މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
ރާއްޖޭގެ އެތެރޭގެ ދަރަނި އިންތިހާއަށް މަތިވެފައިވާކަން ފާހަގަކުރައްވައި، ސަރުކާރުން މިހާރު ކުރިއަށްގެންދާ އިސްލާހީ ފިޔަވަޅުތަކާއެކު ހިންގުމުގެ ޚަރަދު ކުޑަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި. ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް މާލީ އިދާރާތަކުން ނަގާފައިވާ ފައިސާގެ މިންވަރު އިތުރުވެފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ފިސްކަލް ޑެފިސިޓް ބޮޑުވެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައި.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ގައި ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް
މާލީ ގޮތުން ދިވެހިރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރުން ނުބުނާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތުު އޮތީ ކަންބޮޑުވާ މިންވަރެއްގައި ކަމަށް މި މަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ފާހަގަ ކޮށްފައި އޮތް މައްސަލައިގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޮނިހިރު ދުވަހު ރައީސް އޮފީހުގައި އޮތް ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ގައި އިސް ތަރުޖަމާނު މުންދު ވިދާޅުވީ، ރާއްޖެ އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރުން ބުނެފައިނުވާނެ ކަމަށެވެ.
މުންދު ވިދާޅުވީ، މާލީ އިދާރާ އަކުން ލަފާ ދިނަސް ނުކުރެވޭ ޒާތުގެ ކަންކަން ހުންނާނެ ކަމަށެވެ.
މުންދު އެއްބަސްވެވަޑައިގެންނެވި ގޮތުގައި ރާއްޖޭގެ އެތެރޭގެ ދަރަނި ހުރީ ވަރަށް މަތީ މިންވަރަކަށެވެ. އަދި އެއީ ހިތްހަމަ ޖެހޭ މިންވަރަށް ވުރެ ވެސް މާ ބޮޑު ކަމަށް މުންދު ފާހަގަ ކުރެއްވި އެވެ.
"ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަ އެއް އަޅުގަނޑުމެންގެ ޑޮމެސްޓިކް ޑެޓް ހައި."
މުންދު ވިދާޅުވީ، ސަރުކާރުން މިހާރު ގެންދާ އިސްލާހީ މަސައްކަތްތައް ނިމޭއިރު ހިންގުމުގެ ޚަރަދު ކުޑަވާނެ ކަމަށެވެ.
މާލީ ދާއިރާއިން ދައުލަތަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާ، 2025 ވަނަ އަހަރު ނިމުނުއިރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ ތެރޭގައި ސަރުކާރުގެ ސެކިއުރިޓީޒްތަކާއި ލޯނުތަކުގެ ގޮތުގައި ނެގި 75 ބިލިއަން ދިވެހި ރުފިޔާ (4.9 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ 62.8 އިންސައްތަ) އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ 8.5 ބިލިއަން ދިވެހި ރުފިޔާގެ (552 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ 7.1 އިންސައްތަ) ލޯނު ހިމެނެ އެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް، ބޭންކުތަކުން 40 އިންސައްތަ، މާލީ އެހެނިހެން އިދާރާތަކުން 66 އިންސައްތަ، އެމްއެމްއޭ އިން 42 އިންސައްތަ ދައުލަތަށް ފައިސާގެ ގޮތުގައި ދޫކޮށްފައިވެ އެވެ. މި އިންސައްތަ އަކީ އެތަންތާނގެ މުޅި މިލްކިއްޔާތުގެ ނިސްބަތުން ދޫކޮށްފައިވާ ފައިސާގެ މިންވަރުކަން ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ ފައިސާއިން ކުރާ ޚަރަދު ކުޑަކުރި ނަމަވެސް، ކުރަން އެއްބަސްވެފައިވާ ޚަރަދުތައް (ކޮމިޓްމަންޓްސް) މަދުވެފައި ނުވާތީ، ދޭންޖެހޭ ފައިސާ ނުދެވި އިތުރުވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ރިޕޯޓްތައް ލިބޭ ކަމަށެވެ. ކުރިއަށް ބަލާއިރު، ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން، 2026 ވަނަ އަހަރު ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 10.9 އިންސައްތައަށް އުފުލި، 2027-28 ގައި 9.6 އިންސައްތައިގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކާއި، ތެލުގެ އަގު އުފުލުމާއި، މާލީ އެހީތެރިކަން ހޯދުމަށް ހުރި ދަތިތަކާއެކު، 2026 ވަނަ އަހަރު އިގްތިސާދީ ކުރިއެރުން 0.7 އިންސައްތައަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެ އެވެ.





