Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނަތަންޔާހޫ

ނަތަންޔާހޫގެ ސާޅީސް އަހަރުގެ ދިގުު ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމެނީބާ؟

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކޮރަޕްޝަނުގެ ދައުވާތަކާއި ސަރަހައްދީ ހަނގުރާމަތަކުގެ ސަބަބުން ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. ލުބުނާނާއި އީރާނުގެ މައްސަލައިގައި އެމެރިކާގެ ފިއްތުންތަކާއި އިސްރާއީލުގެ އާންމުންގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާއިރު، ކުރިއަށް އޮތް އިންތިޚާބަކީ އޭނާގެ ސިޔާސީ މުސްތަގުބަލު ކަނޑައެޅިގެންދާނެ ނާޒުކު ދަނޑިވަޅެއް ކަމަށް ބެލޭ

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 13:05
އިޓަލީގެ މިލާންގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ބޭއްވި "އިން ދަ ސޭމް ބޯޓް" ނަމަކަށް ކިޔާ ފްލޭޝް މޮބް ހަރަކާތުގެ ތެރެއިން، މީހަކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއަކާއެކު "ޖެނޮސައިޑަލް" ނުވަތަ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހިންގާ މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ ބޯޑެއް ހިފަހައްޓައިގެން

އިޓަލީގެ މިލާންގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ބޭއްވި "އިން ދަ ސޭމް ބޯޓް" ނަމަކަށް ކިޔާ ފްލޭޝް މޮބް ހަރަކާތުގެ ތެރެއިން، މީހަކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއަކާއެކު "ޖެނޮސައިޑަލް" ނުވަތަ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހިންގާ މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ ބޯޑެއް ހިފަހައްޓައިގެން | ގެޓީ އިމޭޖަސް

އިސްރާއީލުގައި ކުރިއަށް އޮތް އާންމު އިންތިޚާބަކީ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލު ބައްޓަންވެގެންދާނެ މުހިންމު އިންތިޚާބެކެވެ. ސަރަހައްދީ ހަނގުރާމަތައް މެނޭޖްކުރުމުގައި ހުރި ނުކުޅެދުންތެރިކަމާއި، އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން ނަތަންޔާހޫއަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.

އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫއަކީ އެ ގައުމުގެ ސިޔާސީ މަސްރަހުގައި ކޮންމެފަދަ ގޮތެއް ހަދައިގެން ވެސް ސަލާމަތްވުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއްގެ ގޮތުގައި މަޝްހޫރު ފަރާތެކެވެ. ނަމަވެސް، އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަކީ އޭނާގެ ގާތްގަނޑަކަށް 40 އަހަރުވީ ސިޔާސީ ހަޔާތް ހިތްދަތި ގޮތަކަށް ނިމިގެން ހިނގައިދާނެ ފަދަ، މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

މި ހާލަތުގެ ފަހަތުގައި ސިޔާސީ ގިނަ ހާދިސާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން، ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނަތަންޔާހޫ ބާރުއެޅުއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ރައްދުގައި ތެހެރާނުން ވަނީ އިސްރާއީލަށާއި، ގަލްފުގެ ގައުމުތަކުގެ އިތުރުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.

މީގެ އިތުރުން، އިސްރާއީލުން ދަނީ އުތުރު ބޯޑަރުގައި ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެކޮޅަށްވެސް ހަނގުރާމަ ކުރަމުންނެވެ. މިކަމުގެ ސަބަބުން ނަތަންޔާހޫ ވަނީ ދެކޮޅު ނުޖެހޭ ދެ ފިއްތުމެއްގެ މެދުގައި ތާށިވެފަ އެވެ. އެއީ ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން ކުރިމަތިކުރާ ފިއްތުންތަކާއި، އީރާނާއި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލުގެ އާންމު ރައްޔިތުން ބޭނުންވާ ބޭނުންވުމެވެ.

ހަމައެއާއެކު، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގެ ކުރިންނާއި ފަހުން ސަރުކާރުން ހެދި ގޯސްތައް ބެލުމަށް މިނިވަން ތަހުގީގެއް ހިންގުމަށް ނަތަންޔާހޫ ދެކޮޅު ހައްދަވާތީ، އާންމު ރައްޔިތުންގެ ބޮޑު ނުރުހުމެއް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް އޮތް ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ. ބައެއް ގައުމުތަކުން އިސްރާއީލު ބާކީކުރަމުންދާއިރު، އެމެރިކާގެ ސިޔާސީ މަސްރަހުންވެސް މިހާރު ދަނީ ފާޅުގައި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، 2019 ވަނަ އަހަރުން ފެށިގެން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތައް އަދިވެސް ދަނީ ކުރިއަށެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާ ޖަލަށް ދާންޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބަކީ ނަތަންޔާހޫއަށާއި އިސްރާއީލަށް ވެސް ނުހަނު ހައްސާސް ވަގުތެއްގައި ބޭއްވޭ އިންތިޚާބެކެވެ.

ސިޔާސީ ދިރާސާވެރިޔާ ނިމްރޮޑް ފްލެޝެންބާގް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ނަތަންޔާހޫ މިހާރު ހުރީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އީރާނާއެކު އެމެރިކާއިން ވެފައިވާ އެއްބަސްވުމަށް އިސްރާއީލުގެ ތާއީދު ނެތްއިރު، ލުބުނާނުގައި ހިނގަމުންދާ ކަންކަމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދިފަ އެވެ.

"އެއީ ހަނގުރާމަ ހުއްޓާލުމެއްތޯ، ނުވަތަ ފަހަތަށް ޖެހުމެއްތޯ އެކަކަށްވެސް ނޭނގޭ. މީޑިއާތަކުންވެސް ތިބީ ވަރަށް ބޮޑަށް ޝައްކު އުފެދިފައި. އަދި އެމެރިކާއާ އޮތް ގުޅުމުގެ މައްސަލަވެސް އެބައޮތް. އިސްރާއީލުގެ ރައްޔިތުން އަބަދުވެސް ގަބޫލުކުރަން ބޭނުންވަނީ އެމީހުންނަކީ އަމިއްލަ ބާރުގައި ކަންކަން ނިންމޭ ބައެއް ކަމަށް. އެކަމަކު ފަހުގެ ހާދިސާތަކުން އެނގިގެންދިޔައީ އެއީ ހަގީގަތެއް ނޫންކަން،" ފްލެޝެންބާގް ބުންޏެވެ.

ދެކޮޅުން ބެދިފައި

އިސްރާއީލުގެ ސަލާމަތަށް އެމެރިކާގެ އެހީތެރިކަން ކިހާ މުހިންމުކަން އެ ގައުމުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް، ލުބުނާނު ހަނގުރާމައިގެ މުސްތަގުބަލާ މެދު އިސްރާއީލާއި އެމެރިކާގެ ޚިޔާލު މިހާރު ވަނީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ހަނގުރާމަ މަޑުޖައްސާލައި، އީރާނާއެކު އޮތް ސުލްހަ ދަމަހައްޓައި، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް ގެނައުމަށެވެ.

އެމެރިކާއާއެކު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ލުބުނާނު ހިމެނުމަށް އީރާނުން ވަނީ ބާރުއަޅާފަ އެވެ. އެހެންކަމުން، ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދޭ ކޮންމެ ހަމަލާއަކީ ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.

ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ ސިޔާސީ ދެ ފިކުރުގެ މީހުންވެސް ނަތަންޔާހޫއަށް ދަނީ ފާޑުކިޔަމުންނެވެ. ކަނާތު ފިޔައިގެ ހަރުކަށި މީހުން ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންގޮސް ހިޒްބުالله ބަލިކުރުމަށެވެ. ނަމަވެސް، ހިޒްބުاللهގެ ވަރުގަދަ ދިފާއާއި އެމެރިކާގެ ފިއްތުންތަކާ ހުރެ މިއީ ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން، ޓްރަމްޕްގެ ނިންމެވުންތަކާ ދެކޮޅު ހެދުމަކީ އެމެރިކާއާއި އިސްރާއީލުގެ ގުޅުމަށް އިތުރު ބުރޫއަރާނެ ކަމެއްކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ ފަސްބައިކުޅަ އެއްބައި ބިން ޣައިރު ގާނޫނީ ގޮތެއްގައި ހިފަހައްޓަމުންނެވެ. އަދި މިދިޔަ ހުކުރު ދުވަހު ވޮޝިންގްޓަނުގައި ލުބުނާނާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، އެ ގައުމުގައި އިސްރާއީލުގެ އަސްކަރިއްޔާ އޮންނާނެ މިންވަރަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ފަހުގެ ސާވޭއަކުން ދައްކާގޮތުގައި، އިސްރާއީލުގެ 75 އިންސައްތަ މީހުން ލުބުނާނުގެ ބިންތައް ހިފަހައްޓައިގެން ތިބުމަށް ތާއީދުކުރާއިރު، އެކަމާ ދެކޮޅު ހަދަނީ އެންމެ 10 އިންސައްތަ މީހުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ނަތަންޔާހޫގެ މިހާރުގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ގަޑީ އައިޒެންކޮޓް ބުނި ގޮތުގައި، އެމެރިކާއާއި އިސްރާއީލާ ދެމެދު އުފެދިފައިވާ މައްސަލައަކީ ލުބުނާނާ މެދު ގެންގުޅޭ ސިޔާސަތު ވޮޝިންގްޓަނަށް ސާފުކޮށްދޭން ނަތަންޔާހޫއަށް ނޭނގުމުގެ ނަތީޖާ އެވެ.

"އަހަރެމެންގެ އަސްކަރީ ކާމިޔާބީތަކުގެ ފައިދާ ހޯދުމުގައި އަހަރެމެން މިވަނީ ނާކާމިޔާބުވެފައި. ލުބުނާނަށް ހަމަލާއެއް ދިނުމަށްވެސް ވޮޝިންގްޓަނުގެ ހުއްދަ ހޯދަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އައިޒެންކޮޓް ބުންޏެވެ.

އިސްރާއީލު ސަރުކާރުގެ ކުރީގެ އެޑްވައިޒަރު ޑެނިއަލް ލެވީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ނަތަންޔާހޫއަށްވުރެ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ދައްކައިގެން އޭނާ ބަލިކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހުރިހާ ކަމެއްގެ ތެރެއިން ނަތަންޔާހޫ މަސައްކަތް ކުރައްވާނީ ވަގުތު ހޯއްދަވައިގެން އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް ހުރަސް އެޅުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާއެކު އޮތް ގުޅުން

ޖޫން 18 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ލުބުނާނު ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ. ނަތަންޔާހޫއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލުބުނާނުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް މި ދެ ގައުމުން ގެރެންޓީ ދީފައިވުމެވެ.

މި އެއްބަސްވުމާ ޚިލާފަށް، ލުބުނާނުގެ ބިންތަކުން ފޭބުމަށް އިސްރާއީލުން ވަނީ ފާޅުގައި ދެކޮޅު ހަދާފަ އެވެ. މާރިޗު 2 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 4,230 މީހުން މަރުވެ، 12,179 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަނެއްކޮޅުން، ހިޒްބުالله ބަލިކުރެވިފައި ނުވާއިރު، އިސްރާއީލުގެ އުތުރުގެ ރަށްތަކަށް އަދިވެސް ދަނީ އެ ޖަމާއަތުގެ ރޮކެޓާއި ޑްރޯން ހަމަލާތައް އަމާޒުވަމުންނެވެ.

ސިޔާސީ ދިރާސާވެރިޔާ އޮރީ ގޯލްޑްބާގް ބުނި ގޮތުގައި، ނަތަންޔާހޫ އިސްރާއީލުގެ އުތުރުގެ ރައްޔިތުންނަށް ވީ ވައުދުތަކަކީ އޭނާއަށް ފުއްދައިދެވޭނެ ވައުދުތަކެއް ނޫނެވެ.

"އޭނާ ވައުދުވީ އަރަބިންގެ ހިލަމެއް ނުވާނެ ފަދަ މުސްތަގުބަލެއް ހޯދައިދޭން. އެކަމަކު ރައްޔިތުން މިހާރު ތިބީ ވަރުބަލިވެފައި. އެމީހުން ބޭނުންވަނީ އާންމު ހާލަތަކަށް ދާން. އެހެންކަމުން ލުބުނާނުގެ މައްސަލައިގައި ނަތަންޔާހޫއަށް ކޮންމެވެސް ވަރެއްގެ ސިޔާސީ މަކަރެއް ހެދުމުގެ ފުރުސަތު އެބައޮތް،" ގޯލްޑްބާގް ބުންޏެވެ.

ނަމަވެސް، ލުބުނާނުގައި ހަރަކާތްތެރިވުމަށް އިސްރާއީލަށް ލިބިފައިވާ މި ފުރުސަތަކީ ވަރަށް ކުޑަ ފުރުސަތެކެވެ. ރިޕޯޓްތައް ބުނާގޮތުން، ލުބުނާނުގައި ނަތަންޔާހޫ ކުރަމުންދާ ކަންކަމާ މެދު ޓްރަމްޕް މިހާރު ހުންނެވީ ވަރަށް ބޮޑަށް ފޫހިވެފަ އެވެ. ފޯނުން ކުރެއްވި މަޝްވަރާއެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ "މޮޔައެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ޖޫން 7 ވަނަ ދުވަހު 'ދަ ފައިނޭންޝަލް ޓައިމްސް' އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެމެރިކާއިން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނަތަންޔާހޫ ބޯލަނބަން ޖެހޭނެ ކަމަށެވެ. "ގޮތް ނިންމާނީ އަހަރެން. އޭނާއެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ކުރީގެ އެޑްވައިޒަރު ލެވީ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ 13 މަސްދުވަހުގެ ތެރޭގައި ދެ ބޭފުޅުން ހަތް ފަހަރު ބައްދަލުކުރެއްވި ނަމަވެސް، ފެބްރުއަރީ 28، 2026 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެއްވެސް ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.

"މިއީ ނަތަންޔާހޫ ކަންބޮޑުވާނެ ކަމެއް. އޭނާ މިހާރު މަސައްކަތް ކުރަމުންދާނީ އިންތިޚާބުގެ ކުރިން ޓްރަމްޕާ ބައްދަލުކޮށް، އޭނާގެ އިތުބާރު އަލުން ހޯދުމަށް. ނަތަންޔާހޫއަށް މިހާރު ވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަތަންވެފައި،" ލެވީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

މަސްދަރު: އަލް ޖަޒީރާ

ބެންޖަމިން ނަތަންޔާހޫއިސްރާއީލްއީރާން-އިޒްރޭލްލުބުނާންޑޮނަލްޑް ޓްރަމްޕްހިޒްބުﷲއީރާން-ޔޫއެސްއޭ-އިސްރާއީލް

އިތުރަށް ކިޔާލަން

27 ޖޫން 2026

އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި

މި އޮނިގަނޑުގެ ދެވަނަ ނުކުތާގައި ބަޔާން ކޮށްފައިވާ ގޮތުން، އިޒްރޭލް އާއި ލުބުނާންގެ ސަރުކާރުން ވަނީ ތަރުތީބު ކުރެވިފައިވާ، ދެފަރާތުން އަމަލު ކުރަންޖެހޭ މަރުހަލާ ތަކަކަށް އެއްބަސްވެފައި. މި މަރުހަލާ ތަކުގެ ދަށުން ލުބުނާންގެ މުޅި ސަރަހައްދުގެ މައްޗަށް އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ސިޔާދަތީ ބާރު އަލުން ގާއިމު ކުރުމަށް ވަނީ ނިންމާފައި.

27 ޖޫން 2026
އިޒްރޭލް އާއި ލުބުނާންއާ ދެމެދު ޤާއިމު ކުރި އެއްބަސްވުމުގެ 14 ނުކުތާ އެމެރިކާ އިން ހާމަ ކޮށްފި
27 ޖޫން 2026

އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި

އެމެރިކާގެ މެދުތެރޭ ސަރަހައްދުގެ ސެންޓްރަލް ކޮމާންޑް އިން ބުނީ އެ ޤައުމުގެ ހަނގުރާމަ ބޯޓު ތަކުން މިސައިލް އަދި ޑްރޯން ރައްކާކުރާ ތަންތަނާއި، ކަނޑު ދަތުރު ފަތުރު ބަލާ ރަޑާރު ސައިޓު ތަކަށް ހަމަލާތައް ދިނުމަށް ފަހު އެ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް.

27 ޖޫން 2026
އީރާން އިން ކާގޯ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެ، ރައްދުގައި އެމެރިކާ އިން ހަމަލާ ދީފި
26 ޖޫން 2026

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތަކުން ރައީސް ޑޮނަލްޑް ޓްރަމްޕް ފެނިވަޑައިނުގަތުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފައި. މީގެ ކުރީގެ ރައީސުންނާއި ދުނިޔޭގެ އެހެން ލީޑަރުންނާ ޚިލާފަށް ޓްރަމްޕް މެޗުތަކަށް ވަޑައިނުގަންނަވަނީ އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ހުރިގޮތުންނާއި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވޭއިރު، މުބާރާތުގެ ފައިނަލް މެޗަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑު. މެޗުތަކަށް ވަޑައިނުގެންނެވި ނަމަވެސް، ޓްރަމްޕް ގެންދަވަނީ ފޯނުގެ ޒަރީއާއިން ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން.

26 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟
26 ޖޫން 2026

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދިނުމަށްޓަކައި އެމެރިކާއާއެކު ވެވުނު އިބްތިދާއީ އެއްބަސްވުމުގެ ދަށުން، އެ ގައުމުގެ ނިއުކްލިއާ ހަރަކާތްތައް ވަރުގަދައަށް ބަލައި ފާސްކުރަން ޖެހޭ ކަމަށް އައި.އޭ.އީ.އޭ ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެ. މި އެއްބަސްވުމުގެ ދަށުން އީރާނުގައި ހުރި ޔުރޭނިއަމްގެ މިންވަރު ދަށްކުރުމަށް ނުވަތަ ގައުމުން ބޭރަށް ފޮނުވާލުމަށް މަޝްވަރާ ކުރެވެމުންދާއިރު، މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވި. ނަމަވެސް، އިސްރާއީލުން ދިން ހަމަލާތަކަށްފަހު ބައެއް މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް އީރާނުން ދެކޮޅު ހަދަމުންދާތީ މިކަމުގައި ގޮންޖެހުންތަކެއް އެބަހުރި.

26 ޖޫން 2026
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް "ވަރުގަދައަށް" ބަލަން ޖެހޭ: އައި.އޭ.އީ.އޭ
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

އިޓަލީން ބުނީ އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ލޮޖިސްޓިކަލް ކަންކަމަށް ކަމަށާއި، ސީދާ ހަމަލާދިނުމުގައި އެ ގައުމުން ބައިވެރިނުވާނެ ކަމަށް. މި މައްސަލަ ފެންމަތިވެފައިވަނީ ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް ދޭ އެއްބާރުލުން ކުޑަކަމަށް ބުނެ ރައީސް ޓްރަމްޕް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައި.

25 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު