2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
ރާއްޖޭގެ އިންފްލޭޝަން މަތިވެ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދީ ނުރައްކާތައް ބޮޑުވަމުންދާތީ، ދައުލަތުގެ ދަރަނި 2028 ވަނަ އަހަރާ ހަމައަށް އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރޭ. ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރު ބޮޑުވެ، މާލީ ނިޒާމުގެ ހަމަޖެހުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަބްސިޑީ އާއި އާސަންދަ ނިޒާމު އިސްލާހުކުރުން މުހިންމު ކަމަށް ވަނީ ބުނެފައި. އެހެންކަމުން، އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ އިސްލާހީ އެޖެންޑާ ހަރުދަނާކަމާއެކު ތަންފީޒުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނޭ.

ވޮޝިންގޓަން ޑީސީގައި ހުންނަ ވޯލްޑް ބޭންކްގެ މައި އޮފީސް އިމާރާތް. | ގެޓީ އިމޭޖަސް
2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވުމާއި މަހުގެ އެކްސްޕޯޓް ރަނގަޅުވުމާ ގުޅިގެން، 2025 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ރިއަލް ޖީޑީޕީ 6.3 އިންސައްތައިގައި ކުރިއަރާފައިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ، ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކާއި، ތެލުގެ އަގު އުފުލުމާއި، މާލީ އެހީތެރިކަން ހޯދުމަށް ހުރި ދަތިތަކާއެކު، 2026 ވަނަ އަހަރު އިގްތިސާދީ ކުރިއެރުން 0.7 އިންސައްތައަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެއެވެ. އަދި 2026 ވަނަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށް ފަތުރުވެރިކަން ކުރީގެ ހާލަތަށް ރުޖޫއަވެއްޖެނަމަ، 2027 ވަނަ އަހަރު އިގްތިސާދީ ކުރިއެރުން އަލުން 6.7 އިންސައްތައަށް މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އިންފްލޭޝަން ހުންނާނީ މަތީގައި
ޖޫން މަހު ވޯލްޑް ބޭންކުން އާންމު ކުރި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ އާންމު މުދަލާއި ޚިދުމަތުގެ އަގުތައް ނުވަތަ ހެޑްލައިން އިންފްލޭޝަން 2025 ވަނަ އަހަރު މަތިވެފައިވާއިރު، ކުރިއަށް އޮތް މެދު ރާސްތާގައިވެސް މިއަދަދު މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކާބޯތަކެއްޗާއި، މަހާއި، ދުންފަތުގެ އަގު ބޮޑުވުމުގެ ސަބަބުން، 2024 ވަނަ އަހަރު 1.4 އިންސައްތައިގައި ހުރި އިންފްލޭޝަން، 2025 ވަނަ އަހަރު އެވްރެޖްކޮށް 4.0 އިންސައްތައަށް ވަނީ އުފުލިފައެވެ. އަގުތައް އުފުލުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ފަގީރުން ގިނަ އަތޮޅުތަކުގެ ގޭބިސީތަކަށް ކަމަށް ވެސް ރިޕޯޓުގައިވެއެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން 2026 ވަނަ އަހަރު އިންފްލޭޝަން 6 އިންސައްތައަށް އަރާނެ ކަމަށް ބެލެވޭއިރު، ބޭރު ފައިސާގެ ދަތިކަމާއި ކާބޯތަކެއްޗަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން 2028 ވަނަ އަހަރާ ހަމައަށް އިންފްލޭޝަން 4 އިންސައްތައަށްވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރަމުންދާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މި ނުރައްކާ ވަނީ އިތުރުވެފައި ކަމަށާއި، ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން، ތަކެތީގެ އަގަށް އަންނަ ކުޑަ ބަދަލެއްގެ އަސަރުވެސް ރައްޔިތުންގެ ތަނަވަސްކަމަށް ވަގުތުން ކުރާ ކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން ހަމައެކަނި ކާބޯތަކެތީގެ އަގު 10 އިންސައްތަ އުފުލިއްޖެނަމަ، ފަގީރުކަމުގެ ނިސްބަތް 1.6 އިންސައްތަ އިތުރުވާނެ ކަން ފާހަގަ ކޮށްފައިވެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އާމްދަނީގެ ހަގީގީ އަގު ދަށްވުމުގެ ސަބަބުން، ފަގީރުކަމުގެ ނިސްބަތް 0.5 އިންސައްތަ އަދި ފަގީރުކަމުގެ ރިސްކު އޮތް މިންވަރު 1.5 އިންސައްތަ އިތުރުވެފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.
މައްސަލަތައް ހުރިގޮތައް ހުރީ
ވޯލްޑް ބޭންކުން ބުނެފައިވަނީ ކެޕިޓަލް ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމާ ގުޅިގެން 2025 ވަނަ އަހަރު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވި ނަމަވެސް، އޮނިގަނޑުގެ ތެރޭގައި ހުރި މުހިންމު މައްސަލަތައް އަދިވެސް އެބަހުއްޓެވެ. 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާ (700.4 މިލިއަން ޑޮލަރު) ނުވަތަ ޖީޑީޕީގެ ނިސްބަތުން 9.9 އިންސައްތައިގައި ހުރި ފިސްކަލް ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ 5.1 ބިލިއަން ރުފިޔާ (332.9 މިލިއަން ޑޮލަރު) ނުވަތަ ޖީޑީޕީގެ ނިސްބަތުން 4.3 އިންސައްތައަށް ދަށްވެފައެވެ. ބޭންކުން ފާހަގަ ކުރާ ގޮތުގައި ފަތުރުވެރިކަމާ ގުޅޭ އާމްދަނީ އިތުރުވުމުން، ދައުލަތަށް ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެ، ޖީޑީޕީގެ 33 އިންސައްތައަށް އަރާފައިވެއެވެ. ޖުމްލަ ޚަރަދު 8.3 އިންސައްތަ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި ކެޕިޓަލް ޚަރަދުތައް 48.9 އިންސައްތަ ކުޑަކުރުމުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ފައިސާއިން ކުރާ ޚަރަދު ކުޑަކުރި ނަމަވެސް، ކުރަން އެއްބަސްވެފައިވާ ޚަރަދުތައް (ކޮމިޓްމަންޓްސް) މަދުވެފައި ނުވާތީ، ދޭންޖެހޭ ފައިސާ ނުދެވި އިތުރުވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ރިޕޯޓްތައް ލިބޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ކުރިއަށް ބަލާއިރު، ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން، 2026 ވަނަ އަހަރު ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 10.9 އިންސައްތައަށް އުފުލި، 2027-28 ގައި 9.6 އިންސައްތައިގައި ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ދަރަނި އަދާކުރުމުގެ ބޮޑު ނުރައްކަލުގައި
ދައުލަތުގެ ޖުމްލަ ދަރަނި (ޕީޕީޖީ ޑެބްޓް) ދަނީ މައްޗަށް ކަމަށާއި، އަދި ރާއްޖެއަކީ ބޭރުގެ ދަރަންޏާއި ޖުމްލަ ދަރަނި އަދާކުރުމުގައި ބޮޑު ނުރައްކަލެއް އޮތް ގައުމެއްގެ ގޮތުގައި އަދިވެސް ދެމިއޮތް ގައުމެއް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. 2025 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 129.7 އިންސައްތައިގައެވެ. 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޭރުގެ ދަރަނި ހުރީ 4.1 ބިލިއަން ޑޮލަރުގައެވެ. އެތެރޭގެ ދަރަނި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ހުރި 5.4 ބިލިއަން ޑޮލަރުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި 6.0 ބިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ. މިއީ ބޭރުން ފައިނޭންސް ހޯދަން ދަތިވުމުން، ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އެތެރޭގެ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ނަތީޖާއެވެ. މާލީ އިސްލާހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ކުރިއަށް އޮތް މެދު ރާސްތާގައި ދައުލަތުގެ ދަރަނި ޖީޑީޕީގެ 140 އިންސައްތައަށްވުރެ މަތިވެ، 2028 ވަނަ އަހަރު 143.2 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
ފައިސާ ލިބޭނެ މަގުތައް ހަނިވެފައި
ފައިސާ ހޯދަންޖެހޭ މިންވަރު ބޮޑު ނަމަވެސް، ފައިސާ ލިބޭނެ މަގުތައް ވަނީ ހަނިވެފައި ކަމަށް ރިޕޯޓުގައިވެއެވެ. 2026 ވަނަ އަހަރުގެ އޭޕްރިލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަނބުރާ ދެއްކި ނަމަވެސް، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ބޭރުގެ ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެއެވެ. ސުކޫކް ކާމިޔާބުކަމާއެކު ދެއްކުމުން، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ކުޑަވުމާ ގުޅިގެން ފިޗް ރޭޓިންގްސް އިން ވަނީ ޖޫން މަހު ރާއްޖޭގެ ރޭޓިންގް މަތިކޮށްފައިކަން ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް، ފައިސާ ހޯދޭނެ މަގުތައް ވަނީ މަދު ގައުމުތަކަށާއި، އަގުބޮޑު ކޮމާޝަލް ލޯނުތަކާއި، ރާއްޖޭގެ ބޭންކުތަކަށް އެކަނި ހަނިވެފައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ބޭންކުތަކާއި މާލީ އިދާރާތަކުގެ ޖުމްލަ އެސެޓްގެ ބޮޑު ބައެއް (ބޭންކުތަކުގެ 40 އިންސައްތަ އަދި އެމްއެމްއޭގެ 42 އިންސައްތަ) ހުރީ ދައުލަތާއި ސަރުކާރު ކުންފުނިތަކުގެ ދަރަނީގެ ގޮތުގައި ކަމަށާއި، މިއީ މާލީ ނިޒާމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.
ކަރަންޓް އެކައުންޓް ޑެފިސިޓް 2025 ވަނަ އަހަރު ވަރަށް ބޮޑަށް ކުޑަވި ނަމަވެސް، 2026 ވަނަ އަހަރު މިއަދަދު އަލުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި، މަހުގެ އެކްސްޕޯޓް 63.8 އިންސައްތަ އިތުރުވުމާއި، މުދާ އިމްޕޯޓްކުރި މިންވަރު 0.5 އިންސައްތަ ދަށްވުމާ ގުޅިގެން، ވިޔަފާރީގެ ޑެފިސިޓް 2025 ވަނަ އަހަރު 3.2 ބިލިއަން ޑޮލަރަށް ވަނީ ކުޑަވެފައި ކަމަށް ރިޕޯޓުގައިވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ 16.4 އިންސައްތަ އިތުރުވުމާއެކު، 2024 ވަނަ އަހަރު ޖީޑީޕީގެ 21.2 އިންސައްތައިގައި ހުރި ކަރަންޓް އެކައުންޓް ޑެފިސިޓް، 2025 ގައި ވަނީ 7.5 އިންސައްތައަށް ދަށްވެފައެވެ. ނަމަވެސް، ފަތުރުވެރިކަމުގެ އާމްދަނީ މަދުވުމާއި އިމްޕޯޓް ޚަރަދު ބޮޑުވުމުގެ ސަބަބުން، 2026 ވަނަ އަހަރު މި ޑެފިސިޓް އަލުން 20.6 އިންސައްތައަށް ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ބޭރު ފައިސާގެ ދަތިކަން ބޮޑު
ބޭރު ފައިސާގެ ރިޒާވް ވަރަށް ދަށް ހާލަތަކުން ކުޑަކޮށް ރަނގަޅުވި ނަމަވެސް، ބޭރު ފައިސާގެ ދަތިކަން އަދިވެސް ވަރަށް ބޮޑު ކަމަށާއި، އެކުވެރި ގައުމުތަކުގެ އެހީތެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭރު ފައިސާގެ ގަވާއިދުތަކާއި، އާމްދަނީއަށް ގެނައި އިސްލާހުތަކާއެކު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި 371.2 މިލިއަން ޑޮލަރަށް ވެއްޓުނު ރިޒާވް، 2026 މާރިޗު މަހު ވަނީ 1.3 ބިލިއަން ޑޮލަރަށް އުފުލިފައި ކަމަށް ރިޕޯޓުގައި ވެއެވެ. ނަމަވެސް، ސުކޫކާއި ކަރަންސީ ސްވޮޕް އަނބުރާ ދެއްކުމާ ގުޅިގެން، 2026 އޭޕްރިލް މަހު ރިޒާވް ވަނީ 717.9 މިލިއަން ޑޮލަރަށް ދަށްވެފައި ކަމަށާއި، ބޭރު ފައިސާގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، 2025 ޖުލައި މަހު އެމްއެމްއޭ އިން ވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކުން ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔާމަންޓް 7.5 އިންސައްތައިން 5.0 އިންސައްތައަށް ދަށްކޮށްފައިކަން ބޭންކުން ފާހަގަކޮށްފައިވެއެވެ. ކުރިއަށް އޮތް ތަނުގައި ދަރަނި ދެއްކުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރިޒާވަށް އޮތް ޕްރެޝަރު ދެމިއޮންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އިގްތިސާދަށް އޮތް ނުރައްކާ ބޮޑު
ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް އޮތް ނުރައްކާތައް ވަރަށް ބޮޑެވެ. މެދުއިރުމަތީގެ ހަމަނުޖެހުން ދިގުލައިދިއުމަކީ ފަތުރުވެރިކަމަށް ހުރަސްއެޅި، ތެލާއި، ކާބޯތަކެއްޗާއި، ބޭހުގެ އަގު އުފުލި، ބޭރު ފައިސާގެ ދަތިކަން އިތުރަށް ގޯސްވެދާނެ ކަމެކެވެ. ދައުލަތުގެ މާލީ ހާލަތާއި ދަރަނި ދެމެހެއްޓުމަށް އޮތް ނުރައްކާ އަދިވެސް އޮތީ ވަރަށް މަތީގައި ކަމަށް އެ ބޭންކުން ފާހަގަ ކޮށްފައިވެއެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކާއި، ނުދައްކާ ހުރި ބިލްތަކާއި، ސަބްސިޑީ އަދި ސަރުކާރު ކުންފުނިތަކަށް ފައިސާ ޖަހަންޖެހުމަކީ މާލީ ނުރައްކާ އިތުރުވާ ކަންކަން ކަމަށާއި، ރިޒާވް ހުރި މިންވަރު މަދުވުމާއި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ތަނުގައި އިތުރުވުމަކީ އިގްތިސާދީ ހަމަޖެހުމަށް އޮތް ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
ދެމެހެއްޓެނިވި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނަނީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދެމެހެއްޓެނިވި އިސްލާހީ ފިޔަވަޅުތަކެއް އެޅުމާއި، ހަގީގީ މާލީ ސްޓްރެޓަޖީ އެއް އެކުލަވާލުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމުގައެވެ. މާލީ ނުރައްކާތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޒުކުރުން މުހިންމު ކަމަށް ބޭންކުން ބުނެފައިވެއެވެ. މީގެ ތެރޭގައި: (1) އެންމެންނަށް ދޭ ސަބްސިޑީ ކަނޑާލައި، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި އެހީ ދޭ ނިޒާމަކަށް ބަދަލުވުން، (2) އާސަންދަ ނިޒާމު ހަރުދަނާކުރުން، (3) ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން އަމިއްލައަށް ފައިތިލަޖެއްސޭނެ ގޮތް ހެދުން، އަދި (4) ކެޕިޓަލް ޚަރަދުތައް ކުޑަކޮށް ޕީއެސްއައިޕީ މަޝްރޫއުތަކުގެ އުސޫލުތައް މުރާޖައާކުރުން ހިމެނެއެވެ. މީގެ އިތުރުން، ބާޒާރުގައި އިތުރުވެފައިވާ ދިވެހި ފައިސާ މަދުކުރުމާއި ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.






