ވަރަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެކުއެޑޯގެ ކޯޗު އިސްތިއުފާ ދީފި
ބެކަޗީސީ ބުނީ އެކުއެޑޯގެ ފުޓުބޯޅަ އެސޯސިއޭޝަން އަދި ކުޅުންތެރިން ވެސް ބޭނުންވީ އޭނާ ޓީމުގައި ދެމި ހުންނަން ކަމަށް. ނަމަވެސް، އެކަމަށް އޭނާގެ ޟަމީރު ތަން ނުދޭ ކަމަށް ބެކަޗީސީ ވަނީ ބުނެފައި.


އެކުއެޑޯގެ ކޯޗަކަށް ހުރި ސެބަސްޓިއަން ބެކަޗީސީ. | ރޮއިޓާސް
ފީފާ ވަރލްޑް ކަޕް އިން އެކުއެޑޯ ކެޓުމުން ވަރަށް ބޮޑަށް ހިތްދަތި ވެއްޖެ ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ސެބަސްޓިއަން ބެކަޗީސީ އިސްތިއުފާ ދީފި އެވެ.
މުބާރާތުގެ ގަދަ 32 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެކުއެޑޯ ވަނީ މުބާރާތުން ކަޓައިފަ އެވެ. މުބާރާތުގެ ގުރޫޕު ސްޓޭޖުގައި އެކުއެޑޯގެ ފުރަތަމަ މެޗުގައި ވަނީ އައިވަރީ ކޯސްޓް އަތުން ބަލިވެފައި އެވެ. ދެ ވަނަ މެޗުގައި ކިއުރުސާއޯއާ އެއްވަރުވީއިރު، ތިން ވަނަ މެޗުގައި ވަނީ ޖަރުމަނު ބަލިކޮށްފައި އެވެ. ބުދަ ދުވަހުގެ ހެނދުނު ގަދަ 32 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެކުއެޑޯ އަށް ވަނީ މުބާރާތް ނިމިފައި އެވެ.
އެ މެޗަށް ފަހު ބެކަޗީސީ ބުނީ، އެ ނަތީޖާ އަކީ އެކުއެޑޯ އަށް ވަރަށް ހިތްދަތި ނަތީޖާއެއް ކަމަށެވެ. ފާއިތުވި ދުވަސް ތަކުގައި އެކުއެޑޯގެ ކުޅުންތެރިންނާއި، އެކުއެޑޯގެ ފުޓުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ދެމެދު ގާތް ގުޅުމެއް އުފެދުނު ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ޓީމާ އެކު އިތުރަށް މަސައްކަތް ކުރުމަކީ ވެސް ބޭނުންވާ ގޮތެއް ކަމަށް ބެކަޗީސީ ބުންޏެވެ.
ނަމަވެސް، މުބާރާތުގެ ގަދަ 16 އަށް ނުދެވި، އެކުއެޑޯ މުބާރާތުން ކެޓުމުން އޭނާ އަށް ބޮޑު ހިތްދަތި ކަމެއް ލިބުނު ކަމަށް ބެކަޗީސީ ވަނީ ބުނެފައި އެވެ. އެހެންވެ އެކުއެޑޯގެ ކޯޗުކަމުން ވަކިވާން ނިންމީ ކަމަށް އޭނާ ބުންޏެވެ. ބެކަޗީސީ ބުނީ އެކުއެޑޯގެ ފުޓުބޯޅަ އެސޯސިއޭޝަން އަދި ކުޅުންތެރިން ވެސް ބޭނުންވީ އޭނާ ޓީމުގައި ދެމި ހުންނަން ކަމަށެވެ. ނަމަވެސް، އެކަމަށް އޭނާގެ ޟަމީރު ތަން ނުދޭ ކަމަށް ބެކަޗީސީ ވަނީ ބުނެފައި އެވެ.
އެކުއެޑޯގެ ކޯޗު ކަމަށް އުމުރުން 45 އަހަރުގެ ބެކަޗީސީ ހަމަޖެއްސީ 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެކުއެޑޯ އިން ވަނީ 24 މެޗު ކުޅެފައި އެވެ. އޭގެ ތެރެއިން ނުވަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފައި އެވެ. އަދި ބަލިވެފައި ވަނީ އެންމެ ތިން މެޗުންނެވެ.





