Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

2 ޖުލައި 2026 | ބުރާސްފަތި 09:04

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް ފަލަސްތީނުގެ 1،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައި. ޣައްޒާ އާރާސްތުކުރުމުގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، އިސްރާއީލުގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 09:04
އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގެ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ކުޑަކުދިންތަކެއް ހިޔާވަހިކަން ހޯދައިގެން

އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގެ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ކުޑަކުދިންތަކެއް ހިޔާވަހިކަން ހޯދައިގެން | ގެޓީ އިމޭޖަސް

އިސްރާއީލުން ޣައްޒާ ގައި ހަނގުރާމަ ފެށިތާ 1،000 ދުވަސް ފުރުނުއިރު، ފަލަސްތީނުގެ ރައްޔިތުން ތިބީ ކުރިމަގާމެދު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. މި މުއްދަތުގެ ތެރޭގައި ސަރަހައްދީ އެހެން ހަނގުރާމަތައް އުފެދިފައިވާއިރު، ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކަށް މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މި ހާލަތުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތިބީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވެފަ އެވެ.

ޣައްޒާ ގައި ދިރިއުޅޭ 2 މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ގެދޮރު ގެއްލި، ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރޭގައި ހާލުގައި ޖެހިފަ އެވެ. އޮކްޓޯބަރު 10 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް ބުނާއިރު، އިސްރާއީލު ސަރުކާރުން މިހާރު ވަނީ އެ ސަރަހައްދު ފުޅާކޮށްފަ އެވެ. އިސްރާއީލުގެ އަމާޒަކީ ގާޒާގެ 70 އިންސައްތަ ސަރަހައްދު އެގައުމުގެ ބާރުގެ ދަށަށް ގެނައުމެވެ.

ޣައްޒާއަށް ވަދެނިކުމެ އުޅުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އިތުރު މަރުހަލާތައް ކަމަށްވާ ހަމާސް އަތުން ހަތިޔާރު އަތުލުމާއި، ޣައްޒާ އަލުން ބިނާކުރުމުގެ ބިޔަ މަޝްރޫއުތައް ވަނީ ހުވަފެނެއްގެ ތެރޭގަ އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) ގެ ރީޖަނަލް ޑައިރެކްޓަރު ނިކޮލަސް ފޮން އާކްސް މި ހަފުތާގައި ވިދާޅުވީ، ޣައްޒާގެ ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ނަމަވެސް އެފަދަ މަންޒަރެއް ފެންނަން އަދި މާ ދުރުގައިވާ ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މަރަމުންދިއުން ހުއްޓުމަކަށް ނާދޭ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އިސްރާއީލުން ދޭ ހަމަލާތައް ނިސްބަތުން މަދުވި ނަމަވެސް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދަނީ ކުރިއަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް 1،053 ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި 350 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. ފާއިތުވި ދުވަސްތަކުގައި މަރުވި މީހުންގެ ތެރޭގައި ސްކޫލަށް ދިޔަ އަންހެން ކުއްޖަކާއި، އެއް އަހަރުގެ ދަރިފުޅާއެކު ހުރި މައެއް ހިމެނެ އެވެ.

މި ހަފުތާގައި ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ވިސާލް އަބޫ ޚާތިރު ވަނީ އަރަބި ގައުމުތަކުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން ތިބޭތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ސުވާލުކުރީ އެމީހުން އެ ދައްކާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކޮބައިހެއްޔެވެ؟

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހަނގުރާމަ ހުއްޓާލި ފަހުން 3،400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަމާސްގެ ސަރުކާރުގެ ދަށުން ހިންގާ މި މިނިސްޓްރީން ބަލަހައްޓާ މަރުވާ މީހުންގެ ތަފާސްހިސާބުތަކަކީ އދ. އާއި މިނިވަން މާހިރުން އިތުބާރުކުރާ ސައްހަ މައުލޫމާތުތަކެކެވެ. މި ހިސާބުތަކުގައި ހަނގުރާމަވެރިންނާއި އާންމުން ވަކިކޮށްފައި ނުވި ނަމަވެސް، މަރުވާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިސްރާއީލު ސިފައިން ބުނަމުންދަނީ އެމީހުން ހަމަލާދެނީ ހަމާސްއާއި އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ކަމަށާއި، ހަމާސްއިން އާންމު ރައްޔިތުން އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި 1،200 އެއްހާ މީހުން މަރުވެ، 251 މީހުން ރަހީނުކުރި އެވެ. މިހާރު ހުރިހާ ރަހީނުން ނުވަތަ އެމީހުންގެ ހަށިގަނޑު ވަނީ ހަމާސް އިން މިނިވަންކޮށް ނުވަތަ ހަވާލުކޮށްފަ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޖުމްލަ 73،066 ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ.

ޓްރަމްޕް އުފެއްދެވި 'ބޯޑް އޮފް ޕީސް' އަށް ކުރިއެރުމެއް ނުލިބޭ

ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ބަލަހައްޓަވާ އިސް ޑިޕްލޮމޭޓް ނިކޮލާއި މްލަޑެނޯވް ވިދާޅުވި ގޮތުގައި، އެމެރިކާ މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް ހުއްޓިފައިވަނީ ހަމާސްގެ ހަތިޔާރު އަތުލުމުގެ އުނދަގޫ މައްސަލައާ ހެދި އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވައި، އިސްކޮށް ހުންނަވާ 'ބޯޑް އޮފް ޕީސް' އަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ. ޣައްޒާ އާރާސްތުކުރުމުގެ ހަމައެކަނި މަގްސަދުގައި ބިލިއަނުން ޑޮލަރުގެ އެހީގެ ވައުދުތަކާއެކު މި އަހަރު ކުރީކޮޅު މި ބޯޑު އިފްތިތާހު ކުރި ނަމަވެސް، މިހާރު އެ ބޯޑުން އާންމުކޮށް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ހަމާސްގެ ހަތިޔާރު އަތުލެވިއްޖެނަމަ، ޣައްޒާ ގައި އާ ސަރުކާރެއް ގާއިމުކުރުމާއި، ސަލާމަތީ ކަންކަމާއި އާރާސްތުކުރުމުގެ މަސައްކަތަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުމުގެ މަގު ފަހިވާނެ އެވެ. ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް ސީދާ ދެކޮޅު ނުހެދި ނަމަވެސް، ބައެއް ހަތިޔާރު ބެހެއްޓުމަށާއި އިސްރާއީލުން އިތުރު ދޫދިނުންތަކަކަށް އެ ޖަމާއަތުން ދަނީ އެދެމުންނެވެ. 

ޣައްޒާ ސުންނާފަތިވެފައި، އިންސާނީ އެހީއަށް ހުރަސްތައް

ޣައްޒާގެ ރައްޔިތުން ބުނަނީ އެމީހުންގެ ކެތްތެރިކަން ކޮޅުންލައިފި ކަމަށެވެ. އަސާސީ ޚިދުމަތެއް ނެތް ފޭލިގެތަކާއި ބޮން އަޅާފައިވާ އިމާރާތްތަކުގެ ތެރޭގައި ދިރިއުޅެމުންދާއިރު، ކޮންމެ ވަގުތަކުވެސް އިސްރާއީލުގެ ޑްރޯންތަކުގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މަގްސަދަކީ ބޭހާއި ތެޔޮ ފަދަ އިންސާނީ އެހީ ގިނަ އަދަދަކަށް ވައްދާ ފޯރުކޮށްދިނުން ކަމަށްވީ ނަމަވެސް، އެހީދޭ ޖަމާއަތްތަކުން ބުނަނީ އެކަން އެގޮތަށް ނުވާ ކަމަށެވެ. ޣައްޒާގެ ބޯޑަރުތައް ވަނީ ވަރަށް ބޮޑަށް ބަންދުކޮށްފަ އެވެ. އދ. އިން ބުނާ ގޮތުގައި ޣައްޒާގެ 17 ހޮސްޕިޓަލެއް އަދިވެސް ހުރީ ޚިދުމަތް ނުދެވޭ ހާލަތުގަ އެވެ.

އދ. ގެ ހިއުމަނިޓޭރިއަން ޗީފް ޓޮމް ފްލެޗަރ ވިދާޅުވީ، އިސްރާއީލުގެ ހަރުކަށި ހުއްދަތަކާއި ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން ޒަރޫރީ ތަކެތި ވެއްދުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި މަސްނޫއީ ގުނަވަންތައް ވެއްދުމަށްވެސް އިސްރާއީލުން ހުރަސް އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޚާން ޔޫނިސްގައި ފިހާރައެއް ހިންގާ މަހްމޫދު އަޝޫރު ބުނި ގޮތުގައި، ހަނގުރާމައިގެ ކުރިން އެމީހުންގެ އަތުގައި ހުރިހާ އެއްޗެއް ހުއްޓެވެ. ނަމަވެސް މިހާރު އެމީހުން އެދެނީ ހަމައެކަނި ބަނޑުފުރާނަ މުއްތިކުރާނެ ކާ އެތިކޮޅަކަށެވެ.

މަސްދަރު: އެސޯސިއޭޓެޑް ޕްރެސް

އިޒްރޭލް-ފަލަސްޠީންޣައްޒާހަމާސްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
30 ޖޫން 2026

ޣައްޒާގެ ފަހާ މީހަކު ބޭކާރުވެފައިވާ ފޮތިކޮޅުތައް ބޭނުންކޮށްގެން އަންހެން ކުދިންނަށް ހެދުން ފަހައިދެނީ

30 ޖޫން 2026
ޣައްޒާގެ ފަހާ މީހަކު ބޭކާރުވެފައިވާ ފޮތިކޮޅުތައް ބޭނުންކޮށްގެން އަންހެން ކުދިންނަށް ހެދުން ފަހައިދެނީ
29 ޖޫން 2026

ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ

29 ޖޫން 2026
ޣައްޒާއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ
29 ޖޫން 2026

ޣައްޒާގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި

29 ޖޫން 2026
ޣައްޒާގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި 13 އަހަރުގެ އަންހެން ކުއްޖަކާއެކު ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި
28 ޖޫން 2026

ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު

28 ޖޫން 2026
ސްކޫލްތައް ބަންދުވެ، ފޭލިގެތަކުގައި ދިރިއުޅެން ޖެހިފައިވީ ނަމަވެސް، ޣައްޒާގެ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ދުވަސްވަރު
28 ޖޫން 2026

ހަމާސްގެ ކަނޑުގެ ބާރު ތަކުގެ ކޮމާންޑަރު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން އިއުލާން ކޮށްފި

28 ޖޫން 2026
ހަމާސްގެ ކަނޑުގެ ބާރު ތަކުގެ ކޮމާންޑަރު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން އިއުލާން ކޮށްފި
27 ޖޫން 2026

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

27 ޖޫން 2026
ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟
25 ޖޫން 2026

އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް

25 ޖޫން 2026
އީރާން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ނަތަންޔާހޫ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް