Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތަކުން ރައީސް ޑޮނަލްޑް ޓްރަމްޕް ފެނިވަޑައިނުގަތުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފައި. މީގެ ކުރީގެ ރައީސުންނާއި ދުނިޔޭގެ އެހެން ލީޑަރުންނާ ޚިލާފަށް ޓްރަމްޕް މެޗުތަކަށް ވަޑައިނުގަންނަވަނީ އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ހުރިގޮތުންނާއި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވޭއިރު، މުބާރާތުގެ ފައިނަލް މެޗަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑު. މެޗުތަކަށް ވަޑައިނުގެންނެވި ނަމަވެސް، ޓްރަމްޕް ގެންދަވަނީ ފޯނުގެ ޒަރީއާއިން ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން.

ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 15:51
ވޮޝިންގޓަންގެ ޖޯން އެފް ކެނެޑީ ސެންޓަރ ފޯ ދަ ޕާފޯމިންގ އާޓްސްގައި 2025 ޑިސެމްބަރު 05 ވީ ހުކުރު ދުވަހު ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމީ ރަސްމިއްޔާތުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާ ހިމެނޭ ގްރޫޕްގެ ގުރު ނަންގަވަނީ.

ވޮޝިންގޓަންގެ ޖޯން އެފް ކެނެޑީ ސެންޓަރ ފޯ ދަ ޕާފޯމިންގ އާޓްސްގައި 2025 ޑިސެމްބަރު 05 ވީ ހުކުރު ދުވަހު ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމީ ރަސްމިއްޔާތުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާ ހިމެނޭ ގްރޫޕްގެ ގުރު ނަންގަވަނީ. | ގެޓީ އިމޭޖަސް

 އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވޯލްޑް ކަޕްގެ ތެރެއިން ވަރަށް ގިނައިން ފެނިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ.

ނަމަވެސް، އެމެރިކާގެ ގައުމީ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ނޮކްއައުޓް ބުރަށް ކޮލިފައިވެފައިވީ ނަމަވެސް، ރައީސް ޓްރަމްޕް އަދި މިހާތަނަށް އެއްވެސް މެޗަކަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

މިއީ ހައިރާންވާންޖެހޭ ކަމެއް ހެއްޔެވެ؟ އެމަނިކުފާނު މެޗުތަކާ ދުރުގައި ހުންނަވަނީ ކީއްވެގެން ބާވައެވެ؟ އަދި މުބާރާތުގެ ފައިނަލް މެޗުގެ ކުރިން އެމަނިކުފާނު ފެނިވަޑައިގަންނަވާނެ ހެއްޔެވެ؟ 

"އަޅުގަނޑުގެ ލޮބުވެތި އެމެރިކާގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން، މި ކުލަގަދަ އުފާފާޅުކުރުމަށް މެހެމާންދާރީ އަދާކުރުމުގެ ފުރުސަތު އެމެރިކާއަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ވޯލްޑް ކަޕަކީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި އަޅުގަނޑުމެންގެ ގައުމުގެ ސަމާލުކަން އަތުލާފައިވާ މުބާރާތެއް. އެހެންކަމުން، ކުރިއަށް އޮތް 30 ދުވަހު އެމެރިކާގައި ބާއްވާ މި މެޗުތައް ބަލަން އެކި ބައްރުތަކުންނާއި އެކި ގައުމުތަކުން ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުހަބާ ކިޔަން."

މިއީ 1994 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު، އެމެރިކާގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ބެއްލެވުމަށް ޗިކާގޯގެ ސޯލްޖާ ފީލްޑަށް ވަޑައިގެން އޭރުގެ ރައީސް ބިލް ކްލިންޓަން ދެއްވި ތަގުރީރެވެ.

އެ ދުވަސް ބޮޑަށް ހަނދާން ހުންނަނީ ކްލިންޓަންގެ ތަގުރީރަށްވުރެ ބޮޑަށް، މެޗުގެ ކުރިން ބޭއްވި ހަރަކާތްތަކުގައި ޑަޔާނާ ރޮސް އަތުން 'ޕެނަލްޓީ' ނާކާމިޔާބުވި ހާދިސާއިންނެވެ. ނަމަވެސް، މިއަދު އެމެރިކާގެ ރައީސް ގެ ހައިސިއްޔަތުން މެޗެއް ބައްލަވާލައްވަން ހާޒިރުވެވަޑައިގަތުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ސަބަބަކީ، 32 އަހަރަށްފަހު އެމެރިކާއިން އަލުން މި މުބާރާތް ބާއްވަމުންދާއިރު، މުބާރާތުގެ ދެބައިކުޅަ އެއްބައި ފާއިތުވެގެންދިޔައިރުވެސް މިހާރުގެ ރައީސް މެޗުތަކާ ދުރުގައި ހުންނެވުމެވެ.

މި މަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ ފީފާއިން ވިއްކާފައިވާ ޓިކެޓްގެ އަދަދަށް ތައުރީފު ކުރައްވައި، މިއީ "މިހާތަނަށް ބޭއްވޭ އެންމެ ކާމިޔާބު ވޯލްޑް ކަޕް" ކަމަށް ސިފަކުރައްވާފައެވެ. މިއާއެކު، ގިނަ ބަޔަކު ގަބޫލުކުރީ އެމަނިކުފާނަކީ މުބާރާތުގެ ތެރެއިން ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާނެ، ފޯރިގަދަ ބޭފުޅަކަށް ވާނެ ކަމަށެވެ.

އަދި މުބާރާތުގެ ތައްޔާރީތަކުގެ ތެރޭގައިވެސް، މި މުބާރާތަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފެނުނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން ބޭއްވި އެއްވުމެއްގައިވެސް އެމަނިކުފާނު ވަނީ މި މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން، މިދިޔަ ޑިސެމްބަރު މަހު ވޮޝިންޓަން ޑީސީގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައިވެސް ޓްރަމްޕް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެ ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޓްރަމްޕަށް ފީފާގެ ފުރަތަމަ 'ޕީސް ޕްރައިޒް' ނުވަތަ ސުލްހައިގެ އިނާމު އަރުވާފަ އެވެ.

ފާއިތުވި އަހަރުތަކުގައި މި ދެ ބޭފުޅުންގެ މެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އިންފަންޓީނޯ ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހަށާއި، ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ ރެސިޑެންސަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.

ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާގައި ބޭއްވި ބޮޑެތި ކުޅިވަރު ހަރަކާތްތަކުން އެމަނިކުފާނު ގަވާއިދުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ސުޕަ ބޯލް އާއި، މިދިޔަ ހޫނު މޫސުމުގައި ބޭއްވި ކްލަބް ވޯލްޑް ކަޕް ފައިނަލްގެ އިތުރުން، ރައިޑާ ކަޕް ގޮލްފް މުބާރާތް ހިމެނެއެވެ.

ނަމަވެސް، ޖޫން 12 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ބޭއްވި ފެށުމުގެ ރަސްމިއްޔާތަށްފަހު، މުބާރާތް ބާއްވާ އެއް ގައުމުގެ ހައިސިއްޔަތުން އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރި ފުރަތަމަ މެޗުން ރައީސް ފެނިގެން ނުދިޔުމަކީ ފާހަގަކޮށްލެވުނު ކަމެކެވެ. އެމަނިކުފާނުގެ ބަދަލުގައި ވޮޝިންޓަނުން އެ މެޗަށް ވަޑައިގަތީ ސެކްރެޓަރީ އޮފް ސްޓޭޓް މާކް ރޫބިއޯ އެވެ.

ބެލެވޭ ގޮތުގައި ޓްރަމްޕް އިސްކަންދެއްވީ އޭގެ ދެ ދުވަސް ފަހުން ވައިޓް ހައުސްގެ ގޯތިތެރޭގައި ބޭއްވި އަލްޓިމޭޓް ފައިޓިންގ ޗެމްޕިއަންޝިޕް (ޔޫއެފްސީ) ހަރަކާތަކަށެވެ. އެއީ އެމަނިކުފާނުގެ 80 ވަނަ އުފަންދުވަހާއި އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.

މިއީ ހައިރާންވާންޖެހޭ ކަމެއް ހެއްޔެވެ؟

އާންމުކޮށް ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ އިސްވެރިން އެ ގައުމެއްގެ ފުރަތަމަ މެޗަށް ހާޒިރުވެވަޑައިގަންނަވަ އެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްޘާނީ އެ ގައުމުގެ ފުރަތަމަ މެޗަށް ވަޑައިގަތެވެ. އަދި 2018 ވަނަ އަހަރު މޮސްކޯގައި ބޭއްވި ރަޝިއާގެ ފުރަތަމަ މެޗު ލަޑީމިއަރ ޕޫޓިން ބެއްލެވި އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ މީޑިއާ ޑައިރެކްޓަރުގެ މަގާމު އަދާކުރެއްވި ސިޔާސީ މާހިރު ފެޑެރިކޯ ޑި ޖީސަސް ވިދާޅުވާ ގޮތުގައި، މިއީ ޓްރަމްޕްގެ މިޒާޖާ ބަލާއިރު އާދަޔާ ހިލާފު ކަމެއް ނޫނެވެ.

"ޔޫއެފްސީއަކީ ޓްރަމްޕް ވަރަށް ބޮޑަށް ކުރިއަރުވާފައިވާ، އަދި އެމަނިކުފާނާ ހާއްސަ ގުޅުމެއް އޮންނަ ކުޅިވަރެއް،" އޭނާ ބީބީސީ ސްޕޯޓްސްއަށް ކިޔައިދިނެވެ.

"އަދި އެމަނިކުފާނު އެހެން ކުޅިވަރު ހަރަކާތްތަކަށް ވަޑައިގަންނަވާ ވަގުތުތަކަށް ބަލާލަމާ ހިނގާށެވެ. މިދިޔަ އަހަރު ނިއު އޯލިއަންސްގައި ބޭއްވި ސުޕަ ބޯލްއަށް ވަޑައިގަތީ ފައިނަލް މެޗަށެވެ. އާދައިގެ މެޗުތަކަކަށް ނޫނެވެ. ވޯލްޑް ކަޕް ފައިނަލަކީ އެންމެ ގިނަ ބަޔަކު ބަލާނެ މައިގަނޑު ހަރަކާތެވެ. މިފަހަރުވެސް ކަންތައް ވާނީ އެހެން ކަމަށް ބެލެވެ އެވެ."

ހަގީގަތުގައިވެސް، އެމެރިކާއިން އޮސްޓްރޭލިއާ (ސިއެޓްލްގައި) އަދި ތުރުކީ (ލޮސް އެންޖެލިސްގައި) އާ ދެކޮޅަށް ކުޅުނު މެޗަށްވެސް ޓްރަމްޕް ވަޑައިގެންފައެއް ނުވެއެވެ.

ޑި ޖީސަސް ދެކޭގޮތުގައި ރައީސް އޮބާމާ ނަމަ މިކަމުގައި އަމަލުކުރައްވާނީ މުޅިން ތަފާތު ގޮތަކަށެވެ. އޮބާމާ ނަމަ ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގެން، ހިތްހެޔޮ މެހެމާންދާރީއެއް ދައްކަވައި، ޑިޕްލޮމެޓިކް އުސޫލުން ކަންކަން ކުރެއްވީސް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޓްރަމްޕަކީ މުޅިން ތަފާތު މިޒާޖެއްގެ ބޭފުޅެއްކަން އޭނާ ފާހަގަކުރި އެވެ.

އަދި މި މަހުގެ ކުރީކޮޅު ނިއު ޔޯކްގައި ބޭއްވި އެންބީއޭ ފައިނަލްސްއަށް ވަޑައިގަތުމުން އާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމުގެ އަޑުތަކުގެ ސަބަބުން، ރައީސް ޓްރަމްޕް މިފަދަ ހަރަކާތްތަކަށް ވަޑައިގަތުމަށް "ޖެހިލުންވެވަޑައިގަންނަވަނީ" ކަމަށްވެސް އޭނާ ގަބޫލުކުރެ އެވެ. ހާއްސަކޮށް ވޯލްޑް ކަޕް މެޗުތަކުގައި އެހެން ގައުމުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ތިބޭނެތީ އެވެ.

ޓްރަމްޕް ސަރުކާރުގެ ބައެއް ހާރިޖީ އަދި ހިޖުރަކުރުމާ ގުޅޭ ސިޔާސަތުތަކުގެ ސަބަބުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހުރެ، ހާއްސަކޮށް ޑިމޮކްރެޓުންގެ ބާރުގަދަ ސިއެޓްލް އާއި ލޮސް އެންޖެލިސް ފަދަ ސިޓީތަކުން އެމަނިކުފާނަށް ލިބިދާނެ މަރުހަބާއަކާ މެދު ވައިޓް ހައުސްގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި އޮވެދާނެ އެވެ.

ފައިނަލްގެ ކުރިން ޓްރަމްޕް ފެނިވަޑައިގަނެފާނެ ހެއްޔެވެ؟

އިންފަންޓީނޯ ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، ޖުލައި 19 ވަނަ ދުވަހު ނިއު ޖާޒީގައި ބާއްވާ ފައިނަލް މެޗަށް ޓްރަމްޕް ވަޑައިގެން، މުބާރާތުގެ ތަށި ހަވާލުކޮށްދެއްވުމަކީ އޮތް އަމާޒެކެވެ. އަދި އެކަމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޓްރަމްޕްވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ނަމަވެސް، ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އިސްވެރިޔާ އެންޑްރޫ ގިއުލިއާނީ އިޝާރާތް ކުރެއްވި ގޮތުގައި، ފައިނަލް މެޗުގެ ކުރިންވެސް އެމަނިކުފާނު ފެނިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

"އަޅުގަނޑުގެ ބޮސް، އަދި 47 ވަނަ ރައީސާ ބެހޭގޮތުން އެއްޗެއް ބުނާނަމަ - އަޅުގަނޑު އެމަނިކުފާނު ދަންނަތާ މިހާރު ގާތްގަނޑަކަށް 30 އަހަރު ވެއްޖެ - އެމަނިކުފާނަކީ ކަންކަން ސިއްރުކޮށްފައި ބޭއްވުމަށް ލޯބިކުރައްވާ ބޭފުޅެއް،" ގިއުލިއާނީ ވިދާޅުވިއެވެ.

"އެމަނިކުފާނު ބޭނުންފުޅުވަނީ މީހުން އިންތިޒާރުގައި ބައިތިއްބަން. އެހެންވީމާ، އަޅުގަނޑު ބުނާނީ ބަލަން ތިއްބަވާށޭ، ކޮންމެވެސް ކަހަލަ ސަޕްރައިޒްތަކެއް ފެންނާނެކަން ޔަގީނޭ."

ޓްރަމްޕްގެ މަސައްކަތްޕުޅަށް ބަލާއިރު، އެމަނިކުފާނުގެ ތާވަލު އޮތީ ވަރަށް ބާރުބޮޑުކޮށެވެ. އެމެރިކާގެ ފުރަތަމަ މެޗު އޮތް ދުވަސްވަރު، ޖޫން 15 އިން 17 އަށް ފްރާންސްގައި ބޭއްވި ޖީ7 ސަމިޓަށް ވަޑައިގަތުމަށް އެމަނިކުފާނު ދިޔައީ ތައްޔާރުވަމުންނެވެ. އަދި އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތަކުގައިވެސް އުޅުއްވި އެވެ. އެ އެއްބަސްވުން އިއުލާންކުރީ ޖޫން 18 ގަ އެވެ.

އަނެއްކޮޅުން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވެންކޫވަރގައި ބޭއްވި އެ ގައުމުގެ މެޗަށް ވަޑައިގެންނެވި ނަމަވެސް، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ ޓިކެޓްގެ އަގު ބޮޑުވުމުގެ ސަބަބުން އެއްވެސް މެޗަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕާ ގާތް ބޭފުޅުން ބުނާ ގޮތުގައި، އެމަނިކުފާނު އަދި މެޗަކަށް ވަޑައިނުގަތުމަކީ މުބާރާތުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމުގެ ހެއްކެއް ނޫނެވެ. އެމެރިކާގެ ފުރަތަމަ މެޗުގެ ކުރީ ދުވަހުވެސް އެމަނިކުފާނު ވަނީ ޓީމަށް ފޯނުން ގުޅުއްވައި ހިތްވަރު ދެއްވާފަ އެވެ.

ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފީފާއިން ޝުކުރުވެރިވާ ކަމަށް ބުނެ އެވެ. ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ މާކްވޭން މުލިން އާއި، ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ އަދި ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ ވަނީ މެޗުތަކަށް ހާޒިރުވެވަޑައިގެންފަ އެވެ.

ނަމަވެސް، މިފަދަ ބޮޑެތި ހަރަކާތްތަކުން ލިބޭ ސަމާލުކަމާއި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް ޓްރަމްޕް އަބަދުވެސް ޝައުގުވެރިކަން ބަހައްޓަވާތީ، ފައިނަލްގެ ކުރިންވެސް އެމަނިކުފާނު ފެނިވަޑައިގަތުމަކީ ހައިރާންވާންޖެހޭނެ ކަމެއް ނޫނެވެ.

ޑޮނަލްޑް ޓްރަމްޕްވޯލްޑް ކަޕްފީފާޖިއާނީ އިންފަންޓީނޯފުޓްބޯޅަވޯލްޑް ކަޕް 2026

އިތުރަށް ކިޔާލަން

26 ޖޫން 2026

އެމްބާޕޭ އާއި ހާލަންޑް ހުކުރު ދުވަހު ބައްދަލު ކުރާއިރު، ދެކުޅުންތެރިންގެ ތަފާތު ފެންނަނީ ކިހިނެއް؟

ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައިވާ ފްރާންސާއި ނޯވޭ ބައްދަލުކުރާ މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، މިއީ އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލުމަކަށް ވާނެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ ޓީމުވެސް އެ ދެ ކުޅުންތެރިންނަށް ބޮޑަށް ބަރޯސާވާއިރު، ހާލަންޑްގެ ލަނޑު ޖެހުމުގެ ރޭޓް މަތިވެފައި އެމްބާޕޭގެ ކުޅުން ދަނޑުގެ ހުރިހާ ސަރަހައްދެއްގައިވެސް ފާހަގަކުރެވޭ.

26 ޖޫން 2026
އެމްބާޕޭ އާއި ހާލަންޑް ހުކުރު ދުވަހު ބައްދަލު ކުރާއިރު، ދެކުޅުންތެރިންގެ ތަފާތު ފެންނަނީ ކިހިނެއް؟
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

އިޓަލީން ބުނީ އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ލޮޖިސްޓިކަލް ކަންކަމަށް ކަމަށާއި، ސީދާ ހަމަލާދިނުމުގައި އެ ގައުމުން ބައިވެރިނުވާނެ ކަމަށް. މި މައްސަލަ ފެންމަތިވެފައިވަނީ ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް ދޭ އެއްބާރުލުން ކުޑަކަމަށް ބުނެ ރައީސް ޓްރަމްޕް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައި.

25 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި
25 ޖޫން 2026

މެސީގެ 39 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ 39 ވަނަ އުފަންދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ހާވިއޭ މިލެއި އާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ފޮނުވި. ވޯލްޑް ކަޕްގައި މެސީ ދައްކަމުންދާ މޮޅު ކުޅުމާއެކު ގައުމުގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ އުފާފާޅުކުރަމުންދާއިރު، އޭނާ ވަނީ މި މުބާރާތުގައި ރެކޯޑްތަކެއްވެސް މުގުރާލާފަ. މެސީއަށް މަރުހަބާ ކިޔުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޚާއްސަ ކެމްޕޭނެއް ކުރިއަށްދާއިރު، ޓީމުގެ ކޯޗުވެސް ވަނީ އޭނާއަށް ހެޔޮއެދުންތައް ފޮނުވާފަ.

25 ޖޫން 2026
މެސީގެ 39 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް
25 ޖޫން 2026

ވޯލްޑް ކަޕް ނޮކައުޓް ބުރަށް ދިއުމަށް ކޮންމެ ޓީމަކަށް ބޭނުންވަނީ ކޮން ކަމެއް؟

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށްދާއިރު، 48 ޓީމުގެ ތެރެއިން ނޮކައުޓް ބުރަށް ދަތުރުކުރާނެ 32 ޓީމު ކަނޑައެޅުމުގެ ފޯރި ވަނީ ގަދަވެފައި. ކޮންމެ ގްރޫޕެއްގެ އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން، ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭނެ. ޕޮއިންޓް އެއްވަރުވެއްޖެނަމަ މަގާމުތައް ކަނޑައެޅުމުގައި ހެޑް-ޓޫ-ހެޑް ރެކޯޑާއި، ގޯލުގެ ތަފާތުގެ އިތުރުން ޑިސިޕްލިނަރީ ޕޮއިންޓަށް ބަލާނެ އާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައި.

25 ޖޫން 2026
ވޯލްޑް ކަޕް ނޮކައުޓް ބުރަށް ދިއުމަށް ކޮންމެ ޓީމަކަށް ބޭނުންވަނީ ކޮން ކަމެއް؟
25 ޖޫން 2026

ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި

ޔޫރަޕްގެ އިސް ލީޑަރުންތަކެއް ހިމެނޭ ސިއްރު ގްރޫޕް ޗެޓެއްގެ މެސެޖުތައް ހާމަކުރަން ޔޫރަޕިއަން ކޮމިޝަނުން އިންކާރުކުރުމާ ގުޅިގެން، އީޔޫގެ އޮމްބަޑްސްމަން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. "ވޮޝިންގޓަން ގްރޫޕް" ގެ ނަމުން ނަންދެވިފައިވާ މި ގްރޫޕްގައި ލީޑަރުން މަޝްވަރާކުރައްވަނީ ޔޫކްރެއިން ހަނގުރާމައާއި އެމެރިކާގެ ސިޔާސަތުތަކާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނޭ.

25 ޖޫން 2026
ޔޫރަޕިއަން ކޮމިޝަންގެ ގެ ރައީސާ އާއި ޒެލެންސްކީ ހިމެނޭ ސިއްރު ގްރޫޕް ޗެޓަކާ ގުޅިގެން ތަހުގީގެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު