ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
އެފްރިކާގެ ހުޅަނގު އައްސޭރި އަށް ނިސްބަތްވާ މި ކުޑަ ކުޑަ ޖަޒީރާ ޤައުމުން މި ތާރީޚީ ކާމިޔާބީ ހޯދީ، މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އެއްވަރު ކޮށްގެން.


ކޭޕް ވާޑްގެ ޤައުމީ ޓީމު ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ޕެޑްރޯ ބްރީޓޯ އެ ކާމިޔާބީ ފާހަގަ ކުރަނީ. | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި، މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރު ކުރި އެންމެ ކުޑަ ޤައުމުގެ ޝަރަފު ކޭޕް ވާޑް އިން ހޯދައިފި އެވެ.
އެފްރިކާގެ ހުޅަނގު އައްސޭރި އަށް ނިސްބަތްވާ މި ކުޑަ ކުޑަ ޖަޒީރާ ޤައުމުން މި ތާރީޚީ ކާމިޔާބީ ހޯދީ، މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އެއްވަރު ކޮށްގެންނެވެ.
ހުކުރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއާ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމާ އެކު، ކޭޕް ވާޑް އިން ވަނީ މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ކަށަވަރު ކޮށްފައި އެވެ. މިއީ އެ ޤައުމުން ވޯލްޑް ކަޕެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ކޭޕް ވާޑް އިން ދައްކަމުންދާ ހިތްވަރު ގަދަ ކުޅުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ އުމުރުން 40 އަހަރުގެ ގޯލު ކީޕަރު ވޮޒީނިއާ އެވެ. ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސް އަށް ކުޅެމުންދާ ވޮޒީނިއާ ބުނީ، އޭނާގެ ޤައުމަކީ ކުޑަ ގައުމެއް ނަމަވެސް، އެއީ ބޮޑު ހިތެއް އޮތް ހިތްވަރު ގަދަ "ފައިޓަރުން ތަކެއް" އުޅޭ ޤައުމެއް ކަމަށެވެ.
ކޭޕް ވާޑް އިން މި މުބާރާތް ފެށީ ވެސް ދުނިޔެ ސިއްސުވާލުމަށް ފަހު އެވެ. އެގޮތުން ފުރަތަމަ މެޗުގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިންއާ ބައްދަލުކޮށް 0-0 އިން އެއްވަރުކުރި އިރު، ދެވަނަ މެޗުގައި ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ ޗެމްޕިއަން ކަމަށްވާ އުރުގުއޭއާ ބައްދަލުކޮށް 2-2 އިން ވަނީ އެއްވަރު ކޮށްފައި އެވެ. އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭޕް ވާޑް އިން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި ދެއްކި މޮޅު ކުޅުމަކުންނެވެ.
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ޤައުމީ ދިދަ އޮޅާލައިގެން ހުރެ ވާހަކަ ދައްކަމުން ކޭޕް ވާޑްގެ ކޯޗު ޕެޑްރޯ ބްރީޓޯ ބުނީ، މުޅި ދުނިޔެ އަށް އެމީހުންގެ ގާބިލުކަން ސާބިތު ކޮށްދޭން ޓީމުން އޮތީ ކެތް މަދުވެފައި ކަމަށެވެ. އަދި މި މަރުހަލާ އަށް ދެވުމުން ފަޚުރުވެރިވާ ކަމަށާއި، ކުޑަ ޤައުމަކަށް ވިޔަސް ބޭނުންވާ ކަންކަން ހާސިލު ކުރުމަށް މަސައްކަތް ކުރާނެކަން ސާބިތު ކޮށްދެވިއްޖެ ކަމަށް އޭނާ ފާހަގަ ކުރި އެވެ.
ގުރޫޕްގެ ފަހު މެޗުގައި ސްޕެއިން އިން އުރުގުއޭ ބަލިކުރުމާ އެކު، ކޭޕް ވާޑަށް ދެވަނަ ބުރުގެ ޖާގަ ލިބުނީ ތިން ޕޮއިންޓާ އެކު ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އެވެ. މި ގުރޫޕްގެ އެއް ވަނަ ހޯދީ ސްޕެއިން އެވެ. ނޮކްއައުޓް ބުރުގައި ކޭޕް ވާޑް ބައްދަލު ކުރަން ޖެހޭނީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ އެވެ. އެ މެޗު އޮތީ ޖުލައި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެވެ.
މަސްދަރު: އަލް ޖަޒީރާ





