އަނގަ މަތީ އަތް އެޅުމުން ބެލިންހަމް އަށް ރަތް ކާޑު ނުދައްކައިގެން ބޮޑު ބަހުސެއް އުފެދިއްޖެ
މުބާރާތް ފެށުމުގެ ކުރިން ފީފާގެ ރެފްރީންގެ އިސްވެރިޔާ އަދި ތަޖުރިބާކާރު ރެފްރީ ޕިއަލޫއީޖީ ކޮލީނާ ވަނީ ވަރަށް ސާފުކޮށް މިކަން ބަޔާން ކޮށްފައި. އޭނާ ބުނީ ކުޅުންތެރިންގެ އަތާއި ޖާޒީން އަނގަ ނިވާ ކޮށްގެން ރަހުމަތްތެރިންނާ ވާހަކަ ދައްކަން ހުރެވިދާނެ ކަމަށް. އެގޮތުން މެޗުގެ ކުރިން އަދި މެޗުގެ ފަހުން ވެސް ވާާހަކަ ދެއްކުމަކީ އާންމު ކަމެއް ކަމަށް ކޮލީނާ ބުނި.


ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނގަ މަތީ އަތް އަޅައިގެން ބެލިންހަމް ވާހަކަ ދައްކަނީ. | ރޮއިޓާސް
އަނގަ މަތީ އަތް އަޅައިގެން ހުރެ ވާހަކަ ދެއްކި ނަމަވެސް، އިންގްލެންޑުގެ ޖޫޑް ބެލިންހަމް އަށް ރަތް ކާޑު ނުދެއްކުމުުން އެކަމާ ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދައްކާ ކުޅުންތެރިންނަށް ރަތް ކާޑު ދައްކާ ގޮތަށް ފީފާ އިން ވަނީ ޤަވާއިދަށް ބަދަލެއް ގެނެސްފައި އެވެ. މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވަނީ އެ ޤަވާއިދަށް އަމަލު ކުރަން ފަށައިފަ އެވެ.
މި އައު ޤަވާއިދުގައި ބުނެފައި ވަނީ ކުޅުންތެރިއަކު، އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކާ ވާހަކަ ދައްކަނިކޮށް އަނގަ ނިވާކޮށްފި ނަމަ ރަތް ކާޑު ދެއްކިދާނެ ކަމަށެވެ. މި ޤަވާއިދު ގެނައުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިވަޑައިގެންފައި ވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ކުޅުންތެރިޔަކު ރެއާލް މެޑްރިޑުގެ ވިނީޝިއުސް ޖޫނިއާއާ ފުރައްސާރަ ކުރުމަށް، އަނގަ މަތީ އަތް އަޅައިގެން ހުރެ ވާހަކަ ދެއްކުމުންނެވެ.
ވޯލްޑް ކަޕްގައި ޕެރަގުއޭ އިން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެރަގުއޭގެ މިގެލް އަލްމިރޮން އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު އަލްމިރޮން އަށް ރަތް ކާޑު ދެއްކީ، ތުރުކީގެ ކުޅުންތެރިޔަކާ ވާހަކަ ދެއްކިއިރު އަނގަ މަތީގައި އަތް އަޅައިގެން ހުރުމުންނެވެ.
އެހެން ނަމަވެސް، އިންގްލެންޑުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ބެލިންހަމް އަނގަ މަތީގައި އަތް އަޅައިގެން ހުރެ، ގާނާގެ ކުޅުންތެރިޔަކާ ވާހަކަ ދެއްކި ނަމަވެސް އޭނާ އަށް ރަތް ކާޑު ދައްކާފައި ނުވެ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ބަހުސްއެއް ފެށިފައި އެވެ.
ނަމަވެސް، އައު ޤަވާއިދުގެ ދަށުން ކުޅުންތެރިންނަށް އަނގަ މަތީގައި އަތް އެޅުން މަނާ ކޮށްފައި ނުވެ އެވެ. މަނާ ކޮށްފައި ވަނީ، އެހެން ކުޅުންތެރިޔަކާ ދެމެދު ކުރިއަށްދާ ދެބަސްވުމެއްގެ ތެރޭގައި އަނގަ މަތީގައި އަތް އަޅައިގެން ހުރެ ވާހަކަ ދެއްކުމެވެ.
މުބާރާތް ފެށުމުގެ ކުރިން ފީފާގެ ރެފްރީންގެ އިސްވެރިޔާ އަދި ތަޖުރިބާކާރު ރެފްރީ ޕިއަލޫއީޖީ ކޮލީނާ ވަނީ ވަރަށް ސާފުކޮށް މިކަން ބަޔާން ކޮށްފައި އެވެ. އޭނާ ބުނީ ކުޅުންތެރިންގެ އަތާއި ޖާޒީން އަނގަ ނިވާ ކޮށްގެން ރަހުމަތްތެރިންނާ ވާހަކަ ދައްކަން ހުރެވިދާނެ ކަމަށެވެ. އެގޮތުން މެޗުގެ ކުރިން އަދި މެޗުގެ ފަހުން ވެސް ވާާހަކަ ދެއްކުމަކީ އާންމު ކަމެއް ކަމަށް ކޮލީނާ ބުންޏެވެ.
ކޮލީނާ ބުނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ރަޙުމަތްތެރި ކަމުގައި ވާހަކަ ދައްކާ ނަމަ، އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ވާހަކަ ދައްކަނީ ދެބަސް ވުމެއްގެ ތެރެއިން ނަމަ، އަނގަ ނިވާ ކޮށްގެން ނުވާނެ ކަމަށް ކޮލީނާ ބުންޏެވެ. އެކަމުގެ އަދަބީ ރަތް ކާޑު ދެއްކުން ކަމަށް ވެސް ކޮލީނާ ބުނެފައިވެ އެވެ.
އަލްމިރޯންގެ ރަތް ކާޑު ތަފާތުވީ ކީއްވެ؟
މިފަހަރުގެ ވޯލްޑް ކަޕްގައިި ވަރަށް ގިނަ ކުޅުންތެރިން އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ. އަދި މެޗު ތަކުގެ ބައެއް ރެފްރީން ވެސް އެކަން ކުރާ މަންޒަރު ފެނެ އެވެ.
ފާހަގަ ކުރެވޭ ކަމަކީ ބެލިންހަމް އާއި ގާނާގެ ކުޅުންތެރިޔާއާ ދެމެދު އެއްވެސް ނުރުހުންވުމެއް ނެތުމެވެ. އަދި އެއީ އެ ދެ ކުޅުންތެރިން ވާހަކަ ދެއްކުމުގެ ތެރޭގައި އަނގަ މަތީގައި އަތް އަޅާފައިވާ އެޅުމެކެވެ.
ޕެރަގުއޭ އާއި ތުރުކީ ބައްދަލު ކުރި މެޗުގައި، ޕެރަގުއޭގެ ކުޅުންތެރިޔަކު ތުރުކީގެ ކުޅުންތެރިޔަަކަށް ފައުލެއް ކުރި އެވެ. އެކަމުގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިން ދެ މެދުގައި ދެބަސްވުމެއް އުފެދުނުއިރު، އެކަމުގެ ތެރޭގައި އަލްމިރޯން ވަނީ އަނގަ މަތީގައި އަތް އަޅައިގެން ހުރެ ތުރުކީގެ ކުޅުންތެރިޔާއާ ވާާހަކަ ދައްކައިފަ އެވެ.





