Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫރަޕް

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

ހުޅަނގު ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ފްރާންސްގެ ބޮޑު ސަރަހައްދަކަށް "ރެޑް އެލާޓް" ނެރެ، ބައެއް ތާރީޚީ ބިނާތައް ބަންދުކޮށްފައިވާއިރު، ހޫނާ ގުޅުންހުރި އެކި ހާދިސާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައި. މޫސުމީ ބަދަލުތަކުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް މި ހޫނު ރާޅު ފެތުރެމުންދާތީ، ޖަންގަލިތަކުގައި އަލިފާން ރޯވުމާއި ފެނަށް ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމާބެހޭ އިދާރާތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 07:35
ފްރާންސަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްވަރާ ގުޅިގެން، މި ހަފުތާގެ ތެރޭގައި އެ ގައުމުގެ ވެރިރަށް ޕެރިހުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފި. މި އަހަރުގެ ހޫނު މޫސުން ފެށުނުއިރު ކުރިމަތިވި މި ގަދަ ހޫނުގެ ސަބަބުން ސިއްހީ އިންޒާރުތައް ނެރެފައިވާއިރު، ބައެއް ސްކޫލްތަކާއި މަސައްކަތްކުރާ ތަންތަން ވެސް މިހާރު ވަނީ ބަންދުކޮށްފައި.

ފްރާންސަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްވަރާ ގުޅިގެން، މި ހަފުތާގެ ތެރޭގައި އެ ގައުމުގެ ވެރިރަށް ޕެރިހުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފި. މި އަހަރުގެ ހޫނު މޫސުން ފެށުނުއިރު ކުރިމަތިވި މި ގަދަ ހޫނުގެ ސަބަބުން ސިއްހީ އިންޒާރުތައް ނެރެފައިވާއިރު، ބައެއް ސްކޫލްތަކާއި މަސައްކަތްކުރާ ތަންތަން ވެސް މިހާރު ވަނީ ބަންދުކޮށްފައި. | ގެޓީ އިމޭޖަސް

ހުޅަނގު ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނާއެކު ފްރާންސް، އިނގިރޭސިވިލާތް އަދި ސްޕެއިންގެ ފިނިހޫނުމިން މީގެ ކުރިން ރެކޯޑް ނުކުރާ މިންވަރަށް މައްޗަށް ގޮސްފިއެވެ. މިގޮތުން ފްރާންސްގެ ތާރީޚުގައި ވެސް އެންމެ ހޫނުގަދަ ދުވަސް މި ހީޓްވޭވް އާއެކު ރެކޯޑް ކުރެވިފައިވާއިރު، އިނގިރޭސިވިލާތުން ޖޫން މަހުގެ އެންމެ މަތީ ފިނިހޫނުމިން ވަނީ ރެކޯޑްކޮށްފައެވެ. އަދި ސްޕެއިންގައި 1950 ވަނަ އަހަރުގެ ފަހުން ދުވާލެއްގެ އެވްރެޖް ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ ވެސް މި ދުވަސްވަރުއެވެ.

މި ގަދަ ހޫނުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ދަތިތަކާ ކުރިމަތިވެފައިވާއިރު، ފްރާންސްގެ ވެރިރަށް ޕެރިހުގެ ފިނިހޫނުމިން ވަނީ 41 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ބޮޑު ސަރަހައްދަކަށް ވަނީ ހޫނުގަދަވުމުގެ ސަބަބުން ނެރޭ އެންމެ މަތީ އެލާޓް ކަމަށްވާ "ރެޑް ހީޓް އެލާޓް" ނެރެފައެވެ.

ފްރާންސްގެ އެކި ސަރަހައްދުތަކުގެ ދުވާލާއި ރޭގަނޑުގެ ފިނިހޫނުމިން ބަލައިގެން ކަނޑައަޅާ ގައުމީ ފިނިހޫނުމިން ދައްކާ އިންޑިކޭޓަރު ބުދަ ދުވަހު ވަނީ 30 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މިއީ 1947 ވަނަ އަހަރު ފިނިހޫނުމިން ރެކޯޑްކުރަން ފެށި ފަހުން އެ ގައުމުގައި އެންމެ ހޫނުގަދަވި ދުވަހެވެ.

ފްރާންސްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި އަދިވެސް ރެޑް އެލާޓް ދަމަހައްޓާފައިވާއިރު، ގައުމުގެ ހުޅަނގު ސަރަހައްދުތަކުގެ އެތައް ހާސް ގެއަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ފިނިހޫނުމިން އަންނަނީ މަތިވަމުންނެވެ. ނަމަވެސް "ކޮޕަރނިކަސް ކްލައިމެޓް ސާވިސް" އިން ބުނާ ގޮތުގައި ޔޫރަޕަކީ ދުނިޔޭގެ އެހެން ބައްރުތަކަށް ވުރެ ދެގުނަ ހަލުވިމިނުގައި ހޫނުވަމުންދާ ބައްރެކެވެ.

މީގެ ސަބަބުން ހޫނު މޫސުމުގައި ކުރިމަތިވާ ހީޓްވޭވްތައް އިތުރުވެ، ޔޫރަޕްގެ ފެން ލިބޭ މިންވަރަށް ބުރޫއަރައި، ޖަންގަލިތަކުގައި ރޯވާ އަލިފާނުގެ ހާދިސާތައް ވަނީ ވަރުގަދަވެފައެވެ.

ފްރާންސްގެ މޫސުމާ ބެހޭ އިދާރާ "މެޓިއޯ-ފްރާންސް" އިން ބުނި ގޮތުގައި އެ ގައުމުގެ ހުޅަނގުގެ ބޮޑު ސަރަހައްދެއްގައި ފިނިހޫނުމިން ހުރީ 39 އާއި 43 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. މިގޮތުން ޕޮއިޓޫ-ޗަރެންޓެސް-ވަލް ޑި ލޮއިރޭ ސަރަހައްދުގައި 43 ޑިގްރީ ސެލްސިއަސް ރެކޯޑް ކުރެވުނު އިރު، މިއީ އަންގާރަ ދުވަހު ޕިސޯސްއިން ރެކޯޑްކުރި 44.3 ޑިގްރީ ސެލްސިއަސްއަށް ވުރެ ކުޑަ ތަންކޮޅެއް ދަށް މިންވަރެކެވެ.

އީޑީއޯ، ނާސާ، ޖަކްސާ، ޖެބްކޯ އަދި އޯއެސްއެމްގެ މަސްދަރުތައް ބޭނުންކޮށްގެން 24 ޖޫން 2026 ގައި ތައްޔާރުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، ސައިންސްވެރިން ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ޔޫރަޕްގެ ބައްރުގައި ހޫނުމިން އިތުރުވެ، މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ އަސަރު ދައްކުވައިދޭ ޗާޓެއް.
އީޑީއޯ، ނާސާ، ޖަކްސާ، ޖެބްކޯ އަދި އޯއެސްއެމްގެ މަސްދަރުތައް ބޭނުންކޮށްގެން 24 ޖޫން 2026 ގައި ތައްޔާރުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، ސައިންސްވެރިން ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ޔޫރަޕްގެ ބައްރުގައި ހޫނުމިން އިތުރުވެ، މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ އަސަރު ދައްކުވައިދޭ ޗާޓެއް.

ހޫނުގަދަވުމުގެ ސަބަބުން ޕެރިހުގެ މަޝްހޫރު ދެ ބިނާ ކަމަށްވާ ލޫވް މިއުޒިއަމް އާއި އައިފަލް ޓަވަރު ވަނީ އާންމުކޮށް ބަންދުކުރާ ގަޑިއަށް ވުރެ ކުރިން ބަންދުކޮށްފައެވެ.

ލޫވް މިއުޒިއަމްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ އިމާރާތަކީ މޫސުމީ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ބިނާކޮށްފައިވާ ތަނެއް ނޫނެވެ.

ވޭތުވެދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފްރާންސްގައި ހޫނާ ގުޅުންހުރި އެކި ހާދިސާތަކުގައި މަދުވެގެން 40 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ޖިރޮންޑޭގެ ބެގްލްސް ބީޗަށް މޫދަށް އެރި އުޅުނު ހަ އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ.

މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ފުރުސަތު ބޮޑުކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.

މެއިން-އެޓް-ލޮއިރޭ ސަރަހައްދުގެ ސެއިންޓް-މަކައިރް-ޑޫ-ބޮއިސްގައި އޮންނަ ބްރޭގްނަން ޖަންގަލީގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވުމަށް އަންގާރަ ދުވަހު 150 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން ހަރަކާތްތެރިވިއެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި އެ އަލިފާންގަނޑު ރޭގަނޑުގެ ވަގުތެއްގައި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ފްރާންސްގެ ލޭބަރ މިނިސްޓަރު ޖީން-ޕިއެރޭ ފަރަންޑޫ ވިދާޅުވީ، ފްރާންސަކީ މިހާރު ހޫނު ގައުމަކަށް ބަދަލުވަމުންދާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، މުޖުތަމައުގެ އާދަކާދަތައް އެކަމަށް ހޭނެން ޖެހޭ ކަމަށެވެ.

މި ގަދަ ހޫނަށް ކުޑަވެސް ލުޔެއް ލިބޭނެ ކަމަށް ބެލެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ފިނިހޫނުމިން މަޑުމަޑުން ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.

ބުދަ ދުވަހު މި ހޫނު ރާޅު ހުޅަނގު ޔޫރަޕްގެ އެހެން ސަރަހައްދުތަކަށް ފެތުރިފައިވާއިރު، އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކަށް ވަނީ މަދުން ނޫނީ ނުނެރޭ ރެޑް ހީޓް އެލާޓް ނެރެފައެވެ.

އިނގިރޭސިވިލާތުގެ ހެމްޕްޝަޔަރގެ ގޮސްޕޯޓްގައި ބުދަ ދުވަހުގެ މެންދުރުފަހު ފިނިހޫނުމިން 36.1 ޑިގްރީ ސެލްސިއަސްއަށް އެރުމާއެކު، އެއީ އެ ގައުމުގައި ޖޫން މަހެއްގައި ރެކޯޑްކުރި އެންމެ ހޫނުގަދަ ދުވަހަށް ވަނީ ވެފައެވެ. މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި ބުރާސްފަތި ދުވަހު ފިނިހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށް އެރުން އެކަށީގެންވެއެވެ.

ސްޕެއިންއަށް ވެސް ވޭތުވެދިޔަ މަދު ދުވަސްކޮޅު ވަނީ އާދަޔާ ޚިލާފަށް ހޫނުގަދަވެފައެވެ. އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ހޯމަ ދުވަހުގެ އެވްރެޖް ފިނިހޫނުމިން 28.08 ޑިގްރީގައި ހުރިއިރު، އަންގާރަ ދުވަހު އެވްރެޖް ފިނިހޫނުމިން ހުރީ 28.17 ޑިގްރީ ސެލްސިއަސްގައެވެ. މިއީ ޖޫން މަހެއްގައި އެ ގައުމުގައި ރެކޯޑްކުރި އެންމެ މަތީ އެވްރެޖް ފިނިހޫނުމިނެވެ.

ސްޕެއިންގެ މޫސުމާ ބެހޭ އިދާރާ "އޭމެޓް" އިން ބުނި ގޮތުގައި އެ ގައުމުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ރެޑް އެލާޓް ދަމަހައްޓާފައިވާއިރު، ބާސްކް ސަރަހައްދުގައި ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސްއަށް އެރުން އެކަށީގެންވެއެވެ.

އިޓަލީގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތައް ހިމެނޭހެން ޖުމްލަ 16 ސަރަހައްދެއްގައި މިހާރު ވަނީ ރެޑް އެލާޓް ނެރެފައެވެ.

ޖަރުމަނުވިލާތް، ނެދަލޭންޑްސް އަދި ބެލްޖިއަމްގައި ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ބެލެވެނީ ހަފުތާ ބަންދާ ގާތްކޮށްފައެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ހޫނު ރާޅު އިރުމަތީ ޔޫރަޕަށް ފެތުރޭނެ ކަމަށް ބެލެވޭއިރު، ޕޮލެންޑް، ކްރޮއޭޝިއާ އަދި ހަންގޭރީ ފަދަ ގައުމުތަކަށް ވަނީ ހަފުތާގެ ފަހުކޮޅަށް ގަދަ ހޫނުގެ އިންޒާރު ނެރެފައެވެ.

ޖަރުމަނުވިލާތުގައި ވެސް ގެނބިގެން މަރުވި ބައެއް ހާދިސާތައް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި އަންގާރަ ދުވަހުގެ ހަވީރު ބަވޭރިއާގެ ރެގެންސްބާގް ކައިރިން ޑެނިއުބް ކޯރަށް އެރުނު 26 އަހަރުގެ ޒުވާނަކު މަރުވުން ހިމެނެއެވެ.

މީގެ އިތުރުން ބައެއް ސަރަހައްދުތަކަށް ފެނަށް ޖެހިދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފައެވެ. ޖަރުމަނުގެ "ޑީ ވެލްޓް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ބްރޭންޑަންބާގް، ހެސޭ އަދި ނޯތު ރައިން-ވެސްޓްފޭލިއާގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ފެން އިގްތިސާދު ކުރުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ސްޓަޓްގާޓް އަދި ފްރައިބާގް ފަދަ ސިޓީތަކުގައި ބޭރުގައި މަސް ފިހުން (ބާބަކިއު) ވެސް މިހާރު ވަނީ މަނާކޮށްފައެވެ.

ނެދަލޭންޑްސްގެ މޫސުމާ ބެހޭ އިދާރާ "ކޭ.އެން.އެމް.އައި" އިން ވަނީ ބުދަ ދުވަހުން ފެށިގެން މަދުވެގެން ހުކުރު ދުވަހާ ހަމައަށް އެ ގައުމުގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކަށް "ކޯޑް އޮރެންޖް" އެލާޓް ނެރެފައެވެ. މިއީ ނުރައްކާތެރި މޫސުމެއް ކުރިމަތިވެދާނެ ކަމަށް ބަލައި ނެރޭ އެލާޓެކެވެ.

އެ އިދާރާއިން ބުނި ގޮތުގައި ފިނިހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ހުކުރު ދުވަހު ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އެރުން އެކަށީގެންވެއެވެ.

ބެލްޖިއަމްގެ ބޮޑު ބަޔަކަށް ވެސް ވަނީ ހޫނުގެ ސަބަބުން އޮރެންޖް އެލަރޓް ނެރެފައެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްސްޕެއިންކްލައިމެޓް ޗޭންޖްޔޫރަޕްފްރާންސްހީޓްވޭވް

އިތުރަށް ކިޔާލަން

24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
24 ޖޫން 2026

ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް

24 ޖޫން 2026
ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
24 ޖޫން 2026

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

24 ޖޫން 2026
ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި
23 ޖޫން 2026

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026
ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު