދާސް ލީކުވުން ހުއްޓުވުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ޓެލެގްރާމް އެޕްލިކޭޝަން ވަގުތީގޮތުން މަނާކޮށްފައެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އަސްލު މައްސަލައަށް ހައްލެއް ހޯދުމުގެ ބަދަލުގައި، ވަގުތީގޮތުން ކަމެއް އޮއްބާލުމަށް ކުރި ކަމެއް ކަމަށެވެ.
ދެ އިމްތިހާން ދެމެދުގައި ހޭދަވި ދުވަސްތަކުގައި، އިންޑިއާގެ އެކި ކަންކޮޅުތަކުން 12 އަށްވުރެ ގިނަ ދަރިވަރުން އަމިއްލައަށް މަރުވެފައިވާއިރު، މިއާއެކު އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
"މި އިމްތިހާނުގެ އިންސާފުވެރިކަމާ މެދު މިހާރު އަހަރެންގެ އެއްވެސް އިތުބާރެއް ނެތް، އަދި އެހެން އެއްވެސް އިމްތިހާނަކަށްވެސް އިތުބާރެއް ނެތް،" ކުމާރު ބުންޏެވެ. "ބާރަކީ ވާރުތައިން ލިބޭ އެއްޗެއް ކަމަށް ގަބޫލުކުރާ ގާބިލުކަމެއް ނެތް ވަޒީރުންގެ ސަބަބުން އިންޑިއާގެ ހުރިހާ ކަމެއް ވަނީ ބޮއްސުންލާފައި."
މިއީ ކުމާރު އަދި ޝުބަންކަރާވެސް ބައިވެރިވި ފުރަތަމަ މުޒާހަރާއެވެ. އެ ދެ ޒުވާނުންވެސް މަގުމަތީގައި ނިދަމުން ދަނީ މައިންބަފައިންގެ ނުރުހުމުގައެވެ. އަދި ވަރަށް އަވަހަށް ގެއަށް އެނބުރި ދިއުމުގެ ވިސްނުމެއް އެމީހުންގެ ނެތެވެ.
އެމީހުން ފަދަ އެތައް މިލިއަން ޒުވާނުންނަކަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީއްސުރެ ހިންގަވަމުންދާ ހިންދޫ ނޭޝަނަލިސްޓް ވެރިކަމަކީ، އެމީހުންގެ އަމިއްލަ ލޮލުން ފެނުނު ހަމައެކަނި ސިޔާސީ ދައުރެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސުނީއްސުރެ، ދިއްލީ ފުލުހުން ދަނީ ބެރިކޭޑް ޖަހާފައިވާ އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރުކުރުމަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އޭގެ ތެރޭގައި ވަގުތީގޮތުން ފެނާއި ކާބޯތަކެތި ލިބޭނެ މަގުތައް ބަންދުކުރުންވެސް ހިމެނެއެވެ.
ދަންވަރުގެ ވަގުތުގައި، އެތަނުގައި ތިބި ބައެއް ޒުވާނުން ހިޕް-ހޮޕް މިއުޒިކަށް ނަށަމުންދިޔައިރު، އަނެއް ބަޔަކު ތިބީ ބުރުބުރަށް އިށީނދެގެން ސިޔާސީ މަޝްވަރާގައެވެ.
ދިޕްކޭއާއި އޭނާގެ ސަޕޯޓަރުން ބުނަމުންދަނީ، މިނިސްޓަރު ޕްރަދާން އިސްތިއުފާ ދެއްވަންދެން އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށެވެ. އެކަން އެގޮތަށް ވެއްޖެނަމަ، އެއީ މޯދީގެ 12 އަހަރުވީ ވެރިކަމުގައި މިފަދަ ކަމެއް ހިނގާނެ ފުރަތަމަ ފަހަރަށް ވާނެއެވެ.
އިސްތިއުފާ ވަރަށް އަވަހަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިޕްކޭއަށް އެބައޮތެވެ. "އަހަރެމެން ވަރުބަލިކޮށްލެވޭނެ ކަމަށް ސަރުކާރަށް ހީވާނަމަ، އެއީ އެމީހުންނަށް ކުރެވޭ ކުށްހީއެއް،" އޭނާ އަލްޖަޒީރާއަށް ބުންޏެވެ. "އަހަރެމެން މިތަނުން ގުޑައެއް ނުލާނަން."
މަސްދަރު: އަލް ޖަޒީރާ






