ޕެނަމާ ބަލިކޮށް އިންގްލެންޑަށް އެއް ވަނަ، ދެ ވަނައިގައި ކްރޮއޭޝިއާ ވެސް އަނެއް ބުރަށް
މި ނަތީޖާ އާއެކު މި ގުރޫޕުގެ އެއް ވަނައިގައި އިންގްލެންޑު ދެ ވަނަ ބުރަށް ދަތުރު ކުރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު. ދެ ވަނައިގައި ކްރޮއޭޝިއާ އަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓު. ތިން ވަނަ އަށް ދިޔަ ގާނާ އަށް ހަތަރު ޕޮއިންޓު ލިބޭއިރު، އެ ޓީމަށް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ލިބިފައި.


މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެލްގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންގްލެންޑުން މި ގުރޫޕުގެ އެއް ވަނަ މަގާމު ކަށަވަރު ކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އިންގްލެންޑުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގައި އެވެ.
މެޗުގެ ދެ ވަނަ ހާފުގެ 62 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމް އެވެ. އެއީ ބުކަޔޯ ސަކާ ތަނަވަަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަސް މިނެޓު ފަހުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެ ލަނޑު ޖަހަން ކޭން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބެލިންހަމް އެވެ.
މި ގުރޫޕުގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޕެޓާ ސުޗިޗް ޖެހި ލަނޑާ އެކު ކްރޮއޭޝިއާ އިން ލީޑު ނެގި އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ 73 ވަނަ މިނެޓުގައި ގާނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެރިކް ލުކަސަން އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، ނިކޮލަސް ވްލަސިޗް ވަނީ ކްރޮއޭޝިއާގެ ދެ ވަނަ ލަނޑު ޖަހައި މެޗުން މޮޅު ކޮށްދީފައި އެވެ.
މި ނަތީޖާ އާއެކު މި ގުރޫޕުގެ އެއް ވަނައިގައި އިންގްލެންޑު ދެ ވަނަ ބުރަށް ދަތުރު ކުރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ކްރޮއޭޝިއާ އަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ގާނާ އަށް ހަތަރު ޕޮއިންޓު ލިބޭއިރު، އެ ޓީމަށް ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ލިބިފައި އެވެ.





