އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
އަރަބި ކަނޑުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ކުއްލި ހާލަތުގައި ކަނޑަށް ޖެއްސުމާ ގުޅިގެން، ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް އެމެރިކާގެ ފަސްވަނަ ފްލީޓުން މިހާރު ދަނީ ކުރަމުން. "ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިއު ބުޝް" އުޅަނދަށް ނިސްބަތްވާ މި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު އަސްކަރިއްޔާއިން ތަހުގީގު ކުރަމުންދާއިރު، މިއީ ދުޝްމަނުންގެ ހަމަލާއެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. މި ސަރަހައްދުގައި އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އޮތުމުން، އެމެރިކާގެ ސިފައިން މިހާރު ތިބީ ވަރަށް ބޮޑަށް ސަމާލުވެގެން.

ޢަރަބި ކަނޑަށް އެމެރިކާގެ ހެލިކޮޕްޓަރެއް ކުއްލި ހާލަތުގައި ޖެއްސުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި، އަސްކަރީ މީހަކު ގެއްލި، އިތުރު ތިން މީހަކަށް އަނިޔާވި | އެކްސް
އެމެރިކާގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނި ގޮތުގައި، އެ ގައުމުގެ "އެމް.އެޗް-60 އެސް ސީހޯކް" މަރުކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް "ކުއްލި ހާލަތުގައި ޖައްސަން ޖެހުމާ ގުޅިގެން"، އޭގައި ތިބި ސިފައިންގެ ތެރެއިން އެކަކު ގެއްލިއްޖެ އެވެ. މި ހާދިސާގައި އިތުރު ތިން ސިފައިންނަށް އަނިޔާވެފައިވީ ނަމަވެސް، އެމީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް އަސްކަރިއްޔާއިން މައުލޫމާތުދެއެވެ. އަދި މި ހާދިސާއަކީ ދުޝްމަނުންގެ ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އެމެރިކާއިން ބުނެފައިވެ އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން، ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. މި ހެލިކޮޕްޓަރަކީ "ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިއު ބުޝް" އެއަރކްރާފްޓް ކެރިއަރުގައި އެ ސަރަހައްދަށް ފޮނުވާފައިވާ އުޅަނދެކެވެ.
ހެލިކޮޕްޓަރު ފަދަ މަތިން އުދުހޭ އުޅަނދުތަކަކީ އޭގެ މަތީބައި ބަރުކޮށް ހުންނަ އެއްޗެއް ކަމުން، ފެނަށް ޖައްސާ ވަގުތު ބޯކޮޅުވަތަށް ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ތަޖުރިބާކާރު ޕައިލެޓުންނަށްވެސް ކަނޑަށް ހެލިކޮޕްޓަރު ޖެއްސުމަކީ ނުރައްކާތެރި ކަމެކެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތައް ހިނގަމުންދާތީ، އެ ސަރަހައްދުގައި ތިބޭ އެމެރިކާގެ ސިފައިން ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
މަސްދަރު: ރޮއިޓާސް





