އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އިންސާފު ހޯދުމާއި، ޝަހީދުކޮށްލާފައިވާ ލީޑަރުންގެ މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކުގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި. އަދި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަކީ ކުރިމަގުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި.

އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ | ޕްރެސް ޓީވީ
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ އިންސާފު ހޯދައިދިނުމަށް އެ ގައުމުގެ ޖޫޑިޝިއަރީ އަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި އެވެ.
އާޔަތުﷲ މުހައްމަދު ބެހެޝްތީ އާއި އޭނާގެ ބައިވެރިން ޝަހީދުކޮށްލި ދުވަހާ ގުޅުވައިގެން ފާހަގަކުރާ "ޖުޑީޝަރީ ހަފުތާ" ގެ މުނާސަބަތުގައި އާދީއްތަ ދުވަހު ފޮނުއްވި މެސެޖެއްގައި އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، މިވަގުތު މުޅި އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ މުހިންމު ގާނޫނީ އަދި އަދުލުއިންސާފުގެ މައްސަލައަކީ "ބައިނަލްއަގުވާމީ މުޖުރިމުންނާއި ބާރުގަދަ އުދުވާނީ ބާރުތަކުން" ނިގުޅައިގަނެފައިވާ ހައްގުތައް އިއާދަކުރުން ކަމަށެވެ.
އީރާނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ ގާނޫނީ މައްސަލަތަކަށްވުރެ ފުޅާ ކަމެއްކަން ފާހަގަކުރައްވައި، ބޭރުގެ އުދުވާނީ ބާރުތަކުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ގައުމުގެ އެންމެހައި ރައްޔިތުންގެ ހައްގުތައް ދިފާއުކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ލީޑަރު ވިދާޅުވި އެވެ.
އިސްލާމީ ޖުމްހޫރިއްޔާގެ ޖުޑީޝަރީގެ ޒިންމާއަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމާއި، އާންމު ހައްގުތަކާއި ގާނޫނީ މިނިވަންކަން އިއާދަކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އިންސާފު ގާއިމުކުރުމާއި، އިލާހީ ގާނޫނުތައް ނެގެހެއްޓުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުން މޮނިޓަރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ޒިންމާތައް އަދާކުރުމުގައި ކާމިޔާބީ ހޯދުމަކީ އަދުލުއިންސާފުގެ ނިޒާމަށް އޮންނަ އާންމު ރައްޔިތުންގެ އިތުބާރު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް ޚާމަނާއީ ވިދާޅުވި އެވެ.
ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގާނޫނީ ގޮންޖެހުމާ ބެހޭގޮތުން ވާހަކަދައްކަވަމުން އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުރިމުންނާއި ދުނިޔޭގެ އުދުވާނީ ބާރުތަކުން، ހާއްސަކޮށް މިދިޔަ އަހަރުން ފެށިގެން ނިގުޅައިގަނެފައިވާ ހައްގުތައް ހޯދުމަކީ ޖުޑީޝަރީގެ އެންމެ އިސް އެއް މަސްއޫލިއްޔަތު ކަމަށެވެ.
2025 ވަނަ އަހަރުގެ ޖޫން މަހާއި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ދެ އުދުވާނީ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ލެޔާއި، އީރާނުގެ ރައްޔިތުންނަށް ގައުމުގެ އެތެރެއާއި ބޭރުގައި ލިބުނު ޖިސްމާނީ، ނަފްސާނީ، މާއްދީ އަދި ރޫހާނީ ގެއްލުންތަކަކީ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ގާނޫނީ މައްސަލަތަކެއްގެ ބިންގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، މިނާބް އަދި ލާމަރްދުގައި ކުޑަކުދިން މެރުމާއި ހިންގާފައިވާ ބޮޑެތި ހަނގުރާމައިގެ ޖަރީމާތަކާއި، ސިއްހީ މަރުކަޒުތަކާއި އާންމު ހިދުމަތްދޭ ތަންތަނަށް ދީފައިވާ ހަމަލާތަކާއި، ތުއްތު ކުދިންނުން ފެށިގެން ދޮށީ އުމުރުގެ މީހުން މަރުވެފައިވާ މައްސަލަތަކަށް ލީޑަރު އަލިއަޅުއްވާލެއްވި އެވެ.
މި ހުރިހާ ކަމަކަށްވުރެ ބޮޑަށް، "މި ޒަމާނުގެ ތަފާތު ޖަވާހިރެއް ފަދަ، މުޖާހިދުންގެ މަތިވެރި ލީޑަރު" ގެ ގޮތުގައި ސިފަކުރެއްވި އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލި މައްސަލަ، ގައުމާއި ބައިނަލްއަގްވާމީ ކޯޓުތަކުގައި ސީރިއަސްކޮށް ކުރިއަށް ގެންދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކަށަވަރުވާ ކަމަކީ، އެ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހުން ހިންގި ޖަރީމާތަކުގެ އަދަބު ދޭންޖެހޭނެ ކަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމެރިކާއާއި އިސްރާއީލުގެ ބައެއް ވެރިން އެފަދަ އަމަލުތަކަށް އިއުތިރާފުވެ، ފާޅުގައި އެކަމާ ފަޚުރުވެރިވާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ، އީރާނުގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދުމަށް އޮތް ގާނޫނީ ބާރެއް ކަމަށްވެސް ލީޑަރު ފާހަގަކުރެއްވި އެވެ.
ޝަހީދުވި ލީޑަރު މިދިޔަ އަހަރު ޖުޑީޝަރީގެ އިސްވެރިންނާ ބައްދަލުކުރައްވައި، 2025 ވަނަ އަހަރުގެ ހަނގުރާމައިގައި ހިންގި ޖަރީމާތައް ތަހުގީގުކުރުމަށް ދެއްވި އިރުޝާދުތައް، މިހާރު ކުރިމަތިވެފައިވާ ހަނގުރާމައަށްވެސް ފުޅާކޮށް، ކަމާބެހޭ ފަރާތްތަކުން ހުކުމް އިއްވައި ތަންފީޒުކުރަންދެން މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށް އާޔަތުﷲ ޚާމަނާއީ ވިދާޅުވި އެވެ.
ލީޑަރު ވިދާޅުވި ގޮތުގައި، މިފަދަ ގާނޫނީ ފިޔަވަޅުތައް އެޅުމަކީ ކުރިމަގުގައި މިފަދަ ޖަރީމާތައް ތަކުރާރުވިޔަނުދީ ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މަސްދަރު: ޕްރެސްޓީވީ





